Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ބޮޑުއީދުގެ ބޮޑުމަހުގެ ކުޅިވަރު ރައިވަރާއެކު

ޢީދު ކުޅިވަރުތަކުގެ ތެރެއިން އެންމެ ފޯރިޔާއެކު ކުޅޭ އެއް ކުޅިވަރަކީ، ބޮޑުމަސް ބޭނުމެވެ. އިހުޒަމާނުގައި ޢީދުގެ ރޭތަކުން ކޮންމެ ރެއެއްގައި ވެސް ރަށުތެރޭގައި ބޮޑުމަސް ދުއްވާނެއެވެ. އަދި ގޭގޭ ދޮރުމަތީގައި ބޮޑުމަސް ބަނޑުޖަހާނެއެެވެ. ގޭދޮރުމަތީގައި ބޮޑުމަސް ބަނޑުޖެހުމުން ޢީދަށް ހަދާފައި ހުންނަ ޢީދު ހަދިޔާގެ ބާވަތްތަކުން ލުއިކާނާގެ ބާވަތެއް ނުވަތަ ދޮންކެޔޮ އަރިއެއް ފަދަ އެއްޗެއް ވިޔަސް ބޮޑުމަހުގެ އަނގަޔަށް ލެވުމުން އެެހެން ގެއެއްގެ ދޮށަށް ބޮޑުމަސް ހިނގައިދާނެއެވެ. ބޮޑުމަސް ގޭގޭ ދޮށަށް ދަނީ ގޭގޭގެ ކުޑަކުދީން ނިދުމުގެ ކުރީގައި އެކުދީނަށް ވެސް ބޮޑުމަހުގެ ކުޅިވަރު ފެނުމުގެ ފުރުޞަތު ދިނުމަށެވެ.

އިހުގައި ޢީދު ހަދިޔާގެ ލުއި ކާނާގެ ގޮތުގައި ތަފާތު ބޮނޑިޔާއި ހަކުރުލީ ކަނަމަދާއި ފަނިޔާރަޔާއި އުޅާއްޔާއި ވެންބޮޅާއި އެކިއެކި ޒާތްޒާތުގެ ތަފާތު ފޮނި ކާނާ ޢީދު ހަދިޔާގެ ގޮތުގައި ގޭގޭގައި ހަދައި ޢީދަށްޓަކައި ތައްޔާރުވެއެވެ. އެއީ، ޢީދުގައި ގެއަށް ޒިޔާރަތްކުރާ މީހުނަށް އެއިން ހަދިޔާދީ ހެދުމަށްޓަކައެވެ. އެޒަމާނަކު މިހާރުހެން ހޮޓާހޮޓަލެއް ރަށްރަށަކު ނުހުރެއެެވެ. ޢީދުކުޅިވަރު ކުޅޭއިރު ބަނޑުހައިވެގެންވެސް ކާން ލިބޭނީ ޢީދު ހަދިޔާއެކެވެ.

އަދި ޢީދުގެ ކޮންމެ ރެއަކުވެސް ގިނަ ގޭގޭގައި ދެބާވަތުގެ ބޯކިބާ އަޅައެވެ. އެއީވެސް ޢީދުގައި ގެއަށް ޒިޔާރަތްކުރާ މީހުނަށް ކާން ދިނުމަށްޓަކައެވެ. އުނދުނުގެ އަޅިގަނޑުގައި ފިހާން ވަޅުލާފައި އޮންނަ ބޯކިބާ ސަމާސާ އާއި ޖެއްސުމުގެ ގޮތުން ސިއްރުން ނެގުމުގެ ސަގާފަތެއް ވެސް އޮވެއެވެ. އެހެންވެގެން ބޯކިބާ ފިހާން ލާފައި އޮންނަ އިރު އެ ގޭގޭ މީހުން ތިބޭނީ އެކަމަށް ވަރަށް ފާރަވެރި ވެސް ވެގެންނެވެ.

ޢީދުގެ ރޭތަކުން ފަހުރޭ، ނުވަތަ ޢީދު ނިންމާ ރެޔަކީ ބޮޑުމަސް ބާނާ ރެއެވެ. ޢީދުގެ އެންމެ ފަހު ކުޅިވަރަކީ ވެސް ބޮޑުމަސް ބޭނުމެވެ. ބޮޑުމަސް ބޭނުމުން ޢީދުކުޅިވަރު ވެސް ނިމުނީއެވެ. ބޮޑުމަސް ބާނަނީ ރޭގަނޑު ކުޑަކޮށް ދަންވެލީމައެވެ. އެއީ އިހަށް އެކަންކޮށް އުޅުނު ގޮތެވެ.

މި ޒަމާނަކަށް އައިއިރު އެފަދަ އާދަތަކާއި ސަގާފަތްތައް ގެއްލިގެން ގޮސް މިއަދުގެ ޖީލާ ހަމަޔަށް އެކަންކޮށް އުޅުނު ޒާތު ވެސް ވަނީ ގެއްލިފައެވެ. އެކަން ކުރިއެއް ކަމަކު އެކަމުގައި އެހެން ކުލަތަކެއްވެސް ވަނީ ޖެހިފައެވެ. މިއަދު ކޮންމެވެސް ސިފައަކަށް އެކަން ކުރަނީއެވެ. އެފަދަ ގޮތަކަށް ބޮޑުމަސް ހަދައި ބޮޑުމަސް ދުއްވައި ބޮޑުމަސް ބާނައި ހަދަނީއެވެ.

އެހެން އެކަން ހުރުމުން، ޢީދުތަކުގައި ބައެއް ކުޅިވަރު ތަކަށާއި، ޚާއްޞަކޮށް ބޮޑުމަސް ބޭނުންފަދަ ކުޅިވަރުތަކަށް ރައިވަރު ހަދާން އަަޅުގަނޑު ގާތުގައި އެކިއެކި ރަށްރަށުން އެދޭތީ އެކަން ކޮންމެވެސް ވަރަކަށް ކޮށްދެމެވެ.

ނަމަވެސް، މިފަހަރުގެ ބޮޑު ޢީދަށް ބޮޑުމަސް ބާނާ ގޮތާއި އެކަމަށް ބޭނުންވާ ރައިވަރު ކޮޅަކާއި ފޯރި ލަވަބަޔަކާއި ހަދައިދީފައި، އެކަން ކުރާ ގޮތުގެ ތަފްޞީލެއް ވެސް ބޭނުންވެގެން ރަށަކުން އެދުނީތީ، އެންމެ ބޯދާ ގޮތަށް ނޫންނަމަވެސް، ބޮޑުމަސް ދުއްވައި ބޮޑުމަސް ބާނައި އުޅުނު ގޮތުގެ އަޞްލުތަކުގެ ކުލަ މުޅިން ފިލައިގެން ނުގޮސް އިހުގެ އަސަރުތައް ވެސް މުޅީން ނުގެއްލޭ ގޮތެއްގެ މަތީން، ބޮޑުމަސް ބޭނުމުގެ ސަގާފަތަށް އައު ދިރުމެއް ގެނައުމަށް ގަސްތުކޮށް، މުޅި ރާއްޖޭގެ ހުރިހައި ރަށަކަށް ވެސް މި ލިޔުމާއި ރައިވަރުކޮޅާއި ފޯރިލަވައިގެ ބޭނުން ހިފޭނޭ ގޮތަށް، ބޮޑުމަސް ބޭނުމުގެ ޝޯ ހުށަހެޅުމުގެ ބާވަތަކާއި އެކަމުގައި ކިޔާނެ ފޯރި ލަވަބަޔަކާއި ރައިވަރުކޮޅެއް ހަދައިގެން "ބޮޑުމަހުގެ ސަގާފީ ކުޅިވަރު" މި ނަމުގައި މަޢުލޫމާތުކޮޅެއް މި ލިޔުމުގައި ލިޔެ ފޯރުކޮށްލީއެވެ.

ބޮޑުމަސް ބޭނުމުގެ މަންޒަރުތައް:

އިރުވައިގެ ހުވަން ނަކަތު މުޅަށްއަޅާފައި އޮންނަ ފަދަ ދުވަސްވަރެކެވެ. ބޮޑުރިޔާ ނަގާފައި ހުއްޓަސް ވައި ނުޖެހޭތީ ރިޔާ އޮންނާނީ ކުނބާ ސަވަލާއި ހަންޖާ މައްޗަށް ލައްވެ ތަތްލާފައެވެ. މަޑުމަޑުން ފަލި ވައްޓަމުން (ފަލިވެއްޓުމޭ ބުނަނީ ފަލިޖަހާ މީހުން ވަރުބަލިނުވެ މަޑުމަޑުން ދޯނި ކުރިޔަށް ހެލިލާވަރަށް ދޭތެރެ ދުރުކޮށް ފަލިޖަހާ ޖެހުމަށެވެ.) ފަތިހާ ފުރައިގެން އެންހަލަކަށް ގޮސް ވަަރަށް މަސައްކަތުން އެންކޮޅެއް ހިފެއެވެ.
ދެން ދޯނި އެންހަލުން މޮހެލައިގެން ހަަމަ، ފަލިޖަހަމުން ގޮސް ކަނޑަށް ނުކުމެއެވެ. ފަލިވަޅު އަޅަމުން ރަށާ ފެޔަށް ދޯނި ދުއްވައެވެ.
މަހެއް ތިލަ ނުވާތީ އައްތެލިލައި ވެސް ލައެވެ. (އައްތެލި ލުމަކީ ރިތެއްގައި ނުވަތަ ދިގު ދޮއްޓެއްގައި މަސްވެރިކަމުގެ މަންތަރެއް ލިޔެފައި ދޯނީގެ ބޭރުފަރާތުން ފަށަނުގައި ކޮޅުންކޮޅަށް ކާއްތައިލާ ކާއްތައި ލުމެކެވެ. ދިރުނބާކޮޅަށް އަރާފައި ދިރުނބާކޮޅުން ކޮޅުފަސްކޮޅާ ހަމަޔަށެވެ.) އަދި ކަންވެރިކަމުގެ ޒާތުން އޮޑި ނިޔުޅުން ކޮށްފައި މަސް އުނގުރީމަތީ ކާށި ޖަހައި ފަތިސްނަމާދު ބަންގިދީ ހަދައެވެ. އެކަމަކު އެދުވަހަކު މަހެއް ތިއެއް ތިލަނުވުމުން ދެން ދިގުއޮޑި ކަފި ޖަހައެވެ. ދިގުކަފި ޖެހުމުން މައިމަހެއް ތިލަވާކަމަށް ބުނެއުޅޭ ޙާލަތު މަންޒަރުގައި ފެންނާން ވާނެއެވެ.

1- ފުރަތަމަ މަންޒަރު: އެންހަލުގައި. (އެންހިފުމުގެ ޙަރަކާތެއް).
2- ދެވަނަ މަންޒަރު: އެންހަލުން މޮހެލައިގެން ކަނޑުން ނުކުމެ ބޭރަށް ފަލީގައި ދުއްވުން.

ރައިވަރު- 1:

އެންހަލުން ގެންފުރާ
ފެންނަފަށު ރަށް ވެލިއޮބާ
އެންވަށިން ވަކިދެން އުކާ
ހެއްމަ ތިލަ ހަމަ ތީނުވާ
ފެންނަގައި ކަފި ހިނައިފޫއެ
ދެންދިގު ކަފި ޖަހައިފޫއެ

(ނޯޓް: ދިގުކަފިޖެހުމަކީ، އެޒަމާނުގައި މަސްވެރިކަމެއް ނެތީމައި، މަސްއައިނެއް ތިލަވޭތޯ، ކަފި އުފުރައި ހިނަވާފައި ޖަހާ ކަފި ޖަހައެވެ. އެއީ، މުޖައްރަބު މަސްފަންޑިތައެއް ކަމުގައި ދެކެއުޅެއެވެ. ދިގުކަފި ޖެހީމާ މަސްއައިން ތިލަވިޔަސް މައިމަހެއް ތިލަވާ ކަމަށްވާތީ، ދިގުކަފި ޖަހަނީ ރަށާދިމާޔަށް ދޯނި އަނބުރާފައެވެ. ދިގުކަފި ޖެހުމަށްފަހު ކިތަންމެ ދަހި އައިނެއް ތިލަވެފައި އޮޑިދަށުގައި ތުންހިއްކާފައި ވިޔަސް ދޯނި މަޑުނުކޮށް ގޮސް ރަށަށް ނުވަތަ ކަނޑުއޮޅިޔަކަށް ވަންނާން ޖެހޭކަމަށް ބުނެއެވެ. އެހެން ނޫނީ މައިމަސް ތިލަވެ އޭގެ ތުރާ ކުރިމަތި ނުވެއެއް ނުދާނެކަމަށް ވެއެވެ.)

3- ތިންވަނަ މަންޒަރު: ދިގުއޮޑި ކަފިޖަހާފައި ރަށާދިމާޔަށް ދުއްވަމުން ދަނިކޮށް، އަދި އޮޑިދަށަށް ތިލަވެފައިވާ ދަހި މަސްއައިނުން މަސްބާނަމުން ދަނިކޮށް މައިމަސް ތިލަވާ މަންޒަރު:

ދޯނީގެ ދިރުނބާކޮޅުގައި ހުރި މީހަކަށް ދޯންޏާއި ރަށާ ދޭތެރޭން މައިމަހެއް ތިލަވެފައި އޮތްތަން ފެނުމުން ދޯނީގެ މީހުންގެ ސަމާލުކަމަށް އެކަން ގެނައުން:

ރައިވަރު- 2:

ލާމަތްސަ ނުވާހާ
ގާތުން މަހެއް މައިނަގާ
ޔާކޮތަރި ނަގުލާ ތަޅާ
ޅާކޮށްފު އަނގަ ދެޔޭ އާ
ބާނިފޮޅުވުން ރައްކަލޭ ނު
ލާހިކު އަނގަ ފުޅަލޭ ނު

4- ހަތަރުވަނަ މަންޒަރު: ދަހިކޮށް ބާނަމުން ދިޔަ މަސްބޭން ހުއްޓާލާފައި ސަލާމަތަށް އިސްކަންދީ ރޮމުން ނަދުރުގޮވަމުން ބަންގިގޮވަމުން ދަންނަހައި ހެޔޮ އެއްޗެއްވިއްޔާ ކިޔުމުގައި މީހުން މަޝްޣޫލުވެއެވެ. އެކަމަކު ކެޔޮޅުކަލޭގެ ހިތުގައި އެމަސް ގަންނުވައި ބޭނުމުގެ ޚިޔާލު އުފެދިއްޖެއެވެ. ހިތަށް އެރިއެވެ. އެޔަކަސް މަރޭ މިޔަކަސް މަރޭ އެސޮރުވިއްޔާ އެސޮރޭ އަހަރުމެންވިއްޔާ އަހަރުމެނޭ މިއަދަކު އެސޮރާ ކުރިމަތި ނުލައެއް ހުއްޓައެއް ނުލާނަމެވެ.

އެއަށްފަހު ކެޔޮޅު ކުރާ އަމުރު:

ރައިވަރު- 3:

ފައިނަގައި ހެތުރުގާ
ލައިފައިމެ ބުޅި އަސްޖަހާ
ދައިގޮ ފަަލަ މަހެއްގާ
ޅައިއަބުޅި ލަނި ހޫރުވާ
ގައިމުގުލުފަސް ނިކަން ޓާތި
ލައިވަރު ހިފަ ހައްޓާތި

(މިވާހަކަ ކެޔޮޅުކަލޭގެ ރައިވަރަކުން އެންގުމުން ހެތުރެއްގައި ބޮޑު ބުޅިޔެއްލާފައި ބުޅީގައި ފޫފަލަ ގޮދައެއް އަޅާފައި އެސޮރާ ދިމާޔަށް ހޫރައިލައެވެ. ދެން އެ ހެތުރުގައި ބޮޑުމަސް ގަނެއެވެ. ބޮޑުމަސް ބަލިކުރާން ޒާތްތާތުގެ ފަންޑިތަ ހަދަހަދައި އޮއްވައި ހެތުރު އުފުރާލައިފައި (ކަނޑާލައިފައި) ބޮޑުމަސް އައިޔަށް އޮބައިލައެވެ.

އަނެއްކާވެސް މޯހިރުން ތިލަވެ އަނގަ ހުޅުވައިގެން ދޯންޏާ ދިމާޔަށް އާދެއެވެ. މި ފަހަރުވެސް ހަމަ ކުރީ ފަހަރުހެން ރައިވަރުން ކެޔޮޅު އަމުރު ކުރުމުން ކުރުމުން، ހެތުރުގައި ބޮޑުބުޅިއެއް އަޅައިފައި ފޫފަލަ ގޮދައެއް ބުޅީގައި އަޅައިފައި އެސޮރާ ދިމާޔަށް އެއްލުމުން ލަހެއް ފަހެއް ނެތި އެސޮރު ގަނެއެވެ. އެކަމަކު މި ފަހަރު ވެސް ހެތުރު އުފުރާލައިފައި އެސޮރު ދާނެއެވެ.

އަނެއްކާވެސް މޯހިރުން ތިލަވެ އަނގަ ހުޅުވައިގެން ދޯންޏާ ދިމާޔަށް އާދެއެވެ. މި ފަހަރުވެސް ހަމަ ކުރީ ފަހަރުހެން ރައިވަރުން ކެޔޮޅު އަމުރު ކުރުމުން ކުރުމުން، ހެތުރުގައި ބޮޑުބުޅިއެއް އަޅައިފައި ފޫފަލަ ގޮދައެއް ބުޅީގައި އަޅައިފައި އެސޮރާ ދިމާޔަށް އެއްލުމުން ލަހެއް ފަހެއް ނެތި އެސޮރު ގަނެއެވެ. އެކަމަކު މި ފަހަރު އެސޮރުގެ މަތީތަލި ފޫއަޅާފައި ބުޅި ބޭރަށް ނުކުތުމުން އެސޮރު ރަނގަޅަށް ބުޅިމަތިވެއެވެ.

އިހުގައި ބޮޑުމަސް ބާނަނީ ތިން ރެއިންނެވެ. އިސްވެ ބަޔާންކުރި ތިން ފަހަރަކީ ތިން ރޭގެ މައްޗަށް އޮންނަ ކުޅިވަރެކެވެ. އެކަމަކު އެއްރެއިން މަސްބާނާ ނަމަ އެއްރޭގައި ތިން ފަހަރަށް މަސް ގަންނުވާ އުޞޫލުން ފަހު ފަހަރު މަސް ބޭނޭ ގޮތަށް އެކަން ކުރެވިދާނެއެވެ.

ބޮޑުމަސް ހެތުރު ކަނޑައިލާ ވަގުތު ހެތުރުގައި ހިފައިގެން ތިބޭ މީހުން ދޯނީގެ ވަތުތެރެޔަށާއި މަޅުމައްޗަށް ވެއްޓޭ ޙަރަކާތް ވެސް ހިމެނެންވާނެ
ކޮންމެ ފަހަރަކު ވެސް ބޮޑުމަސް ގަތުމުން ބޮޑުމަސް ބަލިކުރާން ނަނުގައި އުއިޖަހައި ފިލާކޮޅުކޮޅު ނުވަތަ މެއްކު ފަދަ ޒާތްޒާތުގެ ތަކެތީގައި މަންތަރުތައް ލިޔެފައި މަހާ ދިމާޔަށް އެއްލުން ފަދަ ބޯދާ ސަގާފީ ކަންކަން ޙަރަކާތުގައި ދައްކާން ވާނެއެވެ.

5- ފަސްވަނަ މަންޒަރު: މައިމަސް ބަލިކުރާން މަންތަރުތައް ހަދަހަދާފައި ނަނުގައި އުއިޖަހައި ހަދާއިރު ވެސް މަސް ބަލިނުވުމުން، ކެޔޮޅު، އެންކެޔޮޅަށް ކުރާ އަމުރު:

ރައިވަރު- 4:

ޔާނިލަންމާ ޖަފާ
މާދުނަ ފަތިސް ބަންގިޔާ
ދާނެހެން އަޑު ދުރަށްމާ
ޅާއެ އެންކެޔޮ ށޭ ގޮވާ
ކާނުރައް ނުވެ ހިނގައިދާނެ
ސާހިތަކުއި އޮބިދާނެ

(މި މަންޒަރުގައި ކިޔެވެލިކިޔަވައި ފަތިސްނަމާދު ބަންގިގޮވައި ހަދާ މަންޒަރު ތަމްސީލުވާން ވާނެއެވެ.)

އެންކެޔޮޅަށް ކެޔޮޅުގެ ދެ ވަނަ އަމުރު:

ރައިވަރު- 5:

ލާށޭ ފޮށާ ފޮޅާ
ޣާފިރު ފަށައި ކުށްނުލާ
ބާކެނޑި ވަޅަށް ފައިކިޔާ
ށާބޮލުފޮ ށޭ ފޮޅާލާ
ތާފަތުން ކަރު އެސޮރު ލާނެ
ލާފައި ހޯސް ލޭލާނެ

(މި މަންޒަރުގައި އެންކެޔޮޅު މަންތަރުގެ ބަނދިވަރުތަކެއް ކިޔަވާފައި ނުވަތަ ތުން ތަޅުވަތަޅުވާފައި ބޮލުގައި އޮތް ފޮށާ ނަގައި ބޮޑުމަހާ ފިމާޔަށް ފޮށާޖަހާ މަންޒަރު ވެސް ތަމްސީލުވާން ވާނެއެެވެ.)

6- ހަވަނަ މަންޒަރު: އެއްލާފައިވާ ހެތުރު (ނަނުބައި) ގައި މައިމަސް ގަނެގެން މަތަނުވެ ތެޅިފޮޅޭ މަންޒަރާއި ފޯރީގައި ނަގާ ކިޔަމުން ބެރާއި އަތްތިލަބަޑި ހަމަކޮށް ޖަހަމުން ފޯރީގެ ލަވަޔަކުން ބޮޑުމަސް ބާނާ މަންޒަރު ފޯރިޔާއެކު ތަމްސީލުވާން ވާނެއެވެ.
7- ލަވައިން އުފައްދާ ގަދަ ފޯރީގައި ބޮޑުމަސް ބާނާ މަންޒަރު: ލަވަ ލިޔުމުގައި ތިރީގައި ރޮނގު ދަމާފައިވާ ބައިތަކަކީ ނަގައިކިޔާ ބައެވެ. ތިރީގައި ރޮނގު ނުދަމާ ބަޔަކީ އެންމެން ކިޔާ ބައެވެ. ނުވަތަ ފޯރިއެވެ.

މަސްބާނާން ހެތުރަށް ދަމަމުންދާނީ ވަރަށް ބަރު އެއްޗެއް އެތައްބަޔަކު ހެސްކިޔާފައި ހިފައި ދަމައިލީމައި ކިރިޔާ ތަންފުކެއް ދަމައިލެވޭ ގޮތަށެވެ. މާނޭވާލެވި ވަރުބަލި ވެފައި ތިބޭ ޙާލުގައެވެ. މަސް ބޭނޭނީ ވަރަށް ގިނައިރު މަސައްކަތް ކޮށްގެންނެވެ.

އޮޑިދޮށަށް މަސް ތިލަވީމައި ދޯނީގައި ހުރި ހުރިހައި ވާތަކެއް އައްސައި ކަފުޖަހައިގެން ލަވަ އަންބާ ލަވަ ކިޔަމުން ރަށަށް ގެނައުމުން ރަށުގެ ރައްޔިތުން ވެސް ވަލުގައި ހިފައި ވަލަށް ދަމާފައި މަސް ރަށުގޮޑަށް ބީއްސުވާ މަންޒަރު ތަމްސީލުވާން ވާނެއެވެ.

ލަވަ:

ނަނުގައި ގަނެ ފިޔޯ އެސޮރު
ފިޔޯ އެސޮރު ފިޔޯ އެސޮރ
ނަނުގައި ގަނެ ފިޔޯ އެސޮރު
ފިޔޯ އެސޮރު ފިޔޯ އެސޮރު
ނަނުގައި ގަނެ ފިޔޯ އެސޮރު
ފިޔޯ އެސޮރު ފިޔޯ އެސޮރު

މަތީތަލީ އަޅައިފިޔޯ
ތަލިވެސް ފޫ ހިނގައްޖެޔޯ
މަތީތަލީ އަޅައިފިޔޯ
ތަލިވެސް ފޫ ހިނގައްޖެޔޯ

ފިޔޯ އެސޮރު ފިޔޯ އެސޮރު
ނަނުގައި ގަނެ ފިޔޯ އެސޮރު
ފިޔޯ އެސޮރު ފިޔޯ އެސޮރު
ނަނުގައި ގަނެ ފިޔޯ އެސޮރު

ބަލިވެއްޖޯ ބަލިވެއްޖޯ
ބިޔަޔަސް މަސް ބަލިވެއްޖޯ
ބަލިވެއްޖޯ ބަލިވެއްޖޯ
ބިޔަޔަސް މަސް ބަލިވެއްޖޯ
މައިތިރި ވެސް ކުރެވިއްޖޯ
ބިޔައެއް ބޮޑު ބޭނިއްޖޯ

ދަމާގެނޭ ދަމާގެނޭ
ލުހެލައިގެން ދަމާގެނޭ
ދަމާގެނޭ ދަމާގެނޭ
ލުހެލައިގެން ދަމާގެނޭ
ނުދީ ދުލެއްނު ދަމާގެނޭ
ބޮޑުމަސް އެއްގަމަށް ގެނޭ

މަސްދޯނީގައި ތިބޭ މީހުންގެ ބާވަތްތައް: ކެޔޮޅެއް، އެންކެޔޮޅެއް (ކަންވެރިކަން ދަންނަ)، 10 ފަޅުވެރިން.

ހެދުން: ކެޔޮޅާއި އެންކެޔޮޅު- ހުދު ގަންޖުފަރާސް، މުންޑު، ބޮލުފޮށާ.

ފަޅުވެރިން: ހަރުވާޅެއް ނުވަތަ ފަޓްލޫނު މަތިން މުންޑު އަނދެ ފޫގޮޅި ޖަހައިގެން ހުސްގަޔާ.

ތަސްބީހަ: ކިޔެވެލި ކިޔަވާއިރު އެންކެޔޮޅު އަތުގައި ތަސްބީހައެއް އޮންނާން ވާނެއެވެ. ޓެނިސް ބޯޅަ ސައިޒުގެ އެއްޗަކުން މަދުވެގެން 20 އޮށް ހިމެނޭ ތަސްބީހަފައްޗެކެވެ. ނުވަތަ ފުނަ އޮށުގެ ތަސްބީހަ ފައްޗެކެވެ. ޓީޓީބޯޅަ ސައިޒުގެ އެއްޗަކުން ތަސްބީހައިގެ އޮށްތައް ހުއްޓަސް ރަނގަޅުވާނެއެވެ. ޓެނިސްބޯޅައިގެ ސައިޒުގެ އޮށްތަކެއް ނަމަ ތަސްބީހައިގެ މަލިމަޔަކަށް 500 އެމްއެލް ފެންހުސްކުރި ފުޅިއެއްގެ ސައިޒުގެ އެއްޗެއް އެމުނުން ރަނގަޅުވާނެއެވެ. ތަސްބީހަފަތީގެ އޮށްތަކާ މަލިމައިގެ ސައިޒުގެ ބޮޑުމިން ގުޅިފައި އޮތުން ރަނގަޅު ވާނެއެވެ.

ލަވަޔާއި ރައިވަރުކޮޅު ރެކޯޑުކޮށްފައި އަޑުގަދަކޮށް ސެޓަކުން ޖަހަމުން ބޮޑުމަސް ބާނާ މީހުންގެ އަނގައިގެ ޙަރަކާތް އެއާ ގުޅުވުމުން ވެސް ރަނގަޅުވާނެއެވެ.

  • ރައިވަރުތައް ކިއުއްވާފައި ވަނީ: މ. މުލީ ޢަބްދުﷲ ސަޢީދު