Support Us

ކޮލަމް: އަލި

ކޮލަމް އަލި: ކުދިން އިޖުތިމާޢީކުރުމާއި މުޖުތަޢަމަށް ވެހިކުރުމުގައި ބަހުގެ ދައުރު

މުޖުތަމަޢަކީ ކުއްޖަކު އުޅެބޮޑުވާ މާހައުލެވެ. އެ ކުއްޖެއްގެ ވަށައިގެންވާހައި ތަނަކާއި އެއްޗަކާއި މީހަކުމެ ނިސްބަތްވަނީ ވަނީ އެ މުޖުތަމައަކަށެވެ. ކޮންމެ މުޖުތަމަޢެއްގައި ވެސް އެ މުޖުތަމަޢެއް ގަބޫލުކުރާ މިންގަނޑުތަކެއް ހުރެއެވެ. ގަބޫލުކުރާ ގަބޫލުކުރުންތަކެއް ހުރެއެވެ. ހިއްސާކުރާ އަގުތަކެއް ހުރެއެވެ. ތަޖުރިބާކުރާ އާދަކާދަތަކެއް ހުރެއެވެ. މުއާމަލާތުކުރާ ބަހެއް އޮވެއެވެ. ތަބާވާ ދީނެއް އޮވެއެވެ. ކުއްޖަކު ހެދިބޮޑުވަމުން އަންނަނީ މި ހުރިހައި ކަމަކާ ލާމެހިގެންނެވެ. މިހެންވުމުން ކުއްޖަކު އުފަންވާ މާހައުލާއި އޭނާ ނިސްބަތްވާ މުޖުތަމަޢާ އެ ކުއްޖަކު ރައްޓެހިވާން ޖެހެއެވެ. އެ މުޖުތަމަޢަކަށް އެ ކުއްޖަކު ވެހިކުރާން ޖެހެއެވެ. އެ މުޖުތަމަޢަކަށް އޭނާ ހޭނެންޖެހެއެވެ.

ދިވެހި ކުއްޖެއް ނަމަ އެންމެ ފުރަތަމައަށް ހޭނެންވާނީ އޭނާގެ އުފަން ގެއަށެވެ. އަވަށަށެވެ. ރަށަށެވެ. އަތޮޅަށެވެ. މުޅި ރާއްޖެއަށެވެ. މި ގޮތަށް މުޖުތަމަޢަށް ހާނައި ބައްޓަން ކުރާ ކުރުމަށް އިޖުތިމާއީކުރުމޭ ދެންނެވިދާނެއެވެ. ކުއްޖަކު އިޖުތިމާޢީކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަނީ އެ މުޖުތަމާއެއްގެ ބަހެވެ. މާދަރީބަހެވެ. ދިވެހިރާއްޖޭގައި ނަމަ އެއީ ދިވެހިބަހެވެ.

ބަސް ބޭނުންކުރުމުގެ ތެރެއިން އިޖުތިމާޢީވުމާއި ބަސް ބޭނުންކުރުމަށް ޓަކައި އިޖުތިމާޢީވުން މިއީ ކުދިން ވެއްޓަށް ވެހިވުމުގެ ނަޒަރިއްޔާގައި ހިމެނޭ ތަފާތު ދެ މަފްހޫމެކެވެ. މި ނަޒަރިއްޔާ ގުޅިފައިވަނީ ބަހާއި އިޖްތިމާޢީ ސަޤާފީ އޮނިގަނޑުތަކާއި، މަސައްކަތްތަކުން އެއްބަޔަކު އަނެއްބަޔަކަށް ބަރޯސާވުން ދެނެގަތުމާއެވެ. މި ޝައުގުވެރިކަމަކީ ކުޑަކުދިން މުޖުތަމަޢަށް ވައްދައިދިނުމުގައި ބަހުގެ ދައުރަށް މަހުދޫދުވެފައި ވީ ޝައުޤުވެރިކަމެއް ނޫނެވެ. އެހެނެއްކަމަކު، މި ޝައުގުވެރިކަމަކީ އިޖުތިމާޢީ ތަޖުރިބާތަކާއި ސިޔާގުތަކުގެ ތެރެއިން އިންސާނާގެ މުޅި އުމުރުގައި ބަހުގެ އިޖުތިމާޢީ ގުޅުން ތަޙުޤީޤުކުރުމަށް ޓަކައި ހުޅުވައިލެވިފައިވާ ޝައުޤުވެރިކަމެކެވެ.

ބަހަކީ ކުދިންގެ ސަގާފަތުގެ ގޮތްތަކާއި ދުނިޔެއާ މެދު ދެކޭ ގޮތް ދަސްކުރުމުގެ އަސާސީ ބަހާއެވެ. ބަހުގެ އިޖުތިމާޢީ ދިރާސާތަކުން ދައްކާ ގޮތުގައި ކުޑަކުދިން ބައިވެރިވާ ވާހަކަ ދެއްކުމުގެ ހަރަކާތްތައް ތަފާތުވަނީ ސަގާފީ ޢަޤީދާތަކާއި އަގުތަކާއި އިޖުތިމާޢީ ތަރުތީބާ ނިޒާމީ ގޮތެއްގައި ގުޅުންހުރި ގޮތަކަށެވެ. މިހެންވުމުން ބަސް އަށަގަންނަ މަރުހަލާގައި ކުދީންނާ ވީހައި ވެސް ގިނައިން މާދަރީބަހުން މުއާމަލާތުކުރުމާއި އެ ކުދިން އުޅެ ބޮޑުވާ މާހައުލު ތައާރަފްކޮށްދިނުން މުހިންމެވެ. މާހައުލު ތައާރަފްކޮށްދިނުމަކީ ކުދީންނަށް އިޖުތިމާއީ ވެށިތައް ތައާރަފްކޮށްދީ ސިފަކޮށްދީ ބަޔާންކޮށްދިނުމެވެ. އިޖުތިމާޢީ ގުޅުންތަކާއި އެއްވުންތަކާއި އާއިލީ ބައްދަލުވުންތަކާއި ދީނީ ރަސްމުތަކުގައި އެ ކުދީންނަށް ބައިވެރިވުމުގެ ފުރުސަތު ޅަފަތުގައި ހޯދައިދޭން ވާނެއެވެ. މިއީ ކުދިން އުފަންވާ ފުރަތަމަ ހިޔަލުން އެ ކުދީންނަށް ފޯރިވައިދޭންޖެހޭ އަސާސީ ޚިދުމަތްތެކެވެ.

އަދުގެ ބެލެހެއްޓުންތެރިންނާއި ބެލެނިވެރީންނާއި ބަލަދުވެރީންނާއި މައިންބަފައިންގެ އެންމެ އަސާސީ ކަންބޮޑުވުމަކީ ދަރިންނަށް އިޖުތިމާޢީ ޙާލަތްތަކަށް އެކަށީގެންވާ ސުލޫކުތައް ދައްކާނެ ވިސްނުންތައް ވިސްނާން ނޭނގުމުގެ ކަންބޮޑުވުމެވެ. މި ކަންބޮޑުވުން ފެށޭ އިމަކީ ކުއްޖާގެ މަންމަގެ އުނގެއެވެ. އޭނާ އުޅެބޮޑުވާ މާހައުލެވެ. އެއީ އެ ކުއްޖެއްގެ ފުރަތަމަ އިޖުތިމާޢީ ވެށްޓެވެ. މި ކަން ހާސިލްކުރުމުގެ މައިގަނޑު އެއް ވަސީލަތަކީ ބަހުގެ ޒަރީޢާއެވެ. އެހެނީ، ކުދިން އިޖްތިމާޢީ ސަޤާފީ މައުލޫމާތު ހޯދަނީ ކޮންމެ ދުވަހަކު ކުރާ ބަހުގެ ބަދަލުތަކަށް ހުށަހެޅުމާއި ބައިވެރިވުމުގެ ތެރެއިންނެވެ. އަދި، ކުދިންގެ ކިބައިގައި ބަސް އަށަގަތުމުގެ ކުރީގެ ބަހަވީ މަރުހަލާގެ ސުލޫކުތަކަށާއި ބަސް އަށަގަތުމުގެ ބަހަވީ މަރުހަލާތަކުގެ ސުލޫކުތަކަށް މެދުނުކެނޑި އަސަރުކުރާ ގޮތްތަކެއް ހުރެއެވެ. އެ ގޮތްތައް މެދުވެރިވަނީ މި ދެންނެވި މަރުޙަލާތަކުގައި ކުދީންނާ މުޢާމަލާތުކުރާ އެކިއެކި މާހައުލުތަކުގެ މެންބަރުން ގެންގުޅޭ އަގުތަކާއި ޤަބޫލުކުރުންތަކުގެ ސަބަބުންނެވެ.

ކުއްޖަކު ބަސް ބޭނުން ކުރުމާއި މުއާމަލާތުތަކަށް އަސަރުކުރާނީ އެ ކުއްޖަކު އުޅެބޮޑުވާ ވެހި ސަގާފީ ކަންކަމުގެ ތެރެއިންނެވެ. ސަގާފަތުގެ ޠަބީޢަތާއި ސަގާފީ ޢިލްމާއި ޢަޤީދާތައް ޖީލުންޖީލަށް ވާސިލް ވުމާއި ކޮންމެ ދުވަހަކު ކުރާ އާންމު މުޢާމަލާތްތަކުގައި އެ ކަންކަން ފޯރުވައިދެވޭނޭ ގޮތް ދެނެގަންނަން ބޭނުންވާ މީހުންނަށް ވެސް އެންމެ މުހިންމު ވަސީލަތަކީ ބަހެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުން ބައިވެރިވާ މުޢާމަލާތްތަކުގައި ގުޅުންތަކާއި ސަގާފީ މާނަތައް ފާޅުކުރުމަށް ޓަކައި ބަސް ބޭނުންކުރާ ގޮތްތައް ބަލައި ބަސް ބޭނުން ކުރާ އިސްތިއުމާލުތައް ހޯދުމާއި ސަގާފަތް ދެނެގަތުމުން އެކަކު އަނެކަކަށް އަސަރުކުރާ ގޮތްތައް ދަނެގަނެވިދާނެއެވެ. މި ކަމަށްޓަކައި ބަހުގެ އިޖުތިމާޢީ ދާއިރާގެ ދިރާސާތަކުގައި އެންތްރޮޕޮލޮޖީއާއި އިޖުތިމާޢިއްޔަތާއި ބަހަވިއްޔާތާއި ނަފުސާނިއްޔާތުގެ ނަޒަރިއްޔާތަކާއި އެކި ނަޒަރުތަކުގެ ވިސްނުންތައް ހިމެނިދާނެއެވެ. އެހެންކަމުން ބަސް ބޭނުންކުރުމުގެ ތެރެއިން ކުދިން އިޖުތިމާޢީ ކުރެވޭ ގޮތުގެ އިތުރުން ބަސް ބޭނުންކުރުމަށް ޓަކައި ކުދިން އިޖުތިމާޢީ ކުރެވޭ ގޮތުގެ މައްޗަށް އަމާޒުކުރާ ބަހުގެ އިޖުތިމާޢިއްޔަތަކީ ބަހާއި ސަޤާފަތާ ދެމެދު އޮންނަ ޢަމަލީ އަދި ރަމްޒީ ސިފަތައް އިތުރަށް ދެނެގަނެވޭނެ ކަމަށް ވާނެއެވެ.

ދިވެހިބަސް ކުރިއެރުވުމަށާއި ދިވެހިބަހުގެ ފާގަތި މުސްތަގުބަލަށް ޓަކައި މިހިރީ ހައްތާ ވެސް ކުރާން ހުރި ކަންކަމެވެ. އިހާ ޚިލާފަށް މިއަދު ދުނިޔެ މި ވަނީ ފަންނިއްޔާތުގެ ފަހި އުކުޅުތަކުން ލާމެހިފައެވެ. އެއް ބަހާއި އަނެއް ބަސް، އެއް ސަގާފަތާއި އަނެއް ސަގާފަތް، އެއް މުޖުތަމައާއި އަނެއް މުޖުތަމައު، އެއް ގައުމާއި އަނެއް ގައުމު މި ވަނީ ދަގައްފާނީ ބާރެއްފަދަ ބާރަކުން ގުޅިފައެވެ. ބަވަނަވުމުގެ ބާރުގަދަ އޮޔާއި ވައިގެ އެކިއެކި ޒަރިއްޔާތަކުން މި ގުޅުންތައް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް "ބަދަހި"ވަމުންނެވެ. މިހެންވުމުން، މި ފަދަ ދުނިޔެއަކަށް ނޭވާލާ ހަތަރު ލައްކައެއްހައި މީހުން ވާހަކަ ދައްކާ ދިވެހިބަސް މުސްތަގުބަލުގެ ޖީލުތަކަށް ވާސިލްކުރުމަށް ޓަކައި ކުރާން ޖެހޭ މަސައްކަތްތައް ބިނާ ކުރަން ވާނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ފަނިއްޔާތާއެވެ. ހަލުވި ބަދަލު ފެންނާނީ އޭރުންނެވެ.

ދިވެހިބަހަކީ ދިވެހިރާއްޖޭގެ ހިތެވެ. ދިވެހީންގެ އެއްބައިވަންތަކަމުގެ ބިންގަލެވެ. މި މުހިންމު ޖަޒުބާތު ދެމެހެއްޓޭނީ އަދުގެ އެކި އުމުރުގެ ކުދިންގެ ހިތުގައި ދިވެހިބަހުގެ މައްޗަށް ލޯބިޖެހިގެންނެވެ. ދިވެހިބަހުން މުއާމަލާތުކޮށްގެންނެވެ. މި ކަން ކުޅައުމުގައި އެންމެ ބޮޑީ އެ ކުދިންނަށް އެ ފަދަ ފުރުސަތުތައް އެކި ދިމަދިމާއިން ފަހިކޮށްދެއްވާން ތިއްބެވި މަސްލަހަތުވެރިންގެ ދައުރެވެ. މައިންބަފައިންގެއެވެ. ބެލެނިވެރީންގެއެވެ. ބަލަދުވެރީންގެއެވެ. ބެލެހެއްޓުންތެރީންގެއެވެ. ވެރީންގެއެވެ. ޢިލްމުވެރީންގެއެވެ. އެދުރުންގެއެވެ. އާދޭހެވެ! މުޅި މުޖުތަމަޢުން ކުދީންނާ މުއާމަލާތުކުރާ އެންމެންގެއެވެ.

ދިވެހި ކުދިން ދިވެހި މުޖުތަމަޢަށް ވެހިކޮށް އިޖުތިމާޢީ ކުރުމަށް ޓަކައި ދިވެހި އިލްމުވެރީންނާއި ދިރާސާވެރީންނާއި އެދުރުންގެ ރޭވުންތެރި، ހަރުދަނާ މަސައްކަތްތައް މެކުހަށް ޖަހަން ޖެހެއެވެ. ތައުލީމުގެ ނިޒާމުގެ ތެރެއިން މި ކަމަށް ބަދަލު ގެންނާން ކުރާން ހުރި މުހިންމު މާހިރީ ކަންކަން ކުރާން ޖެހެއެވެ. ދިވެހި ގައުމިއްޔަތަށް ޓަކައި އިސްކުރާން ޖެހޭ އެންމެ އިސް މަސްއޫލިއްޔަތަކީ ގައުމީ މަސްލަހަތެވެ. އެއީ އިގުތިސާދިއްޔަތުގެ ތެރެއިން ކަމުގައި ވިޔަސް، އިޖުތިމާޢީއްޔަތުގެ ތެރެއިން ކަމުގައި ވިޔަސް މެއެވެ. ދިވެހީންނަށް ހޯދައިދެވޭނެ ހަގީގީ ތަރައްގީއާއި ތަހުޒީބަށް ވާނީ ދިވެހިވަންތަކަމާއި ދިވެހި ގައުމިއްޔަތުން ޒީނަތްތެރިވެފައިވާ ތަރައްގީއާއި ތަހުޒީބެވެ.

ޒަމާނަށް ފާގަތިވަމުން އަންނަ ރަށްވެހިކަމާއި މަދަނިއްޔަތުގެ ފޭރާން ދިވެހިރާއްޖެ ލައްވަން ވާނީ ދިވެހި ކުލަތަކާ އެކުއެވެ. ދިވެހިވަންތަކަމާ އެކުއެވެ. ދިވެހި ގޮތުގައެވެ. ދިވެހި ފޭރާމުގައެވެ. މިކަންކަން ހާސިލްވާ ހުށީ، ދިވެހިވަންތަކަމުގެ ބިނާރަށް ދިވެހިބަސް ހަދައިގެންނެވެ. އެ ބިނާރުގެ މައްޗަށް އިމާރާތްކުރާ އުސް، ބިޔަ އިމާރާތް ދިވެހި ގައުމިއްޔަތުގެ ކުލަތަކުން ޒީނަތްތެރިވެފައިވާ އިމާރާތަކަށް ހަދައިގެންނެވެ.