Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

"ފޮތް ކިޔުމުން އަހަރުމެންގެ ސިކުނޑިތަކަށް އިލްމުގެ މާއްދާ ގެނެސްދެއެވެ. ނަމަވެސް ފޮތުގައި ބުނެފައި އޮންނަ އެއްޗެއް ރަނގަޅަށް ފަހުމުވެ، އެއީ އަހަރުމެންގެ އަމިއްލަ އެއްޗެއް ކަމަށް ހަދާލެވެނީ ކިޔާ އެއްޗަކާ މެދު ފުންކޮށް ވިސްނައިގެން ކިޔުމުންނެވެ."

ޒިހުނިއްޔަތުގެ މުއްސަނދި ސަގާފަތެއް އުފެދެނީ ފޮތް ކިޔަން ދަސްކޮށް، ފޮތް ކިޔުމުގެ އާދަ އަށަގަންނުވައިގެންނެވެ. ފޮތް ކިޔަން ދަސްވުމަކީ އަދަބިއްޔާތުގެ ފޮތެއް ނަމަ، ފޮތުގެ މިހުވަރީ މައުޟޫއަކީ ނުވަތަ މައުޟޫއުތަކަކީ ކޮބައިކަމާއި އެ މައުޟޫއު ހުށަހަޅާލެވިފައި އޮތީ ކޮން ގޮތަކަށްކަމާއި ފޮތް މެދުވެރިކޮށް ފޮތުގެ މުއައްލިފު ފޯރުކޮށްދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ ދެނެގަތުމެވެ. އިލްމީ ފޮތެއް ނަމަ، ފޮތް ޖަވާބުދޭން ގަސްދުކުރާ ސުއާލަކީ ކޮބައިކަމާއި އެ ސުއާލަށް ޖަވާބުދޭން ގެނެސްދީފައިވާ ހެކިތަކަކީ ކޮބައިކަމާއި އެ ހެކިތައް ތަހުލީލުކުރެވިފައި ހުރީ ކިހިނެއް ކަމާއި އަދި، ފޮތް ނިންމާލުމުގައި ޖަވާބު ހޯދަން ގަސްދުކުރި ސުއާލަށް އެކަށީގެންވާ އިލްމީ ޖަވާބެއް ދެވިފައިވޭތޯ ދެނެގަތުމެވެ.

އާދެ، ޖަމާއަތުގެ ތެރޭގައި މިފަދައިން ފޮތް ކިޔަން ދަސްކޮށް، ފޮތް ކިޔުން އާދަ ވެއްޖެ ނަމަ، އެ ޖަމާއަތަކީ ޒިހުނިއްޔަތުގެ ޖަމާއަތަކަށް ވެގެންދެއެވެ. އާދެ، ވިސްނާ ފިކުރުކުރާ ޖަމާއަތަށް ވެގެންދެއެވެ. ހަގީގީ ކުރިއެރުން ބިނާވެފައި އޮންނަނީ މިފަދަ ޖަމާއަތެއްގެ މައްޗަށެވެ.