Support Us

އަދީބުގެ ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ހުރަހެއްނާޅަން: ކަރެކްޝަންސް

އަދީބު ބަހައްޓާފައި ހުރީ މާފުށީ ރިމާންޑް ޖަލެއްގައި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ކަރެކްޝަންސް އިން ހުރަސްނާޅާނެ ކަމަށާއި އޮންނަ އުސޫލެއްގެ ތެރެއިން އެކަންތައް ކުރިއަށް ގެންދާނެ ކަމަށް ކަރެކްޝަނުން ބުނެފި އެވެ.

އިންސާނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމުގައިވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން އަދީބުގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އެސިޓީގައި އަދީބުގެ ބޭސްފަރުވާގެ ކަންކަމަށް ކަރެކްޝަނުން ހުރަސްއަޅަމުން ގެންދާ ކަމަށް ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން އަހުމަދު މިއަދު "އަދިވެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަދީބު ނޫނަސް ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ފަރާތަކަށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާނަމަ ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެ އޮންނަ އުސޫލެއްގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭން ލިބެން ނެތް ފަރުވާއެއް ވެއްޖެއްޔާ އެކަމާ ބެހޭ ލިޔުން ޑޮކްޓަރުން ދެއްވީމަ އެ ލިޔުންތައް ކަރެކްޝަންގެ މެޑިކަލް ބޯޑަށް ހުށަހެޅުމުން އެ އޮންނަ އުސޫލެއްގެ ދަށުން ކުރިއަށް ގެންދަވާނެ. އެކަމާ ބެހޭ ލިޔުން ކަރެކްޝަނަށް ދޭ ގޮތަށް އޮންނަނީ. އެއްވެސް ހާލެއްގައި އެއްވެސް މީހަކަށް ލިބިދޭން ޖެހޭ ބޭސްފަރުވާ އަށް ކަރެކްޝަނުން ހުރަސް އަޅާފައެއް ނުވާނެ. އެ އޮންނަ އުސޫލެއްގެ ދަށުން ޑޮކްޓަރުގެ ލިޔުން ލިބުމުން އެ ކޭސް ރިވިއުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ،" ޔުސްރީން ވިދާޅުވި އެވެ.

އިތުބާރު ހުރި ގޮތަކަށް "އަދިވެސް" އަށް އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މިވަގުތު ބަންދުގައި ހުރި އަދީބު ބަހައްޓާފައި ހުރީ މާފުށީ ރިމާންޑް ޖަލެއްގައި އެވެ.

ކުރީގެ ނައިބް ރައީސް އަދީބްގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އަދީބަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ވީހާވެސް އަވަހަށް ހަމަޖައްސައިދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވާފައިވާ ސިޓީގައި އަދީބަށް ލިބިދޭންޖެހޭ ބައެއް ބޭސް ފަރުވާ ރާއްޖެއިން ލިބެން ނެތްކަން ފާހަގަކޮށް ބުނެފައިވަނީ 2016 ވަނަ އަހަރުން ފެށިގެން އަދީބަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ކަރެކްޝަނުން ހުރަސް އަޅައިފައިވާ ކަމަށެވެ.

އެކަމަކު އަދީބު މިދިޔަ އަހަރު ވަނީ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވައިފަ އެވެ.

އެމްނެސްޓީން އަދި ބުނެފައި ވަނީ އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް، އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ޝަރީއަތް ނިމޭނީ ކިހާ ދުވަހަކުންކަން ނޭނގޭތީ އެކަމާ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްނެސްޓީން ބުނީ އަދީބަކީ މީގެ ކުރިން ވެސް ސިއްހީ އެތައް ބަލިތަކަކަށް ފަރުވާ ހޯއްދަވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ. އެގޮތުން ލޮލަށް ޖެހޭ ބައްޔެއް ކަމުގައިވާ ގުލޮކޮމާއާއި ކިޑްނީގައި ހިލަ އުފެދުމުގެ ސަބަބުން އެ ކަމަށް ބޭސް ފަރުވާ ހޯއްދަވަމުން ގެންދެވި ކަމަށާއި އަދި ނިދަން އުނދަގޫވުމާ އެތެރެ ހަށީގައި ސިސްޓް ހުރުމުގެ މައްސަލައާއި ހޭނެތުމުގެ މައްސަލައަށް ވެސް އަދީބު ގެންދެވީ ބޭސްފަރުވާ ހޯއްދަވަމުން ކަމުގައިވާއިރު އަނެއްކާ އަދީބު އަނބުރާ ޖަލަށް ގެންގޮސްފައިވާތީ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *