Support Us

ކޮލަމް ކޯދު: ސުއާލަކާއި އެ ސުއާލަށް ދެވުނު ބައެއް ޖަވާބު- ހަޔާތުގެ މާނައަކީ…؟

ހަޔާތުގެ މާނައަކީ ކޮބައިހޭ މީހަކު އެއްސެވެ. ޖަވާބުގައި، އެހެން މީހަކު، މީސްމީހުން ހަޔާތަކީ ކޮބައިކަން ބުނެދިނުމުގެ ގޮތުން ކިޔާފައި ހުރި ބައެއް ވާހަކަ ބުންޏެވެ.

ހަޔާތަކީ ނަރަކައެކެވެ، ރޫސީ ލިޔުންތެރިޔާ ދޫސްތުވިސްޓްސްކީ ބުނެފައިވެއެވެ.

ހަޔާތަކީ އިމްތިހާނެކެވެ، ޔޫނާނީ ފަލްސަފާވެރިޔާ ސޮކްރާޓިސް ބުނެފައި އޮވެއެވެ.

ހަޔާތެއް ލިބިގަނެވޭނީ ބުއްދި ބޭނުންކޮށްގެން ކަމުގައި ޔޫނާނީ އެހެން ފަލްސަފާވެރިެއްކަމުގައިވާ އަރިސްޓޯޓުލިސް ބުނެފައި އޮވެއެވެ.

ހަޔާތަކީ ބާރެވެ. ހަޔާތެއް ލިބެނީ ބާރެއް ލިބިގެންނެވެ. ޖަރުމަނުގެ ފަލްސަފާވެރިޔާ ނީޗްޝޭ ބުނެފައި އޮވެއެވެ.

ހަޔާތަކީ މަރެވެ. އާދެ، ހަޔާތަކީ މަރުން ނިމޭ، އޭގެ ބޭނުމެއް ނެތް އެއްޗެކޭ ދޭހަވާ ގޮތަށް ނަފްސާނީ ތަހުލީލީ އިލްމުގެ ބާނީ ފްރޯއިޑު ބުނެފައި އޮވެއެވެ.

ހަޔާތެއް އުފައްދާލެވެނީ ފިކުރުގެ ޒަރިއްޔާއިން ކަމަށް ކޮމިޔުނިސްޓު އަގީދާގެ ބާނީ ކާރލް މާކްސް ބުނެއެވެ.

ކުރެހުންތެރި ފަންނާނު ޕިކާސޯ ބުނަނީ ހަޔާތަކީ ފަންނު ކަމުގައެވެ.

އިންޑިޔާގެ މިޒަމާނުގެ ބައްޕަކަމުގައި ބެލެވޭ ގާންދީ ބުނަނީ ހަޔާތަކީ ލޯބިކަމުގައެވެ. ހަޔާތެއް ލިބެނީ އެންމެން ދެކެވެސް ލޯބިވެވި، އެންމެނަށް ކަމޭ ހިތައިގެން ކަމެވެ.

ފަލްސަފާވެރި ޝޯޕެންހާއޯރ ބުނަނީ ހަޔާތަކީ ވޭނާއި ކެކުޅުން ތަހައްމުލުކުރުން ކަމުގައެވެ.

އެޕަލް ކުންފުނީގެ ބާނީ ސްޓީވެ ޖޮބްސް ބުނަނީ ހަޔާތަކީ އީމާން ކަމެވެ. އެމީހަކު ގަބޫލުކުރާ ކުރުމުގެ މައްޗަށް އަމަލުކޮށް އެމީހަކު ބޭނުންވާ ކަމެއް ހަގީގަތަކަށް ހަދާލަން ލިބޭ ފުރުސަތެއް ކަމެވެ.

ސައިންސު އިލްމުވެރިޔާ އައިންސްޓަައިން ބުނަނީ ހަޔާތަކީ މައުރިފާކުރުން ކަމުގައެވެ. ސިކުނޑި ބޭނުންކޮށްގެން ކަންކަން ދެނެގަތުމަށް ލިބޭ ފުރުސަތެއްކަމެވެ.

ލިޔުންތެރި އަދީބު ކަފްކާ ބުނަނީ ހަޔާތަކީ ފެށުމެއް ކަމެވެ. ތިމާ ކުރަން ބޭނުންވާ ކަންކަން ކުރުމުގެ ފެށުމެއް ކަމެވެ.

އަދިވެސް އެހެން މީހަކު ބުނެފައި އޮވެއެވެ. "ހަޔާތަކީ ފުމޭ އޮނެއް ފަދަ އެއްޗެކެވެ. އެ އޮނު ހޮއިވެފައި އޭގައި ލޯވަޅުތައް އެޅިފައި ވެއެވެ. ނަމަވެސް، ރަނގަޅަށް ބަލައިގެން އެ އޮނު ފުމެފި ނަމަ، ސިހުރެއް ފަދަ ރީތި ރާގުތައް އެއިން ކުޅެ، ހަޔާތް ނައްޓުވާލައި، ހަޔާތަށް އުފާވެރިކަންގެނުވެއެވެ."

ޝައްކެއް ނެތެވެ. ހަޔާތުގެ އޮނު ފުމެން ނޭނގިދާ ފަހަރު ވެސް އަތުވެދާނެއެވެ. ޅަވެފައި ތަޖުރިބާ މަދުވުމުންނެވެ. ނަމަވެސް، ތިމާގެ ޖަޒުބާތުތައް ތިމާގެ މައްޗަށް ވެރިވިޔަ ނުދީ، އަދި، ތިމާގެ މައްޗަށް އަމުރު ހިންގައި މަގުދައްކާ ފަރާތަކީ ތިމާގެ އިހުސާސުތައް ކަމަށް ނުހަދައި، ބުއްދި އިސްކޮށްގެން، ވިސްނުމާއި ފިކުރުކުރުމަށް އިސްކަންދީގެން، ހަޔާތުގެ އޮނު ފުމެން ފަށައިފި ނަމަ، ހަޔާތުގެ ރީތި ރާގުތައް ކުޅެވި، ރަންގީނުކުލަތަކުން ހަޔާތުގައި ކުލަޖައްސާލެވެި، ހަޔާތް އުފާކޮށްލަދެވެއެވެ! އާދެ، ހަޔާތުގެ ކޮންމެ ވަގުތެއްގައި ވެސް ހަޔާތުގެ އޮނުގައި ރަނގަޅަށް ހިފަހައްޓައިގެން، ބަލައިގެން ހުރެ، އަޅާލައިގެން، ރީތި ރާގުތައް ކުޅެލައި ހަޔާތަށް އުފާވެރިކަން ގެނެވިދާނެއެވެ! އެހެންވެ، ދިރި ހުރިހާ ހިނދަކު، ހަޔާތުގެ އޮނު ފުމެ ރީތި ރާގުކުޅުން ދޫކޮށް ނުލާށެވެ!

ކޮންމެއަކަސް މަތީގައި އެވަނީ އެކި މީސްމީހުން، ހަޔާތާއި ބެހޭ ގޮތުން ބުނެފައިވާ ވާހަކައެވެ. ދެން ސުއާލުކޮށްލެވުނީ ކިޔުންތެރިޔާގެ ނަޒަރުގައި ހަޔާތަކީ ކޮބައިތޯއެވެ؟ އެއް ކިޔުންތެރިއެއް ބުނި ވާހަކައިގައި އަޅައިގަތެވެ. އޭނާ ބުނީ ހަޔާތަކީ ބާރަށް ދަތުރުކުރަމުންދާ ރޭލެއް ފަދަ އެއްޗެއް ކަމެވެ. އިޝާރާތެއް ވެސް ކޮށްލުމަކާ ނުލައި އެ ރޭލު ދޭތެރެދޭތެރެއިން، މަޑުޖައްސާލައެވެ. އެއްބަޔަކު ބާލައި އަނެއް ބަޔަކު ހަޔާތުގެ ރޭލުގެ ދަތުރުގައި ބައިވެރިކޮށް، ދުއްވާލައި އަލުން ހަޔާތުގެ ދަތުރު ފަށައި ކުރިއަށް ދިޔުމަށެވެ! އާދެ، މިކަން މިދަނީ ކޮންމެ ދުވަހަކުހެންމެ ތަޖުރިބާކުރަމުންނެވެ!