Support Us

ކޮލަމް ކޯދު: ވީޑިޔޯ ފީތާއެއް ކިޔައިދޭ ވާހަކައެއް- އެދުރުބެއަކާއި އެދުރުބޭގެ ދަރިވަރުން

ތިރީގައި އެވާ ވީޑިޔޯއިން ފެންނަނީ ފިލިޕީންސްގެ މަދަރުސާއެއްގެ ކިލާހެއްގެ މަންޒަރެކެވެ. އެ ކުލާހުގެ އެދުރުބެއަކާއި އެ އެދުރުބޭގެ ދަރިވަރުންނެވެ.

އެ އެދުރުބޭގެ ނަމަކީ ސީޒަރު ޕަންޒާލަން އެވެ. އެއްދުވަހު މި އެދުރުބޭ ކިލާހަށް ވެންނެވުމުން، އެދުރުބޭގެ ދަރިވަރުން ކަރުދާސް ފޮއްޓެއް އެދުރުބެއަށް ހަދިޔާކުރިއެވެ. އެންމެ ފުރަތަމައިން އެދުރުބޭ ހީކުރެއްވީ މިވާނީ އޭނާގެ ދަރިވަރުން ކޮށްލި ލާނެއް ސަމާސާއަކަށް ކަމަށެވެ.

ކޮންމެއަކަސް އެންމެ ފަހުން، އެދުރުބޭ އެ ފޮށި ހުޅުވާލެއްވިއެވެ. އެ ފޮށީގައި އޮތީ ބޫޓެކެވެ. އެދުރުބޭގެ ދަރިވަރުން އެދުރުބެއަށް ހަދިޔާއަކަށް ދިން ބޫޓެކެވެ. އެކުދިންނަށްޓަކައި އެދުރުބޭ ކޮށްދެއްވާ އިޚުލާސްތެރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ރަމްޒެއްގެ ގޮތުން އެދުރުބޭއަށް އެކުދިން ދިން ހަދިޔާއެކެވެ.

އެދުރުބޭއަށް އެކުދިން ބޫޓެއް ހަދިޔާކުރީ ކީއްވެ ހެއްޔެވެ؟ އެދުރުބޭއަކީ މާ ބޮޑު މުސާރައެއް ލިބިލައްވާ ބޭކަލެއް ނޫނެވެ. މީގެ އިތުރުން، އެދުރުބޭގެ ބަލި ދަރިކަލަކު ވެސް ހުރެއެވެ. އެހެންވެ، އެދުރުބޭއަށް ލިބިލައްވާ ހުރިހާ އެއްޗެއް ހޭދަކުރައްވަނީ އެދުރުބޭގެ އާއިލާގެ މައްޗަށެވެ. އާއިލާއަށް ޚަރަދުކޮށްފައި އެދުރުބޭގެ އަތްޕުޅަކު މާ ބޮޑު އެއްޗެއް ބާކީ ނޯވެއެވެ.

ނަމަވެސް، އެދުރުބޭ، އޭނަ ކުރައްވާ މަސައްކަތަށް ލޯބިކުރައްވާތީވެ، ކޮންމެ ދުވަހަކު ވެސް މަދަރުސާއަށް ކިޔަވައިދެއްވުމަށް ވަޑައިގަންނަވައެވެ. ކޮންމެ ދުވަހަކުމެ އަށެއްކަ ކިލޯމީޓަރު ދިގު މަސާފަތެއް ހިންގަވާފައެވެ. އެހެންވެ، އެދުރުބޭގެ ބޫޓު ވަރަށް އަވަހަށް ހަލާކުވެއެވެ. އެހެންވިޔަސް، އެދުރުބެއަކަށް އާ ބޫޓެއް އިރުއިރުކޮޅާ ހޯދޭކަށް ނޯވެއެވެ.

އެދުރުބޭގެ ދަރިވަރުންނަށް މިކަން ފާހަގަކުރެވިގެން، އެދުރުބޭއަށް ހަދިޔާއެއްގެ ގޮތުގައި، ހުރިހާ ކުދިން ވެގެން ބޫޓެއް ހޯދައި އެ ބޫޓު އެދުރުބޭއަށް ހަދިޔާއަކަށް ދިނީއެވެ. އެދުރުބޭ ބޫޓު ބަލައިގެން ކަމުގައި ވިޔަސް، ކުދިން ގާތު ބުނުއްވީ އެކަމަކީ އެކުދިން ކުރަންޖެހޭނޭ ކަމެއް ނޫންކަމެވެ. އެދުރުބޭ އެ ކުދިންނަށް ކިޔަވައިދެއްވަން ވަޑައިގަންނަވަނީ އެކަން ކުރައްވާ ހިތްވާތީއެވެ.

ކޮންމެއަކަސް، ވަރަށް ގިނަ ފަހަރު، އަޅުގަނޑުމެންނަށް ކިޔެވުމުގެ ދާއިރާއާއި އަދި އެހެން ދާއިރާތަކުގެ ޚަބަރުތައް އިވޭ އިރުވެސް އިވެނީ ނުރަނގަޅު ވާހަކަތަކެވެ. ކުފޫ ހަމަނުވާ މީހުން ދާއިރާގައި މަސައްކަތްކުރާ ކަމުގެ ވާހަކައެވެ. އިޚުލާސްތެރިކަމެއް ނެތް މީސްމީހުން އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ކަމުގެ ވާހަކައެވެ. ނަމަވެސް، ތިރީގައި އެވާ ސީޒަރ ޕަންޒާލަންގެ ވާހަކައިން އެނގެނީ އެކިއެކި ދާއިރާތަކުގައި މި ނޫން މީހުން ވެސް އުޅޭ ކަމެވެ. ކިޔެވުމުގެ ދާއިރާގައި ވެސް އިޚުލާސްތެރި އެދުރުންނާއި އެ އެދުރުންގެ އަގު ވަޒަންކުރާ ހެޔޮލަފާ ކުދިން ވެސް އުޅޭ ކަމެވެ.