Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ފޮތް ވިއްކާ ޒުވާން އަންހެން ކުއްޖާ

އަންހެން ކުއްޖަކު އޭނާގެ ބައްޕަގެ ފޮތް ވިއްކާ ފިހާރައިގައި ފޮތް ވިއްކަން ހުއްޓައި އޭނާގެ ސިއްރު ލޯބިވެރިޔާ އެ ތަނަށް އައެވެ. އެ ވަގުތު އަންހެން ކުއްޖާގެ ބައްޕަ ވެސް މާ ދުރު ނޫން ހިސާބެއްގައި ހުއްޓެވެ.

ދެން، އޭނަގެ ލޯބިވެރިޔާއާ މުޚާތަބުކޮށް އަންހެން ކުއްޖާ ބުންޏެވެ. "އިނބަ ތިއައީ އިނގިރޭސި ޓޮމް ޕެއިންސްގެ "ބައްޕަ ގޭގައި އުޅުއްވާ ހެއްޔެވެ؟" މި ފޮތް ބަލާހެއްޔެވެ؟

ޖަވާބުގައި ލޯބިވެރިޔާ ބުންޏެވެ. "ނޫނެކެވެ. އަހަރެން ބޭނުން ވަނީ އިނގިރޭސި އެހެން ލިޔުންތެރިޔެއްގެ އެހެން ފޮތެކެވެ. ހަނދާންވާ ގޮތުގައި އެ ފޮތުގެ ނަމަކީ "ކަލާއާ ބައްދަލު ވާނީ ކޮންތާކުން ހެއްޔެވެ؟"

އަންހެން ކުއްޖާ ބުންޏެވެ: "އަހަރުމެން އަތަކު ތި ފޮތެއް ނެތެވެ. ނަމަވެސް، ތި ފޮތުގެ މައުޟޫއާ ވަރަށް ގުޅޭ އެހެން ފޮތެއް އެބަ އޮތެވެ. ނަމަކީ "އަނބު ގަހުގެ ހިޔަލުގެ ދަށުގައި" މިއެވެ. މުއައްލިފަކީ އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ޖޯން ސްމިތު އެވެ.

ދެން ފިރިހެން ކުއްޖާ ބުންޏެވެ. "އެންމެ ރަނގަޅެވެ. މިތާ ކައިރީ ހުރި ފިހާރައަކުން އެހެން އެއްޗެއް ގަނެލައިގެން އަންނާނަމެވެ. އަންނަމުން އިނބައާ ގުޅާލާނަމެވެ. ދިހަ ވަރަކަށް މިނިޓު ފަހުން އަހަރެންގެ ކޯލު ލިބޭނެ ކަމަށް ހީކޮށްލާށެވެ.

ދެން، އަންހެން ކުއްޖާ ބުންޏެވެ. "އެއްވެސް މައްސަލައެއް ނެތެވެ. އިނބައަށް އެހެން ފޮތެއް ވެސް ދައްކާލަން ހިތަށް އަރައެވެ. އެއީ ވެސް އެމެރިކާގެ ލިޔުންތެރިއެއްގެ ފޮތެވެ. ނަމަކީ "އަބަދުވެސް ވަފާތެރިކަން މަތީ އަހަރެން ހުންނާނަމެވެ!"

މި ވާހަކަތައް ދައްކާ އަޑު، އަންހެން ކުއްޖާގެ ބައްޕައަށް، އިވުނެވެ. ދެން، އެ ދެ ކުދިންގެ ގާތަށް ޖެހިލައިފައި އަންހެން ކުއްޖާއާ މުޚާތަބުކޮށް ބައްޕަ ބުންޏެވެ. "ފޮތް ގަންނަން އައި ކުއްޖާއަށް ކަމުދާ އެހެން ފޮތެއް ވެސް އެހެރަ ހަރުގެ އެންމެ މަތީގައި އޮންނާނެއެވެ. އެ ފޮތުގެ ނަމަކީ މިއެވެ. 'އަހަރެން އެހާ ގަބެއް ނޫނެވެ. ތިޔަ ކިޔާ އެއްޗެއް އަހަންނަށް ވެސް ވިސްނެއެވެ.'"

ދެން، ދަރިފުޅު ގާތު އަދިވެސް ބައްޕަ ބުންޏެވެ. "ދަރިފުޅަށް ކަމުދާ ފޮތެއް ވެސް، ހަމަ އެ ހަރުގައި، އެ ފޮތް ކައިރީގައި އޮންނާނެއެވެ. އެ ފޮތަށް ކިޔަނީ 'ދެން މީގެ ފަހުން ފިހާރައަށް ނައިސް ގޭގައި މަޑުކޮށްލާށެވެ!'"