...

Support Us

ޔުކްރޭން ހަނގުރާމަ އެތައް ދަހަރުތަކަކަށް ކުރިއަށް ހިނގައިދާނެ: މެޑްވެޑޭވް

ޔުކްރޭން ހަނގުރާމަ އެތައް ދަހަރުތަކަކަށް ކުރިއަށް ހިނގައިދާނެ ކަމަށް ރަޝިޔާގެ (ކުރީގެ ރައީސް) ޤައުމީ ސަލާމަތާ ބެހޭ ޤައުމީ މަޖިލީހުގެ މިހާރުގެ ނައިބު ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ މަޝްހޫރު ޓާސް އޭޖެންސީ ބުނީ ހަނގުރާމައިގެ ތެރޭގައި ހަނގުރާމަ ހުއްޓިފައި އޮންނަ ފިޔަވަހިތަކެއް އަތުވެދާނެ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.

މެޑްވެޑޭވް ސިފަކުރެއްވި ގޮތުގައި ޔުކްރޭނަކީ ނާޒީ ދައުލަތެކެވެ. މެޑްވެޑޭވް މި ބަޔާން ދެއްވީ ވިއެޓްނާމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގެ ތެރޭގައެވެ.

އޭނާ ވިދާޅުވިއެވެ. "މި ހަނގުރާމަ ދަހަރުތަކަކަށް ދެމިގެން ހިނގައިދާނެއެވެ. މި ފަދަ ވެރިކަމެއް އެ ޤައުމުގައި އޮންނަންޏާ  ދެ އަހަރު ހަނގުރާމަ ހިނގައިފައި ތިން އަހަރު ހަނގުރާމަ ހުއްޓިފައި އޮވެދާނެއެވެ. އަލުން އަނެއްކާ ހަނގުރާމަ ފެށިދާނެއެވެ." 

އިސްވެ ބޮނޑިއެއް އެޅުން

އަނެއްކޮޅުން މެޑްވެޑޭވާ ޙަވަލާދީ ރޮއެޓަރޒް ބުނާގޮތުގައި ހުޅަނގުން ޔުކްރޭނަށް ނިޔުކްލިޔަރ ހަތިޔާރު ދީފިނަމަ ރަޝިޔާއަށް އިސްވެ ނިޔުކްލިޔަރ ހަތިޔާރުން ބޮނޑިއެއް އަޅަން މަޖްބޫރުވާނެއެވެ. އޭނާ ވިދާޅުވިއެވެ. "ހަނގުރާމައިގެ ޤަވާޢިދުތަކަށް ބަލާއިރު ނިޔުކްލިޔަރ ހަތިޔާރަކީ ޚާއްޞަ ހަތިޔާރެކެވެ. މި ހަތިޔާރުގައި ކުރި ލިބޭނީ އިސްވެ ބޮނޑި އަޅައިގެންނެވެ." 

ޔުކްރޭން ފުހެވިގެންދިޔުން

މި ސިޔާޤުގައި ވާހަކަފުޅު ދައްކަވަމުން މެޑްވެޑޭވް ހާމަކުރެއްވި ގޮތުގައި ޔުކްރޭން އިންދިރާސްވެ ފުހެވިގެންދިޔުމާ ބެހޭ ތިން ސީނާރިއޯއެއް އެބަ އޮތެވެ. އޭނާގެ ޓެލެގްރާމުގައި ލިޔުއްވައިފައި ވެއެވެ. ޔުކްރޭން އިންދިރާސްވެ ފުހެވިގެން ދާނީ ކިހިނެއް ހެއްޔެވެ؟ މި ވާހަކަ ބުނަން ޖެހޭ ވަގުތު އަތުވެއްޖެއެވެ. ޔޫރަޕްގައި އަދި ދުނިޔޭގައި އަރާރުންތައް އައުވެގެން ދިޔުމުގެ ނުރައްކަލާ ބެހޭގޮތުން ވާހަކަ ދައްކަން ވެއްޖެއެވެ. 

އޭނާ ވިދާޅުވިގޮތުގައި "ޢަސްކަރީ ނާކާމިޔާބީ ކޯޅުމެއްގެ ސަބަބުން މަރުވަމުންދާ މި ދައުލަތް ނެތިގެންދާނީ ދައުލަތް ރޫޅުމުގެ ސަބަބުންނެވެ."

މެޑްވެޑޭވް ވިދާޅުވި ގޮތުގައި ޔުކްރޭން ދެ މަގަކުން އިންދިރާސްވެ ނެތިގެން ހިނގައިދާނެއެވެ. އެއް މަގަކީ ދައުލަތުގެ ސިޔާދަތީ ޢުންޞުރުތައް މަޑުމަޑުން ކަފާސްވެގެން ދިޔުމެވެ. ދެވަނަ މަގަކީ  ދައުލަތުގެ މަލަތައް ކުއްލިއަކަށް ރޫޅިގެން ދިޔުމެވެ. މެޑްވެޑޭވް ވިދާޅުވި ގޮތުގައި ޔުކްރޭންގެ ހުޅަނގު ސަރަޙައްދުތައް ޔޫރަޕްގެ އިއްތިޙާދުގެ ބައެއް ޤައުމުތަކުގެ ބިންތަކަކަށް ވެގެންދާނެއެވެ. އޭނާ ލަފާކުރައްވާ ގޮތުގައި ޔުކްރޭނުގެ ބިމުން ބާކީ އޮތް ބިންކޮޅުގައި ވަކި ފަރާތަކަށް ނުޖެހޭ ޔުކްރޭނެއް ޤާއިމުވެގެންދާނެއެވެ. މި  ދައުލަތަށް ބައިނަލްއަޤްވާމީ ޤާނޫނީ ޞަޚްޞިއްޔަތު ލިބޭނެއެވެ. މި ދައުލަތް ޔުކްރޭންގެ ޚަލީފާއަކަށް ވުމުން އެ ޤައުމަށް ގެއްލުނު ބިންތައް ހޯދަން މަސައްކަތް ފަށާނެއެވެ. ނަތީޖާއަކަށް ވާނީ ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުމެވެ.   

މެޑްވެޑޭވްގެ އަނެއް ސީނާރިއޯއަކީ ހަނގުރާމަ ނިމި ޔުކްރޭން އިންދިރާސްވެ ފުހެވިގެންދާނީ ޔުކްރޭންގެ ބިން ރަޝިޔާއާއި ޔޫރަޕްގެ އިއްތިޙާދުގެ ބައެއް ޤައުމުތަކުގެ މެދުގައި ބަހައިލެވުމުންނެވެ. އެހިނދު ޔޫރަޕްގެ ކޮންމެވެސް ޤައުމެއްގައި ޔުކްރޭންގެ "އަރުވައިލެވިފައިވާ ސަރުކާރެއް" ޤާއިމުކުރެވިގެންދާނެއެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *