Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

"ކުށްވެރި މުޖުރިމުންނަށް ރަހުމްކޮށް ހަމްދަރުދީވުމަކީ އެފަދަ މުޖުރިމުންގެ ސަބަބުން އެތައް ވޭނެެއް ތަހައްމުލުކުރަން ޖެހުނު މީހުންނަށް ދެވޭ ވަރަށް ވެސް ބޮޑު އަނިޔާއެވެ." މިވާހަކަ ނިސްބަތް ކުރެވެނީ އިނގިރޭސި އިގުތިސާދީ އިލްމުވެރިއެއް ކަމަށްވާ އެޑަމް ސްމިތުއަށެވެ.

އެންމެ ފަހުން ފެނުނު މި ފަދަ މަންޒަރެއްގެ ވާހަކަ ލިޔެލާނަމެވެ. މަތީގައި އެވާ ބުނުން އިތުރަށް ފަހުމުވެ ދިޔުމަށްޓަކައެވެ. ދެހާސް ފަނަރައިގައި މީހަކު މެރިކަމުގެ ޖަރީމާ ގާތިލުގެ މައްޗަށް ސާބިތުވެ އުމުރަށް ޖަލަށްލުމަށް ހުކުމް ކުރިވެ. ނަމަވެސް، 10 އަހަރު ނުވަނީސް އެ މުޖުރިމު ކަފާލާގެ ދަށުންނޭ، ޝަރުތުތަކެއް ކޮށްފައޭ ކިޔައި މުޖުތަމައުގެ ތެރަށް ދޫކޮށްލައިފިއެވެ. މިހެން، މިފަދަ މުޖުރިމުން ދޫކޮށްލާއިރު، އެމީހުންގެ ސަބަބުން މުޅި އުމުރަށް ހިތާމައާއި ވޭން އުފުލަން ޖެހުނު މީހުންގެ މައްޗަށް ކުޑަކޮށް ވެސް ރިއާޔަތް ކުރުން ނެތީ ހެއްޔެވެ؟ މި ނަންގަތް މުޖުރިމު، އޭނައާއި އޭނަގެ ބައިވެރިން، ވައްކަން ކުުރުމުގެ ޖަރީމާއެއް ހިންގުމުގެ ތެރެއިން މަރާލި މީހާގެ ގާތް ތިމާގެ މީހުންގެ އިހުސާސުތަކަށް ކުޑަކޮށް ވެސް ރިއާޔަތް ނުކުރެވެނީ ހެއްޔެވެ؟

އެހެން ކަމަށް ވެއްޖެ ނަމަ، ގާނޫނާއި ގަވާއިދުތަކުގެ ބޭނުންތެރިކަން ކުޑަވެގެން ހިނގައިދާނެއެވެ. ގޭގެއަށް ވަދެ، ވައްކަންކޮށް، އެކަމަށް ހުރަސް އަޅާފާނެ މީހަކު ހުރި ނަމަ، ގަސްދުގައި އެމީހަކު މަރާލުމުން، އުމުރަށް ޖަލަށްލުމުގެ މާނައަކީ އަށެއްކަ އަހަރުގެ ބަންދެއް ކަމަށްވާ ނަމަ، ކުށްކުށަށް އަރައިގަތުން ހުއްޓުވުމަށް ގާނޫނުގައި އޮތީ ކޮން ބާރެއް ހެއްޔެވެ؟ މިއީ މިކަމާ މެދު ފުންކޮށް ވިސްނައި، އެންމެން ވެސް ވާހަކަ ދައްކައި ހެޔޮ ބަދަލެއް ގެންނަންޖެހޭ ކަމެކެވެ. ނޫން ނަމަ، ގާނޫނު ވާނީ ވެރިޔާގެ އަތުގައި އޮންނަ ލަޓިބުރިއެއް ކަހަލަ އެއްޗަކަށެވެ. އޭނާ ބޭނުންވެއްޖެ ހިނދެއްގައި އެއިން ތަޅާ، އަދި އޭނާ ވެއްޓެންދާ ވަގުތެއްގައި އޭގެ ބާރުގައި ކޮޅަށް ހުންނަ ލަޓިބުރިއެއް ފަދަ އެއްޗަކަށެވެ!