...

Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

އާތުރައިޓިސް: ފަރުވާއެއް ނެތަސް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމުން ލުއި ލިބޭ

އާތުރައިޓިސް އަކީ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ޖެހޭ އާންމު ބައްޔެކެވެ. އެއީ ހަށިގަނޑުގެ ހުޅަކަށް ނުވަތަ ގިނަ ހުޅުތަކެއް ދުޅަވެ، ތަދުވުމާއި ހަރުވުމާއި ހަރަކާތްތެރިވުން ދަށްވުމެވެ. އާތުރައިޓިސްގެ ތަފާތު ވައްތަރުތައް ހުންނައިރު، ކޮންމެ ވައްތަރެއްގެ ވެސް ސަބަބުތަކާއި އަލާމާތްތަކާއި ފަރުވާގެ ގޮތްތައް ހުރެއެވެ.

އާތުރައިޓިސް ޖެހުމުގެ އަސާސީ ސަބަބު ވައްތަރަށް ބަލާފައި ތަފާތުވެދާނެއެވެ. އެންމެ ގިނައިން ފެންނަ ވައްތަރުތަކުގެ ތެރޭގައި ހިމެނެނީ؛

1. އޮސްޓިއޯއާތުރައިޓިސް: މި ބާވަތުގެ ބަލި މުހިންމު ގޮތެއްގައި ޖެހެނީ އުމުރު ފާއިތުވަމުންދާ ވަރަކަށް ހުޅުތަކުގެ ކާޓިލޭޖް ގުދުރަތީ ގޮތުން ބަލިކަށިވެގެން ދިއުމުންނެވެ. މުސްކުޅިވުމާއި، ފަލަވުމާއި، ހުޅުތަކަށް އަނިޔާވުމާއި، ހުޅުތަކަށް ތަކުރާރުކޮށް ސްޓްރެސް ވުމަކީ އެ ބަލި ބޮޑުވުމަށް މަގުފަހިވާ ކަންކަމެވެ.

2. ރޫމޭޓޮއިޑް އާތުރައިޓިސް: މިއީ ހަށިގަނޑުގެ ދިފާޢީ ނިޒާމުން އޮޅިގެން ހުޅުތަކަށް ހަމަލާދިނުމުން ދުޅަވެ ގެއްލުން ލިބޭ އޮޓޯއިމިއުން ބައްޔެކެވެ. ރޫމޭޓޮއިޑް އާތުރައިޓިސް ޖެހުމަށް މެދުވެރިވާ ސީދާ ސަބަބެއް ނޭނގުނު ނަމަވެސް ޖެނެޓިކް އަދި ތިމާވެއްޓާ ގުޅުން ހުރި ކަންތައްތަކުގެ ދައުރެއް މިކަމުގައި އަދާކުރާ ކަމަށް ބެލެވެ އެވެ.

3. ސޮރިއޭޓިކް އާތުރައިޓިސް: މިއީ ސޮރިއަސިސް ޖެހިފައިވާ މީހުންނަށް ޖެހޭ ބައްޔެކެވެ. މިއީ ހަމުގައި ރަތްކުލައިގެ ނުވަތަ ހަލާކުވެފައި ހުންނަ ތަންތަންގަނޑު ހުންނަ ބައްޔެކެވެ. މި ބަލި ޖެހުމުން ދިފާއީ ނިޒާމުން ހުޅުތަކަށް ހަމަލާދިނުމުން ހުޅުތައް ދުޅަވެ ތަދުވާ ގޮތް ވެއެވެ.

4. ގައުޓް: ގައުޓް ޖެހުމުން ހުޅުތަކުގައި ޔޫރިކް އެސިޑް ކްރިސްޓަލް ޖަމާވެ، ކުއްލިއަކަށް އަދި ވަރަށް ބޮޑަށް ތަދުވެއެވެ. ޑައިޓް ކުރުން، ނުވަތަ ޖެނެޓިކްސް، އަދި ވަކި ސިއްހީ ހާލަތްތަކަކީ ގައުޓް އުފެދުމަށް މަގުފަހިވާ ކަންކަމެވެ.

އާތުރައިޓިސްގެ އަލާމާތްތައް ތަފާތު ނަމަވެސް އާންމުކޮށް ހިމެނެނީ ހުޅުތަކުގައި ރިއްސުމާއި، ހަރުކަށިވުން، ދުޅަވުމާއި، ހަރަކާތްތެރިވުމުގެ ރޭންޖް ދަށްވުމެވެ. އަދި ބައެއް މީހުންނަށް ވަރުބަލިވުމާއި، މަސްތައް ބަލިކަށިވުމާއި، ދިރިއުޅުމުގެ ފެންވަރު ދަށްވުން ފަދަ ކަންކަން ކުރިމަތިވެދާނެއެވެ. މި ބަލީގެ އަލާމާތްތައް އާދައިގެ ވަރަކުން ފެށިގެން ސީރިއަސް ހިސާބަކަށް އައުމާ ދެމެދުގައި ހުރެދާނެއެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް އެ އަލާމާތްތައް އިތުރުވެ އުފުލިދާނެ އެވެ.

އާތުރައިޓިސް އަށް ފަރުވާ ދިނުމުގެ މަގުސަދަކީ ތަދު ފިލުވައިދިނުމާއި، ދުޅަ ކުޑަކުރުމާއި، ހުޅުތަކަށް އިތުރު ގެއްލުން ނުލިބޭ ގޮތަް ހެދުމާއި، ހުޅުތަކުގެ ޖުމްލަ ހާލަތު ރަނގަޅު ކުރުމެވެ. އާންމުކޮށް ބޭސް ބޭނުންކުރަނީ ތިރީގައިވާ ގޮތްތަކެވެ.

1. ބޭސްތައް: ނޮންސްޓިރޮއިޑަލް އެންޓި-އިންފްލެމެޓަރީ ޑްރަގްސް (އެންއެސްއޭއައިޑީ) ގެ ބޭސްތަކުން ތަދުވުމާއި ދުޅަ ކުޑަކުރުމަށް އެހީތެރިވެދެއެވެ. އާތުރައިޓިސްގެ އޮޓޯއިމިއުން ބާވަތްތަކަށް ޑިޒީޒް މޮޑިފައިން އެންޓިރޫމެޓިކް ޑްރަގްސް (ޑީއެމްއާރުޑީ) ލިޔެދެއެވެ. ސީރިއަސް ހާލަތްތަކުގައި ކުރު މުއްދަތަކަށް ތަދު ފިލުވުމަށް ކޮރޓިކޯސްޓިރޯއިޑްސް ބޭނުން ކުރެވިދާނެ އެވެ.

2. ފިޒިކަލް ތެރަޕީ: ފިޒިކަލް ތެރަޕިސްޓަކަށް ދައްކައިގެން ހުޅުތަކުގެ ފްލެކްސިބިލިޓީއާއި، ވަރުގަދަކަމާއި، ހަރަކާތް ކުރުން ރަނގަޅުކުރުމަށް ކަސްރަތުތަކާއި އުކުޅުތައް ހޯދައިގަނެވިދާނެއެވެ. އަދި ބަލިޖެހިފައިވާ ހުޅުތަކަށް ސަޕޯޓް ދިނުމަށްޓަކައި ބްރޭސް ނުވަތަ ސްޕްލިންޓް ފަދަ އެހީތެރި އާލާތްތައް ބޭނުން ކުރުމަށް ވެސް ލަފާ ދީފާނެ އެވެ.

3. ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުން: ދުޅަހެޔޮ ބަރުދަނެއް ބެހެއްޓުމަކީ ޚާއްޞަކޮށް އޮސްޓިއޯއާތުރައިޓިސް އަށް ހުޅުތަކަށް ކުރާ ސްޓްރެސް ކުޑަކޮށްދޭ ކަމެކެވެ. ގަވާއިދުން ކަސްރަތު ކުރުމަކީ ލޯ އިމްޕެކްޓް އެކްޓިވިޓީތަކާއި ސްޓްރެންތް ޓްރެއިނިން ފަދަ ކަންކަމަކީ ހުޅުތަކުގެ މަސައްކަތް ރަނގަޅު ކުރުމާއި ޖުމްލަ ގޮތެއްގައި ދިރިއުޅުން ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ހޫނު ނުވަތަ ފިނި ޕެކްތަކުން އަސަރުކޮށްފައިވާ ހުޅުތަކުގައި ބޮނޑިތާން ކުރުމުން ވަގުތީ ލުޔެއް ލިބިދާނެ އެވެ.

4. ސާޖިކަލް އިންޓަރވެންޝަންސް: އަމިއްލަ ފަރުވާތަކުން އަލާމާތްތައް ލުއި ނުކުރެވޭ ހާލަތްތަކުގައި ސާޖަރީ ހެދުމަށް ވިސްނާލެވިދާނެއެވެ. ކަކުލު ހުޅު ނުވަތަ އުނަގަނޑު ބަދަލުކުރުން ފަދަ ހުޅު ބަދަލުކުރުމުގެ ސާޖަރީއަކީ މޮބިލިޓީ ވަރަށް ބޮޑަށް ރަނގަޅުކޮށްދީ ރިހުން ކުޑަކޮށްދޭ ކަމެކެވެ.

5. ކޮމްޕްލިމެންޓަރީ އަދި އަލްޓަނޭޓިވް ތެރަޕީސް: ބައެއް ފަރާތްތަކަށް ލުއި ލިބެނީ އެކިއުޕަންޗާ، މަސާޖް ތެރަޕީ ނުވަތަ ދިވެހިބޭހެއް ބޭނުންކުރުން ފަދަ ކޮމްޕްލިމެންޓަރީ ފަރުވާތަކުގެ ތެރެއިންނެވެ. ނަމަވެސް ބަދަލު ފަރުވާއެއް ތަޖުރިބާ ކުރުމުގެ ކުރިން ސިއްހީ ދާއިރާގެ ފަންނީ ފަރާތަކާ މަޝްވަރާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ފާހަގަކުރުން މުހިންމީ އާތުރައިޓިސް އަކީ ދިގުދެމިގެންދާ ބައްޔެއް ކަމާއި، އަލާމާތްތައް މެނޭޖްކުރުމަށް އެ މީހެއްގެ ބޭނުންތަކަށް ޚާއްޞަކޮށްގެން ފަރުވާތައް ހޯދިދާނެއެވެ. ގަވާއިދުން މެޑިކަލް ޗެކްއަޕް ހެދުމާއި ސިއްހީ ޚިދުމަތްދޭ ފަރާތްތަކާ ގާތް ގޮތެއްގައި މުއާމަލާތް ކުރުމަކީ ކުރިއަށްދާ ފަރުވާއަށް ވަރަށް މުހިންމު ކަމެކެވެ.

ނިންމާލަމުން ދަންނަވާނަމަ އާތުރައިޓިސް އަކީ ހުޅުތައް ދުޅަވުމާއި ރިހުމުގެ ސިފަތައް އެކުލެވޭ އާންމު ހާލަތެކެވެ. އާތުރައިޓިސްގެ ބާވަތަށް ބަލާއިރު ސަބަބުތަކާއި އަލާމާތްތަކާއި ފަރުވާގެ ގޮތްތައް ތަފާތުވެދާނެ އެވެ. އާތުރައިޓިސްއަށް ފަރުވާއެއް ނެތް ނަމަވެސް، ބޭސްތަކާއި، ފިޒިކަލް ތެރަޕީއާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމާއި، ސާޖަރީ ފަދަ އެކި ގޮތްތަކުން އަލާމާތްތައް މެނޭޖްކޮށް، މި ހާލަތުގައި ދިރިއުޅޭ ފަރުދުންގެ ޖުމްލަ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވިދާނެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.