މިހާތަނަށް ގުނުނު 99% ވޯޓު ބުނާގޮތުގައި ތުރްކީގެ ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ކާމިޔާބު ކުރައްވައިފިއެވެ.
ޖަޒީރާއާއި އެހެނިހެން ނޫސް އޭޖެންސީތައް ބުނާގޮތުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލީ މީހުންގެ 52.87% ވޯޓު އުރްދުޣާނަށް ލިބިވަޑައިގަންފައި ވެއެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ޒަޢީމު ކަމާލް ކުލެޖްދާރު އޫޣުލޫއަށް ލިބިވަޑައިގަންފައި ވަނީ 47.13% ވޯޓެވެ.
ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދު އާލު ސާނީ މި ނަތީޖާއަށް ބައްލަވައި ރައީސް ރަޖަބު ޠައްޔިބު އުރްދުޣާނަށް ތަހްނިޔާ ވަނީ ފޮނުއްވައިފައެވެ.
ތުރްކީގައި ވޯޓުލާން ފެށުނީ މިއަދު ހެނދުނުއެވެ. ވޯޓުލުން ނިމުނީ ހަވީރުއެވެ. ތުރްކީގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަނީ އެއްވެސް ކެންޑިޑޭޓަކަށް 50% ވޯޓު ލިބިވަޑައިނުގަތްފައެވެ. މި މަހު 14 ގައި ބޭއްވުނު އިންތިޚާބުގައި އުރްދުޣާނަށް ލިބިވަޑައިގަންފައި ވަނީ 49.5% ވޯޓެވެ
ރައީސް އުރްދުޣާން އޭނާ ރިޔާސީ ޙަމަލާތައް ހޮނިހިރު ދުވަހު ނިންމަވައިލެއްވީ މާތްﷲ ރުއްސުންލެއްވި އަބޫ އައްޔޫބުލްއަންޞާރީގެ މަހާނަފުޅުދޮށަށް ވަޑައިގެން ފާޠިޙާ ވިދާޅުވެ އެ ކަލޭގެފާނުންގެ ނަންފުޅު ދެވިފައިވާ މިސްކިތުގައި ނަމާދު ކުރައްވަމުންނެވެ.
ރައީސް އުރްދުޣާން ވަނީ އޭނާއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ މިއަހަރު ޙައްޖަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
މިއަދު ބޭއްވުނު އިންތިޚާބުގައި ރައީސް އުރްދުޣާނަށް 26 މިލިޔަނަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އިދިކޮޅު ކެންޑިޑޭޓަށް ލިބިވަޑައިގަންފައި ވަނީ 24 މިލިއަން ވޯޓެވެ. ތުރްކީގައި ރަޖަބު ޠައްޔިބު އުރްދުޣާނަށް ތާއިދު ކުރާ މީހުން މަގުމައްޗަށް ނުކުމެ މިހާރު ދަނީ އުފާ ފާޅުކުރަމުންނެވެ.
ދުނިޔޭގެ ތަފާތު ޤައުމުތަކުން ރައީސް އުރްދުޣާނަށް ތަހްނިޔާގެ މެސެޖްތައް ދަނީ ލިބިވަޑައިގަންނަވަމުންނެވެ.



advertisment