Support Us

ކޮލަމް ކޯދު: ފާރިސީ ބަހުގެ ބައެއް ހަރުބަސް

ތިރީގައި މިވަނީ ފާރިސީ ބަހުގެ ބައެއް ހަރުބަސްބަހެވެ.

  1. ތަޖުރިބާއަކީ ފިރިހެނުން ތަލަވުމުން ގުދުރަތުން އެމީހުންނަށް ހަދިޔާކުރާ ފުނަލެކެވެ.
  2. ހިތްގައިމު އަޑަކީ ހަރުފަ ވެސް އޭގެ ހޮރުން ނެރެލާ އެއްޗެކެވެ.
  3. ފިނިފެންމަލެއް އެދޭ މީހާ ކަށި މަތިން ހަނދާންކުރަން ޖެހެއެވެ.
  4. ކުރިމަގަށް ވިސްނާނުލައި ނެރޭ ގަދަ ހިއްވަރަކީ ކަނު އަހެއްގެ ހިތްވަރު ފަދަ ކަމެކެވެ.
  5. ހިކުމަތްތެރިކަމުގެ ޖައުަހަރަކީ ވިސްނާ ފިކުރުކުރުމެވެ.
  6. ހެޔޮކަމުގެ ފޮނި ރަހަ ދޭ ދުލަކުން، އިސްތައްޓެއް މެދުވެރިކޮށް އެތެއް ވެސް ދަމާ ގެންދެވިދާނެއެވެ.
  7. ދުނިދަނޑިން ނިކުމެގެންދާ ދުނި، ދުވަހެއްގައި ވެސް، އެނބުރިއެއް ނާދެއެވެ.
  8. ދުނިޔެއަކީ އޭގެ މެހެމާނުން މަރާ މެހެމާނުދާރީ އަދާކުރާ އެއްޗެކެވެ.
  9. ރޭނގަޑު އައިސް ދުނިޔެ ފޮރުވާލައެވެ. ނަމަވެސް، ކައުނު ހާމަކޮށްލައެވެ.
  10. އިނބައަށް ހިޔާ ދޭ ގަސް ކަނޑާނުލާށެވެ!
  11. އާދަތައް އެންމެ ފުރަތަމަ އޮންނަނީ މަކުނުވާ ފަދަ ގޮތެއްގައެވެ. ދެން، އެ ވެގެންދަނީ ދަގަނޑުގެ ވާފަށްތަކަކަށެވެ.
  12. އެންމެ މީރު ފެނަކީ އެންމެ ފުންވަޅުން ނެގޭ ފެނެވެ.
  13. ނުބައި ވަގުތުގައި ދެވޭ ރަންގަނޑަށް ވުރެ ރަނގަޅު ވަގުތުގައި އެއްލާލެވޭ ގާބުރި ރަނގަޅު ވެދާނެއެވެ.
  14. ދުނިޔެއަކީ މީރު ވަސް ދުވާ ފިނިފެންމަލެކެވެ. އޭގެ ވަސް ބަލާލައިފައި، ދެން، އިނބަގެ ރަހުމަތްތެރިންނަށް އެ ހަދިޔާކުރާށެވެ.
  15. އިނބަގެ އަނގަޔަށް ނުފެތޭ ވަރުގެ ބަސްތައް ބޭނުން ނުކުރާށެވެ.
  16. ރަނގަޅު ނަސޭހަތް އަޑުއެހުމަކީ ތަނަވަސްވުމުގެ މަގުފަހިކޮށްދޭ ކަމެކެވެ.
  17. މާތްﷲ އަހަރުމެންނަށް ދެއްވަނީ އަހަރުމެންގެ ހިތުގެ މިންވަރުގެ މައްޗަށް ބައްލަވާފައެވެ.
  18. އިނބަގެ މައްޗަށް އިސްވެ ހުންނަ މީހާއާ ދޭތެރޭ ބައްޕައެއް ފަދައިން ހިތާށެވެ. އިނބައާ އެއް ހަމައިގައި ހުންނަ މީހާއާ ދޭތެރޭ އަޚެއް ފަދައިން ހިތާށެވެ. އިނބަގެ ދަށުގައި ހުންނަ މީހާއާ ދޭތެރޭ ދަރިއެއް ފަދައިން ހިތާށެވެ.
  19. އަސޭ މިރުސް ކުޑަވުމުން އެއީ ދެރަ އެއްޗެއް ކަމުގައި ނުހިތާށެވެ. އަސޭމިރުސް ފުކެއް ކާލާފައި އޭގެ ކުޅި ގަދަކަން ދެނެގަންނާށެވެ.
  20. ބަލިޖެހިފައި އޮންނަ އެންމެ ބަކަރިއެއް އެހެން ހުރިހާ ބަކަރިތަކަށް ބަލިޖައްސައެވެ.
  21. އިނގިއްޔަށް ނުކުރެވޭ އެތައް ކަމެއް ލޮލަށް ކުރެވެއެވެ.
  22. މަސްތުވެފައި ހުރި އަޅެއްގެ އަތުގައި އޮންނަ ކަނޑިއަކަށް ވުރެ، ހިލްމެއް، އެބަހީ، އަޚުލާގެއް، ގޮތެއް ފޮތެއް، ނެތް އިލްމުވެރިޔާގެ 'އަތުގައި' އޮންނަ އިލްމުވެރިކަމުގެ ނުރައްކާތެރިކަން ބޮޑެވެ.
  23. ކަމަކާ މެދު ރަނގަޅަށް، ފުންކޮށް ވިސްނުމުގައި ހިކުމަތްތެރިކަން އެކުލެވިގެން ވެއެވެ. ނަމަވެސް، އެކަން ރަނަގަޅަށް ކުރާނީ ކިހިނެއް ކަމާމެދު ރޭވުމުގައި އެއަށް ވުރެ ވެސް ބޮޑަށް ހިކުމަތް އެކުލެވިގެން ވެއެވެ. ނަމަވެސް އެންމެ ރަނގަޅުވެފައި ހިކުމަތްތެރިކަން އެންމެ ބޮޑުވެގެން ވަނީ ކުރާކަމެއް އެންމެ ރަނގަޅަށް ކުރުމުގައެވެ.