Support Us

ސިޔާސީ ނަފުރަތުގެ ތެރެއިން… ބޮޑުހުޅުގެ ހާދިސާ

ބޮޑު ހުޅަކީ ދިވެހިރާއްޖޭގައި 1886 ވަނަ އަހަރު ވެރިކަމުގެ ބާރުތައް ހޯދުމަށް އަތިރީގޭ ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އިސްވެ ހުންނަވައި ހިންގި ބޮޑު ބަޣާވާތެކެވެ. މި ކިލެގެފާނަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެފާނުގެ ބައްޕަ ފަރާތު ކާފައެވެ. ބޮޑު ހުޅުގެ ހާދިސާއަކީ މާލޭގެ ގޭގޭގައާއި ބާޒާރުމަތީ ފިހާރަތަކުގައި އަލިފާން ރޯކުރުމުން މީހުންނަށާއި ގޯތިގެދޮރަށާއި މުދަލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާއެކެވެ.

އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން 2 (1886 – 1888) (ކުޑަބަންޑާރައިން)ނެވެ.

ވަޒީރުލްއަޢުޡަމް (ބޮޑު ވަޒީރު) އަކީ ކަކާގޭ މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނެއެވެ. މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ އަތިރީގޭ ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އެ މަޤާމުގައި ހުންނަވިކޮށް މަޤާމުން ދުރުކުރެއްވުމަށް ފަހުގައެވެ. މިކަމާ ހިތްހަމަނުޖެހި، ރަދުންނާއި ބޮޑު ވަޒީރަށް މާލޭގެ އަމަން ނުބެލެހެއްޓޭކަމާއި ވޯރާވިޔަފާރި ވެރިނަށް ވެސް އެއްވެސް ރައްކާތެރިކަމެއް ނެތްކަން އިނގިރޭސީންނަށް ދައްކަން ބޭނުންވިއެވެ. ކޮންމެ ގޮތަކުން ވެސް ރާއްޖޭގެ ރަސްކަން ބަދަލުކޮށް، ސަރުކާރު ހިންގުމުގެ ބާރު ހޯދުމަށް މާލޭގައި ހުޅުޖަހަން ފެށިއެވެ. އަސްލަކީ ކަކާގެ އާއި އަތިރީގެއާ ދެމުގައި އޮތް ސިޔާސީ ދެކޮޅުވެރިކަމާއި ކޯޅުމެވެ.

ޒަމާނަކީ މާލޭގައި ހުރިހާ ގެއެއް ވެސް ފަނާއި ލަކުޑިން ހަދައިގެން އުޅުނު ޒަމާނެވެ. އަލިފާން ރޯކުރުމުން ފަސޭހައިން އަލިފާން ފެތުރި ބޮޑެތި ގެއްލުންތައް ލިބޭގޮތަށް ކަންތައްތައް ހުރި ޒަމާނެކެވެ. ބޮޑު ހުޅުގެ ބައިވެރިން އެކަމަށް ތައްޔާރުވީ ވަރަށް ވަރުގަދަ ފަންޑިތައެއް ހަދައިގެން ކަމަށް ބުނެވެއެވެ. ހުޅުޖަހާ މީހުން އަތުލައިނުގަނެވޭނެ ގޮތް ހެދުމަށް "ނުފެންނަ ފަންޑިތަ"އެއް ހެދިއެވެ. އެ ފަންޑިތަ ހެދީ އައްޑު އަތޮޅު ކުދު އަބޫ ކިޔާ ފަންޑިތަވެރިއެކެވެ.

މި ފަންޑިތަ ހެދީ އެ ދުވަހު މަރުވި ސާދަ ފަނަރަ ވަރަކަށް އަހަރުގެ ކުއްޖެއްގެ ގަބުރުކޮނެގެން މާލެއަތޮޅު ފުނަދޫއަށް ގެންގޮސް މޭ ނަގައި، ތެޔޮ ހާނައި، އެ ތެލާއެކު ގޮދަންފުށްގަނޑެއް މޮޑެގެންނެވެ. ބޮޑުހުޅުގެ ބައިވެރިނަށް އެންގީ އެ މީހަކަށްވީ ބައި ނުތާހިރުކަންމަތީ ބަރަހަނާ ހާލުގައި ހަތަރެސްފައި ޖަހައިގެން އައިސް ކާށެވެ. ހުރިހާ އެންމެން ވެސް އެ މީހަކަށްވީ ފުށްގަނޑު ކައި ނިންމިއިރު އެކަން ނުކުރެވުނީ ސައިކުރާ ކޮޔަށެވެ. އެ ވަގުތު "މިކަން ފަޅާއަރާނީ މީނާގެ ފަރާތުންނޭ" ކުދު އަބޫ ބުނިކަމަށް ވެއެވެ. އެހެން ކުދު އަބޫ ބުނުމުން ކައިރީގައި ހުރި ބުއްކޮއި ކިޔާ މީހަކު ކަތިވަޅި ނަގާ ސައިކުރާ ކޮއިގެ ކަރުގައި ޖެއްސިއެވެ. އެތަން ކޮންމެވެސް ވަރަކަށް ކެފުނު ކަމަށް ވެސް ބުނެވެއެވެ. އެކަމަކު އޭނާ ނުމަރާ ދޫކޮށްލީ މި ބަޣާވާތުގެ ލީޑަރު އިބްރާހީމް ދޮށިމޭނާ ކިލެފާނު އެކަން މަނާކުރުމުންނެވެ.

މި ވާހަކައިގައި ހުވަދު އަތޮޅު އަންހެނަކު މަރާފައި ވެލާނާގޭ ގޯތިތެރޭގައި ވަޅުލި ކަމަށް ވެސް ކިޔާ އުޅެއެވެ. އެ މީހާ މެރިކަމަށް ވަނީ ތެޔޮ ހާނަން ގަބުރުކޮނެގެން ގެނެސް ފުނަދޫއަށް ގެންދިއުމުގެ ކުރިން ކަފުނާއެކު ވެލާނާގޭގައި ބާއްވާފައި އޮއްވައި މި އަންހެން މީހާއަށް ފެނިގެން ބިރުންގޮސް ހަޅޭއްލަވައިގަތުމުން އެ ނުބައި ރޭވުން އެ އަންހެން މީހާގެ ފަރާތުން ފަޅާއަރާފާނެތީ ކަމަށް ބުނެވެއެވެ.

މާލޭގެ އެކި ކަންކޮޅުތަކުގައި ހުޅުޖަހަން ފެށުމުން އުފެދިގެން ދިޔައީ ވަރަށް ބޮޑު ބިރުވެރިކަމެކެވެ. ބޮޑު ހުޅު ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ރޯކޮށްލީ ބޮޑު ހުޅުގެ ބައިވެރިއެއް ކަމަށްވާ ބުޗާ ދޮންތުއްތުގެ ގޭގައި އޭނާ އަމިއްލައަށެވެ.

ރޭ ވާންވާއިރަށް ގޭގެއަށް ފެންޖަހައި ފަންތައް ފޯކޮށްގެން ހޭލާ ދަމަން ތިއްބާ ވެސް ހުޅުޖަހާ މީހުން ހުޅު ޖަހަމުން ދެއެވެ. އެކަންކުރާ ބަޔަކު ނޭނގެއެވެ.

މާލޭގެ ހުރިހާ ހިސާބެއްގެ ގެތަކުގައި ބާޒާރުމަތީ ހުރި ވޯރާވިޔަފާރިވެރިންގެ ފިހާރަތަކުގައި ވެސް އަލިފާން ރޯކުރަންފަށައިފިއެވެ. އަދި މިބައިމީހުން ދެ ވޯރާއިންގެ ބުރަކަށީގައި ވަޅި ވެސް އަޅައިފިއެވެ.

މިކަން ކުރިކަމަށް ކިޔަނީ ކާށިދޫގޭ އިބްރާހީމް ދީދީ އާއި ބުއްކޮޔެވެ.

ބޮޑު ހުޅު ފަޅާއެރީ ސައިކުރާ ކޮއިގެ ފަރާތުންނެވެ. މި ނުރައްކާތެރި އަލިފާން ޖެހުމުގެ ކަންތައްތަކާ ގުޅިގެން ރަސްގެފާނާއި ހަވަރާއި މާލޭގެ ރައްޔިތުން ވެސް ގުޅިގެން އެ ބަޔަކު އަތުލައިގަނެވޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ. މާލޭގެ ވާބޯ ސަރަހައްދުތައް ސާފުކޮށް އަލިކުރަމުން ދަނިކޮށް ދަންނަ މުޙައްމަދު ރަސްގެފާނު މިސްކިތް ކައިރި އޮތް ވާގަނޑެއްގައި ނިދާފައި އޮތް ސައިކުރާކޮއި ކުއްލިއަކަށް ސިހިގެން ގޮސް ނިދާ ހޭލެވިގެން ދުއްވައިގަތުމުން އޭނާ އަތުލައިގަތީއެވެ. ބޮޑު ހުޅުގެ ބައިވެރިންގެ ނަންތައް ގޮވީ އޭނައެވެ. ދެން ރައްޔިތުން ގޮސް އެހެން މީހުން ވެސް ހައްޔަރުކުރީއެވެ. އޭގެ ތެރޭގައި ހިމެނޭ ބޮޑުން އާގަނޑުވަރަށް ވަޑައިގެން ރަސްކަމުން އޭރު ދުރުކުރެވިފައި ހުންނެވި ނޫރައްދީން ބަންޑާރައިންގެ ހިމާޔަތް ހޯއްދެވިއެވެ. މި މައްސަލަ ޝަރީޢަތުން ބަލައި ހުކުމް ކުރެއްވީ އަލްޤާޟީ މުޙައްމަދު މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) އެވެ. މި ބަޣާވާތުގެ ލީޑަރަކަށް ހުންނެވި އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަރުވާލެއްވީ އައްޑު އަތޮޅު ގަމަށެވެ. ބޮޑެތި ބޭފުޅުންގެ ބުރިހަން ނުގަތަސް އެހެން މީހުންގެ ބުރިހަންގަނެ އެ ފާރުތަކުގައި ލޮނުމިރުސް ވެސް އެޅިކަމަށް ވެއެވެ.

ބޮޑު ހުޅުގެ ބައިވެރިން

  1. ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާ ކިލެފާނު
  2. އަލްއަމީރު ނޫމަރާ ގަނޑުވަރު ފާށަނާ ކިލެގެފާނު
  3. އަލްއަމީރު މަލިމް މާފަތް ކިލެގެފާނު
  4. އަލްއަމީރު އެސްޖެހި ގަނޑުވަރު ސައްޔިދު ކިލެގެފާނު
  5. އަލްވަޒީރު ޙަސަން ވެލާނާ މަނިކުފާނު
  6. މީރުބަހުރު އިސްމާޢީލް ދީދީ
  7. ބުޗާގޭ ދޮންތުއްތު
  8. ސައިކުރާ ކޮއި
  9. ނަންހުރި ޔާގޫތު މޫސާ ކަލޭފާނު
  10. ބުއްކޮއި
  11. ކަށީ

ބޮޑުހުޅުގެ ހާދިސާ ނިމުނީ 1887 ވަނަ އަހަރު އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ގޮސްގެންނެވެ. އޭރު އިންޑިއާ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުގައި އޮތުމާއެކު ރާއްޖޭގައި ތިބި އިންޑިއާ ވޯރާ ވިޔަފާރިވެރިން އެއީ އިނގިރޭސި ރައްޔިތުންނަށްވެ، އެ މީހުންގެ މަސްލަހަތު ހިމާޔަތްކުރުމުގެ ނަމުގައި އިނގިރޭސީންނަށް ރާއްޖެ އަންނަން ފުރުސަތު ފަހިކޮށް ދިނުމުގައި އަތިރީގެ "ޕާޓީ" ގެ ބޮޑު ދައުރެއް އޮތެވެ. ރާއްޖޭގެ ރަސްކަމާއި ބޮޑުވަޒީރުކަން ވެސް އިނގިރޭސީންނާއި ބޮޑު ހުޅުގެ ބައިވެރިން ބޭނުންވި ގޮތަށް އިނގިރޭސީންގެ ބާރުގައި ބަދަލު ކުރިއެވެ. (ނިމުނީ)

ރިފަރެންސް:

ޢަބްދުލް ޙަކީމް ޙުސައިން މަނިކު. (1981). ބޮޑު ހުޅުގެ ތާރީޚު. ނޮވެލްޓީ ޕްރެސް.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *