Support Us

8 އަށް 8 

ކީރިތި ޤުރްއާނާއި ސުންނަތުން އެނގޭ ގޮތުގައި ސުވަރުގެއަށް ދޮރުކޮޅުތަކެއް ވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلَامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ- އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް تقوى ވެރިވި މީހުން، ބައިބަޔަށް ސުވަރުގެޔާ ދިމާއަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެތެވެ. އަދި އެ ސުވަރުގޭގެ ކައިރިޔަށް، އެއުރެންނަށް އާދެވޭ ހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ. އަދި އެތާނގެ ބަނޑޭރިން އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުން ރަނގަޅަށް އުޅެފީމުއެވެ. ފަހެ، އެ ސުވަރުގޭގައި ދެމިތިބެނިވި ގޮތުގައި ތިޔަބައިމީހުން އެތަނަށް ވަންނާށެވެ!))

ސުވަރުގޭގައި ދޮރުކޮޅުތަކެއް ވާ ކަން ބަޔާންކޮށްދެއްވައި ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إذَا جَاءَ رَمَضَانُ فُتِحَتْ أبْوَابُ الجَنَّةِ– ރަމަޟާން މަސް އަތުވެއްޖެނަމަ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވެއެވެ.))

މުއުމިނުންގެ ތެރެއިން އަށް ގިންތިއެއްގެ މީހުންނަށް ސުވަރުގޭގެ އަށް ދޮރުކޮޅުން ސުވަރުގެ ވަނުމުގެ ޝަރަފު ޤިޔާމަތް ދުވަހުން ލިބޭނެއެވެ. އެއީ ކޮން ބައެއް ހެއްޔެވެ؟ މާތްﷲ އަޅުގަނޑުމެންނަށް މި ޝަރަފު ދެއްވާށިއެވެ! އާމީން!

އަށް ދޮރުކޮޅުން ސުވަރުގެ ވަދެވޭ މީހުންނަކީ ކޮން ބަޔެއްކަން ބަޔާންކުރުމުގެ ކުރިން އަށް ދޮރުކޮޅުގެ ނަންތައް ބަޔާންކޮށްލާނަމެވެ.

8 ދޮރުކޮޅުގެ ނަންތައް

ފުރަތަމަ ދޮރުކޮޅު: باب الصلاة– ނަމާދުގެ ދޮރުކޮޅު

ދެވަނަ ދޮރުކޮޅު: باب الجهـاد– ޖިހާދުގެ ދޮރުކޮޅު

ތިންވަނަ ދޮރުކޮޅު: باب الرَّيَّـان– ރައްޔާން ދޮރުކޮޅު

ހަތަރުވަނަ ދޮރުކޮޅު: باب الصدقة– ޞަދަޤާތުގެ ދޮރުކޮޅު

ފަސްވަނަ ދޮރުކޮޅު: باب المتوكلين– ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާ މީހުންގެ ދޮރުކޮޅު

ހަވަނަ ދޮރުކޮޅު: باب بر الوالدين– މައިންބަފައިންނަށް ހެޔޮކޮށްހިތުމުގެ ދޮރުކޮޅު

ހަތްވަނަ ދޮރުކޮޅު: باب الذكر– ޒިކްރުގެ ދޮރުކޮޅު

އަށްވަނަ ދޮރުކޮޅު: باب التائبين– ތައުބާވެރީންގެ ދޮރުކޮޅު

ސުވަރުގޭގައި 8 ދޮރުކޮޅު

ސުވަރުގޭގައި އަށް ދޮރުކޮޅު ހުންނަކަން އެނގެނީ ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުންނެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((أَدْخَلَهُ اللهُ مِنْ أَيِّ أَبْوَابِ الْجَنَّةِ الثَّمَانِيَةِ شَاءَ- ސުވަރުގޭގެ އަށް ދޮރުކޮޅުގެ ތެރެއިން އޭނާ އެދޭ ދޮރުކޮޅަކުން ﷲ އޭނާ ސުވަރުގެ ވައްދަވާނެއެވެ.))

ސުވަރުގޭގައި އަށް ދޮރުކޮޅު ހުންނައިރު ނަރަކައިގައި ހުންނަނީ ހަތް ދޮރެވެ.

ދޮރުކޮޅުތަކުގެ ނަންތައް

ފުރަތަމަ ހަތަރު ދޮރުކޮޅުތަކުގެ ނަންތައް ބުޚާރީއާއި މުސްލިމު ރިވާކުރެއްވި ޙަދީސްފުޅުން އެނގެއެވެ.

باب الصلاة އާ ބެހޭގޮތުން ޙަދީސް ކުރެއްވިއެވެ. ((فَمَنْ كَانَ مِنْ أَهْلِ الصَّلَاةِ، دُعِيَ مِنْ بَابِ الصَّلَاةِ– އޭނާއަކީ ނަމާދުގެ އަހްލުވެރިއެއްނަމަ އޭނާއަށް ސުވަރުގެ ވަނުމަށް ގޮވައިލެވޭނީ باب الصلاة ދޮރުކޮޅުންނެވެ.))

باب الجهاد އާ ބެހޭގޮތުން ޙަދީސް ކުރެއްވިއެވެ. ((وَمَنْ كَانَ مِنْ أَهْلِ الْجِهَادِ، دُعِيَ مِنْ بَابِ الْجِهَاد- އޭނާއަކީ ޖިހާދުގެ އަހްލުވެރިއެއްނަމަ އޭނާއަށް ސުވަރުގެ ވަނުމަށް ގޮވައިލެވޭނީ باب الجهاد ދޮރުކޮޅުންނެވެ.))

باب الرَّيَّان އާ ބެހޭގޮތުން ޙަދީސް ކުރެއްވިއެވެ. ((وَمَنْ كَانَ مِنْ أَهْلِ الصِّيَامِ، دُعِيَ مِنْ بَابِ الرَّيَّانِ- އޭނާއަކީ ރޯދައިގެ އަހްލުވެރިއެއްނަމަ އޭނާއަށް ސުވަރުގެ ވަނުމަށް ގޮވައިލެވޭނީ باب الرَّيَّان ދޮރުކޮޅުންނެވެ.))

باب الصدقة އާ ބެހޭގޮތުން ޙަދީސް ކުރެއްވިއެވެ. ((وَمَنْ كَانَ مِنْ أَهْلِ الصَّدَقَةِ، دُعِيَ مِنْ بَابِ الصَّدَقَةِ- އޭނާއަކީ ޞަދަޤާތުގެ އަހްލުވެރިއެއްނަމަ އޭނާއަށް ސުވަރުގެ ވަނުމަށް ގޮވައިލެވޭނީ باب الصدقة ދޮރުކޮޅުންނެވެ.))

ޙައްޖުވެރީން ސުވަރުގެ ވަންނާނީ باب الجهاد ންނެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެއީ ޙައްޖުގެ މަނާސިކުތަކުގައި ޖިހާދުގެ މާނަ ހިމެނޭތީއެވެ. ޙައްޖުވެރީންނަށް ޚާއްޞަ ދޮރުކޮޅެއް ނެތެވެ.

ޒަކާތުގެ އަހްލުވެރީން ސުވަރުގެ ވަންނާނީ باب الصدقة އިންނެވެ. ޞަދަޤާތުގެ ތެރޭގައި ޒަކާތް ހިމެނޭތީއެވެ.

باب المتوكلين– ޙިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާ މީހުންގެ ދޮރުކޮޅާ ބެހޭގޮތުން ޙަދީސް ކުރެއްވިއެވެ. ((يا مُحمدُ أدْخِلِ الجنةَ من أُمَّتِكَ مَن لا حِسابَ عليه من البابِ الأيمنِ من أبوابِ الجنةِ، وهُمْ شُركاءُ الناسِ فِيما سِوى ذلِكَ من الأبوابِ- އޭ މުޙައްމަދުގެފާނޭވެ! ކަލޭގެފާނުންގެ އުއްމަތުގެތެރެއިން ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާ މީހުން ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން އެންމެ ކަނާތްޕުޅުފަރާތުގައި ހުރި ދޮރުކޮޅުން ސުވަރުގެ ވައްދުވާށެވެ! އަދި އެމީހުންނަކީ އެހެން މީހުންނާއެކު އެހެން ދޮރުކޮޅުތަކުގައި ބައިވެރިވެގެންވާ ބަޔެކެވެ.))

باب بر الوالدين– މައިންބަފައިންނަށް ހެޔޮކޮށްހިތުމުގެ ދޮރުކޮޅާ ބެހޭގޮތުން ޙަދީސް ކުރެއްވިއެވެ. ((الْوَالِدُ أَوْسَطُ أَبْوَابِ الْجَنَّةِ فإن شئتَ، فحافظ ْعلى البابِ، أو ضيِّعْ- މައިންބަފައިންނަށް ކަމޭހިތާމީހުންގެ ދޮރުކޮޅަކީ ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން އެންމެ ފުޅައު ދޮރުކޮޅެވެ. ފަހެ، ތިބާ ބޭނުންނަމަ އެ ދޮރުކޮޅަށް ރައްކައުތެރިވާށެވެ. ނުވަތަ ނަގައިލާށެވެ!))

باب الذكر– ޒިކްރުގެ ދޮރުކޮޅާ ބެހޭގޮތުން ޙަދީސް ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޤައިސް ބިން ސަޢުދު ބިން ޢުބާދަތުގެފާނުންގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ އަށް ޚިދްމަތްކުރުމަށް ޓަކައި ތިމަންކަލޭގެފާނުންގެ ބަފައިކަލުން ތިމަންކަލޭގެފާނު ރަސޫލާއާ ޙަވާލުކުރެއްވިއެވެ. އެއްދުވަހަކު ރަސޫލާ ދެ ރަކްޢަތް ކުރެއްވާ ނިމިވަޑައިގަތްތަނާ ތިމަންކަލޭގެފާނު ރަސޫލާގެ އަރިހަށް ވަޑައިގަތީމެވެ. އެހިނދު އެކަލޭގެފާނުގެ ފައިންޕުޅުން ތިމަންކަލޭގެފާނުންގެ ގައިކޮޅުގައި ކޮށްޓާލައްވައިފައި ވިދާޅުވިއެވެ. ސުވަރުގޭގެ ދޮރުކޮޅުތަކުން ދޮރުކޮޅެއް ދައްކަވަން ހެއްޔެވެ؟ ތިމަންކަލޭގެފާނު އާދޭހޭ ދެންނެވުމުން ޙަދީސްކުރެއްވިއެވެ. لا حول ولا قوة إلا بالله އެވެ.

باب التائبين– ތައުބާވެރީންގެ ދޮރުކޮޅާ ބެހޭގޮތުން ޙަދީސްކުރެއްވިއެވެ. للجنَّةِ ثمانيةُ أبوابٍ: سبعةٌ مُغلقةٌ، وبابٌ مفتوحٌ للتَّوبةِ حتّى تطلُعَ الشَّمسُ من نحوِه- ސުވަރުގެއަށް އަށް ދޮރުކޮޅު ލިބިގެންވެއެވެ. ހަތް ދޮރުކޮޅު ހުރީ ބަންދުކުރެވިފައެވެ. އިރު ހުޅަނގު ފަރާތުން އަރައްޖައުމަށްދާންދެން ތައުބާވެރީންނަށް ޓަކައި ހުޅުވިފައިވާ ދޮރުކޮޅެއް ވެއެވެ.))

ސުވަރުގޭގެ ދޮރުކޮޅުތަކުގެ ފުޅައުކަން

ސުވަރުގޭގެ ދޮރުކޮޅުތަކަކީ އަޅުގަނޑުމެން ދުނިޔެމަތީގައި މި ދެކޭފަދަ ހަނި ދޮރޮކޮޅުތަކެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ހިތަށް ތަޞައްވުރުކުރެވޭ ވަރަށްވުރެ ފުޅައުކަން ބޮޑު ދޮރުކޮޅުތަކެކެވެ. މި ދޮރުކޮޅުތަކުގެ ފުޅައުކަމާ ބެހޭގޮތުން ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((والذي نَفْسُ مُحَمَّدٍ بيَدِهِ، إنَّ ما بيْنَ المِصْراعَيْنِ مِن مَصارِيعِ الجَنَّةِ لَكما بيْنَ مَكَّةَ وهَجَرٍ، أوْ كما بيْنَ مَكَّةَ وبُصْرَى- މުޙައްމަދުގެފާނުންގެ ފުރާނަފުޅު އެ ފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވާ ޙަދީސްކުރައްވަމެވެ. ސުވަރުގޭގެ ދޮރުކޮޅުތަކުގެ ކޮންމެ ދެ ދޮރުފަތްކޮޅެއްގެ ދެމެދުގައި މައްކާއާ ހަޖަރާ ދެމެދުގައިވާ ދުރުމިން ނުވަތަ މައްކާއާއި ބުޞްރާ އާ ދެމެދުގައިވާ ދުރުމިން ވެއެވެ.))

ދޮރުކޮޅުތައް ހުޅުވޭނީ ކޮން އިރަކު

ޤިޔާމަތް ދުވަހުން ސުވަރުގެވަންތަވެރީން ސުވަރުގެއަށް ވަނުމުގެ ކުރިން އެތާނގެ ދޮރުކޮޅުތައް ހުޅުވިގެންދާނެތެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (جَنَّاتِ عَدْنٍ مُّفَتَّحَةً لَّهُمُ الْأَبْوَابُ- (އެއީ) އެތާނގެ ދޮރުތައް އެއުރެންނަށްޓަކައި ހުޅުވިފައިވާ عدن އެވެ ކިއުނު ސުވަރުގެތަކެވެ.))

ސުވަރުގޭގެ އަހްލުވެރީންގެ ކޮންމެ ގިންތިއެއްގެ ބަޔަކު ވެސް ވަންނާނީ އެބަޔަކަށް ޚާއްޞަކުރައްވައިފައިވާ ދޮރުކޮޅުންނެވެ. އެހެން ބަޔަކަށް އެ ދޮރުކޮޅަކުން ނުވަދެވޭނެތެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إنَّ في الجَنَّةِ بَابًا يُقَالُ له الرَّيَّانُ، يَدْخُلُ منه الصَّائِمُونَ يَومَ القِيَامَةِ، لا يَدْخُلُ منه أحَدٌ غَيْرُهُمْ- ހަމަކަށަވަރުން ސުވަރުގޭގައި ރައްޔާނެވެ ކިޔުނު ދޮރުކޮޅެއް ވެއެވެ. ޤިޔާމަތް ދުވަހުން ރޯދަވެރީން ސުވަރުގެ ވަންނާނީ މި ދޮރުކޮޅުންނެވެ. އެބައިމީހުން ނޫން އެހެން އެކަކުވެސް މި ދޮރުކޮޅަކުން ނުވަންނާނެއެވެ.))

އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވާނީ ކައު ރަސޫލާ

އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވާނީ ކީރިތި ރަސޫލާ ﷺ އެވެ. އެކަލޭގެފާނުންގެ ކުރިން އެއްވެސް މީހަކަށް ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެން ނުދާނެއެވެ.

ކީރިތި ރަސޫލާ ﷺ ޙަދީސްކުރައްވައިފައިވާ ގޮތުގައި އެކަލޭގެފާނު ޤިޔާމަތް ދުވަހުން ސުވަރުގޭގެ ދޮރުކޮޅު ކައިރިއަށް ވަޑައިގެން ހުޅުވައިދިނުމަށް އެދިވަޑައިގަންނަވާނެއެވެ. އެހިނދު ބަނޑޭރިކަލޭގެފާނު ވިދާޅުވާނެއެވެ. ތިޔައީ ކޮންބޭކަލެއްތޯއެވެ. މިއީ މުޙައްމަދުގެފާނޭ ވިދާޅުވުމުން ބަނޑޭރިކަލޭގެފާނު ވިދާޅުވާނެތެވެ. ކަލޭގެފާނުގެ އަމުރުފުޅަށް ކިޔަމަންގަތުމަށް އަމުރުކުރެއްވިގެންވެއެވެ. ކަލޭގެފާނުގެ ކުރިން އެހެން މީހަކަށް ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިނުދިނުމަށް ވެސް އަމުރު ކުރެއްވިގެން ވެއެވެ.

މި ބަސްފުޅުން އެނގެނީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭނީ އެއަށް އަމުރުކުރުމުންނެވެ. އަތަކުން ނުހުޅުވޭނެއެވެ.

ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވޭ ވަގުތުތައް

ދުނިޔެމަތީގައި މުސްލިމުންގެ ކުރިމަތީގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވޭ ޚާއްޞަ ވަގުތުތަކެއް ވެއެވެ. އޭގެތެރޭގައި:

ރަމަޟާންމަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެން ދެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إذَا جَاءَ رَمَضَانُ فُتِحَتْ أبْوَابُ الجَنَّةِ– ރަމަޟާންމަސް އަތުވެއްޖެނަމަ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވެއެވެ.))

ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭނެކަމަށް ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((تُفتحُ أبوابُ الجنَّةِ كلَّ يومِ اثنينِ وخميسٍ، فيُغفرُ في ذلك اليومَينِ، لكلِّ عبدٍ لا يشركُ بالله شيئًا، إلا مَن بينه وبين أخيه شحناءُ ! فيقال: أنظِروا هذَينِ حتى يصطلِحا– ކޮންމެ ހޯ މަދުވަހަކާއި ބުރާސްފަތި ދުވަހަކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވޭނެއެވެ. ﷲއަށް ޝަރީކު ނުކުރާ އަޅާގެ ފާފަތައް އެ ދެ ދުވަހު ފުއްސަވާނެއެވެ. ރުޅި އައިސް އެކަކު އަނެކަކާ ގުޅުން ކަނޑައިފައިވާ ދެ މީހުން މެނުވީއެވެ. ފަހެ ބުނެވޭނެއެވެ. ތިޔަ ބޭކަލުން އެ ދެމީހުން ސުލްހަ ވާންދެން މަޑުކުރައްވާށެވެ!))

ވުޟޫ ކުރާ ވަގުތު: ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((ما مِنكُم مِن أحَدٍ يَتَوَضَّأُ فيُبْلِغُ، أوْ فيُسْبِغُ، الوَضُوءَ ثُمَّ يقولُ: أشْهَدُ أنْ لا إلَهَ إلَّا اللَّهُ وأنَّ مُحَمَّدًا عبدُ اللهِ ورَسولُهُ؛ إلَّا فُتِحَتْ له أبْوابُ الجَنَّةِ الثَّمانِيَةُ يَدْخُلُ مِن أيِّها شاءَ- ތިޔަބައިމީހުންކުރެ މީހަކު ވުޟޫކޮށް އެ ވުޟޫ ފުރިހަމަކުރުމަށްފަހު أشْهَدُ أنْ لا إلَهَ إلَّا اللَّهُ وأنَّ مُحَمَّدًا عبدُ اللهِ ورَسولُهُ ކިޔައިފިނަމަ އޭނާ ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަނުމަށް ޓަކައި ސުވަރުގޭގެ އަށް ދޮރުކޮޅު ހުޅުއްވާ ނުދެއްވާ ނުބަހައްޓަވާނެއެވެ.))

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *