Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް- އަދުލުއިންސާފާ އެންމެ ދުރު އަމަލު

މިއީ މަތީގައި ނަކަލުކޮށްލެވިފައިވާ ބެރަން ޑީ މޮންޓެސްކޫގެ ބުނުމެއްގެ ދިވެހި ތަރުޖަމާއެކެވެ. އޭނާއަކީ ސަތާރަ/ އަށާރަ ވަނަ ގަރުނުގައި އުޅުއްވި ފަރަންސޭސިވިލާތުގެ ސިޔާސީ މުފައްކިރެކެވެ. މުއައްރިޚެކެވެ. ލިޔުންތެރިއެކެވެ. އަދި ގާޒީއެއް ވެސް މެއެވެ. އޭނާ ބުނެފައި ވެއެވެ:

"ގާނޫނުގެ އައްޑަނައިގެ ދަށުގައި [މާނައަކީ ގާނޫނުގެ ހިމާޔަތް ލިބިގެން]، އަދުލުއިންސާފުގެ ނަމުގައި ހިންގާލެވޭ ބޭރަހުމީ އަނިޔާވެރިކަމަށް ބޮޑު އަނިޔާވެރިކަމެއް ނޯވެއެވެ."

މި ބުނުމުގެ މާނަ ފަހުމުކޮށްލުމަށްޓަކައި ތިން ލަފްޒެއްގެ މާނައިގެ މައްޗަށް ބަލާލަން ޖެހެއެވެ. އަދި، އެއަށް ފަހު، މިބުނުން އިތުރަށް ސާފުވެ ފަހުމުވެދިޔުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން މި ބުނުމާ ގުޅޭ މިސާލެއް ވެސް ލިޔެލަން ގަސްދުކުރަމެވެ.

އެންމެ ފުރަތަމަ ބަލާލަން ގަސްދުކުރަނީ 'ޓައިރަނީ’ގެ މާނައިގެ މައްޗަށެވެ. ޓައިރަނީގެ އަސްލު މާނަ ގުޅެނީ ޔޫނާނީ ބަހުގެ 'ޓައިރަނޯސް' އާއެވެ. މާނައަކީ 'ސާހިބާ’އެވެ. އާދެ، އަޅެއްގެ ނުވަތަ އަޅުންތަކެއްގެ ވެރި ސާހިބާއެވެ. އޭނާގެ ރައްޔިތުންނާ ދޭތެރޭ އަޅުންގެ ގޮތުގައި ހިތައި، ގާނޫނުތަކާއި ގަވާއިދުތަކަށް ބެލުމެއް ނެތި، ތިމާ ހިތު ހުރި ގޮތަކަށް ކަންތައް ކުރާ މީހާއަކީ 'ޓައިރަންޓެކެވެ. މުސްތަބިއްދު ވެރިއެކެވެ. އޭނާ ހިންގާ ވެރިކަން ސިފަކުރެވޭނީ ޓައިރަނީއެއްގެ ގޮތުގައެވެ. އިސްތިބްދާދީ – ހުރިހާ ބާރެއް ތިމާގެ އަތުގައި އޮންނަ- އަނިޔާވެރި ވެރިކަމެއްގެ ގޮތުގައެވެ. ހިންގާލެވޭ ވެރިކަމަކަށް ބޭރުފުށުން ކޮންމެ ފަދަ ނަމެއް ވެސް ދެވިދާނެއެވެ. ޑިމޮކުރަސީއެކޭ ރަސްކަމެކޭ ޚިލާފަތެކޭ ފަދަ ނަންނަން ކިޔިދާނެއެވެ. ނަމަވެސް، ވެރިކަމުގެ ހަގީގަތަކީ އިސްތިބްދާދިއްޔަތު ކަމަށް ވެފައި، ގަވާއިދުތަކާއި ގާނޫނުތަކެއް އޮތަމެ، އެ ގަވާއިދުތަކާއި ގާނޫނުތަކަށް އިހުތިރާމު ކުރުމެއް ނެތި، ނުވަތަ، އެ ގަވާއިދުތަކާއި ގާނޫނުތައް ވަށާލައިފައި ވެރިކަމުގައި ހުންނަ މީހާއަށް އޭނާ ހިތުހުރި ގޮތަކަށް، އަނިޔާވެރި ސިފައެއްގައި، މާނައަކީ އަދުލު އިންސާފުގެ މަގުން އެއްކިބާވެ ހުރެ، ހިންގާލާ ވެރިކަން ވާނީ 'ޓައިރަނީ’އަކަށެވެ. އިސްތިބްދާދީ ވެރިކަމަކަށެވެ.

މިއިން އެނގެނީ ޓައިރަނީއެއްގައި އެކުލެވޭ މައިގަނޑު ދެކަމެއް އޮންނަކަމެވެ. ވެރިޔާގެ މުށު ތެރޭގއި، ހަގީގަތަށް ބަލާއިރު، (މާނައަކީ ބޭރު ފުށުން ކޮންމެ ގޮތަކަށް ކަންތައް އޮތަސް) ހުރިހާ ބާރެއް އޮތުމެވެ. ދެވަނަ ކަމަކީ އެ ބާރު ނަހަމަ ގޮތެއްގައި، އަނިޔާވެރި ގޮތެއްގައި – މާނައަކީ ނިޔާއާ އިދިކޮޅަށް، އަދުލު އިންސާފާ އިދިކޮޅަށް- ބޭނުން ކުރުމެވެ.

ދެވަނަ ލަފްޒަކީ 'ޖަސްޓިސް' ނުވަތަ އަދުލު އިންސާފެވެ. ފެންނާނެހެން، މިތާގައި ދެ ލަފްޒެއް އެބަ އޮތެވެ. އަދުލާއި އިންސާފެވެ. މި ދެ ލަފްޒުން ގަސްދުކުރެވޭ މާނައަކީ އެންމެނާ މެދު ހަމަހަމަ ގޮތެއްގައި ކަންކަން ކުރެވުމެވެ. މި ތަނުގައި މީގެ މާނައަކީ ގަވާއިދުތަކާއި ގާނޫނުތައް ހިންގާލެވެންވާނީ އެންމެންގެ މެދުގައި ހަމަހަމަ ގޮތެއްގައި ކަމެވެ. ގާނޫނުވާން ޖެހޭނީ ކަނު އެއްޗަކަށެވެ. އެ ހިންގާލުމުގައި މީހެއްގެ މޫނަށް ބެލުމެއް އޮވެގެން ނުވާނެއެވެ. މިފަދައިން އެންަމެންގެ މެދުގައި ހަމަހަމަ ސިފައެއްގައި ގާނޫނުތަކާއި ގަވާއިދުތައް ހިންގާލެވޭ ނަމަ، 'ޖަސްޓިސް' ނުވަތަ އަދުލު އިންސާފު ގާއިމުކުރެވޭނެއެވެ.

ތިން ވަނަ ލަފްޒަކީ 'ކްރުއަލް' މި ލަފްޒެވެ. ތަރުޖަމާގައި މި ލަފްޒަށް ބޭނުންކުރެވިފައި އެ ވަނީ 'އަނިޔާވެރި’އެވެ. 'ކްރުއަލް’ގެ މާނަ އެހެން ގޮތް ގޮތަށް ވެސް ލިޔެވިދާނެއެވެ. މިސާލަކަށް ބޭރަހުމީއެވެ. އަޅާލައި ހެޔޮކޮށް ހިތުން ނެތް މި މާނައެވެ. މިސާލަކަށް ޖަނަވާރުންނަށް 'ކްރުއަލް’ކޮށް ހިތައިފި ނަމަ، އެކަމަކީ ބޭރަހުމީ އަމަލެއް ކަމުގައި ސިފަކުރެވިދާނެއެވެ. އަޅާލުމާއި ހެޔޮކޮށް ހިތުން ނެތް އަމަލެއް ކަމަށްވާތީއެވެ. މިފަދަ އަނިޔާވެރި ގޮތެއްގައި އިންސާނަކާ ދޭތެރޭ މުއާމަލާތް ކުރެވޭ ނަމަ. އެ މުއާމަލަތަކީ ވެސް ބޭ ރަހުމީ ކަމެއްގެ ގޮތުގައި ސިފަކުރެވިދާނެއެވެ. މީގެ އިތުރުން ކްރުއަލް ހިތްހަރު މި ލަފްޒު ބޭނުންކޮށްގެން ވެސް ތަރުޖަމާ ކުރެވިދާނެއެވެ. މިސާލަކަށް 'ކްރުއަލް ހާޓް’ގެ ތަރުޖަމާގައި ހަރު ހިތެއްގެ ވެރިއެކޭ ނުވަތަ ހިތްހަރު މީހެކޭ ބުނެވިދާނެއެވެ. ނޫނީ ބޭރަހުމީ ހިތެކޭ ވެސް ބުނެވިދާނެއެވެ.

ކޮންމެއަކަސް، މަތީގައި އެވާ ތަރުޖަމާގައި 'ކްރުއަލް’ގެ ދިވެހި ލަފްޒަކަށް ލިޔެވިފައި އެވަނި އަނިޔާވެރިއެވެ. މިއިން މަތިގައި 'ކްރުއަލް’ގެ މާނައިގައި ލިޔުވުނު އުންސުރުތައް ހިމަނާލެވެއެވެ. ނިޔާއާ ދުރު، މާނައަކީ އަދުލު އިންސާފާ ދުރު، އެހެންވެ، ބޭރަހުމީ، ރަހުމެއް، އަޅާލުމެއް ނެތް، ހިތްހަރު މީހެއްގެ އަމަލު، މި އުންސުރީ މާނަތަކެވެ.

މަތީގައި ބުނެފައި އޮތް ބުނުން އިތުރަށް ވިސްނައިގަތުމަށްޓަކައި ހިއްސީ މިސާލަކަށް ބަލާލަމާ ހެއްޔެވެ. ހިއްސީ މިސާލެކޭ ބުނެފައި އެވަނީ ހިއްސުތަކުން ދެނެގަނެވޭ މިސާލެކެވެ. އާދެ، 'ކޮންކްރީޓް' މިސާލެކެވެ. އެ ފަދަ މިސާލެއް ލިބެނީ އަޅުގަނޑުމެންގެ ތެރޭގައި ހިންގާލެވޭ ބަދަލު ދިނުމުގެ މައްސަލަތަކުންނެވެ. މިވެނި އެވެނި ސަބަބަކާ ހުރެއޭ ކިޔައި، މިލިޔަނުން މިލިޔަނުން ދެވޭ ބަދަލުތަކެވެ. މިފަދަ ބަދަލުތައް ދެވެނީ ގާނޫނުގެ އައްޑަނައިގެ ދަށުގައި ތިބެ، އާދެ، ގާނޫނުގެ ހިމާޔަތް ލިބިގެން، އަދުލުއިންސާފު ހިންގާލުމުގެ މާނައިގައެވެ. އަދި ހަމަ އެހެންމެ، ރަސްމީ ދަތުރުތަކުގެ ނަމުގައި ބައެއް ފަހަރު ކުރެވޭ ޚަރަދުތައް ވެސް މަތީގައި ބުނެފައިވާ ބުނުމުގެ ހިއްސީ މިސާލަކަށް ފުދެއެވެ. މިސާލަކަށް މާލޭން ސިލޯނަށް ކުރަން ޖެހޭ ދަތުރު އިނގިރޭސިވިލާތް ތެރޭންލާފައި ކޮށްފި ނަމައެވެ.

މި ލިޔެވުނު ބަސްކޮޅުގެ އަލީގައި އަދި އެއްފަހަރު ކިޔާލުމަށްޓަކައި، މަތީގައި އެވާ ބުނުން ތަކުރާރުކޮށް ލިޔެލާނަމެވެ. "ގާނޫނުގެ އައްޑަނައިގެ ދަށުގައި [މާނައަކީ ގާނޫނުގެ ހިމާޔަތް ލިބިގެން]، އަދުލުއިންސާފުގެ ނަމުގައި ހިންގާލެވޭ ބޭރަހުމީ އަނިޔާވެރިކަމަށް ބޮޑު އަނިޔާވެރިކަމެއް ނޯވެއެވެ."

ދެން އޮތް ސުއާލަކީ މިފަދަ އަނިޔާވެރިކަމަކަށް ވުރެ، އާދެ، މިފަދަ ބޭރަހުމީ ބޭއިންސާފަށް ވުރެ ވަކިން ބޮޑު އަނިޔާވެރިކަމެއް، އިންސާފާ ދުރު އަމަލެއް އޮވެދާނެ ހެއްޔެވެ؟