...

Support Us

ކޮލަމް ކަލާވެހި: "މިކަހަލަ ތަނެއްގައި ގިނަ ދުވަހު ނުލަހައްޓަވައި އެހެން މަގެއް ދެއްކެވިއްޔާއޭ ރަނގަޅީ!"

ދުވަސްވަރަކީ، އެ ދީނެއްގެ މަތީގައި ދެމިތިބުމުގެ އުހައުވެރިކަން އަޅުގަނޑުމެންނަށް ލިބިގެންވާ އިސްލާމް ދީނުގެ ބަރަކަތާއި ތަންވީރު ޝާމްކަރަޔާ ހަމަޔަށް ފޯރުމުގެ ހަމަ ކުޑަ ދުވަސްކޮޅެއް ކުރިއެވެ. ދެންފަހެ، އެ ދުވަސްވަރު އެ ހިސާބުގަނޑުގައި އުޅުއްވި މުތަޖައްވިލް ޝާޢިރެއް އެ ކަރައިގެ ޙުމްޞް އޭ ކިޔުނު ޝަހަރާ ވަރަށް ގާތުގައި އޮންނަ ކުޑަވަރެއްގެ އަވަށްގަނޑެއްގެ ވެރިޔަކަށް ހުންނެވި އަމީރެއްގެ އަރިހަށް ޒިޔާރަތެއް ކުޅައެވެ. އަދި އޭނާ ކުޅަ އެ ޒިޔާރަތުގެ ބޭނުންތަކުގެ ތެރެއިން ފައުޅުކުރި އެއް ބޭނުމަކީ އަވަށުގެ އަމީރުގެ ޙިކްމަތާއި، ހިތްޕުޅުހެޔޮކަމާއި، ސަމާޙަތްތެރިކަމުގެ މައްޗަށް ޅެމެއް ހެދުމެވެ.

ޝާޢިރުކަލޭގެ އަމީރުގެ ފައިންޕުޅު ދެކެ، ކުރުނީސްކޮށް، އަދަބު އަދާކޮށް ހެދުމަށް ފަހު، ތަޢުރީފުގެ ވަސްމީރު މައުމެލާމެލީން ގަތައި އަމުނައިފައި އޮތް ވެދުމުގެ ގުލްހާރަކުން އަމީރަށް ވެދުންކުރިއެވެ. އަމީރުވެސް، އެ ޒަމާނުގެ އާދަކާދައިގެ މަތީން، ޝާޢިރުގެ ޝަފަހީ ތަޤްރީޡް ނިމެންދެން ހަނު އިންނެވުމަށް ފަހު، ޝާޢިރަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އެ މަނިކުފާނުންގެ ޤަރްޔާގައި ޝާޢިރަށް އަމާންކަމާއި މެހުމާންދާރީ ލިބިގެންވާކަމާއި، ޝާޢިރު އެ އަވަށަށް އައި ބޭނުން އެނގިވަޑައިގެން ވާ ކަންވެސް ވިދާޅުވިއެވެ.

ދެންފަހެ، އަމީރާއި ޝާއިރާ ދެމެދު ދެކެވުނު ވާހަކަތައް ދީވާނުގެ ކާތިބަކު ނަކަލުކުޅައެވެ. އަދި އެ ނަކަލު ބެލި މީހަކަށް ފެންނާން އޮންނާނީ ތިރީގައި މިވާ ބަޔާނެވެ:-

ޝާޢިރު: ޝުކުރުވެރިކަމާއި އަދަބުވެރިކަމާއެކު ދަންނަވަން، މަނިކުފާނުންގެ ޟިޔާފަތުގެ ފޮނިމީރުކަން މިހައިރުވެސް އަޅުގަނޑަށް ލިބިލިބި ހުރިކަމީ މަނިކުފާނުންގެ ހެޔޮފުޅުކަން.

އަމީރު: ޝާޢިރު ހަދަން ޤަޞްދުކުރާކަމަށް އިވިފައި މިއޮތް ޅެން ހެދުމުގެ އިތުރުން ދެން އިތުރު ކަމެއް ކުރާން ޤަޞްދުކުރަންތަ؟ އަދި އަހަރެންގެ ޤަރްޔަތުން އިތުރު އެހެން އެއްވެސް ކަމަކަށް ބޭނުންތަ؟ އެހެންނަމަ ބުނެބަލަ، އަހަރެންގެ ދީލަތިކަމީ މިހިސާބު ކީއްކުރަން، ބިން ފަތުރުއްވަވައިފައި އޮތް ހިސާބުގައި އިންސާނުން ދިރިއުޅޭކަމަށް އަހަރުމެންނަށް އެނގިފައިވާ އެންމެހައި ތަންތަނުގައި ދިރިއުޅޭ ކަތުންނަށްވެސް އެނގިފައި އޮންނާނޭ ކަމެއް!

ޝާޢިރު: އިޒުނަފުޅު ދެއްވިޔަތީ ދަންނަވަން. މަނިކުފާނުން ތިޔަ ވިދާޅުވީ ހަމަ ކަން އޮތް ގޮތަށް. އަޅުގަނޑު މިއީ އެކަމަށް ޝުކުރުވެރިކަމާއެކު ހެކިވާނޭ ހެއްކަކީމު. ދަންނަވަންތޯ، އަޅުގަނޑަށް މިހައިރުވެސް ތިޔަ ދައްކަވާ ހެޔޮފުޅުކަން ނޫން އިތުރު އެއްވެސް އެއްވެސް ކަމަކު އަޅުގަނޑު ނުދަންނަވާނަން.

އަމީރު: އެހެންވިއްޔާ ބުނެބަލަ، ކަލޭގެ އަހަރެންގެ މި ގަނޑުވަރާ ހަމަޔަށް އައިއިރު ފެނުނު ތަންތަނާއި ބައްދަލުވި މީހުންނާއި އިވުނުއަޑުތަކަށް ބަލާއިރު، ވައިރޯޅިޔަށް ވުރެވެސް ހަލުއިކޮށް އަހަރުމެންގެ ޤަރްޔާގައި މިހައިރު ދަތުރުކުރާ ޢުމްރާނީ ތަރައްޤީ ދުށީމުތަ؟ ބަސްބުނިހިނދުން ވުޖޫދަށް އަންނަ މަގުތަކާއި ފާލަންތަކާއި ބަނދަރުތައް ދުށީމުތަ؟ މިތަނަށް ޒިޔާރަތްކުރާ މެހުމާނުންގެ އަސްތައް މިތަނުގައި ދިރިއުޅޭ އިންސާނުންނަށް ވުރެވެސް އަރާމުގައި ބައިތިއްބަން ހެދިފައިވާ އަސްތަބީލާތައް ނުދެކެންތަ؟ އެކި ޤައުމުތަކުން މިތަނުގެ ހިތްފަސޭހަކަން ބަލައިލާން އަންނަ މީހުން ގާތުން ދެކޭ ހިތްވާ ބާޒާއި، ސުރުމުއްޗާއި، އެހަނޑަޔާއި، ކަޅުކައުޅު ޙިމާޔަތްކުރާން އަޅައިފައިވާ ފިޔަވަޅުތަކުގެ ވާހަކަ ނުއަހަމުތަ؟ ދުނިޔޭގެ އަރާމަށް ބަރޯސާވުމަކީވެސް މުހިންމުކަމެއް ކަމަށް ދެކޭ މަހުޖަނުން އަހަރުމެންގެ ޤަރްޔާގައި ބިނާކުރަމުން އެގެންދާ ބޮޑެތި ހަވޭލީތައް ނުފެނޭތަ؟ ދުނިޔޭގެ ހަމަ ކޮންމެ ތާކުން ވިޔަސް މިތަނަށް އަންނަ ތަފާތު އެކި ޒާތާއި ޚުލްޤާއި ޢަޞާބަތުގެ މީހުންނަށް އެއްވެސް ހުރަހަކާ ނުލައި މިތަނުގައި ވިޔަފާރިކޮށް، އެ ވިޔަފާރިން ލިބޭ ނަފާ މުޅި ދުނިޔެއަށް ފޮނުވުމުގައި ކުޑަވެސް ހުރަހެއް ނެތް ކަމުގެ ދީލަތިކަން ނުދެކެމުތަ؟ ފަހެ މި އަމީރަކީ ޒަޢީމެއްކަން ދުނިޔެ އެ ޤަބޫލުކުރާނީ މިބުނާ މަގުން ކަންކަން ހިނގާތީ، އެހެންނޫންތަ؟

ޝާޢިރު: އާދެ! އާދެ! ތިޔަ ވިދާޅުވަނީ ހަމަ ތެދުފުޅެއް. ކަން އޮތީ ހަމަ ތިޔަ ވިދާޅުވާ ގޮތަށް. މަނިކުފާނުންނަކީ ޒަޢީމުންގެ ޒަޢީމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން!

އަމީރު: ނާ އަޅެ ބުނެބަލަ، ކަލޭގެ މި ގަނޑުވަރަށް އައީ ސީދާ މައިމަގުންތަ؟ ނުވަތަ އެހެން އަވަށްގަނޑެއްގެ ތެރެއިންތަ؟

ޝާޢިރު: މަނިކުފާނުންނަށް ލިބިވަޑައިގެންވާ ޙިކުމަތްދާރީ ކަމާ މެދު އަޅުގަނޑު އާޝޯޚުވަން. މަނިކުފާނުން ތިޔަ ކުރެއްވި ސުވާލު އަޅުގަނޑާ ތިޔަ ކުރެއްވީ އަޅުގަނޑު މިތަނަށް އައީ ޖެހިގެން އޮތް ކުޑަ އަވަށުގެ ތެރެއިންކަން މަނިކުފާނުންނަށް ކޮންމެވެސް ގޮތަކުން އެނގިވަޑައިގެންކަން އަޅުގަނޑަށް ކަށަވަރު.

އަމީރު: އެހެންޏާ، އަޅެ ބުނެބަލަ، އެ އަވަށްގަނޑުން އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ފެނުނުތަ؟ އަހަރެން މި ސުވާލު މިކުރަނީ ސަބަބެއްވެސް އޮވެގެން. އަދި އެ ސަބަބަކީ މިއީ. އެ އަވަށަކީ އަހުރެންގެ ބެލެނިވެރިކަމާއި ބާރުގެ ދަށުގައި އޮންނަ ތަނެއް.

ޝާޢިރު: މަނިކުފާނުންގެ ޢުމުރުފުޅު ދަންމަވާށި! އެ އަވަށުން އާދަޔާ ޚިލާފު ކަމަކާ އަޅުގަނޑާ ކުރިމަތިވިކަންވެސް މަނިކުފާނަށް މިހައިރު އެނގިވަޑައިގެންވެސް ފާނެ ކަންނޭނގެ.

އަމީރު: އަހުރެންނަކީ އެއްއިރަކުވެސް ނޭނގުމުގެ ތެރޭގައި ހުންނަ މީހަކީމެއް ނޫން. އެކަމަކު ބުނެބަލަ، ތިޔަބުނާ އާދަޔާ ޚިލާފު ކަމެއް ކަލޭގެ ނަޒަރަށް ފެނުނު ގޮތްވެސް އަހުރެންނަށް ބުނެދީބަލަ.

ޝާޢިރު: މަނިކުފާނުން އައްސަވާ! އެ އަވަށުގެ މަކްތަބުގައި އެއް ދުވަސްވަރަކު ކިޔަވައިދެއްވަން އުޅުނު އެދުރަކާ އަޅުގަނޑާ ދިމާވި މީގެ ކުރީން އަޅުގަނޑު އެ އަވަށަށް އައި ފަހަރަކު. އޭނާޔަކީ އެއިރު ވަރަށް އަބުރުވެރި، އަމާނާތްތެރި، ޚުލްޤު ހެޔޮ، ނަޒާހަތްތެރިޔެއް ކަމަށް އަޅުގަނޑަށް ފެނުނީ…

އަމީރު: ދެން އެހެންވިއްޔާ، މިހައިރު އަނެއްކާ އޭނާޔަށް ބަދަލެއް އައީތަ؟

ޝާޢިރު: އާދެ، މަސާހިބު! އޭނާޔަކީ މިހައިރު ބޮޑު ފަޤީރެއް. އޭނާގެ އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ވަޒަންކުރާނޭ ގޮތެއް އަޅުގަނޑަށް ފެންނަ ގޮތަކަށް މިހައިރަކު ނެތް. އޭނާގެ އަބުރެއް ހަމަ ގައިމުވެސް މިހައިރަކު ނެތް. އޭނާގެ އުޅުމާއި ބަސްމަގަށް ބަލާއިރު، އޭނާގެ އިހުގެ ޚުލްޤެއްވެސް އޭނާގެ ކިބަޔަކު މިހައިރަކު ނެތް!

އަމީރު: އޭނާގެ އުޅުމާއި ބަސްމަގާއި ޚުލްޤުގެ ވާހަކަ އިހަށް ބާއްވައިފައި، އޭނާގެ އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ވަޒަންކުރާނޭ ގޮތެއް ނެތޭ ތިޔަ ބުނީ ކީއްވެގެން؟

ޝާޢިރު: އަޅުގަނޑަށް މަނިކުފާނުން އަރިހު އެހެން އެ ދެންނެވުނީ، އޭނާޔަކީ މިހައިރު ވަޒީފާޔެއް ނެތް މީހަކަށް ވާތީ. އޭނާޔަށް ޖެހުނު ބައްޔެއްގެ ސަބަބުން، އަދި އެ ބައްޔަކީ ދާއިމަށް ބޭސްކުރާން ޖެހޭ ޒާތުގެ ބައްޔަކަށް ވެފައި، އެ ބަލީގައި އުޅެމުން އަމާނާތްތެރިކަމާއެކު ވަޒީފާގެ އެންމެހައި މަސްއޫލިއްޔަތުތައް އިހު އަދާކުރި ގޮތަށް ފުރިހަމަޔަށް އަދާ ނުކުރެވޭނޭ ކަމަށް މަނިކުފާނުންގެ ދައުލަތުން އެ އަވަށަށް ލައްވައިފައި ހުންނަވާ ޙަކީމު ބުނުއްވާތީ، އެދުރުމީހާ ވަޒީފާއިން އިސްތިޢުފާ ދީފައި ހުންނަނީ ގޭގައި. ދިރިއުޅެން ކުރާ މަސައްކަތަކީ ބައެއް ކަހަލަ ރަޙްމަތްތެރީން އެކި ދިހަމަތީން އޭނާޔަށް ދީ އުޅޭ ކުދިކުދި މަސައްކަތް ކުރުން. ބުނާ އަޑު އިވޭ އޭނާގެ ގާތްތިމާގެ ބައެއް މީހުން އޭނާޔަށް އެތިކޮޅު ދިއްކޮށްލައިވެސް އުޅެޔޭ.

އަމީރު: ދެން އެގޮތްވެސް ހަމަ އެންމެ ރަނގަޅެއް ނު؟ މުސްކުޅިވެ ގައިބާރު ދެރަވީމައި ކޮންމެ މީހެއްގެވެސް ދިރިއުޅުން އޮންނާނީ އެކަހަލަ ގޮތަކަށް ނޫންތަ؟

ޝާޢިރު: އަދި އިތުރު އެހެން ކަންކަންވެސް އެބަހުރި، އިނގޭތޯ!

އަމީރު: އެހެން ކަންކަމޭ؟

ޝާޢިރު: އާދެ! އޭނާޔަށް މިދެންނެވި މަގުތަކުން ލިބޭ އެއްޗަކުން އިހު އުޅުނު އާދައިގެ ދިރިއުޅުންވެސް އުޅެވޭ ވަރެއް ނުވޭ. އޭނާޔާ އޭނާގެ އަނބިމީހާގެ ބަނޑުފުރާނަމުއްތިކުރާނޭ ވަރުވެސް ބައެއް މަސްމަހު ނުލިބޭ. އޭނާގެ ދަރީންނަކީ އޭނާގެ ނަޒާހަތްތެރިކަމުގެ ނަތީޖާ. މިހެން މިދެންނެވީ، އެ ކުދީންނަކީވެސް އެ އަވަށުގައި މެހުމާންސަރާއެއް، ވިޔަފާރިޔެއް ގެންގުޅެވޭހައި ތަނަވަސްކަމެއް ނުވަތަ ފެންވަރެއް ދުވަހަކުވެސް އެމީހުންގެ އުނގަށް ލެއްގި ބައެއް ނޫން. އެމީހުންވެސް މީހުންނާ އިނދެގެން އުޅެނީ ވަރަށް ދޭސީ ދިރިއުޅުމެއް. މާލީ ގޮތުން މައިންބަފައިންނާ އެހީވެވޭ ފަދައެއްގަޔެއް ނޫން!

އަމީރު: އެކަމަކު މުސްކުޅި މައިންބަފައިން ބެލުމަކީ ދަރީންގެ މަސްއޫލިއްޔަތެއްނު؟

ޝާޢިރު: އެކަމަކު އެ ދަރީންނަށް އެވަރެއް ހަމަ ނުވާ ކަމަށް ވަނީ. އަދި ދަންނަވަންތޯ، އެދުރުކަލޭގެ ގެ އަނބިމީހާޔަކީވެސް އެހައި ޚުލްޤުހެޔޮ މީހެއް ނޫން. ގޭތެރޭގެ ކަންކަމަށް ހަމަ ކިރިޔާ ދަތިވެލާއިރަށް އެ ގޮއްޔެ ހުންނަނީ ރަތަށް އަރައިފައި. ހުރިހައި ރުޅިޔެއް ބާލަނީ ބަލި ފިރިމީހާޔަށް. ރުޅި ބާލައިފައި، ރުޅި ބުނެފައި، އެހެރަ އުޅޭ ގޮތްތަކުންނާއި އަޑުލުންތަކުން ސަލާމަތްވާން އެދުރުކަލޭގެ މަގުމައްޗަށް ނިކުންނައިރު އެ ފަކީރު ހުންނަނީ އޭނާޔާ މަގުމަތީން ދިމާވާ ޚުލްޤު ނުބައި މީހަކު ދެރަބަހެއް ބުނެއްފިއްޔާ، ލަހެއް ފަހެއް ނެތި އެމީހަކަށް ރުޅިގަނޑު ބައިލައިލާ ހިސާބުގައި.

އަމީރު: އެހެންތަ؟ އެދުރުކަލޭގެ ކެތްތެރިކަމުގެ މަގުން ދެރަވަރު ވީމައިތާ އެހެންވެސް ވާނީ؟

ޝާޢިރު: އެކަހަލަ ކަންކަން ބޮޑަށް އެނގިވަޑައިގަންނަވާނީ ހަމަ މަނިކުފާނުންނަށް. އަޅުގަނޑު އެދުރުކަލޭގެޔާ އެވާހަކަ ދައްކައިލީމައި އޭނާ ދިނީ އެހެން ޖަވާބެއް. އޭނާ ބުނީ އޭނާޔަކީވެސް ހަމަ އެހެން މީހުންނެކޭ އެއްފަދައިން ހަމާއި މަހާއި ލެޔާއި ކަށީން އުފައްދަވައިފައިވާ އާދައިގެ އިންސާނަކީމޭ، އިންސާނުން ކެތްކޮޅުންލާ ޙުދޫދުތަކެއްވެސް ހުންނާނޭ.

އަމީރު: ދެން އޭނާޔަށް ދައުލަތުގެ މަޢީޝަތެއް ނުލިބޭތަ؟ އޭނާ ކުޅަ ޚިދުމަތުގެ ތަބްދީލުގައި ރަސްމީ ޚައިރާތެއްވެސް ހަމަ ނުލިބޭތަ؟

ޝާޢިރު: އަޅުގަނޑު ތިޔަ ސުވާލު އޭނާޔާ ކުރިން. އޭނާ ބުނީ، ޙަކީމު އަންގަވައިގެން ނަމަވެސް، ބަލިޙާލު ހުރިގޮތުން ނަމަވެސް، އޭނާ ވަޒީފާއިން ވަކިވީ އިސްތިޢުފާޔަކުން ކަމަށް ވާތީ، އަދި މަނިކުފާނުން އިޢުލާނު ކުރައްވައިފައި އޮންނަ، މުސްކުޅިކުރެއްވުމުގެ ޢުމުރުގެ ކުރީން ކަމަށް ވާތީ، އޭނާޔަކަށް ދައުލަތުގެ މަޢީޝަތެއްވެސް އަދި އެހީފުޅެއްވެސް ނޯވެޔޭ. ތަންތަނަށް ހިނގައި، ބޭބޭފުޅުންނަށް އާދޭސްދަންނަވައިވެސް ހެދިއްޖޭ. އެކަމަކު އެއްވެސް ހެޔޮ ނަތީޖާއެއް ނުފެނުނޭ. ލިބުނީ މަލާމާތާއި ފުރައްސާރަޔޭ.

އަމީރު: ދެން އޭނާ ކުރަނީ ކޮންކޮން ކަހަލަ މަސައްކަތްތަކެއްތަ؟

ޝާޢިރު: އޭނާ ބުނީ ޙަކީމުގެ އެންގެވުން ޤަބޫލުކުރެވުނީތީ މޮޔަހީވެޔޭ، މިހައިރު އޭނާ އާމްދަނީ ހޯދަނީ ޖެހުނު ކޮންމެ ކަމެއް ކޮށްގެންނޭ. އެންމެ ފަހުންވެސް ކުރި މަސައްކަތަކީ ރަށަށް އަރާ މެހުމާނުންގެ ފައިވާނާއި ޖޫތީ ފޮހެ ސާފުކޮށްދިނުމާއި، އަސް ފެންވަރުވައިދިނުމޭ. އަދި އަޅުގަނޑު ސުވާލު ނުކުރަނީސް އޭނާ އަޅުގަނޑު ގާތު ބުނީ އޭނާގެ ބަސްމަގު ތަންކޮޅެއް ހުތުރުވެދާނެޔޭ، އެއީ އެގޮތަށް ބާޒާރުމައްޗަށް ނިކުމެ، އެތާ އުޅޭ މީހުންނާ ވާދަކޮށްގެން މިދެންނެވި ޒާތުގެ މަސައްކަތް ހޯދޭނީވެސް އިހުގެ ބަސްމަގާއީ ޚުލްޤު މުޅީން ދޫކޮށްލައިގެން ނޫންހޭ.

އަމީރު: ދެން ކީއްވެގެންބާ އޭނާ އަހަރެން ގާތަށް ނައީ؟

ޝާޢިރު: އަޅުގަނޑު އޭނާޔާ ތިޔަ ސުވާލުވެސް ކުރިން. އެ ސުވާލުގެ ޖަވާބުގައި އޭނާ ބުނީ އޭނާ އެކަމާ އުޅުނީމޭ، އެކަމަކު މަނިކުފާނުންގެ ހަށިފާރަވެރީން އޭނާ މިތަނާ ގާތްވާއިރަށް ދަނޑީން ތަޅައި ދުރަށްލަނިއްޔޭ!

އަމީރު: އާނ، ދެން، ހަމަ ކޮންމެކޮންމެ މީހަކަށް ހިތުހުރިހައި އިރަކު އެހެން އައިސް ތަނުގެ އަމީރަކާ ބައްދަލެއް ނުވާނެ، ދޯ؟ އަދި ނިޒާމުން ބޭރުން އަހަރެން އޭނާޔަށް ކޮށްދޭނީވެސް ކޮންކަމެއް. އޭނާ މުސްކުޅިކުރެއްވުމުގެ ކުރީން އިސްތިޢުފާ ދިނީނު؟

ޝާޢިރު: އާދެ!

އަމީރު: ދެނޯ؟

ޝާޢިރު: އޭނާ ދެން ބުނީ މަނިކުފާނުން ނުރުއްސަވާނޭ ވާހަކަޔެއް. ދަންނަވާކަށް ނުކެރޭނެ.

އަމީރު: ނާ، އަޅެ، ބުނެބަލަ! އަހުރެން ރުޅިޔެއް ނާންނާނަން.

ޝާޢިރު: މަނިކުފާނުން އަޅުގަނޑަށް މަޢާފުކުރައްވާނޭ ކަމަށް ހީކުރަން. އައްސަވާ! އޭނާ ބުނީ، ތަނަކީ އަވަށަކަށް ވިޔަސް، ރަސްކަމަކަށް ވިޔަސް، އަދި ޤައުމަކަށް ވިޔަސް، އެތާކަށް އަބުރުވެރިކަމާއި، އަމާނާތްތެރިކަމާއި، ޚުލްޤު ހެޔޮކަމާއި، ނަޒާހަތްތެރިކަމާއެކު ޚިދުމަތް ކުރުންމަތީ ދެމިހުރި މީހަކު ބަލިވެގެން ދުރަށް ދާން މަޖުބޫރުވާ ދުވަހު އެމީހަކު ކުނިގަނޑަކަށް ހަދައި، ގޮނޑުހޮވައި ކާން އެއްލައިލާނީ ހައުދަހައި އަނިޔާވެރި ތަނެއްގަޔޭ. އަދި އެގޮތަށް އެއްލައިލެވޭ މީހާގެ އަބުރާއި އަޚުލާޤު އެއްލައިލައި، ނުވަތަ އަތްމައްޗަށް ލައިގެން ނީލަން ކިޔަމުން ބަނޑުފުރާނަމުއްތިކުރާން މަގުމައްޗަށް ނިކުންނަން ޖައްސާ މުޖުތަމަޢަކީ ހައުދަހައި ދެރަވަރުގެ މުޖުތަމަޢެކޭ. އަދި އެ ފަދަ މުޖުތަމަޢެއްގައި ހެދިބޮޑުވަމުން އަންނަ ޅަ ދަރީންނާއި ޒުވާނުންނަށް އެ ކަމުން އެ ލިއްބައިދެވެނީ ހައުދަހައި ނުކިއްސަރު ފިލާވަޅެކޭ.

އަމީރު: ހާދަ ގޯސް މީހެކޭ ދޯ އެއީ؟ އޭނާ ދެން އިތުރު އެއްޗެއް ބުނިތަ؟

ޝާޢިރު: އޭނާގެ ހެޔޮކަމާއި ނުބައިކަމުގެ ވަޒަންކުރާން އަޅުގަނޑު މިއީ ދެން ކާކުތޯ؟ އާދެ! ދެން އޭނާ ބުނީ އެންމެ އެއްޗެއް. އޭނާ ދެން ބޭނުންކުޅަ ޖުމުލަ ހަމަ އޭނާގެ އަނގައިން ބޭރުވި ގޮތަށް އަޅުގަނޑު މަނިކުފާނުން އަރިހު ދަންނަވާނަން. އެ ޖުމުލަޔަކީ، "މިކަހަލަ ތަނެއްގައި ގިނަދުވަހު ނުލަހައްޓަވައި އެހެން މަގެއް ދެއްކެވިއްޔާއޭ ރަނގަޅީ!"

ޝާޢިރުކަލޭގެޔާއި އަމީރާ ދެމެދު ދެން ހިނގި މުޢާމަލާތުގެ ތަފްޞީލަކަށް އަޅުގަނޑު ނުދާނަމެވެ. އެއީ ފަށަމުން ދެންނެވި ބަޔާނުގެ ނަކަލު އެ ހިސާބަށް ނިމުނީމައެވެ. އޭގެ ބޭރުން އަޅުގަނޑު ދަންނަވަން އޮތީ ހަމަ އެންމެ ވާހަކަޔެކެވެ. އެއީ މިއެވެ. ޝާޢިރު އެބުނާ ޅެމެއް އޭނާޔެއް ނުހަދައެވެ. އޭނާ އަމީރުގެ ފައިންޕުޅު ދުށް ދުވަހުގެ ރޭ އޭނާ އެ އަވަށުން ސިއްރުން ފައިބައިގެން ދިޔައީއެވެ.

 

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.