Support Us

ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ- 2

މި ހާލުކޮޅުގައި ކަތީބު ކަލޭފާނު އުޅުއްވިއިރު ވެސް ނަމާދަށް ޖަމާޢަތަށް ވަޑައިގަންނަވައެވެ. އެއް ދުވަހަކު މެންދުރު ނަމާދަށް މިސްކިތަށް ވަޑައިގެންނެވުމަށް ގެއިން ނުކުންނަވާފައި ހިތްޕުޅަށް އަރާވަޑައިގަތެވެ. މިއަދު މެންދުރު ނަމާދަށް ވަޑައިގަންނަވާނީ ކުޑަ މިސްކިތަށެވެ. އެ މިސްކިތާ ވަރަށް ކައިރިއަށް ވަޑައިގެންނެވިތަނުން ގެއެއްގެ ގިފިލިތެރެއިން މީހަކު ހަނޑޫ ދޮންނަ އަޑުއިވިވަޑައިގެންފިއެވެ. އެ އަޑު ޖެހުމާއެކު ހީވީ ކަތީބު ކަލޭފާނުގެ ދެފައި ބިމުގައި ހައްޔަރު ވީ ހެންނެވެ. ދެކޮޅުންކުރެ ކޮޅަކަށް ގުޑައެއް ނުލެވުނެވެ. ހަނޑޫ ދޮންނަމުން ދިޔައިރު ތެލީގައި އުޅާބައި ކޭއްތޭ އަޑު އިވިވަޑައިގަތުމާއެކު ކަތީބު ކަލޭފާނަށް ކުރި އަސަރު ބޮޑީއެވެ. ކަތީބު ކަލޭފާނުގެ ދަރިފުޅު ދޮންއައިސަ މަތިން މާބޮޑަށް ހަނދާންވީއެވެ.

އިސް އުފުލާ ބަލާލިއިރު ކުރިމަތިން ފެންނަންހުރި ގެއަކީ އެހެންނާ އެ ހިސާބުން ނުފެންނަ ވަރުގެ ބޮޑު ގެއެކެވެ. ކަތީބު ކަލޭފާނު އެ ގޭދޮރުމައްޗަށް އަރުއްވައި ސަލާމް ގޮވާލެއްވިއެވެ. ގޭތެރެއިން ސަލާމް ބަލައިގަތުމަށްފަހު ނިކުމެގެން އައީ ކަތީބު ކަލޭފާނުގެ ދެލޯނޭދިއެދޭ ލޯބިވާ ދަރިފުޅު ދޮން އައިސައެވެ. ގިނަ ދުވަސްތަކަކަށް ފަހު ބައްޕަ ފެނުމުންނާއި ބައްޕަ ހުންނެވި ދެރަ ނިކަމެތި ހާލު ފެނުމުން ދޮން އައިސައަށް ކުރީ މާ ފުން އަސަރެކެވެ. ދުވެފައި އައިސް ބައްޕަގެ ގައިގައި ބައްދައިގަތެވެ. އަދި އަތުގައި ހިފައިގެން ގޭތެރެއަށް ވައްދައި ދިމާއެނދުގައި ބޭންދިއެވެ. ކަތީބު ކަލޭފާނު ހައިރާން ކަމާއެކު ގޭގެ އެތަންމިތަނަށް ބައްލަވަން އިންނެވިއެވެ. ފުރިހަމަކަމާއި ރީތިކަމުންނެވެ. ދޮން އައިސަ ބަދިގެ ފަރާތަށް ގޮސް ލިބޯހުތު ފަނިތަށްޓެއް ގެނެސް ބައްޕައަށް އެރުވިއެވެ.

ބައްޕަގެ ހާލު ހުރިގޮތުންނާއި ބައްޕައަށް އަޅާލާނެ ދެވަނަ އެހެން މީހަކު ވެސް ނެތުމުން ދޮން އައިސަ އެދުނީ އޭނާގެ ކައިރީގައި އެ ގޭގައި ބައްޕަ ހުންނެވުމަށެވެ. ކަތީބު ކަލޭފާނު އެގޮތަށް އެއްބަސްވެވަޑައިގަތުމުން ބައްޕައަށް ދިމާއެދުގައި ބާލީސްޖަހާ ކަންނިޔޮ ލަފާ ތަންމަތި އަޅައިދިނެވެ.

ފިނޭ ފަގީރުކޮއި ޙައްޖަށް ވަޑައިގަތުން

ދުވަސްތައް ފާއިތުވަމުން ދެއެވެ. ކަތީބު ކަލޭފާނަށް ފިނޭ ފަގީރުކޮޔަކާ ބައްދަލުވެ ވަޑައެއް ނުގަންނަވައެވެ. ފިނޭ ފަގީރުކޮއި ވީތަނެއްގެ ވާހަކަ ދަރިފުޅު ކުރެން އައްސަވާކަށް ވެސް ކެރިވަޑައެއް ނުގަންނަވައެވެ. އެކަމަކު ހުކުރު ހޯމަވިލޭރޭ ފަތިސްވަގުތުގެ ކުރިން ހޭފުޅުލެވިއްޖެއްޔާ ގޭތެރޭގައި މާ މީރު ހުވަނދެއްގެ ވަސް ހުންނަކަން ފާހަގަ ކުރެވެއެވެ. އެފަދަ ރޭރޭ ވެސް ކަތީބު ކަލޭފާނަށް ހޭފުޅު ލެއްވެނީ ދެބަ ދޭތެރޭގައި އޮންނަވާފައި ގެއިން ކޮންމެ ވެސް މީހަކު ނިކުމެ ގޭގެ ދޮރު ލައްޕާލާ އަޑަށެވެ.

ކަތީބު ކަލޭފާނަށް އެންމެފަހުން ކެތްނުވެގެން ދޮން އައިސަކުރެން ފިނޭ ފަގީރުކޮޔާ ބެހޭ ގޮތުން ސުވާލުކުރައްވައިފިއެވެ. ދޮން އައިސަ ހިތަށް އެރިއެވެ. މީ އަހަރެންގެ ބައްޕައެވެ. ނުވަރޭފެނުގައި މަންމަ ނިޔާވީންސުރެ މަންމައަކަސް ބައްޕައަކަށް ހުރީ މި ބައްޕައެވެ. ބައްޕަ މިވަނީ ގައިބާރު ދެރަވެ މުސްކުޅިވެފައެވެ. އިރެއްގައި ލަންކާ ކަލޭފާނާ އަހުރެންނާ ކައިވެނި ކުރުމަށް އިންކާރު ކުރެއްވިޔަސް މިހާރު އެކަމެއް ނޯންނާނެއެވެ. ދަންނަވަން ވާނީ ތެދަށެވެ. އެހެން ހިތަށް އަރައި ދޮން އައިސަ ދެންނެވިއެވެ. އަޅުގަނޑުގެ ފިރިކަލުން ވީ މައްކާމަދީނާވުމަށް ޙައްޖަށް ވަޑައިގަންނަވާފައެވެ. އެހެން ދެންނެވުމާއެކު ކަތީބު ކަލޭފާނު ފާޑަކަށް ބޯޖައްސަވާލެއްވިއެވެ. އިތުރު އެއްޗެކޭ ވިދާޅެއް ނުވެއެވެ. އެކަމަކު ފިނޭ ފަގީރުކޮއި ޙައްޖަށް ވަޑައިގަތީ ކޮން ބަޔަކާ އެކުގައި ކޮން ބައްތެއްޔެއްގައި ކިހިނެތްބާއޭ ހިތާހިތާ ސުވާލުކުރެއްވިއެވެ. އަދި ކޮންމެ ހުކުރު ހޯމަ ވިލޭރެއަކު ކަން މިހިނގާ ގޮތާ މެދުވެސް ހުންނެވީ ސުވާލު އުފެދިފައެވެ.

ފިނޭ ފަގީރުކޮއި ޙައްޖުން އެނބުރި ވަޑައިގަތް އިރު ވަރަށް ގިނަ ހަދިޔާ ގެންނެވިއެވެ. އޭގެފަހުން ކަތީބު ކަލޭފާނު ހީވަނީ އިހުނަށްވުރެ މުއްސަނދި ހެންނެވެ. އެއްފަހަރު ތުރުކުރައްވާ ހެދުންކޮޅެއް އަނެއް ފަހަރަކު ތުރުނުކުރައްވައެވެ. އެކަމަކު ފަގީރުކޮއި ހުންނަވަނީ ހަމަ ކުރިންވެސް ހުންނަވާހެން ފަގީރު ނިކަމެއްޗެއްގެ ސިފައިގައެވެ. އެއީ ފަގީރުކޮއި ބޭނުންފުޅުވާ ގޮތެވެ. ފަގީރުކޮއިގެ ހަގީގަތް އެހެން މީހުންނަށް އެނގެން ބޭނުންފުޅު ނުވަނީއެވެ.

ފެންކޯރުން ކަޅުބިލަ މަސް ބޭނުން

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައިރު ކަތީބު ކަލޭފާނަށް ފަގީރުކޮއި ފެނިވަޑައިގަންނަވަނީ ވަރަށް މަދުންނެވެ. އެކަމަކު ބައްދަލުވާ ކޮންމެ ފަހަރަކު މޭގައި އަތްއަޅުއްވާ ކަތީބު ކަލޭފާނަށް އިސްވެ ސަލާމް ވިދާޅުވެއެވެ. އިތުރަށް ވާހަކައެއް ނުދައްކަވަ އެވެ. އެހެންވެ ކަތީބު ކަލޭފާނަށް ވެސް ވާހަކަ ދައްކަވާކަށް ކެރިވަޑައެއް ނުގަންނަވައެވެ.

ވަރަށް ބޮޑަށް މޫސުން ގޯސް، ވިއްސާރަ ދުވަސްވަރެކެވެ. މަސްވެރިންނަށް މަހަށް ފުރަން ނުކެރި، އޮޑިތައް އެހެލައި ހަރުގެތަކަށް ވައްދައި ހިޔާކޮށްގެން ތިބުން ނޫން ގޮތެއް ނެތް ދުވަސްވަރެކެވެ. މުޅިރަށް އޮތީ ލޮނުކަމަށް ޖެހިއްޖެއެވެ. (މާނައަކީ ލައިގެންކާނެ އެއްޗެއް ނެތިފައެވެ.) ގޭގޭގެ ދުމަށިމަތީގައި ނުކާން ބަހައްޓާފައިހުރި ހިކިގެން އެނބުރިފައިވާ ހާމަސްކޮޅުތައް ވެސް ކައި ހުސްވެއްޖެއެވެ.

ވިއްސާރަކަމުން ބޭރަށް ނުނިކުންނެވިފައި ކަތީބު ކަލޭފާނު ގޭގައި އޮންނެވި ދުވަހެކެވެ. ހީކަރުވާވަރުން ރަޖާލައްވައިގެން ދިމާއެނދުގައި އޮށޯވެވަޑައިގަތެވެ. އެހެން އޮންނަވަނިކޮށް ދޭތެރެ ދޭތެރެއިން ލޯމެރި ނިދިޖެހޭގޮތް ވެސް ވެއެވެ. އެފަދަ ގޮތަކަށް އޮންނަވަނިކޮށް ހޭފުޅުލެވުއްނީ ދޮން އައިސަ ވާހަކަ ދައްކާ އަޑަށެވެ. ގޭގައި އެއްވެސް ވަރަކަށް ލައިގެން ކާނެއެއްޗެއް ނެތް ވާހަކައާއި ބައްޕައަށް މެންދުރަށް ކަރުދިޔަފޮދެއް ނެތިއްޔާ ކަމަކު ނުދާނެޔޭ ބުނިއަޑަށެވެ. އެހެން ބުނެފައި ދޮން އައިސަ ހިނގައިގަތީ ބަދިގެ ފަރާތަށެވެ. ގޭގެ އަސްކެނީގައި އޮތް ކަޅުބިލަ މަސްބާނާ ދިގު ދޮށްޓެއް ނަންގަވައިގެން ފަގީރުކޮއި ނިކުމެވަޑައިގަތީ މަގުމައްޗަށެވެ. ރަޖާގަނޑުގެ ތެރެއިން ކަތީބު ކަލޭފާނު އޮންނެވީ ބައްލަވާށެވެ. އޭރުވެސް ކުޑަކޮށް ހިމަފޮދު ވާރޭ ވެހެއެވެ.

ކަތީބު ކަލޭފާނު ބައްލަވަން އޮންނަވަނިކޮށް ގޭގެ ކުރިމަތީގައި އޮތް ވާރޭފެން ކޯރަށް ފިނޭ ފަގީރުކޮއި ބުޅި ޖެއްސެވިއެވެ. ބުޅިގޮސް ފެނުގައި ޖެހުނުތަނުން އޮތީ ގަނެފައެވެ. އެ މަންޒަރު ފެނުމާއެކު ކަތީބު ކަލޭފާނު ހައިރާންވެ ދެލޯ ބޮޑުވިއެވެ. ދޮށި ލަނބާލި ވަރުން އެއީ ކުޑަކުޑަ މަހަކަށް ނުވާނެކަން ކަތީބު ކަލޭފާނަށް އެނގިވަޑައިގަތެވެ. އެންމެ ފަލަ ބިލާދަރު ބޮޑު ގޮދައެއްވަރުގެ ކަޅުބިލަމަހެކެވެ. ނަގުލުގައި ހިފައިގެން ފިނޭ ފަގީރުކޮއި ބަދިގެ ފަރާތަށް ވަޑައިގަތީ ކަތީބު ކަލޭފާނު އޮންނެވި ދިމާއެނދު ކައިރިންނެވެ.

މި މަންޒަރު ފެނިވަޑައިގަތުމުން ކަތީބު ކަލޭފާނު ހިތްޕުޅަށް އަރާވަޑައިގަތެވެ. މި ޚަބަރު ވާނީރަސްގެފާނަށް ނުކޮށް ހުއްޓައި އެހެން މީހެއްގެ ފަރާތުން ފިނޭ ފަގީރުކޮއިގެ ޚަބަރު ރަސްގެފާނަށް އިވިވަޑައިގެންފިނަމަ އަހަރެންގެ ކަލޭފާނުކަން ނަންގަވައި އަހުރެންނާއި އަހުރެންގެ ދަރި ދޮން އައިސައާ ވެސް ގަތުލުކޮށްފާނެއެވެ. މިހެން ހިތްޕުޅަށް އަރައިވަޑައިގެން ސިއްރު ފަތެއް ލިޔުއްވައި މާލެދިޔަ އޮޑިއަކުން މި ޚަބަރު ރަސްގެފާނަށް ދެއްވައިފިއެވެ. އެ ފަތް ފޮނުއްވިތާ އަށްޑުވަސް ނުވެ މާލޭން އަސްކަރުން އަރުވާފައި ބޮޑު ނަވެއް ފިނޭއަށް ރަސްގެފާނު ފޮނުއްވިއެވެ.

ފިނޭ ފަގީރުކޮއި ފިނޭން ފުރާވަޑައިގަތުން

ރަސްގެފާނު ފޮނުއްވި ނައުގެ ރިޔާތަށް ފިނޭ ބޭރަށް ދޫކޮށްލުމާއެކު ފިނޭ ފަގީރުކޮއި ގެއަށް ވަޑައިގެން ދޮން އައިސައަށް ކަންހިނގާދިޔަ ގޮތް ވިދާޅުވެ ދެއްވިއެވެ. އަދި މިއީ އަހުރެމެން ދެ މީހުން ވަކިވާންޖެހޭ ވަގުތު ކަމަށާއި ކެތްތެރިވުމަށް ނަސޭހަތް ދެއްވައި ހިތްވަރު ދެއްވިއެވެ. އަދި ބައްޕަ އެގޮތަށް ކަންތައް ކުރެއްވި މިހެން ވާނެކަމަށް ހީފުޅު ކުރައްވައިގެން ނޫންކަމާއި ބައްޕައާމެދު ހެޔޮކޮށް ހިތައިގެން އުޅުމަށް ދޮން އައިސައަށް ވަސިއްޔަތް ކުރެެއްވިއެވެ.

މި ވާހަކަ ދައްކަވަން ގޭގެ ބޮޑު އުނދޯލީގައި ފިނޭ ފަގީރުކޮއިގެ ދެކަނބަލުން ތިއްބަވަނިކޮށް އަސްކަރުން އައިސް ފިނޭ ފަގީރުކޮއި މާލެ ގެންދަން ރަދުން ވިދާޅު ބަސްފުޅު އިއްވާފައިވާކަމަށް އަސްކަރުންގެ ސަރުދާރު ދެންނެވިއެވެ. އެ ވަގުތު ފަގީރުކޮއި ދޮން އައިސައާ ސުވާލު ކުރެއްވިއެވެ. ދޮންއައިސާއެވެ. ހަދަންވީ ކިހިނެއްހެއްޔެވެ؟ ދޮން އައިސަ ދެންނެވިއެވެ. ލޯބިވާ ކަލޭގެފާނެވެ. މާލެ ވަޑައިގަންނަވާކަށް އަޅުގަނޑަކަށް ނުފެނެއެވެ. އެވެސްމަރެވެ. މިވެސް މަރެވެ. ކަލޭގެފާނު މި ރާއްޖެ ވަޑައިގެންނެވި ގޮތަކަށް އެނބުރި ވަޑައި ގަންނަވާށެވެ.

ފިނޭ ފަގީރުކޮއި ވިދާޅުވިއެވެ. ދީނަށް ނުއުރުދޭ ކަމެއްގައި ވެރިންގެ އަމުރަށް ކިޔަމަންތެރިވާން ޖެހެއެވެ. އަހުރެންވެސް މާލެ ދާކަށް ބޭނުމެއް ނޫނެވެ. އިރާދަކުރެއްވިއްޔާ މާލެއެއް ނުވެސް ގެންދެވޭނެއެވެ. އަހުރެންގެ ދުޢާއަކީ ދެވެންދުންޏާ ހަމައަށެވެ.

ކުއްލިއަކަށް ލިބުނު ފުން ހިތާމައިގައި ދޮން އައިސަ ރޮއިރޮއި އިންދާ ސަލާމްކުރައްވައި ނިތްކުރިއަށް ބޮސްދެއްވައިފައި އަސްކަރުންނާއެކު ފިނޭ ފަގީރުކޮއި ފިނޭގެ ގޮނޑުދޮށަށް ނިކުމެވަޑައިގެންނެވިއެވެ. ދެބަސްބެދުނު ހިސާބުގައި ހުންނަވާފައި ފިނޭ ފަގީރުކޮއި ވިދާޅުވިއެވެ. އަސްކަރުނގެ ސަރުދާރެވެ. އަޅުގަނޑަށް ތިޔަ ބޭކަލުން އިތުބާރު ކުރައްވާށެވެ. ތިޔަ ބޭކަލުން ނަވުގެ ރިޔާތައް ނަގައި ދަތުރަށް ފަށްޓަވާށެވެ. އަޅުގަނޑު މިހުރީ ތިޔަ ބޭކަލުންނާއެކުގައެވެ. އެހެން ނަމަވެސް މި ވަގުތަށް ވަކިވެލާން ޖެހިއްޖެއެވެ. އެހެން ވިދާޅުވެފައި ރާޅު ފެންފަށަށް ފައިބަންނަވައި ލޮނުގަނޑުގައި ފައިންޕުޅު އެޅުއްވިކަން އެނގެއެވެ. ދެން ވީގޮތެއް ނޭނގެއެވެ. ފިނޭ ފަގީރުކޮއި އެ ބޭކަލުންނަށް ގެއްލުނީއެވެ.

އެހިސާބުން އަސްކަރުން ވަރަށް ބޮޑަށް ކަން ބޮޑުވެއްޖެއެވެ. މާޔޫސްވެ ކަރުއެލިއްޖެއެވެ. ފިނޭ ފަގީރުކޮއި ބަލައި ރަދުން ފޮނުއްވީމާ ފިނޭ ފަގީރުކޮއި ނުލައި ގޮސްފިނަމަ ލިބޭ އަދަބު ކުޑަ ނުވާނެކަން އެ ބޭކަލުންނަށް އެނގިވަޑައިގަންނަވައެވެ. އަސްކަރުންގެ ތެރޭގައި މި ވާހަކަ ދައްކަންފެށުމުން އަސްކަރުންގެ ސަރުދާރު ވިދާޅުވިއެވެ. ކުދިންނޭ ދެރަނުވާށެވެ. އަޅުގަނޑުމެންގެ ކުށަކީ މިކަމުގައި ކޮބައިހެއްޔެވެ؟ ފުރަމާ ހިނގާށެވެ. އަޅުގަނޑު ހިތުން މިފަދަ ބޭކަލުންނަށްވުރެ ބުނާ ބަހުގައި އިތުބާރު ހުރި އެހެން ބަޔަކު ނުތިބޭނެއެވެ. އެހެން ވިދާޅުވެ ގުރާބަށް އަރުއްވައި ދަތުރު ފައްޓަވައިފިއެވެ.

ފިނޭ ފަގީރުކޮއި އަވަހާރަވުން

ރީތި ހަނދުވަރުދޭ ރެއެކެވެ. ގުރާބުގެ ދަތުރުގައި ތިލަދުންމަތި ދުއްވައި މިލަދުންމަޑުލަށް ވަދެއްޖެއެވެ. ދަމަށް ތިބި ކަލާސީނުންގެ ތެރެއިން ދެތިން ކުއްޖެއް ނޫނީ އެންމެން ތިބީ ނިދާފައެވެ. ރިޔާތަކުގައި ވައި އަޅުވާފައި ގުރާބު ދުވަުމުން ދެއެވެ. އެހެން ދަނިކޮށް ގުރާބުގެ ހިޔާގަނޑުގެ ތެރެއިން މާ ރީތި ރާގެއްގައި ކީރިތި ޤުރުއާން ކިޔަވާ އަޑު އިވެން ފެށީއެވެ. އުރަތަމަ އެ އަޑު އިވުނު ކުއްޖާ ގޮސް ހިޔާގަނޑުން އެތެރެބަލާލިއިރު ފެުނުނީ ފިނޭ ފަގީރުކޮއި ހުދު ހެދުމުގައި ދަމު ނަމާދަށް ހުންނަވަނިކޮށެވެ. އޭރު އެއީ ނުވަފުޅީގެ ވަގުތެވެ. މިހާރުގެ ގޮތުންނަމަ ގާތްގަނޑަކަށް މެންދަމުން އަލިވެ ތިނެއް ޖަހާ އެހާކަންހާ އިރެވެ.

އެންމެ ފުރަތަމަ އެ އަޑު އިވުނު ކުއްޖާއަށް ފިނޭ ފަގީރުކޮއި ކިޔަވާލެއް ރީތިކަމުންނާއި އަޑު މަޚްރަޖަ ފުރިހަަމަ ކަމުން ކިޔަވާ އަޑު އަހަން އެ ހުރިގޮތަށް ހުރެވުނީއެވެ. އެގޮތަށް ހޭލާތިބި މީހަކު ވިއްޔާ ހިޔާގަނޑުގެ ތެރެއަށް ވަދެ ގަނޑުވެފައި ތިބެއްޖެއެވެ. ގުރާބު ހޭރިޔާކުރުމަށް ރިޔާތައް ބަދަލުކުރަން ބެލިއިރު މާލިމީއަށް އެއްވެސް ކަލާސީނެއް ނުފެނުނެވެ. ގޮވާގޮވާ ވެސް އެއްވެސް މީހެއްގެ ޚަބަރެއް ހިލަމެއް ނުވިއެވެ. އެހެންވެ ވެގެންގުޅޭގޮތެއް ބެލުމަށް ހުންގާނު ދޫށްފައިވާ މާލިމީދިޔައިރު ހުރިހާ އެންމެން ހިޔާގަނޑުގެ ތެރޭގައި ބިއްޖެހިފައި ތިއްބެވެ. މާލިމީއަށް ވެސް ވީ ކަލާސީނުންނަށް ވީވަރެވެ. ކުރަން އައިކަންތަން ހަނދާންނެތި ބިއްޖެހިފައި ހުރެވުނީއެވެ. ވަރަށް ދިގުކޮށް ކިޔަވާ ވިދާޅުވުމަށްފަހު ސަޖިދަވަޅެއް އައުމުން ފިނޭ ފަގީރުކޮއި ވަޑައިގަތީ ސަޖިދައަށެވެ. އެތައް އިރެއް ވީއިރުވެސް ސަޖިދައިން ތެދުވެވަޑައެއް ނުގެންނެވިއެވެ. އެހެން ތިއްބައި ހުރިހާ އެންމެން ސިހިގެން ދިޔައީ ގުރާބު ކޮންމެ ވެސް ތަނަކަށް ބީހުމުންނެވެ.

އަވަސް އަވަހަށް ދުވެފައި ނިކުމެ ބޭރު ބަލާލިއިރު ގުރާބު ހުރީ ރަށެއްގެ ދޮންވެލިގަނޑަށް އަރާ ބީހިފައެވެ. މާލިމީ ގޮވާލިއެވެ. ކަލާސީނުންނޭވެއެވެ. ނިދާފައި ތިބި މީހަކު އޮތަސް ނަގާށެވެ.

ނިދާފައިތިބި އަސްކަރުންތައް ވެސް ހޭލައިގެން އައިސް ގުރާބު ފުންކުރެވޭތޯ އުޅެއުޅެ އެކަމެއް ނުވިއެވެ. ކަންވީގޮތުގެ ޚަބަރު އަސްކަރުންގެ ސަރުދާރަށް އެނގުމުން ހިޔާގަނޑުގެ ތެރެއަށް ވަދެވަޑައިގެންނެވިއެވެ. އޭރު ވެސް ފިނޭ ފަގީރުކޮއި އޮންނެވީ ސަޖިދައިގައެވެ. މަޑުމަޑުން ވަޑައިގެން

ފިނޭ ފަގީރުކޮއި އަރިހަށް ހުއްޓިވަޑައިގަތުމާއެކު ސަޖިދައިގައި އޮންނެވި ފަގީރުކޮއި އެއް ފަރާތަށް ވެއްޓިވަޑައިގަތެވެ. އޭރު ފިނޭ ފަގީރުކޮއިގެ ފުރާނަފުޅެއް ނެތެވެ.

އަސްކަރުންގެ ސަރުދާރު ގުރާބުގެ އެންމެންނަށް އެ ޚަބަރުދިނެވެ. ދެން އެންމެން ވެގެން މަސައްކަތްކުރީ ގުރާބު ފުންކޮށްގެން އަވަހަށް މާލެ ދިއުމަށެވެ. ގުރާބުގެ މާލިމީ ބުންޏެވެ. އަސްކަރުންވާ ސަލާމަތްވެއްޖެއެވެ. މީހެއްގެ ފުރާނައަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ. އެކަމަކު ތިޔަ ބޭކަލުން މި ގަބުރާއެކު މާލެ ގޮސްފިނަމަ ފިނޭ ފަގީރުކޮއި ނުލައި މާލެދިޔަ ކަމަކަށް ނުވާނެއެވެ. އަވަހަށް ގުރާބު ފުން ކުރެވޭތޯ އުޅެމާ ބަހީއެވެ.

ދެވެންދުނީގައި ޒިޔާރަތް އެރުވުން

ކަލާސީނުންނާއި އަސްކަރުން ގުރާބު ފުންކުރަން އުޅެއުޅެ ވަރުބަލިވީއިރު ވެސް ގުރާބު ފުނެއް ނުވިއެވެ. ހިކިދިޔަ ބޮޑުވެ އަނެއްކާ ހިކުނުއިރު ވެސް ގުރާބުހުރީ ހުރި ތަނުގައެވެ. އެގޮތަށް ގުރާބު ހުންނަތާ ދެވަނަ ދުވަހު އަސްކަރުންގެ ސަރުދާރު ކުއްލިއަކަށް ކަމެއް ހަނދާންވެގެން އައިސް މާލިމީއާ ސުވާލުކޮށްފިއެވެ. މާލިމީއެވެ. މިއީ އަނެއްކާ ކޮން ރަށެއް ހެއްޔެވެ؟ މާލިމީ ބުނެއްޕެވެ. މިއީ މިލަދުންމަޑުލު ދެވެންދުންޏެވެ. އެހެން ބުނުމާއެކު އަސްކަރުންގެ ސަރުދާރު އެންގެވިއެވެ. ކުދީންނޭވެ. މި ގުރާބެއް ފުނެއް ނުވާނެއެވެ. އަވަހަށް ފިނޭ ފަގީރުކޮއިގެ ޖަނާޒާގެ ކަންތައްތައް ނިންމަން އުޅޭށެވެ. ތިމަންނައެއް މާލެ ދާކަށް ބޭނުމެއް ނުވެޔޭ އަދި ނުވެސް ގެންދެވޭނެޔޭ ތިމަންނަގެ ދުޢާއަކީ ދެވެންދުންޏޭ ފިނޭ ފަގީރުކޮއި ވިދާޅުވިއަޑު އަހުރެންގެން ދެ ކަންފަތުން އެހީމެވެ.

އެހެން ކިޔައި ގުރާބުގެ ކަށުކަމާކެމީގެ ކަންތައްތަކަށް ހުންނަ ޚާއްޞަ ފޮށި ބާލައިގެން ކަށުކަމާކެމީގެ ކަންތައްތައް ނިންމައި، ކަށުނަމާދުކޮށް އެ މީހުންނަށް ފެނުނު އެންމެ ރަނގަޅު ތަނުގައި ފަސްދާނުލައިފިއެވެ. އަދި ގުރާބުން ތަކެތި ބާލައިގެން ޒިޔާރަތް އެރުވައިފިއެވެ. މި މަސައްކަތް ނިންމާފައި އެ މީހުން އައިއިރު ގުރާބު ހުރީ ފުންވެފައެވެ. އަސްކަރުންނާއި ގުރާބުގެ ކަލާސީނުން ދަތުރަށް އަރައިގެން މާލެ ގޮސް ރަސްގެފާނަށް އެ ޚަބަރު ދެއްވިއެވެ. ރަސްގެފާނު އެ ޚަބަރު އައްސަވައި އަސްކަރުން އެރަށަށް ފޮނުއްވައި ރަނގަޅު ފެންވަރަކަށް އެ ޒިޔާރަތް ހެއްދެވީއެވެ. މިލަންދުންމަޑުލު ދެކުެނު ބުރީގައި އޮންނަ ދެވެންދުންޏަށް ފަހުން ކިޔަނީ ދިގުރަށެވެ. އެރަށުގައި ހުރި ފިނޭ ފަގީރުކޮއިގެ ޒިޔާރަތަކީ ވެސް އެ ސަރަޙައްދުގެ މީހުން ވަރަށް ކަމޭހިތި ޒިޔާރަތެކެވެ. މަސްވެރިކަން ދެރަވުމުން އެރަށަށް ގޮސް އޮޑި ބީއްސުމާއި ކަންޒޫރިކިޔަވައި ހެދިއެވެ. ކަންޒޫރިކިޔެވުމަކީ ކަނޑުމައްޗާ ބެހޭ ގޮތުން ޒިޔާރަތް ޒިޔާރަތަށާއި މަޤާމުކޮޅުތަކަށް ފާތިހާ ކިޔެވުމެވެ.

(ނިމުނީ)

ނޯޓު: ފޮޓޯގައި އެވަނީ ހދ. ފިނޭގައި ކުރިންހުރި ފިނޭ ފަގީރުކޮއިގެ ޒިޔާރަތާއި އެ ޒިޔާރަތް ކައިރި ހުރި ކުޑަ މިސްކިތެވެ. ފިނޭ ސްކޫލު ބޮޑުކުރިއިރު މި ޒިޔާރަތާއި މިސްކިތް ރޫޅާލައި ފިނޭ ސްކޫލުގެ ގޯތި ތެރެއަށް ވަނީ އެ ސަރަޙައްދު އިތުރުކޮށްފައެވެ. ޒިޔާރަތް ރޫޅާލައި ކޮނެގެން އެތަނުގައި އޮތް ދެ ގަބުރު ވަނީ ފިނޭ ސަހަރާއަށް ބަދަލުކޮށްފައެވެ. ޒިޔާރަތުގައި ހުރި ހަތަރުގާ ވަނީ ސަހަރާގައި ޖަހާފައެވެ. އެ ގާތަކުގެ ފަރުމާއަށް ބަލާއިރު އެއީ ދިވެހީން އާދަކާދައިގެ ތެރެއިން ހެވިންގެ މަހާނަތަކުގައި ޖަހާ ކަހަލަ ހަތަރު ގަލެވެ. ފިނޭ ފަގީރުކޮއި ފިނޭގައި ނިޔާވިކަމަށް ފިނޭ ފަގީރުކޮޔާ ބެހޭ ފޯކުލޯރަކު ނުކިޔައެވެ. އެހެންކަމުން އެ ޒިޔާރަތުގައި އޮތް ދެ މީހުންނަކީ ކޮން ބައެއް ކަމެއް ނޭނގެއެވެ. މފަދަ ފޯކުލޯރު ތަކަކީ ކޮންމެ ވެސް ވަރެއްގެ ހަގީގަތެއް އޮތަސް ތުންތުން މަތިން ވާރިދުވަމުން އެކި މީހުން އެކިގޮތަށް ބަދަލުކޮށްގެން އެކި ރަހަޔާއި ކުލަ ޖައްސަމުން ކިޔާ އުޅޭ ވާހަކަ ތަކަކަށް ވާތީ ހަގީގަތާ ވަރަށް ދުރު ވާހަކަ ތަކަކަށް ވާނެކަން ގަބޫލުކުރަން ޖެހެއެވެ.

މި ފޯކުލޯރު ލިޔުމަށް މަޢުލޫމާތު ހޯދުމުގައި ހދ. ފިނޭ ޙުސައިން ނިޒާރާއި ނ. މަނަދޫ ޢަބްދުލްޣަފޫރު ޢަބްދުއްރަޙުމާނު ވެދެއްވި އެހީތެރިކަމަށް ޝުކުރު ދަންނަވަމެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *