Support Us

ޙައްޖުގެ މަނާސިކުތަކާ އެހެނިހެން ޢިބާދާތުތަކުގެ ތަފާތުކަން

ގިނަ ދަންނަބޭކަލުން ވިދާޅުވާގޮތުގައި، ޙައްޖު ފަރްޟު ކުރެއްވީ ހިޖްރައިން ނުވަ ވަނައަހަރުގެ ފަހުކޮޅުގައެވެ. ޙައްޖު ފަރްޟު ކުރައްވައިފިކަން އެންގެވި އާޔަތް ((وَلِله عَلَى النّاس حِجُّ البَيْتِ مَنِ اسْتَطَاعَ إِلَيهِ سَبِيلا)) ބާވައިލެއްވީ ވަފްދުތަކުގެ އަހަރުގައި ކަމަށް ވާތީއެވެ. އެކަލޭގެފާނު ހިޖްރައިން 10 ވަނަ އަހަރު ޙައްޖުވެ ވަޑައިގެންނެވިއެވެ. ކީރިތި ރަސޫލާ ﷺ ޙައްޖުވެވަޑައިގެންނެވީ ހަމަ އެންމެ ފަހަރަކުއެވެ. މި ޙައްޖަށް [ޙިއްޖަތުލް ވަދާޢި] އެވެ، ކިއުނެވެ.

ތާރީޚީ ގޮތުން ސާބިތުވާ ގޮތުގައި ﷲގެ ރަސޫލާ ހަތަރު ފަހަރު ޢުމްރާވެ ވަޑައިގަތެވެ. އެއީ ހިޖްރައިން ހަ ވަނަ އަހަރާއި ހަތްވަނަ އަހަރާއި އަށްވަނަ އަހަރާއި 10 ވަނަ އަހަރުގައެވެ.

ޙައްޖަކީ އިސްލާމުކަމުގެ ރުކުންތަކުގެ ތެރެއިން ފަސްވަނަ ރުކްނެވެ. މާތްﷲ ޙައްޖާއި ޢުމްރާ ފަރްޟުކުރެއްވީ ކުޅަދާނަވެގެންވާ މީހާގެ މައްޗަށެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلاً- އެކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصد ކޮށްގެން ދިއުމީ، (އެބަހީ: حج ވުމަކީ) اللَّه އަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް واجب އެކެވެ.))

ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((أَيُّهَاالنَّاسُ قَدْ فَرَضَ اللَّهُ عَلَيْكُمُ الْحَجَّ فَحُجُّوا. فَقَالَ رَجُلٌ أَكُلَّ عَامٍ يَارَسُولَ اللَّهِ فَسَكَتَ حَتَّى قَالَهَا ثَلاَثًا فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- «لَوْ قُلْتُ نَعَمْ لَوَجَبَتْ وَلَمَا اسْتَطَعْتُمْ- މީސްތަކުންނޭވެ! ހަމަކަށަވަރުން މާތްﷲ ތިޔަބައިމީހުންގެ މައްޗަށް ޙައްޖު ފަރްޟު ކުރައްވައިފިއެވެ. ފަހެ، ތިޔަބައިމީހުން ޙައްޖުވާށެވެ. އެހިނދު މީހަކު ދެންނެވިއެވެ. އޭ، ﷲގެ ރަސޫލާއޭވެ! ކޮންމެ އަހަރަކު ތޯއެވެ؟ އެމީހަކު ތިންފަހަރު މިހެން ދަންނަވަންދެން ރަސޫލުﷲގެފާނު އެއްޗެއް ވިދާޅުނުވެ ހުންނެވިއެވެ. އެއަށްފަހު ޙަދީސް ކުރެއްވިއެވެ. ތިމަންކަލޭގެފާނު އާއެކޭ ޙަދީސްކުރެއްވިނަމަ އެކަން ވާޖިބުވެދާނެތެވެ. ތިޔަބައިމީހުންނަށް އެކަންކުރުމަށް ކުޅަދާނަވެގެން ނުވެއެވެ.))

ޝާފިޢީންނާއި ޡާހިރީން ވިދާޅުވާ ގޮތުގައި ޙައްޖުވުމާއި ޢުމްރާވުމަކީ ވާޖިބު ދެ ކަންތަކެވެ. އެހެނީ މާތްﷲ ވަޙީކުރެއްވިއެވެ. ((وَأَتِمُّوا الْحَجَّ وَالْعُمْرَ‌ةَ لِلَّـهِ- އަދި ތިޔަބައިމީހުން ﷲ އަށްޓަކައި ޙައްޖާއި ޢުމްރާ ފުރިހަމައަށް އަދާކުރާށެވެ.)) ޢުމަރުގެފާނާއި އިބްނު ޢައްބާސާއި ޒައިދު ބުނު ޘާބިތާއި އިބްނު ޢުމަރާއި ސަޢީދު ބުނުލް މުސައްޔަބާއި ސަޢީދު ބުނު ޖުބައިރާއި ޠާވޫސާއި މުޖާހިދާއި އިބްނު ސީރީނާއި ޝަޢުބީއާއި ނަޚްޢީގެ ރައުޔަކީ މިއެވެ. ޒައިދުބުނު ޘާބިތުގެ އަރިހުން ރިވާވެގެންވެއެވެ. ((ޙައްޖާއި ޢުމްރާއަކީ ދެ ފަރީޟާއެކެވެ. އެއިން ކޮންމެ ކަމަކުން ފެށިއަސް ތިބާއަށް ގެއްލުމެއް ނެތެވެ.))

ޙައްޖަކީ ޚާއްޞަ މަނާސިކުތައް އަދާކުރުމަށްޓަކައި ޙައްޖުގެ މައްސަރުތަކުގައި ގެފުޅަށާއި މުޤައްދަސް މަޝްޢަރުތަކަށް ދިޔުމެވެ. ޙައްޖުގެ އަޅުކަންތަކުގައި ހިމެނެނީ ޖުމްލަ ހަ ދުވަހެވެ. އެއީ ޙައްޖުމަހުގެ އަށްވަނަ ދުވަހުން ފެށިގެން އެ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ޙައްޖުގެ ފަރީޟާ އަދާކުރާން ފަށާ މީހާ ޙައްޖުމަހުގެ އަށްވަނަ ދުވަހު (ތަރްވިޔާ ދުވަސް) ޙައްޖުވުމަށް އިޙްރާމު ބަންނާނެއެވެ. ނުވަނަ ދުވަހު ދާނީ ޢަރަފާތަށެވެ. ނުވަ ވަނަ ދުވަހު އިރު އޮއްސުމުން މުޒްދަލިފާއަށް ގޮސް އެ ރޭ އެތާނގައި މަޑުކުރުމަށްފަހު 10 ވަނަ ދުވަހު ދާނީ މިނާއަށެވެ. މިނާގައި އެ ދުވަހު ޖަމްރަތުލް އަޤަބާއަށް ހިލައުކައި ހަދްޔު ކަތިލައި ބޯ ބާލާނީއެވެ. ނުވަތަ ބޯ ކޮށާނީއެވެ. ދެން މައްކާއަށް ގޮސް ޠަވާފުލްއިފާޟާ ކޮށް ސަޢުޔުކުރާނީއެވެ. އެއަށްފަހު މިނާއަށް އެނބުރި ގޮސް އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި މިނާގައި ހުރެ ތިން ޖަމްރާއަށް ކޮންމެ ދުވަހަކު ހިލަ އުކާނީއެވެ.

ޙައްޖުގެ މަނާސިކުތަކާ އެހެނިހެން ޢިބާދާތުތައް ތަފާތުކޮށްދޭ ޚާއްޞަ ސިފަތަކެއް ނުވަތަ ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި ފާހަގަކުރެވޭ ލާސާނީ އެންމެ މަޝްހޫރު ކަންތައްތަކަކީ:-

1. ޙައްޖަކީ އެންމެ މާތް ޖިހާދު: މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ކީރިތި ރަސޫލާ ﷺ އަށް ދެންނެވިއެވެ. ((يا رَسولَ اللهِ، نَرى الجِهادَ أفْضَلَ العَمَلِ، أفلا نُجاهِدُ؟ قالَ: لا، لَكِنَّ أفْضَلَ الجِهادِ حَجٌّ مَبْرُورٌ- އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެންނަށް ފެންނަގޮތުގައި އެންމެ މާތް ޢަމަލަކީ ޖިހާދެވެ. ފަހެ އަޅުގަނޑުމެން ޖިހާދުކުރަންތޯއެވެ؟ އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ނޫނެކެވެ. އެހެނަސް އެންމެ މާތް ޖިހާދަކީ މަބްރޫރު ޙައްޖެވެ.)) މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއިޞަލަވާތްލެއްވި ރަކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((جِهَادُ الْكَبِيرِ وَالصَّغِيرِ وَالضَّعِيفِ وَالْمَرْأَةِ الْحَجُّ وَالْعُمْرَةُ- ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީންނާއި ހަށިގަނޑު ނިކަމެތި މީހުންނާއި އަންހެނުންގެ ޖިހާދަކީ ޙައްޖާއި ޢުމްރާއެވެ.)) ޙައްޖަކީ ޖިހާދެކެވެ. އެއީ އެކަމުގައި ހަނގުރާމައެއް ނެތް، ކުރިމަތިލުމެއް ނެތް ޖިހާދެކެވެ. އެހެންކަމުން ޙައްޖުން އަވަދިވެގެން ޤައުމަށް އެނބުރި އައިސް ޖިހާދުގެ މަތީގައި ދެމިހުންނަން ވާނެއެވެ. ޖިހާދުގެ ތެރޭގައި ނަފްސާ ދެކޮޅަށް ކުރެވޭ ޖިހާދާއި، ޝައިޠާނާއާ ދެކޮޅަށް ކުރެވޭ ޖިހާދާއި ޤައުމަށްޓަކައި ކުރެވޭ ޖިހާދު ހިމެނެއެވެ. އޭގެ ތެރޭގައި އުއްމަތުގެ އެއްބައިވަންތަ ކަމަށްޓަކައި ކުރެވޭ ޖިހާދުވެސް ހިމެނެއެވެ.

2. ޙައްޖަކީ ހުރިހާ ފާފަތަކެއް ފުއްސަވާދެއްވާ އަޅުކަމަކަށްވުން: މާތްﷲ ރުއްސުންލެއްވި ޢަމްރު ބުނުލް ޢާޞުގެ ހިތްޕުޅު އިސްލާމްދީނަށް ހުޅުއްވާ ދެއްވުމުން އެކަލޭގެފާނު ކީރިތި ރަސޫލާ ﷺ އަށް ދެންނެވިއެވެ. ކަލޭގެފާނަށް ބައިޢަތު ހިފުމަށް ޓަކައި ކަނާތްޕުޅު ހުޅުއްވާފައި ދެއްވާށެވެ! ޢަމްރު ވިދާޅުވިއެވެ. އަހުރެން އަތް މުށްކެވީމެވެ.އެހިނދު ރަސޫލާ ޙަދީސް ކުރެއްވިއެވެ. ((مالك يا عَمرو؟! قال: أردتُ أن أشترطَ. قال: تشترطُ ماذا؟ قال: أن يُغفَرَ لي. قال: أما علمتَ يا عَمرو! أنّ الإسلامَ يهدِمُ ما كان قبلَه، وأنّ الهجرةَ تهدِمُ ما كان قبلَها، وأنّ الحجّ يهدِمُ ما كان قبلَه؟- ކަލޭގެފާނަށް ވީ ކިހިނެއްތޯއެވެ؟ ޢަމްރު ދެންނެވިއެވެ. އަޅުގަނޑު ކަލޭގެފާނުންގެ މައްޗަށް ޝަރްޠެއް ކުރަން ބޭނުންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ކޮން ޝަރްޠެއްތޯއެވެ؟ ދެންނެވިއެވެ. އަޅުގަނޑަށް ފާފަފުއްސަވާ ދެއްވުމެވެ. ކީރިތި ރަސޫލާ ﷺޙަދީސް ކުރެއްވިއެވެ. އިސްލާމްކަމަކީ އެ ކަމުގެ ކުރީގެ ފާފަތައް ފުހެ ނައްތައިލާ ކަމެއްކަން އެނގިވަޑައިނުގަންނަވާތޯއެވެ؟ އަދި ހިޖްރަކުރުމަކީ އެ ކަމުގެ ކުރީގެ ފާފަތައް ފުހެ ނައްތައިލާ ކަމެއްކަން އެނގިވަޑައިނުގަންނަވާތޯއެވެ؟ އަދި ޙައްޖުވުމަކީ އެކަމުގެ ކުރީގެ ފާފަތައް ފުހެ ނައްތައިލާ ކަމެއްކަން އެނގިވަޑައިނުގަންނަވާތޯއެވެ؟)) މިކަމަށް ބާރުދޭ އެތައް ބަސްފުޅުތަކެއް ވެއެވެ. އިތުރު ބަސްފުޅެއް ދަންނަވައިލާނަމެވެ.

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުންގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވި އަޑުފުޅު އެއްސެވީމެވެ. ((مَنْ حَجَّ فَلَمْ يَرْفُث ولم يَفْسُقْ رَجَعَ كيَومِ وَلَدَتْهُ أمُّه- ޙައްޖުގެ ތެރޭގައި ފާޙިޝްކަމެއް އަދި ފާސިޤުކަމެއް ނުކޮށް ޙައްޖުވިމީހާ އޭނާގެ މަންމަ އޭނާ ވިހޭ ދުވަހަށް (ޠާހިރުކަމަށް) ރުޖޫޢަވެއްޖެއެވެ.)) މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلا الْجَنَّةُ، قِيلَ وَما الحجُّ المَبْرُورُ؟ قال: إطْعامُ الطَّعامِ وإفْشاءُ السَلامِ- މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވާ އެހެން ޖަޒާއެއްނެތެވެ. ދެންނެވުނެވެ. ޙައްޖު މަބްރޫރު ކުރަނީ ކޮންކަމެއްތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. މިސްކީނުންނަށް ކާންދިނުމާއި ސަލާންގަލާން ފެތުރުމެވެ.)) މި ޙަދީސްފުޅުތަކުން ސާފުކޮށް އެނގޭގޮތުގައި ޙައްޖަކީ ފާފަތައް ފުހެލައި އަޅުކަމެކެވެ. އެހެނަސް ފާފަތައް ފުހެލަދޭ ޙައްޖަކީ މަބްރޫރު ޙައްޖެވެ. އެއީ ﷲގެ ވަޖްހުފުޅު އަދައިގެން މާތް ﷲ އަންގަވައިފައިވާ ގޮތަށް ޙައްޖުގެ ހުރިހާ މަނާސިކުތަކެއް އަދާކޮށް ޙައްޖު ފުރިހަމަ ކުރުމެވެ. ޙައްޖުގެ ސަވާބު އުނިކޮށްފާނެ އެއްވެސް ކަމެއް އެކަމުގެތެރޭގައި ނުހިމެނޭ ޙައްޖެވެ. މީހަކަށް އަނިޔާވެރިނުވެ ގޯނާއެއް ނުކޮށް އަދާކުރާ ޙައްޖެވެ.

3. ކުޑަކުއްޖާ އަދާކުރުމުން ޞައްޙަވާ ހަމައެކަނި އަޅުކަން: ކީރިތި ރަސޫލާ ﷺގެ ޞަރީޙަ ބަސްފުޅުތަކުން އެނގޭ ގޮތުގައި ((رَفَعَتْ امْرأةٌ صَبِيًّا لها إلى رَسولِ اللهِ ﷺ فقالَتْ: يا رسولَ اللهِ ألِهذا حَجٌّ؟ قال: نَعَمْ ولَكِ أجْرٌ- އަންހެނަކު އޭނާގެ ތުއްތު ދަރިފުޅަކު ކީރިތި ރަސޫލާ ﷺގެ އަރިހަށް ގެންގޮސް ދެންނެވިއެވެ. މި ކުއްޖާއަށް ޙައްޖު ކުރެވޭނެތޯއެވެ؟ ރަސޫލާ ޙަދީސްކުރެއްވިއެވެ. އާނއެކެވެ. އަދި ތިބާއަށް ސަވާބު ހުށްޓެވެ.)) އަރަބި ބަހުގައި ޞަބިއްޔު ކިޔަނީ ކުޑަ ކުއްޖާ ވިހާ ދުވަހުން ފަށައިގެން ގޮސް ކިރުތުނބުން ވީއްލުމާ ދެމެދުގެ ޢުމުރުގެ ކުދީންނަށެވެ. ޢަބްދުލް މުއްޠަލިބުގެފާނުގެ ދަރިކޮޅުގެ ކުޑަ ކުއްޖަކު ގޮވައިގެން މީހަކު ޙައްޖުގެ މަނާސިކުތައް އަދާކުރަމުން ދިޔަތަން ކީރިތި ރަސޫލާ ﷺ އަށް ފެނިވަޑައިގަތުމުން ޙަދީސް ކުރެއްވިއެވެ. ((له حج وللذي يحجه أجر– އެ ކުއްޖާއަށް ޙައްޖު ލިބިގެން ވެއެވެ. އަދި އެ ކުއްޖާއަށް ޙައްޖުކޮށްދިން މީހާއަށް އެ ކަމުގެ އަޖްރު ލިބިގެންވެއެވެ.)) ޙައްޖުގެ މަނާސިކުތަކުގައި ކުޑަކުދީންނާއި ބޮޑެތިމީހުންގެ ތަފާތެއް ނެތެވެ. ބޮޑެތި މީހުންނަށް މަނާކަންތައްތައް ކުޑަކުއްޖާއަށް ވެސް މަނާވާނެއެވެ. ކުޑަކުދީންވެސް ޠަވާފުކޮށް ޞަފާމަރްވާގައި ހިނގާ ސަޢުޔުކުރާން ޖެހޭނެއެވެ. އެ ކުދީންނަށް ނުކުރެވޭ ކަންތައް އެ ކުދީންނަށް ކޮށްދޭނީއެވެ. ޢާއިޝަތުގެފާނާއި އިބްނު ޢުމަރުގެފާނު ކުޑަކުދީންނަށް ޠަވާފުކޮށްދެއްވާ ސަޢުޔުކޮށްދެއްވައިފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި ޖާބިރުގެފާނު ވިދާޅުވާ ގޮތުގައި "ތިމަން ބޭކަލުން ރަސޫލާގެ އަރިހުގައި ޙައްޖުވެ ވަޑައިގަތްއިރު ތިމަންބޭކަލުންނާ އެކުގައި އަންހެނުންނާއި ކުޑަކުދީން ތިއްބެވެ. ކުޑަކުދީންގެ ކިބައިން ތަލްބިޔާ ވިދާޅުވީ ތިމަންބޭކަލުންނެވެ. އަދި ޖަމްރާއަށް ހިލަ އުއްކެވީ ތިމަން ބޭކަލުންނެވެ." އެކުދީންނަށް މީރުވަސް ދުވާ އެއްޗެހީގެ ބޭނުންކުރުން ވެސް މަނާވާނެއެވެ.

4. އެ ކަން ފެށުމަށް ފަހު އެކަން ފުރިހަމަ ކުރާން ޖެހޭ ހަމައެކަނި އަޅުކަން: ހުރިހާ ދަންނަބޭކަލުން ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ޙައްޖުގެ އަޅުކަން ފެށުމަށްފަހު (އެއީ ފަރްޟު ޙައްޖަކަށް ވިޔަސް ސުންނަތް ޙައްޖަކަށް ވިޔަސް) އެ ޙައްޖު ފުރިހަމަ ކުރުން ވާޖިބުވާނެއެވެ. އެއްބައި އަދާކޮށްފައި ހުއްޓައެއް ނުލެވޭނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَ أَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ- ތިޔަބައިމީހުން اللَّه އަށްޓަކައި حج އާއި عمرة ފުރިހަމައަށް އަދާކުރާށެވެ!)) އައްޝަޢުބީ އެކަލޭގެފާނުންގެ ތަފްސީރުގައި ވިދާޅުވާ ގޮތުގައި މި ބަސްފުޅުގެ މާނައަކީ ޙައްޖާއި ޢުމްރާގެ މަނާސިކުތައް ފަށައިގަތުމަށް ފަހު އެ ދެ އަޅުކަމުގެ ހުރިހާ މަނާސިކުތަކެއް ފުރިހަމަ ކުރާން ޖެހޭނެއެވެ. ފަސްޚެއް ނުކުރެވޭނެއެވެ. އިބްނު ކަޘީރު ވިދާޅުވާގޮތުގައި މާތްﷲ މި ވަނީ އެ ދެ އަޅުކަން ފުރިހަމަކުރުމަށް އަމުރުކުރައްވައިފައެވެ. މި ބަސްފުޅާ ވިދިގެން ((فَإِنْ أُحْصِرْتُمْ – ފަހެ، އެކަމުގައި ތިޔަބައިމީހުން إحصار ވެއްޖެނަމަ، (އެބަހީ: ދެކޮޅުވެރި ބަޔެއްގެ ސަބަބުން، ނުވަތަ އެނޫން ކަމެއްގެ ސަބަބުން ނަމަވެސް، حج ވުމަށް ނުވަތަ عمرة ވުމަށް ދިޔުމުގެ މަގު ބަންދުވެއްޖެނަމަ)) މިހެން އައުމުން މި ކަން އެނގެއެވެ. ދަންނަބޭކަލުން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި ޙައްޖުވުމަށް ނުވަތަ ޢުމްރާވުމަށް ފަށައިފިނަމަ އެ އަޅުކަން ފުރިހަމަކުރުން ލާޒިމުވާނެއެވެ. ހުއްޓައެއްނުލެވޭނެއެވެ. އެއީ ﷲގެ ޙުރްމަތްތައް މަތިވެރިކުރަން އަންގަވައިފައިވާތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَمَنْ يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ- އަދި اللَّه ގެ شعائر ތަކަށް (އެބަހީ: هدى ކަތިލުމާއި، أضحية ކަތިލުމާއި، حج ގެ عمل ތަކާއި، އެނޫންވެސް دينى أمر ތަކަށް) މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، އެކަންތައް ވަނީ، ހިތްތަކުގެ تقوى ވެރިކަމުގެ ތެރެއިންނެވެ.)) މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. ((ޙައްޖަށް ނުވަތަ ޢުމްރާއަށް އިޙްރާމުބަން މީހާ އެ ކަންކަން ފުރިހަމަކުރުމުގެ ކުރިން ތަޙައްލުލުވުމެއް ނެތެވެ.)) އައްޝައިޚު އިބްނު ޢުޘައިމީން ވިދާޅުވާ ގޮތުގައި ޙައްޖާއި ޢުމްރާ ފިޔަވައި އެހެނިހެން ޢިބާދާތުތަކުގައި އެއިން އަޅުކަމަކުން ވަކިވުމަށް ނިޔަތް ގަތުމުން އެ އަޅުކަމަކުން ބޭރުވެވޭނެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *