Support Us

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ސްކޫލްތައް ވެސް ދެ ހަފްތާއަށް ބަންދު

މާލޭގެ ސްކޫލްތަކުގެ އިތުރުން، ކޮވިޑާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ ސްކޫލްތައް ވެސް ކުރިއަށް އޮތް ދެ ހަފުތާއަށް ބަންދުކޮށްފި އެވެ.

"ކޮވިޑާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އޮތް އެއްވެސް ރަށެއްގައި ވެސް ސްކޫލްތަކަށް ކުދިން ފޮނުވައިގެން ކިޔަވާނުދޭނެ،" އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު ގްރޭޑް 9 އިން 10 އަށް އަދި 12 ގެ ދަރިވަރުންނަށް ސްކޫލްތަކުގައި ގެންދިޔައީ ކިޔަވައިދެމުންނެވެ. އަދި ކޮވިޑްގެ ހާލަތު ރަނގަޅުވާނެ ކަމަށް ބަލައި އީދު ބަންދާއި މިޑްޓާމް ބަންދަށްފަހު މި މަހުގެ 9 ވަނަ ދުވަހު ސްކޫލްތަކުގެ ގްރޭޑް ހަތެއް އަދި އަށެއްގެ ދަރިވަރުންގެ ކިޔެވުން ސްކޫލްތަކުގައި ފެށުމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި މާލެ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން ވަނީ ފަށައިފަ އެވެ.

ނަމަވެސް މި އޮގަސްޓް މަހު ކޮވިޑް ބަލި ފެތުރޭ މިންވަރު އިތުރުވާން ފެށުމާ އެކު ސަރުކާރުން އަޅަން ފެށި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރިއާޔަތްކޮށް އެޑިކޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާލެ ސިޓީގެ ސްކޫލްތަކުގެ ކިޔެވުން ބަންދަށް ފަހު މި އޮގަސްޓް މަހުގެ 9 ވަނަ ދުވަހު އަލުން ފެށުމަށް ހަމަޖައްސާފައި ވީނަމަވެސް މިހާރު ރާއްޖޭގައި އޮތް ކޮވިޑް ހާލަތަށް ބަލާފައި އެޗްޕީއޭއިން ދީފައިވާ ލަފައާ އެކު ކުރިއަށް އޮތް ދެ ހަފްތާއަށް މާލެ ސިޓީގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން ބަންދުކޮށްފައިވާ ކަމަށެވެ.

"މާލޭގެ ސްކޫލްތައް ދެ ހަފްތާއަށް ބަންދުކުރި ނަމަވެސް ކިޔެވުމުގެ އިންތިޒާމްތައް ވާނީ ހަމަޖައްސާފައި. ސްކޫލަށް ހާޒިރުނުވި ނަމަވެސް އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށް ގެންދެވޭނެ،" އެޑިއުކޭޝަންގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ކޮވިޑް ފެތުރޭ މިންވަރު ބެލުމަށްފަހު، އެޗްޕީއޭގެ ލަފައާއެކު އެ ނިންމުން އަލުން މުރާޖާކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4446 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1719 އެބައުޅެ އެވެ. އަދި މި މީސްމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 4000 މީހުން އުޅޭ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ކޮވިޑް19 ޖެހިގެން މިހާތަނަށް 2693 މީހުން ރަނގަޅުވެފައިވާއިރު 105 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ. މި ބަލީގައި މިހާތަނަށް 19 މީހުން ވަނީ މަރުވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *