މަގްސަދެއް ހާސިލް ނުވަންޏާ އެކަމަކާ ދުރުވާންޖެހޭ
އަގްދަކަށް ބެލުމެއް ނުވާނަމަ އަގްދު ރައްދު ކުރަންޖެހޭ
ވެއްޖެނަމަ ނުހިލޭކަމަށް ބޮލި ބޮލިހިލަން އެރުނަސް ފަރަށް
ގެއްލެނީ އަގުހުރި ވަގުތުކަން ނެތި އަގެއް ވިސްނެންޖެހޭ
ދުއްވިޔަސް މިސްރާބަކަށް އޮޑި ބިޔަ ފަރެއް އޮތް ކުރިމަތީ
ފުއްޓަރަށް އުރުވައިނުލައި އޮޑި ދާނެމަގު ދަންނަންޖެހޭ
ކުރިމަތީން މަލަމަތި ނަގާ ރަށްރަށް އެގޭ ނިޔަމީން ނުލައި
ފުރިކަމަކު ދަތުރެއް ކުރަން ދިގު ވާނެގޮތް ދަންނަންޖެހޭ
ރުއްރުކާ ގަސްގަސްމެ ހައްދާ ފަލަވިޔަސް ގޮފި ގަސްގަނޑާ
ރުއްގަހުގެ އާރެއް ނުލާކަން ނުވެ ދުވަސް ދަންނަންޖެހޭ
އާރުނުލަނީ ގަސް ޅަފަތުގައި ހާނުވައި ތެދުނުކުޅަ ނަމަ
އާރުލީމާ ތެދު ނުވާކަން ބުއްދިޔަށް ވިސްނެންޖެހޭ
ގަންނަ މަތިވަރު ހިތިވެގެންވާ ގަސްތަކެއް ހައްދައިފި ނަމަ
ގަންނަ މަތިވަރަކުން ނަފާ ނުލިބޭނެކަން ދަންނަންޖެހޭ
ކަނޑުހިނގާ އެތިގަނޑުގެ ދަށުގައި މަސްމަހާ އެން އެޅުމަކީ
ކަނޑުގެ އޮއިވާލީގެ ހުކުމޭ ހޭއަރައި ވިސްނަންޖެހޭ