Support Us

ކޮލަމް ކޯދު: ތަކުރާރުކޮށް ދައްކަންޖެހޭ ވާހަކައެއް- އަހަރުމެންނަށް ދަސްވި ޑިމޮކުރަސީގެ ވާހަކަ

އަހަރުމެންނަށް ދަސްވި ޑިމޮކުރަސީގެ ވާހަކައަކީ ތަކުރާރުކޮށް ދައްކަންޖެހޭ ވާހަކައެކެވެ. ތިރީގައި މިވަނީ ބައެއް ނުކުތާތަކެވެ.

  1. އަހަރުމެންނަށް ދަސްވި ޑިމޮކުރަސީގެ ނިޒާމު ބިނާވެފައި އޮތީ، ތިމާމެންނަކީ ރަނގަޅު ބައެއްކަމުގައި ދެއްކުމަށްޓަކައި ތިމާމެން ނޫން އެހެން އެންމެންނަކީ ވައްކަމާއި ފަސާދަ ހިންގާ ބައެއްކަމަށް ބުނެ ޝޯރުކުރުމާއި ބިރުގެންނެވުމާއި ދޮގު ހެދުމާއި ފުއްދަން ގަސްދުނުކުރާ ވައުދުތަކެއް ކޮށް، ހަގީގަތްތައް އޮޅުވާލައިގެން ވެރިކަމަށް މީހުން އައިސް، ވެރިކަމަށް އަންނަ މީހުން، ގައުމު ބިނާކުރުމުގެ ބަދަލުގައި، ގައުމުގެ ޚަޒާނާއާއި ހުރިހާ މުދަލަކީ އެ މީހުންގެ ތަރިކު މުދާ ފަދަ އެއްޗެއްކަމުގައި ހަދާލައި، ގައުމާ ދޭތެރޭ އެމީހުން ހިތުހުރި ގޮތަކަށް ކަންތައް ކުރާ ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ނިޒާމެކެވެ.

މީގެ ހެކި ދެކެން ބޭނުންވި މީހަކަށް މިއަދު ވެސް އެ އޮތީ ފެންނާށެވެ. ދެ މިސާލެއް ލިޔެލާނަމެވެ. އެއްދުވަސް ވަރެއްގައި އަހަރުމެންގެ 'ޑިމޮކުރަސީގެ ލީޑަރުން' ކިޔަމުން ދިޔަ ލަވަޔަކީ 'ބޭރު ސިފައިންނެއް ނުތިބޭނޭ، ނުތިބޭނޭ، ނުތިބޭނޭ' މި ލަވައެވެ. މި ލަވަ ކިޔަމުން ދިޔައިރު، އެ ފަދަ ސިފައިންގެ ބަޔަކު ބޭތިއްބުމަށްޓަކައި ސިއްރިއްޔާތުގައި ކަންތައް ރާވަމުން އެއީ ގައުމުގެ ޑިމޮކުރަސީގެ ލީޑަރުންނޭ ކިޔާ ބަޔަކު ދިޔައެވެ. ދެން، އެކިއެކި ސިއްރު އެއްބަސްވުންތައް އެއްބަސްވެ، ބޭރު ސިފައިން ރާއްޖޭގައި ބޭތިއްބުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި، ރައްޔިތުންގެ ނަމުގައި، ބޮޑެތި ލޯނުތައް ނެގިއެވެ. އާދެ،ބޭރު ސިފައިން ތިބުމުގެ ޚަރަދުކުރުމަށް ބޮޑެތި ލޯނުތައް، ރައްޔިތުންގެ ނަމުގައި ނެގިއެވެ. ތަންތަނުގައި ބޭރު ސިފައިން އެ މީހުން އަމިއްލައަށް ތިބެން އެދޭ ނަމަ، އެކަމުގެ ޚަރަދު ކުރަނީ އެފަދަ ސިފައިންގެ ގައުމުގެ ފަރާތުންނެވެ. ނަމަވެސް، ރާއްޖޭގައި އެކަން މިއޮތީ ދިމާ އިދިކޮޅަށެވެ. ތިމާ އަތުން މީހަކު އެއްޗެއް ގަންނަން އުޅުމުން، އެ ގަންނަ ފައިސާ ތިމާ ދޭންޖެހޭ ގޮތަށެވެ!!! ދެން، ބޭރު ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތް ހަދައިދީ ނިމުން، އެއްކަލަ ޑިމޮކުރަސީގެ ލީޑަރުން ޖަހާ ބެރުގެ ރާގު ބަދަލުވެ، އެހެން ލަވައެއް ކިޔަން ފެށިއެވެ. ދެން ކިޔަން ފެށި ލަވަޔަކީ 'ބޭރު ސިފައިން ތިބުމަކީ މައްސަލައެއް ނޫނޭ، އެއީ ތަަރައްގީގެ މަގުގައި ހިންގަން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކޭ' މިއެވެ. އާދެ، ދޮގު ހެދުމާއި އޮޅުވާލުމުގެ ވަރަށް ވެސް ރީތި މިސާލެކެވެ. އަހަރުމެންނަށް ދަސްވި ޑިމޮކުރަސީގެ ނިޒާމެވެ! ދެން، އަހަރުމެން ހެއްޔެވެ؟ އަހަރުމެންގެ ޑިމޮކުރަސީގެ ލީޑަރުން ޖަހާހާ ބެރަކަށް ނަށައި ގުނބޯ ހެދިފައި ތިބެނީއެވެ!!

އެހެން މިސާލެކެވެ. ކުރިއަރާފައި އޮންނަ ޑިމޮކުރަސީތަކުގެ ނިޒާމު ވެސް ބިނާވެފައި އޮންނަނީ އަޚުލާގީ ހަމަތަކެއްގެ މައްޗަށެވެ. ހަރުދަނާ އަޚުލާގީ ހަމަތައް ގުޅެނީ ދީނާއެވެ. އަޚުލާގީ ހަމަތައް ދީނުން ބޭރުން ހޯދަން އުޅެފި ނަމަ، ފެންނާނީ އަޚުލާގީ ހަމަތަކެއް ނޫނެވެ. އޭރުން ފެންނާނީ އެއިރަކު ތިބޭ ބައެއްގެ ހަވާނަފްސު ހުއްދަ ކުރާ ކަންކަމާއި ހުއްދަ ނުކުރާ ކަންކަމެވެ. މިއީ ބަދަލުވެބަދަލުވެ ހުންނަ ކަންކަމެވެ. މިކަން ކަނޑައަޅަން ތިބޭ ބައެއްގެ ހަވާ ނަފްސު ބަދަލުވާ ފަދައިންނެވެ.

އަޅުގަނޑުމެންގެ އަޚުލާގީ މަސްދަރަކީ އިސްލާމް ދީނެވެ. އަޅުގަނޑުމެންގެ އަގުތަކާއި އުސޫލުތައް ގުޅެނީ މި މަސްދަރާއެވެ. ނަމަވެސް، އަޅުގަނޑުމެންނަށް ދަސްވި ޑިމޮކުރަސީގެ ނިޒާމު، އަޅުގަނޑުމެންގެ އަޚުލާގީ އަގުތަކާއި އުސޫލުތަކާ ދިމާ އިދިކޮޅު ކަންތައް ކުރަން ހުއްދަކުރިއެވެ. މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތީގެ ވިޔަފާރިކުރުމާއި ޖިންސީ ގުޅުންތައް ގާއިމުވެފައި އޮންނަ އުސޫލު ބަދަލުކޮށްލުމާއި ފިރިހެން ޖިންސާއި އަންހެން ޖިންސަކީ ކަނޑައެޅިފައި އޮންނަ ކަމެއްކަމަށް ނުހެދުމެވެ. ފިރިހެނަކު ތިމަންނާއަކީ އަންހެނެކޭ ބުނެފި ނަމަތަ، އޭނާއަކީ އަންހެނެއްކަން އަހަރުމެން ގަބޫލުކުރަން ޖެހެއެވެ. އޭނާ މަރުވުމަށް ފަހު، އެތަކެއް ސަތޭކަ އަހަރު ފަހުން، އޭނާގެ ހަށިގަނޑުން ކަށިގަނޑެއް ނަގައި ޓެސްޓު ކުރުމުން، ސައިންސުގެ އަލީގައި އޭނާގެ ޖިންސު ކަނޑައަޅައި ބުނެދިން ކަމުގައި ވިޔަސް ވެހެވެ. އާދެ، ހަވާ ނަފްސާ ޖެހުނީމާ ސައިންސުގެ ބޭނުމެއް ވެސް ނެތެވެ!!!! އާދެ، އަޅުގަނޑުމެންނަށް ދަސްވި ޑިމޮކުރަސީގެ ނިޒާމަކީ މިއެވެ. ލާއަޚްލާގިއްޔަތުގެ ނިޒާމެކެވެ. އަޚުލާގަކީ ނެތް ކަމެއްކަމަށް ހަދާލި ނިޒާމެކެވެ.

  1. އަޅުގަނޑުމެންނަށް ދަސްވި ޑިމޮކުރަސީގެ ނިޒާމަކީ ބޮޑެތި ގައުމުތަކުގެ ކޮންޓުރޯލުގެ ދަށަށް ކުދި ގައުމުތައް ގެންދިޔުމަށް އެހީވެދޭ ނިޒާމެކެވެ. މިކަން ކުރާ ގޮތަކީ ބޮޑެތި ގައުމުތައް ކުދި ގައުމުތަކުގެ 'ލީޑަރެއް' ނުވަތަ 'ދެތިން ލީޑަރެެއް' ގަނެލަނީއެވެ. މި ފަދަ ލީޑަރުން ގަނެލުމުގެ ކުރިން ބޮޑެތި ގައުމުތަކުން އެ ފަދަ ލީޑަރުންގެ ނަފްސިއްޔާތު ދިރާސާކުރެއެވެ. އޭނާގެ 'ހިތުގެ ތެރެއަށް ވާސިލުވެވެން އޮންނަ މަގަކީ' ކޮބާތޯ ހޯދުމަށްޓަކައެވެ. މި ފަދަ ދިރާސާތުތައްކޮށް އެ މަގެއް ހޯދައެވެ.

މައިގަނޑު ގޮތެއްގައި އެ ފަދަ ހިތްތަކަށް ވާސިލުވެވޭ ދެ މަގެއް އޮވެއެވެ. 'ޝަހުވާނީ ބަނޑުގެ' ތެރެއިން ހިތަށް ވާސިލުވެވެން އޮންނަ މަގަކާއި 'މަވެތިކަމުގެ' ތެރެއިން ހިތަށް ވާސިލުވާން އޮންނަ މަގެކެވެ. ޝަހުވާނީ ބަނޑުގެ މަގު އިޝާރާތްކުރަނީ ފައިސާގެ ދަހިވެތިކަމަށެވެ. އާދެ، ފައިސާދީގެން އެފަދަ 'ލީޑަރުން' ލައްވާ ބޮޑެތި ގައުމުތަކުން އެދޭ ގޮތަކަށް ކަންކަން ކުރުވުމެވެ. މަވެތިކަމޭ ބުނެ އިޝާރަތްކުރަނީ ހުރިހާ ވެސް މީހަކީ ތިމަންނާކަމުގައި ދުށުމެވެ. މޮޅުގޮތާއި ރަނގަޅުގޮތް ވެސް ބުނެދޭން އެނގޭނީ ހަމައެކަނި ތިމާއަށް ކަމަށް ދުށުމެވެ. މިފަދަ މަވެތި މީހުންނަކީ ވަރަށް ގިނަ ފަހަރު 'ނަރުޖިސީ ޝަޚުސިއްޔަތުގެ' (ނާސިސިްޓިކް ޝަޚްސިއްޔަތުގެ) ވެރިންނެވެ. އެމީހުންނަކީ އެމީހުންގެ އަމިއްލަ ބޮޑުކަމާއި މުހިއްމުކަން އިންތިހާއީ މަތިވެރި ދަރަޖައަކަށް ގެންދާ މީހުންނެވެ. ހިތާމައާ އެކު ބުނަން ޖެހެނީ، އަހަރުމެންގެ ލީޑަރުންނޭ ކިޔައިގެން އުޅޭ މީހުންނަކީ މުޅިން ހެން ވެސް، މިފަދަ މަވެތި ނަރުޖިސީ ޝަޚުސިއްޔަތެއްގެ ވެރިންނެވެ.

ކުދި ގައުމުތަކުގައި ތިބޭ، މިނަންގަތް ފަދަ ތިމާގެ އަމިއްލަ 'ބަނޑަށާއި' ތިމާގެ އަމިއްލަ ނަފްސުގެ ބޮޑުކަމަށްޓަކައި މަސައްކަތްކުރާނޭ ފަދަ މީހުން ފާހަގަކޮށް، ބޮޑެތި ގައުމުތަކުން މި މީހުންނާ ގުޅައި، އެފަދަ މީހުންގެ އެހީގައި، ކުދި ގައުމުތައް އެމީހުންގެ އަތްދަށަށް ގެންނަން މަސައްކަތްކުރެއެވެ. އަދި، މި ގޮތަށް މަސައްކަތްކޮށް، އެފަދަ 'ލީޑަރުން' މެދުވެރިކޮށް ބޮޑެތި ގައުމުތަކުގެ އެދުންތައް، އެބައި މީހުން ހާސިލު ކުރެއެވެ. ދެން، މިދެންނެވި، ތިމާގެ އަމިއްލަ 'ބަނޑަށާއި' ތިމާގެ 'އަމިއްލަ ނަފްސުގެ ބޮޑުކަމަށް' އަޅުކަންކުރާ ލީޑަރުންގެ ވާޖިބަކަށް ވެފައި އޮންނަނީ ރައްޔިތުން ކޮންޓުރޯލުކުރުމެވެ. އެކަން ކުރުމުގައި ހުރިހާ ވަސީލަތްތަކެއް ވެސް ބޭނުންކުރުން އޮންނަނީ ހުއްދަވެފައެވެ. ދޮގު ހެދުމާއި އޮޅުވާލުން. ގައުމުގެ ޚަޒާނާއަކީ އެފަދަ ލީޑަރުންގެ އަމިއްލަ އެއްޗަކަށް ހަދައި، އެމީހުންގެ ބޮޑުކަމާއި މުހިއްމުކަން ދަމަހައްޓައި، އެ ވަސީލަތްތައް ރައްޔިތުން ކޮންޓުރޯލުކުރަން ބޭނުންކުރުމެވެ. ރާއްޖެއިން މި ކަންކަމުގެ މިސާލު ދެކެން ބޭނުންވި މީހަކަަށް މިހާރު ފެންނަން އެބައޮތެވެ. އެކަންކަން ދުށުން އެދޭ މީހަކު ކުރަންޖެހޭނީ އެންމެ ކަމެކެވެ. ޕާޓީއާއި ޒާތީ ތައައްސުބުގެ ޖާހިލިއްޔަތުން ދުރަށްޖެހިލައި، އަމިއްލަ ލޯ ހުޅުވާލައި ކަންކަން ވަމުންދާ ގޮތުގެ މައްޗަށް ބަލާލައި އަމިއްލައަށް ވިސްނައި ފިކުރުކޮށްލުމެވެ!

  1. އަހަރުމެންނަށް ދަސްވި ޑިމޮކުރަސީ ހަނދާންކޮށްދެނީ ކާރލް މާރކްސް ބުނި ވާހަކައެކެވެ. އޭނާ ބުނީ 'ދީނަކީ އަފިހުނެއް ކަހަލަ އެއްޗެއް ކަމެވެ'. އާންމު މީހުން، ކަންކަމާ މެދު އަމިއްލައަށް ވިސްނުން ގެންނގުޅުން ދޫކޮށްލައި، މީހުން ކަނުކޮށްލާ އެއްޗެއް ކަމެވެ. ކާލް މާރކްސްގެ މި ބުނުން މިއަދު އަހަރުމެންގެ ތެރޭގައި މިއޮތީ އެހެން ގޮތަކަށް ބަދަލުވެފައެވެ. ޑިމޮކުރަސީ މި އޮތީ އަފިހުނަކަށް ވެފައެވެ. އެއީ އާންމު މީހުން އެމީހުންގެ ޕާޓީގެ އަވައިގައި ޖެހިފައި ތިބިލެއް ބޮޑުކަމުން، އެމީހުންގެ ސަލާމަތް ބުއްދި ފިލައިގެން ގޮސްފައިވާތީއެވެ. ތިމާގެ ޕާޓީގެ މީހާ ބުނުމުން، އެ ބުނުމަކީ ތާކުންތާކު ނުޖެހޭ ބުނުމަކަށް ވިޔަސް، އަމިއްލައަށް ވިސްނާނުލައި އެ ބުނުމަކީ ރަނގަޅުކަމެއްކަން ގަބޫލުކުރާ ދަރަޖައަށް ގޮސްފައެވެ. ތިމާމެންގެ ނަރުގިސީ ޝަޚުސިއްޔުގެ ލީޑަރުގެ ރުހުން ހޯދުމުގެ އެދުމުގައި، އެ ނަރުގިސީ ލީޑަރުގެ ވާހަކައަކީ ކޮންމެ ފަދަ ވާހަކައަކަށް ވިޔަސް، ތިމާގެ އަމިއްލަ ވިސްނުމުގެ ތަރާދުން އެ ވާހަކައެއް ކިރާލުމުގެ ބޭނުމެއް އޮތްކަމަށް ނުދެކި، އެކަން ގަބޫލުކުރަންވީއެވެ. އާދެ، އަހަރުމެންނަށް ދަސްވި ޑިމޮކުރަސީ މިއޮތީ ކާރލް މާރކްސް ބުނާ ފަދަ އަފިހުނަށް ވެފައެވެ. މީސްތަކުން މަސްތުކޮށްލައި އެމީހުންގެ ހަމަ ބުއްދި ފިލުވާލާ އެއްޗަކަށް ވެފައެވެ!

މި ލިއުމުގައި އެވާ ވާހަކަކޮޅުންނާއި މަތީގައިވާ ކާޓޫނުތަކުން ވެސް މި ހަގީގަތް ފެނެއެވެ.

ފުރަތަމަ ކާޓޫން:

ސިޔާސީ ލީޑަރު: އަހަރެން ހުރިހާ އިރެއްގައި ތެދެއް ނުބުނަމެވެ!

ދެވަނަ މީހާ: މަނިކުފާނު ހާދަހާވާ ތެދުވެރިއެވެ!!

ދެން އޮތް ދެ ކާޓުނު ބަލައިލައި އަމިއްލަ ވިސްނުމުގެ އަލީގައި އެ ދެކާޓޫނު ވެސް މާނަކޮށްލާށެވެ!