Support Us

ކޮލަމް ކޯދު: ތަސްވީރެއް ބުނެދޭ ވާހަކަ- ދެ ހަރުފައިގެ އަރާރުންވުން

މަތީގައި އެވާ ތަސްވީރުން ފެންނަނީ ދެ ހަރުފައެއް އަރާރުންވެ ތަޅާފޮޅާ ތަނެވެ. އެކަތި އަނެކަތީގެ ގައިގައި އޮޅުލައި ފިއްތާލީއެވެ. އޭގެ އަޚާގެ ދުވަސް ދުއްވާލުމުގެ ގޮތުންނެވެ. އަނެކަތީގެ ވެސް ބޭނުމަކީ ހަމަ އޭގެ އަޚާގެ ދުވަސް ދުއްވާލުމެވެ. ލިބުނު ފުރުސަތުގެ ބޭނުންކޮށް، މަރުވަމުންދަމުން ވެސް، އޭތީގެ އަޚާގެ ގައިގައި ދަތްއަޅައި ވިހަލިއެވެ. ނަތީޖާއަކީ ހެއްޔެވެ؟ އެކަތި ނޭވާ ހާސްވެގެން މަރުވުމެވެ. އަނެކަތި ވިހައިގެ ސަބަބުން މަރުވުމެވެ.

މި ދެ ހަރުފައަށް އެކުގައި އުޅުމުގެ އެކަށޭނަކަމުގެ ސިފަތައް ދެއްވާފައި ވެއެވެ. މި ދެ ކަމަކީ ވެސް ހަރުފައިގެ ޖިންސުގެ ތެރޭގައި ހިމެނޭ ދެ ކަމެވެ. ނަމަވެސް، އެކަތި އަނެކައްޗަކީ އެކަތި އަނެކަތީގެ ޖާނީ ދުޝްމަނުން ކަމުގައި ބަލައި، ދެބަސްވެ، ދެން، އަރާރުންވެ، އެވަރުން ވެސް ނުފުދިގެން ގައަށް އަތްލައި މަރާމާރީ ހިންގައި، ކޮންމެ އެއްޗެއް ވެސް ބޭނުމަކަށްވީ އަނެކަތީގެ ދުވަސްދުއްވާލުމެވެ. އާޚިރުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ދޭތި ވެސް މަރުވެ، ނިމިގެން ދިޔައީއެވެ.

މިއީ މިހާރު އަހަރުމެންގެ ތެރެއިން ތަމްސީލުވެ ފެންނަމުންދާ މަންޒަރެކެވެ. އަހަރުމެންނަކީ އެއްބައެއްގެ ގޮތުގައި އުޅުމުގެ ހުރިހާ ސިފަތަކެއް އެކުލެވޭ ބައެކޭ ބުނެވިދާނެއެވެ. ނަސްލުގެ ތަފާތުކަމެއް ނެތެވެ. އެންމެންނަކީ ވެސް، ބުނެވެނީ، ދިވެހިން ކަމުގައެވެ. ވާހަކަ ދައްކަނީ އެއް ބަހަކުންނެވެ. ދިވެހި ބަހުންނެވެ. ބައެއް ހިސާބުތަކުގެ ބަހުރުވައިގައި ބައެއް ތަފާތު ހުރިކަމުގައި ވިޔަސް ވެހެވެ. އެ ތަފާތުތަކަކީ އެއްބަޔަކު ދައްކާ ވާހަކަ އަނެއް ބަޔަކަށް ނޭނގޭހާ ބޮޑު ތަފާތެއް ހުރި ބަހުރުވަތަކެއް ނޫނެވެ. ހަފްތާއެއް ނޫނީ މަހެއްހާ ދުވަހު، އެ ފަދަ ބަހުރުވައިން ވާހަކަ ދައްކާ ބައެއްގެ ތެރޭގައި އުޅުމުން، އެ ބަހުރުވަ ފަހުމުވާ ގޮތް ވެއެވެ. މީގެ އިތުރުން، ބޮޑު އަޣުލަބިއްޔަތަކީ އެއް ދީނަކަށް ތަބާވާ، އެއް އަގުތަކެއް ވެސް ހިއްސާ ކުރާ ބައެކެވެ. އަދި، ހަމަ އެހެންމެ، އެންމެން ވެސް، އެއް ތާރީޚެއް ހިއްސާކުރާ ބައެކެވެ. މިހުރިހާ ކަންކަމީ އެންމެން އެއްކުރުވާން ޖެހޭ ކަންކަމަށް ވެއެވެ. ޚިޔާލު ތަފާތުވުމާއި ދެބަސްވުން އަރާރުން ވުމާއި މަރާމާރީ ހިންގައި އެކަކު އަނެކަކުގެ ދުވަސް ދުއްވާލާ ހިސާބަށް ގެންދިޔުން ހުއްޓުވައިދޭން ޖެހޭނޭ ކަންކަމެވެ.

ނަމަވެސް، މި ނަންގަތް އެންމެ އެއްކުރާ ބަހާތަކުގެ މަތިން ހަނދާން ނެތި، ކޮންމެ މީހަކީ ވަކި ފަރުދަކަށްވެ، ޖަމާއީކަންކަމުގައި، އޭނާގެ އަމިއްލަ މަސްލަހަތު އިސްކުރުމުން، ދެން މެދުވެރިކުރުވަނީ މަތީގައި ނަންގަނެވި ދިޔަ ދެ ހަރުފައަށް ދިިމާވި ގޮތެވެ. އެކަކު އަނެކަކުގެ ގައިގައި ބައްދައި ފިއްތާލައި އަދ ވިހަލެވެން އޮތް ނަމަ އެކަން ވެސް ކުރުމެވެ. އާޚިރު ނަތީޖާއަކީ މުޅި ޖަމާއަތް ހަލާކުވުމެވެ. އެއް ބައެއްގެ ގޮތުގައި ދެމި އޮތުމުގެ އެކަށޭނަކަން ނެތި ދިޔުމެވެ. މި މަންޒަރު، އެނގި ތިބެ، ހިތްހަމަޖެހުމާއެކު ބަލަން ތިބޭ ބޭރު ބާރުތަކަށް ތަނަށް ބާރުވެރިވުމުގެ މަގު ފަހިވެ ދިިޔުމެވެ. އާދެ، މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވިދިގެން ދިޔުމުގެ ނަތީޖާއެވެ. ގިނަ ސިޔާސީ ޕާޓީތަކުގެ ޑިމޮކުރަސީގެ ނިޒާމު ގެނެސްދިން ސިޔާސީ ތަރައްގީއެވެ!