Support Us

ކޮލަމް: ކޯދު: ކުރުވާހަކަ- މުސްކުޅި ބޭބެއާއި ބުޅާ

އެއްދުވަހަކު މުސްކުޅިބޭބެއަކު ކޯރެއްގެ އައްސޭރިފަށުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެ އިނެވެ. އެހެން އިންދާ އޭނާއަށް ފެނުނީ ބުޅަލެއް ކޯރުގެ ފެންގަނޑު ތެރެއަށް ވެއްޓުނު ތަނެވެ. ދެން، އެ ބޭބެ ކޯރުގެ ފެންގަނޑު ކައިރިއަށް ޖެހިލައި ބުޅާ ނަގަން ފެންގަނޑަށް އަތްބޭނިއެވެ. އެވަގުތު ބުޅާ ގޮވައިގެންފައި ބޭބެ އަތުގައި ވަކި އެޅިއެވެ. ދެން އަނެއްކާ ވެސް އެ ބޭބެ ބުޅާ ސަލާމަތްކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މިފަހަރު ވެސް ބުޅާ ގޮވައިގެންފައި ބޭބެ އަތުގައި ވަކިއެޅިއެވެ.

މި މަންޒަރު ބަލަން އެތާ ކައިރީ ހުރި އެހެން ގޮނޑިއެއްގައި އިން މީހަކު ބޭބެއަށް ގޮވާލައިފައި ބުންޏެވެ. "ބުޅާ ސަލާމަތް ކުރަން އުލުމުން ބޭބެއަށް ތިޔަ ލިބެނީ ގެއްލުމެއް ނޫން ހެއްޔެވެ؟ ތިކަމާ ދެން އިތުރަށް ނޫޅެ އެއްގަމަށް އަރާށެވެ!"

އެ މީހާގެ މި ވާހަކައަށް އަޅާނުލައި ބުޅާ ސަލާމަތްކުރެވޭތޯ ބޭބެ މަސައްކަތް ކުރިއެވެ. މި ގޮތުން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ، އެންމެ ފަހުން، ބުޅާ ސަލާމަތްކޮށް އެއްގަމަށް އެރުވުމެވެ.

ދެން، ބޭބެ އަނެއް ގޮނޑީގައި އިން މީހާ ކައިރިއަށް ޖެހިލައިފައި ބުންޏެވެ.

"ކޮއްކޯއެވެ! ބުޅަލުގެ ތަބީއަތަކީ އެއެވެ. އެއާ ދިމާއަށް ނުދަންނަ މީހަކު އަތް ދިއްކުރުމުން ވަކިއެޅުމެވެ. ނަމަވެސް، އަހަރުމެން އިންސާނުންގެ ތަބީއަތަކީ އެއެއް ނޫނެވެ. އަހަރުމެންގެ ތަބީއަތުގައި ލެއްވިފައި ވަނީ އަނެކުންނާ ދޭތެރޭ ރަނގަޅު ގޮތުގައި މުއާމަލާތްކޮށް، ހެޔޮކޮށް ހިތުމުވެ. ބައެއް ފަހަރު، މި ތަބީއަތް ފޮރުވިފައި އޮތަސް، އިންސާނާގެ އިންސާނިއްޔަތު ކަމުގެ ސިފަތަކުގެ ތެރޭގައި މި ބުނި އަނެކުންނަށް ހެޔޮކޮށް ހިތައި ކަމޭ ހިތުމުގެ ސިފަ ހިމެނެއެވެ. އެހެންވީމާ އެ ބުޅާ ގޮވައިގެންފައި ވަކި އެޅުމުން، އަހަރެންގެ އިންސާނީ ރަނގަޅު ތަބީއަތް ފޮރުވާލައި ބުޅަލުގެ ތަބީއަތް ލިބިގަންނާކަށް ނުވާނެ ނޫން ހެއްޔެވެ؟ ކޮއްކޯއެވެ! އަހަރުމެން ހަނދާންކުރަން ޖެހޭނެ ކަމަކީ އަހަރުމެންގެ އިންސާނިއްޔަތު ހާމަކޮށްދޭ ތަބީއަތް ނެރެގެން މީހުންނާ މުއާމަލާތްކުރުމެވެ. މީހެއްގެ ކިބައިން، ނުރަނގަޅު ކަމެއް ފެނުނަސް، އެ ނުރަނގަޅު ތަބީއަތް ކޮޕީކޮށް އޭނައާ ދޭތެރޭ އެފަދައިން ކަންތައް ކުރުމަށް ވުރެ، ތިމާގެ އަމިއްލަ ރަނގަޅު ތަބީއަތް އިސްކޮށް، ހެޔޮ ގޮތުގައި މުއާމަލާތް ކުރުން ބުއްދިވެރިއެވެ. އަބަދުވެސް، މިފަދައިން، ހެޔޮ ގޮތުގައި މުއާމަލާތް ކުރުމަށް އިޝާރަތްކޮށް ކީރިތި ގުރުއާނުގައި އައިސްފައި ވެއެވެ. وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ މާނައީ: ރަނގަޅާއި ނުރަނގަޅު ހަމަހަމަވެގެން ނުވެއެވެ. (އެހެންވީމައި،) އެންމެ ހެޔޮ ގޮތުގައި ކަލޭގެފާނު ކަންތައް ކުރައްވައި ނުބައި ގޮތް ފެއަށް ޖައްސަވާށެވެ. އޭރުން، ހަމަ ހިނދުކޮޅެއްގެ ތެރޭގައި، ކަލޭގެފާނައި އެ މީހަކާ ދެމެދު އަދާވަތްތެރިކަމެއް އޮތް މީހާ އެންމެ ގާތް ރަހުމަތްތެރިއެއް ފަދަ މީހަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. މިފަދަ ހެޔޮ ގޮތުގައި ކަންތައް ކުރުމުގެ އެކަށޭނަކަން ލިބެނީ ހަމައެކަނި ކެތްތެރިންނަށެވެ. [އެބަހީ، ނުބައި ގޮތުގައި ކަންތައް ކުރާ މީހާގެ ނުބައިކަމާ މެދު ކެތްތެރިވާ މީހުންނަށެވެ.) އަދި، [އެފަދަ ކެތްތެރި] ވަރުގަދަ ހެޔޮ ނަސީބުވެރިންނަށް ނޫނީ ހެޔޮ ގޮތުގައި ކަންތައް ކުރުމުގެ އެކަށޭނަކަށް ނުލިބެއެވެ. (ފުއްޞިލަތު ސޫރަތް 34-33 ވަނަ އާޔަތް)

"އެހެންވެ، ނުބައިކޮށް ހިތާ ކޮންމެ މިހަކާ ނުބައިކޮށް ހިތާށޭ ގޮވާ އަޑުތަކަށް ބައެއް ފަހަރު ނަމަވެސް ބީރު ކަންފަތެއް ދޭން ޖެހެއެވެ. އަދި އެފަދަ މީހުންނީ، އެހެން މީހުންގެ ހެޔޮކަން ހައްގުނުވާ ބަޔަކަށް ވިޔަސް، އެ މީހުންނާ ދޭތެރޭ ހެޔޮކޮށް ހިތައިފި ނަމަ، ފައިދާތައް ގިނަގުނައެވެ. މަތީގައި ލިޔުވުނު އާޔަތުގައި އޮތް ފަދައިން، އެމީހުން ގާތް ރަހުމަތްތެރިންނަށް ވުމުގެ މަގުފަހިވުމެވެ. އެމީހުންގެ އުނދަގޫ ކުރުމުން ސަލާމަތްވުމެވެ. އެފަދައިން ހެޔޮ ގޮތުގައި، އެންމެނާ ދޭތެރޭ ވެސް، އަބަދުވެސް، މުއާމަލާތްކުރުމުން، އިނބަގެ ހަޔާތް ބާއްޖަވެރިކުރުވާނޭ ސަބަބުތައް މާތްﷲ މެދުވެރިކުރުވާނެއެވެ. ރަޚުމާނު ސޫރަތުގެ މިއާޔަތުގައި ބަޔާންކުރައްވާފައިވާ ފަދައިންނެވެ. هل جزاء الإحسان إلا الإحسان (އިހުސާންތެރިކަމުގެ ޖަޒާއަކީ ހަމަ އިހުސާންތެރިކަމެވެ.) އަދި، ހަމަ އެހެންމެ، ހެޔޮ ގޮތުގައި މުއާމަލާތްކޮށް، ރީތި އަޚުލާގެއްގެ ވެރިޔަކަށް ވެވިއްޖެ ނަމަ، އެކަންވާނީ އެހެންމީހުންގެ ހިތްތަށް އަޅުވެތިކޮށްލާ ކަމަކަށެވެ."