Support Us

ކޮލަމް: ހަވާސް

ގައުމީ ދިދަ ބައިދަނޑީގައި ހުންނަ ގޮތަކީ މިއީ؟

މިއީ ޖުމްހޫރީ މައިދާނެވެ. ފޮޓޯގެ ބިއްދޮށުން އެ ފެންނަނީ ކޯއްޓޭގެ ބޮޑު ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ހުއްޓައެވެ. އެއީ ދައުލަތުގެ އިއްޒަތްތެރިޔަކު އަވަހާރަވުމުން އެ ކަމުގެ ހިތާމައިގައި، ގައުމީ ދިދަ، މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެންނެވެ.

ފޮޓޯގެ މަގަތުން އެ ފެންނަނީ ސީޝެލްސްގެ ރައީސް ރާއްޖެ ވަޑައިގަންނަވަން ވެގެން ޖުމްހޫރީ މައިދާނުގައި ނަގައިފައި ހުރި ގައުމީ ދިދަތަކެވެ. އެ ދިދަތައް ހުރީ ދަނޑީކޮޅަށް ނަގައިފައެވެ. ގައުމީ ހިތާމައިގެ ތިން ދުވަސް މިއަދަށް ހަމަވަނީއެވެ. އެކަމަކު ގައުމީ ހިތާމައިގައި އެ ދިދަތަކެއް ބައިވެރިއެއް ނުވެއެވެ. ހަމަ އެ ގޮތަށް، ގައުމީ ދިދަތަކާއެކު މާލޭގެ އެކި ހިސާބުތަކުގައި ނަގައިފައިވާ ސީޝެލްސްގެ ދިދަތައް ވެސް ހުރީ ހަމަ ދަނޑީކޮޅުގައެވެ.

"ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާ ކަމުގައި ބަލާނީ، ދިދަ ދަނޑީގެ ކުރިން ފެށިގެން، ދިދައިގެ ފުޅާމިނަށް ތިރިކޮށްފައި ބެހެއްޓުމުން" ކަމަށް ދިދަ ބޭނުންކުރުމުގައި އަމަލްކުރުމާ ބެހޭ، 20 ޖޫން 2022 ގެ އުސޫލުގައިވެއެވެ. އަދި މި އުސޫލުގައި ބުނާ ގޮތުން، "ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ނަގާ ހާލަތްތަކުގައި ދިވެހި ޤައުމީ ދިދައާއެކު އެހެން ދިދައެއް ނުވަތަ ދިދަތަކެއް ނަގައިފައިވާނަމަ، އެ ދިދައެއް ނުވަތަ އެ ދިދަތަކެއްވެސް ބަހައްޓަންވާނީ، ބައިދަނޑިއަށް ތިރިކޮށްފައެވެ." ނަމަވެސް މާލެތެރެއިން މި ފެންނަނީ އެހެނެއް ނޫނެވެ.

މިކަމުން އަންގައިދެނީ ކޮން އެއްޗެއްތޯއެވެ؟ ކުރާ ކަމާއި އެކަމާ ގުޅިފައި އޮންނަ މާނައާ ދޭތެރޭ ނުވިސްނާ ކަމެވެ. ގައުމީ ޝަޚުސިއްޔަތެއް މި ފަނާވަނިވި ދުނިޔެ ދޫކުރުމުން، އޭނާގެ ޚިދުމަތްތައް ފާހަގަކޮށް، ގައުމު އެކަމަށް އިއުތިރާފުވެ، އޭނާ އަވަހާރަވުން ގައުމަށް ފުން ހިތާމައެއް ގެނެސްދިން ކަމުގެ މާނައެވެ. ނަމަވެސް، މި މާނައާ ދޭތެރޭ ނުވިސްނައި، ބައި ދަނޑިއަށް، މި ފެންނަ ފަދަ ގޮތެއްގައި ދިދަ ތިރިކުރުމުން، އެކަން އެކުރަނީ އަޅުގަނޑުމެން ކިޔާ ގޮތުން، "އަމާ ބުނީތީ ފަރަށްދާ" ގޮތަށެވެ. ނަމަކަށް ކަމެއް ކޮށްލަނީއެވެ.

ނޫނީ މިކަމުން ފެންނަނީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތައް ތަންފީޒުކުރުމުގައި ދައުލަތުގެ މުވައްސަސާތައް ސަމާލުކަންދޭ މިންވަރުތޯއެވެ؟ އެހެން ނޫން ނަމަ މި ފޮޓޯތަކުން ދައްކުވައިދެނީ ސަރުކާރަށް ތާއީދުކުރާ ދިދަ އާއި އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ ދިދަތައް ކަމަށް ނިންމަންވީތޯއެވެ؟ ގައުމީ ދިދަ ވެސް ސިޔާސީވެ، ދެ ފަޅިވީތޯއެވެ؟ މިއީ ވެސް ސިޔާސީ ކަމެއްތޯއެވެ؟ ފަހެ ގައުމީ ދިދައަށް ނުދިން ސަމާލުކަމެއް ދެން ދޭނީ ކޮން އެއްޗަކަށްތޯއެވެ؟