Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ޛުލްޤައިދާ މަހު ހަނދުގެ އަލިކަން ފުރިހަމަވުން

މާދަމާ، ޖޫން ހަތަރު ވަނަ ދުވަހު ހެނދުނު މާލޭ ގަޑިން 08:41 ގައި ދަނަރާހީ (ޤައުސު/ ސެޖިޓޭރިއަސް) ގެ މުލަ ނަކަތުގައި ހަނދު ހިނގަމުންދާ ވަގުތު ޛުލްޤަޢިދާ މަހު ހަނދުގެ އަލިކަން ފުރިހަމަވާނެއެވެ. އެއީ، ޛުލްޤައިދާ މަސް ދެބައިވާ ވަގުތުވެސް މެއެވެ. ހަނދުގެ ޢާއްމު ސައިޒަށްވުރެން ހަނދުގެ ސައިޒު ބިޔަވާނެއެވެ.

އަދި މިރޭ (ޛުލްޤައިދާ މަހުގެ 15 ވިލޭރޭ) ހަނދު ފެންނަ ސައިޒަށް ވުރެ މާދަމާ ރޭ ހަނދު ފެންނަ ސައިޒު ފާހަގަކޮށްލެވޭ މިންވަރަކަށް ބޮޑުވާނެއެވެ.

ދެން ހަނދު އެ ހުރި މަންޒިލުން (ނަކަތުން) ހެލެމުންހެލެމުން ދާނީ ޙައްޖުމަސް ފެށުމަށް އެއްއުއިވާ ފަލަކީ ޕޮޒިޝަނަށެވެ. އެއީ، މިތުނަ ރާހީ (ޖައުޒާ/ޖެމިނީ) ގެ އަދަ ނަކަތަށެވެ.

ޖޫން 18 ވަނަ ދުވަހު މާލޭގަޑިން 09:36 ގައި އެއްއުއިވުގެ ސަބަބުން އެދުވަހު މާލެއަށް އިރު އޮއްސޭ ވަގުތަށް ވުރެން 16 މިނެޓު ހަނދު އޮއްސޭ ވަގުތު ފަސްވެސް ވާނެއެވެ.

އެހެންކަމުން މިއަހަރުގެ ޙައްޖުމަހުގެ ފުރަތަމަ ދުވަހަކީ 19 ޖޫން ކަމުގައި ވާނެއެވެ. ރާއްޖޭގެ ކަލަންޑަރުތަކުގައި، އޮތީ ވެސް ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ 19 ޖޫން ކަމުގައެވެ.

ރާއްޖެއަށް އެދުވަހު ހަމަލޮލަށް ހަނދު ފެނުމުގެ ފުރުޞަތު ނެތް ކަމުގައިވިޔަސް ސަޢޫދީ ޢަރަބިއްޔާގެ މައްްކާއަށް އެދުވަހު އިރު އޮއްްސުމުގެ 30 މިނެޓްފަހުން ހަނދު އޮއްސޭތީ، ހަމަލޮލުން ހަނދު ދުށުމުގެ ފުރުޞަތު ވެސް ސަޢޫދީ ޢަރަބިއްޔާ އެދުވަހު ތަނަވަހެވެ.

އެހެންކަމުން މިއަހަރު ޛުލްޤަަޢިދާ މަސް ފެށޭ ދުވަހާއި އަދި ޙައްޖު ދުވަސް ވެސް ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާ ކަލަންޑަރުގެ ތަފާތުވުމެއް ދިމާވެގެނެއް ނުވާނެއެވެ.