Support Us

ކޮލަމް ކޯދު: ދިރިއުޅެން ވެސް އޮތީ މި ތަނެވެ. މަރުވާން ވެސް އޮތީ މި ތަނެވެ.

ތިރީގައި ހުށަހަޅާލެވިފައި ވަނީ 1970ގައި ނިކުތް މޭރާ ނާމް ޖޯކަރ (އަހަރެންގެ ނަމަކީ ޖޯކަރުއެވެ) މި ފިލްމުގެ ޖީނާ ޔަހާ މަރުނާ ޔަހާނ (ދިރިއުޅެން އޮތީ ވެސް މިތަނެވެ. މަރުވާން އޮތީ ވެސް މިތަނެވެ) މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މި ލަވައިގެ މެސެޖަކީ ކޮބައިހެއްޔެވެ؟ އެއީ އިންސާނާއަށް ދިރިހުރުމުގެ ހަމައެކަނި ފުރުޞަތެއް އޮތީ މި ދުނިޔޭގައި ކަމެވެ. އަދި މަރުވާނީ ވެސް މި ދުނިޔޭގައި ކަމެވެ. އެހެންވެ، ލަވައިގައި ބުނަނީ، އިންސާނާގެ ސުވަރުގެއާ ނަރަކަ ވެސް އޮތީ ހަމަ މި ދުނިޔޭގައިކަމެވެ. އޭނާގެ ދިރިހުރުމިގެ ދުވަސްތަކަށް އުނިކަން ގެނެސްދެނީ ދަހުރެވެ. ދައުރުވަމުންދާ ޒަމާނެވެ. ރޭދުވާ ދައުރުވެ ތަކުރާރުވުމެވެ. މި ތަކުރާރުވުން އިންސާނާ އޭނާގެ ޙަޔާތުގެ އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ގެންގޮސްދެއެވެ. އުފަންވުމެވެ. ތުއްތު ދުވަސްވަރެވެ. ޅަފަތެވެ. ޒުވާން ޝަބާބުގެ ދުވަސްވަރެވެ. ދެން މުސްކުޅިވެ އަނަރޫފަވެ ހަޔާތުގެ ޚަރީފުމޫސުމެވެ. ދެންމަރުވެ މި ދުނިޔެއާއި ވަކިވެ ދިއުމެވެ. އާދެ! ދަހްރީންގެ ނަޒަރުގައި އެ ހިސާބުން ހަޔާތް ނިމުނީއެވެ. އާދެ، މިއީ ދަހުރީންގެ ހަޔާތުގެ ފަލްސަފާއެވެ.

އިންސާނާ، ޚާއްސަކޮށް، އޭނާގެ ޙަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާ އިރު، ދުނިޔެއާ ވަކިވެ ހިނގައިދާނެކަމުގެ އިޙުސާސުކުރެވި، ހަޔާތުގެ މާނައާ ދޭތެރޭ ސުއާލު އުފެދެއެވެ. އަދި ވަކީން ޚާއްސަކޮށް އުފަލާއި އަރާމުގައި ހަޔާތް ވޭތުކުރަމުންދާ ނަމަ މި ފަދަ އިހުސާސުތަކަކީ ދުނިޔަވީ ޙަޔާތުގެ އުފަލާއި މަޖަލަށް ކިލަނބުކަން ގެނެސްދޭ ކަމެކެވެ. އެހެންވެ، އެ ފަދަ ވަގުތުތަކުގައި، ދަހުރީންގެ ހިތަށް ތަސައްލީ ދީ، އެ މީހުންގެ ހަޔާތުގެ އެންމެ ފަހު ވަގުތާ ޖެހޭންދެން ވެސް އުފަލާއި މަޖާކުރުމުގައި ވަގުތުތައް ހޭދަކޮށްލުމަށްޓަކައި ޙަޔާތުގެ މި ކަހަލަ ފަލްސަފާއެއް، އެ މީހުން ގެންގުޅެން ޖެހެއެވެ.

ޝައްކެއް ނެތް ގޮތުގައި ދަހްރީންގެ މި ފަލްސަފާ މުއުމިނުންގެ ޙަޔާތުގެ ފަލްސަފާއާ ފުށުއަރައެވެ. މުއުމިނުން ގަބޫލުކުރާ ގޮތުގައި ދުނިޔެވީ ހަޔާތުގެ އިތުރުން، އުޚުރަވީ ހަޔާތެއް، އާދެ، އެހެން ދުނިޔެއެއް، ވެސް އޮވެއެވެ. މި ގަބޫލުކުރުމަކީ އެ މީހުންގެ ދީނީ އިއުތިގާދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި، މުއުމުނިނުް ދެކޭ ގޮތުގައި މިއީ ބުއްދި ލާޒިމު ކުރާކަމެއް ވެސް މެއެވެ. އިންސާނުންގެ ޢަމަލުތައް ބެލެވި ހިސާބުކުރެވޭނެ ދުވަހެއް ނެތްކަމަށްވާ ނަމަ އަޚުލާޤިއްޔާތުގެ އެއް ވެސް މާނައެއް ނެތެވެ. ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު އަދި ލަފަޔާއި ނުލަފާ ވާނީ ހަމަހަމަ ކަންކަން ކަމަށެވެ. ދަހުރީންގެ ވާހަކަ އަކީ ތެދު ވާހަކައަކަށްވާ ނަމަ ދުނިޔެ އަކީ އެ މީހަކު ބޭނުން ގޮތަކަށް އުޅެ، ރަނގަޅަސް ނުރަނގަޅަސް، އެ މީހަކު ބޭނުން ކަމެއް ކުރަން އޮތް ތަނެކެވެ.

މިއީ ހަގީގަތްކަމުގައިވާ ނަމަ ހަޔާތުގެ އެއްވެސް މާނައެއް ނެތެވެ. މި ފަދައިން ކަންތައް އޮތް ދިރިއުޅުމެއް ވާނީ، ލަވަ ހިމެނޭ ފިލްމުގައި ބުނާ ފަދައިން، ތާކުންތާކު ނުޖެހޭ ކަމަކަށެވެ. "ޖޯކަކަށެވެ." އިންސާނުން ވާނީ މާނައެއް ނެތް ބޭކާރު ދިރިއުޅުމެއް އުޅޭ ޖޯކަރުންނަށެވެ. ނަމަވެސް މުއުމިނުން ދެކެނީ ހަޔާތުގެ މަގުސަދެއް ވާކަމެވެ. އަދި އެ މީހަކު ކުރިކަމެއްގެ މަސްއޫލިއްޔަތު، އާޚިރަތުގައި، އެ މީހަކު އުފުލަން ޖެހޭނެ ކަމެވެ. ހަޔާތަކީ މާނައެއް އޮތް ކަމެކެވެ. ދުނިޔެވީ ހަޔާތަކީ އާޚިރުގައި ކާމިޔާބު ލިބުން އެދި މަސައްކަތް ކުރާން ލިބިފައޮތް ވަސީލަތެކެވެ.

ދެން، ލަވައިގެ ތަރުޖަމާއެއް ހުށަހަޅާލާނަމެވެ.

ދިރިއުޅެން ވެސް އޮތީ މި ތަނެވެ. މަރުވާން ވެސް އޮތީ މި ތަނެވެ. މިތަން ފިޔަވައި ދާން އޮތީ ދެން އެހެން ކޮން ތަނެއް ހެއްޔެވެ؟ (2)

ކަލާ އަހަންނަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގޮވައިލާށެވެ!

އަހަރެން މި ހުރީ ހަމަ ކުރިން ވެސް ހުރި ތަނުގައެވެ.

އަހަރެންގެ ދެ ދުނިޔެ ވެސް ވަނީ މި ތަނުގައެވެ.

މި ތަން ފިޔަވައި ދާން އޮތީ ދެން އެހެން ކޮން ތަނެއް ހެއްޔެވެ؟

މިއީ އަހަރެންގެ (ހަޔާތުގެ) ލަވަތަކެވެ. އަހަރެންގެ ހަޔާތުގެ މިޔުޒިކެވެ.

މާދަމާ މި ލަވަތައް ކިޔައި މި މިޔުޒިކު ކުޅޭނީ އެހެންމީހެކެވެ. (2)

(ދިރިއުޅުމަކީ ހަމަ އެއް ތަމްސީލެކެވެ. ބަދަލުވަނީ ހަމައެކަނި އެކްޓަރުންނެވެ.)

(އެ އާ) ޖޯކަރު އެހެން މޫނަކައިގެން އައުމުން ދުނިޔެ ހީނ މަޖާކޮށް ހަދާނެ އެވެ.

ސުވަރުގެ ވެސް ވަނީ މި ތަނުގައެވެ. ނަރަކަ ވެސް ވަނީ މި ތަނުގައެވެ.

މިތަން ފިޔަވައި ދާން އޮތީ އެހެން ކޮން ތަނެއް ހެއްޔެވެ؟

ކަލާ އަހަންނަށް ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި ގޮވައިލާށެވެ!

އަހަރެން މިހުރީ ހަމަ ކުރިން ވެސް ހުރި ތަނުގައެވެ.

އަހަރެންގެ ދެ ދުނިޔެ ވެސް ވަނީ މި ތަނުގައެވެ.

މިތަން ފިޔަވައި ދާން އޮތީ އެހެން ކޮން ތަނެއް ހެއްޔެވެ؟

މާދަމާގެ (ދިރިއުޅުމުގެ) ކުޅިގަނޑު ކުޅޭން އަހަރެން ނުހުރެދާނެ އެވެ.

(އެހެން ނަމަވެސް) ތަރިތައް އޭގެ ނާރެހުގައި އުޑުމަތީ ހިނގަހިނގައި އަބަދަށް ދެމިހުންނާނެއެވެ. (2)

ކަލޭ ވެސް ހަނދާންނެތޭނެއެވެ. އެ މީހުން ވެސް ހަނދާންނެތޭނެއެވެ.

އެހެންނަމަވެސް އަހަރެން ކަލާގެ މިލްކެއްގެ ގޮތުގައި ދެމިހުންނާނަމެވެ.

އަހަރެންގެ ނިޝާންތައް– ހަނދާންތައް– މިތާ ދެމިހުންނާނެ އެވެ.

މިތަން ފިޔަވައި ދާން އޮތީ އެހެން ކޮން ތަނެއް ހެއްޔެވެ؟

ކަލާ އަހަންނަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގޮވައިލާށެވެ!

އަހަރެން މި ހުރީ ހަމަ ކުރިން ވެސް ހުރި ތަނުގައެވެ.

އަހަރެންގެ ދެ ދުނިޔެ ވެސް ވަނީ މި ތަނުގައެވެ.

މިތަން ފިޔަވައި ދާން އޮތީ އެހެން ކޮން ތަނެއް ހެއްޔެވެ؟

މާދަމާގެ (ދިރިއުޅުމުގެ) ކުޅިގަނޑު ކުޅޭން އަހަރެން ނުހުރެދާނެ އެވެ.

ތަރިތައް އޭގެ ނާރެހުގައި އުޑުމަތީ ހިނގަހިނގައި އަބަދަށް ހުންނާނެ އެވެ. (2)

ކަލޭވެސް ހަނދާން ނެތޭނެ އެވެ . އެ މީހުން ވެސް ހަނދާންނެތޭނެ އެވެ.

އެހެންނަމަވެސް އަހަރެން ކަލާގެ މިލްކެއްގެ ގޮތުގައި ދެމިހުންނާނަމެވެ.