Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ޖުހާއާއި ގާޒީ

އެއްދުވަހު ޖުހާ ބާޒާރުގައި އެއްޗެއް ގަންނަން އުޅެނިކޮށް މީހަކު ފަހަތުން އައިސް އޭނާގެ މޫނުމަތީ ސައްޕެއް ޖެހިއެވެ. ދެން، ޖުހާ އެނބުރިފައި އެ މީހާގެ މޫނުގައި ސައްޕެއް ޖަހަން އަތް އުފުލާލި ތަނުން، އެ މީހާ މާފަށް އެދިފައި ޖުހާ ގާތު ބުންޏެވެ.

"ސާހިބާއެވެ! އަޅުގަނޑަށް މާފުކުރައްވާށެވެ! މަނިކުފާނަކީ އެހެން މީހެއް ކަމަށް ހީކޮށް މަނިކުފާނު ގައިކޮޅުގައި އަޅުގަނޑަށް ޖެހުނީއެވެ."

އެ މީހާގެ އުޒުރު ޖުހާ ގަބޫލެއް ނުކުރެއެވެ. އޭނާ ގައިގައި ޖެހުމުގެ ބަދަލުގައި ޖުހާ ނިންމީ މައްސަލަ ކޯޓަށް ހުށަހަޅައި ޝަރީއަތުން އެ މަރާމާރީގެ މައްސަލަ ބެލުމަށެވެ.

ދެން، ޖުހާއާއި އޭނާ ގައިގައި ޖެހި މީހާއާ ދެމީހުން ކޯޓަށް ހާޒިރު ކުރެވުނެވެ. ނަމަވެސް، ޝަރިއަތް ކުރަން އިނީ ޖުހާ ގައިގައި ޖެހި މީހާގެ ރައްޓެއްސެކެވެ. އެކަން ޖުހާއަށް ރޭކާލީ ތަންކޮޅެއް ފަހުންނެވެ.

ކޮންމެއަކަސް، ގާޒީ މައްސަލަ ބެލުމަށް ފަހު، ޖުހާ ގައިގައި ޖެހި މީހާ ސަތޭކަ ރަން ފައުނުން ޖޫރިމަނާކޮށް، އެ ފައިސާ ޖުހާއަށް ދޭން ކަނޑައެޅިއެވެ. ދެން، އޭނާ އަތުގައި އެ ވަގުތު އެ ފައިސާ ނެތުމުން، ގެއަށް ގޮސް ފައިސާ ހިފައިގެން އައުމަށް ގާޒީ އިޒުނަ ދިނެވެ. އެ އިޒުނަ ދިން ވަގުތު، ގާޒީގެ ލޮލުން އެ މީހާއަށް އިޝާރާތެއް ކޮށްލިތަން ޖުހާއަށް ފެނުނެވެ.

ޖުހާ އެ މީހާ ފައިސާ ހިފައިގެން އާދޭތޯ އިންތިޒާރުގައި އިނެވެ. ގަޑިއެއް ދެ ގަޑި އިރު ހިނގައި ދިޔައިރު ވެސް، އެ މީހާ ނައެވެ. ދެން، ގާޒީގެ ލޮލުގެ އިޝާރަތުގެ މާނަ ޖުހާއަށް ވިސްނުނެވެ. އެ މީހާ ނައުމަށް ބުނެ ކުރި އިޝާރާތެއްކަން ޖުހާއަށް ވިސްނުނެވެ.

ދެން، ޖުހާ ތެދުވެގެން ގާޒީ ކައިރިއަށް ދިޔައެވެ. އަދި، އަތް އުފުލާލާފައި، އޭނައަށް ޖެހޭހާ ބާރަށް ގާޒީގެ މޫނުމަތީގައި ސައްޕެއް ޖެއްސެވެ. ގާޒީގެ މޫނުމަތީ ޖުހާ ޖެހިލެއް ބާރުކަމުން، ގާޒީގެ ބޮލުގައި އޮތް ފަގުޑި ވެސް ވިއްސައިގެން މާ ދުރަށް ދިޔައެވެ. ގާޒީއަށް ތަންދޮރު ފިލާވަރު ވުމުން ގާޒީއާ މުޚާތަބުކޮށް ޖުހާ ބުންޏެވެ.

"އަހަރެންގެ މޫނުމަތީގައި ޖެހި މީހާ، ސަތޭކަ ފައުނު ހިފައިގެން އައުމުން، އިނބަ އެއާ ހަވާލުވާށެވެ. އެއީ މިހާރު އިނބަގެ އެއްޗެކެވެ."