Support Us

ކޮލަމް ކޯދު: ލަވައެއް ކިޔައިދޭ ވާހަކައެއް- ލޯބީގެ ސިއްރު

"ލޮލުގެ ތެރެއިން ހިތަށް ނަފްސުގެ އެތެރެ ފެންނަ ގޮތެވެ.

ހިތުގެ އެދުން ލޮލަށް އެނގޭ ގޮތެވެ.

ހިތާއި ލޮލާއި ދެމެދު ދެކެވޭ ވާހަކަތަކެވެ.

އެވާހަކަތައް އުފައްދާ ގުޅުމެވެ.

އެގުޅުމުގެ ސިއްރެވެ.

މިކަންކަން އަހަންނަށް އޮޅުންފިލުވައިދީ ބުދޭނު ހެއްޔެވެ؟

އެގުޅުމުގެ ސަބަބުން ހިތުގައި އުފެދޭ ޝުއޫރުތަކެވެ.

އެޝުއޫރުތައް ލަފްޒުތަކަކަށްވެ ދުލުން ބޭރުވާ ގޮތެވެ.

އެލަފުޒުތަކުން ކިޔައިދެވޭ ހިތްގައިމު ލަވައެވެ.

އެލަވައިގެ އުފާވެރި ރާގެވެ.

މިލަވަޔާއި ރާގުގެ ފިނިކަމުގެ ކަމުގެ ސިއްރެވެ.

މިކަންކަން އަހަންނަށް އޮޅުން ފިލުވައިދީ ބުނެދޭނު ހެއްޔެވެ؟

ހިތް އެދޭ މީހާ އުނދަގުލަކާއި ނުލައި، ހިތް ފާހަގަ ކުރާގޮތެވެ.

އަމިއްލަ އިޚްތިޔާރު ދޫވެ، ނަފްސު އެދިމާލަށް ގެންދެވޭ ގޮތެވެ.

އެމީހަކާއި ގުޅުވައި ބަނދެލާ ބަނދެލުމެވެ.

އެގުޅުމުގެ ތެރަށް އަމިއްލަ ނަފްސުގެއްލޭގޮތެވެ.

އަދި އެމީހަކީ ތިމާކަމުގައި ވާގޮތެވެ.

މިކަންކަމުގެ ސިއްރު އަހަންނަށް އޮޅުން ފިލުވައިދޭނު ހެއްޔެވެ؟

އޭނާގެ ބަލައިލުމުގައިވާ ސާހިރީ އަސަރެވެ.

އެބަލައިލުން އެހެން ބަލައިލުމާއި ތަފާތުވާ ގޮތެވެ.

ދެން އަބަދުމެ އެބަލައިލުމަށް އެދެވޭ އެދެވުމެވެ.

އެ ހަތަރު ކަޅި ބައްދަލުވާ ހިނދު ބުނެވޭ ވާހަކައެވެ.

އެމަންޒަރު ހިތަށް އަބަދު ފެންނަ ގޮތެވެ.

އެވާހަކަތަކުގެ ސަދާ އިވި އިވި ހުންނަ ހުރުމެވެ.

މިކަންކަމުގެ ސިއްރު އަހަންނަށް އޮޅުން ފިލުވައިދޭނު ހެއްޔެވެ؟"

އެ ހިނދު ޅެންވެރިޔާ ބުންޏެވެ.

"ވާހިޔާތެއް މެތޯ ނާ އެ ފެންނަ ނޫރަކީ * އާހުގައި އެ ފިޔަ ޖަހާ ތަރިތަކެއްގެ އަސްލަކީ

ގުޅި ކަނޑާ ކޯރު މިލްޖުލް ވަމުން އެ ދާ ގޮތުން * ގުޅުވަމުން ހިތާއި ހިތްދާ އެ ފުން ޣަރާމަކީ

ހިތްތަކަށް ފޮނި ނުހަނު ލައްޒަތާ އުފާ ދެމުން * ހިތް އެއިން ކަތިލަމުން ޒަޚަމްކުރާ އެ އިޝްގަކީ"

އާދެ، ޅެންވެރިޔާގެ ނަޒަރުގައި ލޯތްބަކީ ހަގީގަތެއް ނެތް ވަހުމީ، ޚިޔާލީ، އެއްޗަކަށް ވެސް ވެދާނެއެވެ. ބައެއް މީހުންގެ ތަޖުރިބާއަކީ މިއެވެ. ނޫނީ، އޭގައި ވަރުގަދަ ހަގީގަތެއް އެކުލެވޭ ވަރަށް ވެސް ބޮޑު ތެދަކަށް ވެސް ވެދާނެއެވެ. އަނެއް ބައި މީހުންގެ ތަޖުރިބާއަކީ މިއެވެ. އޭގެ ތަޖުރިބާ ކޮންމެ ގޮތަކަށް ކުރެވުނު ކަމުގައި ވިޔަސް، އެއީ ވާހިޔާތެއް ކަމަށް ވިޔަސް ނޫނީ ހަގީގަތަކަށް ކަމަށް ވިޔަސް، ލަވައިގައި ވެސް ބުނެފައިވާ ފަދައިން، އެނގި ޔަގީން ވަނީ އޭގައި ވަރުގަދަ ބާރެއް އެކުލެވިފައިވާ ކަމެވެ. އެއީ ހިތްތައް ކަތިލައި ޒަޚަމްކޮށްލާ އެއްޗެއް ކަމެވެ!