Support Us

ކޮލަމް ކޯދު: ލަވައަލާއި އެ ލަވައާ ބެހޭ ވާހަކަކޮޅެއް- ހުދު ހަމާމު ދޫނި

ބައެއް ސަގާފަތްތަކުގައި ހުދު ހަމާމު ދޫނި ބެލެވިފައި ވަނީ ކަނޑުމަތީ ގެއްލިފައިވާ ކަނޑުދަތުރު ކުރާ މީހާގެ ފަރާތުން އޭނާގެ އަހުލުވެރީންނަށް ލޯބީގެ މެސެޖު ފޯރުކޮށްދޭ ދޫންޏެއްގެ ގޮތުގައެވެ. މި ކަމުގެ އަސްލު ގޮސް ގުޅެނީ އީސާގެފާނުގެ މީލާދުގެ ފަސް ޤަރުނު ކުރިޔާއެވެ. ދާރާ (އެއްވަނަ) ރަސްގެފާނުގެ ދުވަސްވަރު، ފާރިސީން ޔޫނާންއާ (ގްރީސްއާ)، ކުރެވުނު ހަނގުރާމަޔަކާއެވެ. މި ހަނގުރާމައިގައި ބައިވެރިވި ފާރިސީ ފުލީޓު ފެތި މުޅިން ހަލާކުވި އެވެ. ބުނެވޭ ގޮތުގައި އެ ވަގުތު އެ ފުލީޓުގައި ހިމެނޭ ބޯޓުތަކުން ހަމާމު ދޫނިތަކެއް ނިކުމެ، އުދުހި ދިޔަ ތަން ޔޫނާނީންނަށް ފެނުނުކަމަށްވެއެވެ.

މި ހިސާބުން ހަމާމު ދޫންޏަކީ ކަނޑުމަތީ ގެއްލިދާ މީހުންގެ އާއިލާތަކަށް އެމީހުންގެ ލޯތްބާއި ހިތްހެޔޮކަމުގެ މެސެޖު ރައްދުކޮށްދޭ ދޫންޏެއްގެ ގޮތުގައި ބެލެން ފެށުނެވެ. ތިރީގައި ހުށަހަޅާލެވިފައިވާ 'ލާ ޕަލޯމާ’ގެ އަސްލު ލަވަ ލިޔުނީ އިސްޕޭނުގެ މޫސީގާރެއް ކަމަށްވާ ސެބެސްޓިއަން އިރޭޑިއަރ، 19 ވަނަ ގަރުނުގެ މެދެއްހާތާގައި ކިޔުބާއަށް ކުރި ޒިޔާރަތެއްގައެވެ. މި ލަވަ ވަރަށް މަޝްހޫރު ވެގެންދިޔައެވެ. މެކްސިކޯގައްޔާއި އަދި އިސްޕޭނު ބަހުން ވާހަކަދައްކައި އުޅޭ އެހެން ރަށްރަށުގައި ވެސް މެއެވެ. މި ލަވަ، ކުދިކުދި ބަދަލާއެކު ގިނަ ފަންނާނުން ކިޔައިފައި ވެއެވެ. މި ލަވަ ކިޔައިފައިވާ ފަންނާނުންގެ ތެރޭގައި ކޯނީ ފްރެންސިސް، ނާނާ މުސްކޫރީ އަދި ހޫލިޔެސް އިގްލޭސިސް ހިމެނެއެވެ.

މީގެ އިތުރުން، މުޅީން ލަފްޒީ ތަރުޖަމާ ނޫނަސް، ލަވައިގެ މައިގަނޑު މާނަ ހިމެނޭ ގޮތަށް އެހެން ބަސްބަހުން ވެސް މި ލަވަ ކިޔައިފައި ވެއެވެ. ޖަރުމަނު ބަހުންނާއި ފަރަންސޭސި ބަހުންނެވެ. މިރޭމެތީއު މި ލަވަ މި ދެބަހުން ވެސް ކިޔައިފައި ވެއެވެ. މި ލަވައިގެ އިނގިރޭސިން މާނަކޮށްލުމަށް ފަހު، 'ނޯ މޯ’ގެ ނަމުގައި ޑީންމާރޓިން އާއި އެލްވިސް ޕްރީސްލީ ވެސް ކިޔައިފައި ވެއެވެ.

ތިރީގައި އެވަނީ މި ލަވައިގެ ފްރެޑީ ފެންޑަރގެ މާނަކޮށްލުމާއި ކިޔުމެވެ. މީނާގެ ގިނަ ލަވަތަކުގައިވާ ފަދައިން، މި ލަވައިގައި ވެސް ސްޕެނިޝް ބަހުގެ ކަޑިއެއް ހިމަނައިފައި ވެއެވެ. ދެން، ލަވަ ހުށަހަޅާލަމެވެ.

***

އަހަރެން ފުރައިގެން، ބިޔަރާޅުތަކުގެ ކަޑުމަތީ ދަތުރުކުރަން ދިޔަ ދުވަހުއެވެ.

އަހަރެން ފުރައިގެން ދިއުމުން، ހިތާމަކޮށް އޭނަ ރުއިކަން އަހަންނަށް އެނގުނެވެ.

ދެން ރޭތަކާއި ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން އޭނަ މަތިން ހަނދާންވިއެވެ.

އަދި އަހަރެންގެ ހިތް އޭނާގެ ލޯތްބަށް އިންތިހާއަށް އެދެވި، އެ ހިތް މޮޅިވިއެވެ.

ދެން، ކަނޑުމަތިން އަހަންނަށް ފެނުނު ހަމާމު ދޫންޏެއް

އަހަރެންގެ މޮޅިވެފައިވާ ހިތަށް ދިރުން ގެނެސްދިނެވެ.

އެ ދޫނި ގާތު އަހަރެން ބުނީމެވެ.

'އޭ ކުޑަކުޑަ ހުދު ހަމާމު ދޫންޏާއެވެ! މި މެސެޖު ހިފައިގެން،

އަހަރެންގެ ލޯބިވެރިޔާގެ ކައިރިޔަށް ގޮސްދޭށެވެ!

އޭނާ ނެތުމުން، އަހަރެން މިވަނީ ވަރަށް ވެސް އެކަނިވެރިވެފައެވެ.

އޭނަ ކައިރިއަށް ގޮސް އޭނަ ގާތު މި ވާހަކަ ބުނެދޭށެވެ.

އަހަރެންގެ ހިތުގައި އޭނަގެ ލޯބިނޫން އެހެން އެއްވެސް މީހެއްގެ ލޯތްބެއް ނެތެވެ.

އޭ އުދުހެމުންދާ ހުދު ހަމާމު ދޫންޏާއެވެ!

އަހަރެންގެ ދިރިހުރުމުގެ އަސްލުކަމުގައިވާ ލޯބި ގާތު ބުނެދޭށެވެ!

އަހަރެންގެ އިންތިޒާރުގައި މަޑުކޮށްގެން ހުންނާށެވެ!

ދާދި އަވަހަށް އަހަރުމެންނަށް ބައްދަލުވެވި، އެކަކު އަނެކަކަށް ފެނިދާނެއެވެ.

އޭ މަގޭ ލޯބިވާއެވެ!