Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ޤިބްލަ ދެނެގަތުމަށް ފަހި ހިނދުކޮޅެއް

ދުނިޔޭގެ އުތުރަށް އިރު ކުރާ ދަތުރުގައި މިއަދު މާލޭ ގަޑިން މެންދުރުފަހު ދެ ގަޑި 17 މިނެޓް 42 ވަނަ ސިކުންތުގައި ކައުބާ މަތިން އިރު ހުރަސް ކުރާނެއެވެ. އެވަގުތު ކައުބާއާއި 5,400 ނޯޓިކަލް މޭލަށް ވުރެން ދުރުނޫން ކޮންމެ ތަނަކަށް ވެސް އިރު ފެންނާން ހުންނަ ދިމާޔަކީ ސީދާ ޤިބްލަ ހުރި ދިމާއެވެ.

މިއަދު ދުނިޔެއާއި އިރު ހުރި ދުރުމިނުގެ ގޮތުން ދުނިޔެއަށް އިރު ފެންނަ ސައިޒަކީ 15.8 ދަގީގި ކަމުގައިވާތީ، މިއަދު މާލޭގަޑިން ދެ ގަޑި 17 މިނެޓު 42 ވަނަ ސިކުންތުގައި އިރުގެ ޑިކްލިނޭޝަން 21 ދަރަޖަ 26.8 އުތުރު ކަމުގައިވެފައި، ކައުބާގެ ޢަރުޟަކީ 21 ދަރަޖަ 25.2 ދަގީގު އުތުރު ކަމުގައި ވުމުން 1.6 ގަގީގު ފިޔަވައި ޢަރުޟުގެ ގޮތުން އިރު ކައުބާ މަތިން ދަތުރު ކުރާނެއެވެ.

އެފަދައިން އެވަގުތު ކައުބާގެ ނިސްބަތުން އިރުގެ އެލްއެޗްއޭ 359 ދަރަޖަ 5.9 ދަގީގު ކަމުގައި ވުމުން 4.1 ދަގީގު ފިޔަވައި ޠޫލުގެ ގޮތުން އިރު ކައުބާ މަތިން ދަތުރު ކުރާނެއެވެ.

އެ ވަގުތަކީ، އިރު އެތަނަކަށް ފެންނާން ހުރި ކޮންމެ ތަނަކަށް އިރު، ޤިބްލަވީ ދިމާގައި ހުއްޓާ ފެންނާނެ ވަތުތެކެވެ.

އެވަގުތު ހިޔަނި ފާޅުވާ ގޮތަށް އޮލަނބެއް ލާފައި ހުރިނަމަ އެ އޮލަނބުގެ ހިޔަނީގެ ފެށޭކޮޅު ހުންނާނީ ޤިބްލަވީ ދިމާޔަށެވެ. އެފަދައިން އޮލަނބަށް ހުރި ކޮންމެ އެއްޗަކުން ފާޅުވާ ހިޔަނީގެ ފެށޭކޮޅުވެސް ހުންނާނީ ޤިބްލަވީ ދިމާޔަށެވެ.

އެފަދައިން އިރު ޤިބްލަ މަތިން ދަތުރުކުރާ ވަގުތާއި ޤިބްލަވީ މިޞްރާބަށް އިރު ދިމާވާ ވަގުތާއި އެބަޔަކަށް ޤިބްލަވީ ދިމާގެ އިދިކޮޅުގައި އިރު ހުންނަ ވަގުތު ތަކުގައިވެސް އޮލަނބަށް ހުންނަ ތަކެތީގެ ހިޔަނިން ސަމުގާ އަކާ ނުލައި ޤިބްލަ ކަށަވަރަށް ދެނެގަނެވޭނެއެވެ. ސޫރަތުލް ފުރަޤާނުގެ 45 ވަނަ އާޔަތުގައިވާ ފަދައިން ދެމިގެންވާ ހިޔަނިން ހޯދޭ ކަންތައްތަކުގެ ތެރޭގައި ޤިބްލަވީ ދިމާ ހިޔަނިން ދެނެގަތުންފަދަ އެތައް ކަމެއް އެކުލެވިފައި ވެއެވެ.

މިއަދަކީ، ޤިބްލަ ހޯދުމަށް ބުނެވިދިޔަ ފަދަ ފަހި ދުވަހެކެވެ.