Support Us

ކޮލަމް ކަލާވެހި: ޗާގޯހާ ބެހޭގޮތުން އަޅުގަނޑަށްވެސް ވިސްނާން ޖެހުނީމައި…

ދުނިޔެއާއި ދުނިޔޭގެ ކަނާއަތާއި ވައަތާ ބެހޭ އެންމެހައި ކަމެއްގެ ޢިލްމު ފުރާފުރިހަމަޔަށް ލިބިވަޑައިގެން ތިއްބެވި އެންމެ ބޭފުޅުންނާއި، ކަނާއަތްޕުޅެކޭ އެއްވަރަށް ވައަތްޕުޅުވެސް ބޭނުންފުޅު ކުރެއްވުމަށް އެހައިމެ ފަރިތަފުޅު ބައެއް ބޭފުޅުން މިހެން ވިދާޅުވާނެއެވެ. މި އުޅޭ ވަޙީދަކީ، ޔަޢުނީ އަޅުގަނޑަކީ، ޗާގޯހާ ބެހޭގޮތުން ވާހަކަޔެއް ދައްކަން ކޮން ޙައިޘިއްޔަތެއް ލިބިގެންވާ މީހެއްހެއްޔެވެ؟ އަދި އޭގެ ތެރެއިން ބައެއް ބޭފުޅުން އައްސަވައިފާނެވެސް ތޯއްޗެކޭ، އޭނާޔަކީ މީހަކު އޭނާގެ ގެދޮރުގެ ޙުރުމަތުލް ބައިތަށް މީހަކު އަރައިގަތަސް އެކަމަށްވެސް ޙަޤީޤީ ޙައްލެއް ހޯދޭވަރު ނެތް، ދަރަންޏަކީ ކޮބައިކަން އެނގިގެން އެޔާ ދުރަށް ދުވުނަސް، އަރަންޏަކީ ކޮބައިކަންވެސް ނޭނގޭ އިންސާނެއް ނޫންހެއްޔެވެ؟

ތެދުފުޅެކެވެ! އަޅުގަނޑަކީ ޗާގޯހޭ ކީއްކުރަންތޯއޭ، އަޅުގަނޑުގެ ގޭފުރާޅަށް ބަޔަކު ގޯހުން އައްސުން އަރައި، ފޫއަޅުވައިލައި ހެދި އިރުވެސް އެކަމާ ނަތީޖާނެރެވެނިވި ޙައްލެއް ހޯދަން އެއްޗެއް ބުނުމުގެ ސިޔާސީ ނުވަތަ އިޖްތިމާޢީ އުރައްޕެއްވެސް ހުރި މީހަކު ނޫން ވިއްޔާއެވެ! އެހެންނަމަވެސް، ޗާގޯސް، އެހެންނޫންތޯއެވެ! ބަލައިލާ ކޮންމެ ނޫހެއްގައި އެ އޮންނަނީ އެއް ވާހަކައެކެވެ. ހޫނު ސައިފޮދެއް އަގުހެޔޮކޮށް ލިބޭތޯ ބަލައިލާން ވަންނަ ކޮންމެ ކަޑަޔަކުންވެސް އިވެނީ ހަމަ އެއް ވާހަކައެވެ. ނުވަތަ ފޯރާ ޒާތުގެ، ނުވަތަ އެހެން ކަމަށް ހެދިގެން އުޅޭ ބަޔަކު ނަމަވެސް، ދަންވަރު ދެބައިވާ ތަނުން ގާތް ކުދީންކޮޅެއް އެއްކޮށްގެން އަކަޔަންބޯ ހެދެން އިންނަ ކަހަލަ ތަނަކާ ވައިއެޅިލިޔަސް، އިވެނީ ހަމަ އެއް ވާހަކައެކެވެ. ޗާގޯހުގެ ވާހަކައެވެ. ދެން އެހެން ވީމައި، ނޭނގިހުއްޓައިވެސް މީގެ ތެރެޔަށް އަނގަބޭނުނީ، ދެއްތޯއެވެ؟

އެކަމަކު ޤައުމަކީ އަޅުގަނޑު ކަހަލަ ދެރަ މީހެއްގެވެސް އަމިއްލަ ޤައުމުކަމަށް ދެކޭ ލޮބުވެތި ޤައުމެވެ. އަޅުގަނޑުގެ ގައިބާރު އެންމެ ރަނގަޅަށް ހުރި ދުވަސްވަރު، ލޯބޯކޮށިވުމުގެ ޢަލާމާތްތައްވެސް އަދި ނުފެނި ހުރި ދުވަސްވަރު، އަތުގައި ހޭކުނު އެއްޗެއް ދަތުގައި ނުހާކައި ޤައުމީ ޚިދުމަތުގައި ދެމިހުރި ޤައުމެވެ. އެހެންކަމުން، ޤައުމަށް ގެއްލުން ވާނޭ، ނުވަތަ ވެދާނޭ ކަމެއްގައި އަޅުގަނޑުގެ ބައިލާހިދެބައިކުޅަވެސް ހިމަނައިލާން ބޭނުންވެދާނެ، އެހެންނޫންތޯއެވެ؟

އަޅުގަނޑުގެ ލޮލަށް ފެނި، ކަންފަތަށް އިވޭ އަޑުތަކެވެ. ޗާގޯހާ ބެހޭގޮތުން ކަން ހިނގައިދިޔަ ގޮތުން އަދި ހިނގާ ގޮތުން ދިވެހިރާއްޖޭގެ ވަޙްދަތުލް ޢަރާޟީއަށް ނޭދެވޭ އަސަރުތަކެއް ކުރާ ވާހަކައެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ލޮޅުންއަރައި، ރާއްޖޭގެ އިސްތިޤްލާލަށްވެސް އޭގެ ހިޔަނި އެޅިދާނޭ ވާހަކައެވެ. ދެންފަހެ، އެހެރިއެހެރީ އެ ޒާތުގެ ވާހަކަތަކާ ބެހޭގޮތުން ހަރުދަނާ އެއްޗެއް ބުނުން އެއީ އަޅުގަނޑު ކަހަލަ މީހަކާ އަރައިއަރަފޯދިގެންވާ ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް، ރާއްޖޭގެ މަސްކަނޑުން އަޅުގަނޑުމެންނަށް އިހަށް ހަމަ ހިތަކަށް ލިބިފައި އޮތްބައި މިފަހަކުން ގެއްލި، ރާއްޖެޔަށް ވަންނަން އަންނަ ދަތުރުވެރި ކަންނެލި، އެހެން ބަޔަކު ދައުޖަހައިގެން ހެއްޔާންބޯ ކިޔައިފައި ބޮޑެތި ބޯޓުފަހަރަށް އެއްފަހަރުން ނަގައި، ރާއްޖޭގެ މަސްވެރީން އެއިން ހިސާބަކަށް ވައިއެޅިލިޔަސް ކަޅުއަނދިރި އަނދުން ކުލައިގެ މަނަވަރުތަކުން އަޅުގަނޑުމެންގެ ހިންމަތްތެރި މަސްވެރި މުޥާޠިނުން ފަހައި ދުރަށްލައި ހަދާން ފެށީމައި އަޅުގަނޑަށްވެސް އަސަރުކުރާނެ، އެހެންނޫންތޯއެވެ؟ އަދި އެހެރަ ކަންކަމީ އަޅުގަނޑަށްވެސް އެ ކަންކަމާ މެދު އެއްޗެއް ބުނެވިދާނެ ކަންކަން، އެހެންނޫންތޯއެވެ؟

އެކަމަކު، ދެންމެ މިދެންނެވި ކަންކަމާވެސް ކަމުގެ ތަޢުލީމު ލިބިވަޑައިގެން ތިއްބެވި، ބައިނަލް އަޤްވާމީ ހުނަރުތަކަށް ޤާބިލް، އެތައްއެތައް ބޭބޭފުޅުންނެއް މަސައްކަތްޕުޅުކުރައްވާކަން ނޫސްތަކުން ފެންނާން އެހުރީއެވެ. އަދި ހަމަ އެހެންމެ، އެޔަށްވުރެވެސް އުފާވެރިކަމާއެކު ފެންނާން އެހުރީ އޭގެތެރެއިން ގިނަ ބޭފުޅުން އެއްގަލަކަށްއަރުއްވައި، އެއް މޭޒުކޮޅެއްގެ ވަށައިގެން ތިއްބަވައި، ކަމާ ބެހޭގޮތުން އަޅުއްވަންވާ އެންމެހައި ފިޔަވަޅެއް އެއް އިސްތިރާޖީ ރޭއްވެވުމެއްގެ ދަށުން ކުރިޔަށް ގެންދަވާނޭކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުން ގެންދަވާ މަންޒަރެވެ. މިއަދުގެ ބައިބައިވެފައިވާ ރާއްޖޭގައި މިފަދަ އެއްބައިވަންތަކަމެއް ފެނުމީވެސް އަޅެ ކިހައި އުފާވެރިކަމެއްތޯއެވެ! އެހެންނޫންތޯއެވެ؟

ދެން އޮތީ އަޅުގަނޑަށް މިދެންނެވި ނޫސްތައް ފެނި، މިދެންނެވި އަޑުތައް އިވި، ފެންނާން ހުރި ތަންތަން ފެނި، ދައްކަވާން ހުރި ތަނެއް ދައްކަވައި، ކަމުގައި އުޅުއްވާ ކަމުވޮށިގެންވާ އެންމެ ބޭފުޅުން އެ ވިދާޅުވާ އެއްޗެއް އިވި ވީމައި، އޭގެ ތެރެޔަށް ދެން އިތުރަށް ލާނޭކަ އެއްޗެއް ހަމަ ނޯންނާނެޔޭ ހިތައި އޮއްވައި ނިދިޖެހިލީމައި ދެބަދޭތެރެއިން ކަހަލަ ގޮތަކަށް އަޅުގަނޑުގެ ކޮށި ބުއްދީގެ ފަރުދާޔަށް މަޑުމަޑުން އަރަމުން ދިޔަ، ފިލްމު ނިމޭއިރު އެ އަރާ އަކުރުބަރި އަރާހެން އެރި ސުވާލުތަކެކެވެ. ބަޔަކު މިރާއްޖޭގައި ކުރާ އަޑު އަޅުގަނޑަށް އަދި ނުއިވި ހުރި ސުވާލުތަކެކެވެ. އަޑުއައްސަވާނަންތޯއެވެ؟

އަދުގެ ދުނިޔޭގެ ތަފާތު އެކި ކަންކަމަށް ބޭނުންވާ ހަކަތަ އުފެއްދުމާއި، އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރު ކުރުމާއި، މުދާ އުފުލުމާއި، ކީމާވިޔަތާއި ބޭސްވެރިކަމާއި ތަޖްމީލުގެ ޞިނާޢަތްތަކަށް ބޭނުންވާ ބާވަތްތައް އުފެއްދުމާއި، އަލަށް ހަދާ މަގުތަކުގައި މާ ހަލުއިކޮށް މިއަޅާ ތާރަށް ދާންދެން އުފެއްދުމުގެ މައި މަޞްދަރަކަށް ވެފައި އޮންނަނީ ދުނިޔޭގެ ބައެއް ހިސާބުތަކުން ހިކިފަސް ތަންތަނާއި ކަނޑުގެ އަޑީގެ ހިލަ ބިންގަނޑު ތޮރުފައިގެން ނަގާ ތެލެވެ. އިނގިރޭސިބަހުން ދަންނަވާނަމަ ޕެޓްރޯލިއަމްއެވެ. އަދި ތެލާ އެކީގައި ގިނަފަހަރަށް ހުންނަ، ޤުދުރަތީ ގޭހެވެ. މި ތެލާއި ގޭސް ހުރި ތަންތަން ހޯދައި، އެ ތަންތަނުން އެ ބާވަތްތައް ނެގުމުގެ މަސައްކަތަކީ އެއްދުވަހުން އަނެއްދުވަހަށް އެ ކަމުގައި ކުރިމަތިލާން ޖެހޭ ދަތިތަކާއި އުނދަގޫތައް ބޮޑުވަމުން އަންނަ މަސައްކަތެކެވެ. އެ ބާވަތްތައް ހުރި ތަންތަނާއި އިންސާނުން އާބާދުވެގެން  ދިރިއުޅޭ ތަންތަނާ ދެމެދު ހުންނަ ދުރުމިން އިތުރުވަމުން ދިޔުމެވެ. އެފަދަ ތަންތަނުގެ ފިނިހޫނުމިނުގެ ގޮންޖެހުންތައްވެސް ގިނަވަމުން ދިޔުމެވެ. ތޮރުފާން ޖެހޭ ފުންމިން އިންތިހާޔަށް ބޮޑުވަމުން ދިޔުމެވެ. އަދި ހަމަ އެހެންމެ، މިހައިތަނަށް ތެލާއި ގޭސް ހުރި ތަންތަނުގައި ހުރި ބާވަތްތައް އިސާހިތަކު ހުސްވެދާނޭ ކަމުގެ ބިރު ހަޤީޤަތަކަށް ވުން ގާތްވެ، ދުނިޔެއިން މިހައިތަނަށް ތެލާއި ގޭސް ހުރިކަން އެނގޭ ތަންތަނުގައި މިހައިތަނަށް ކޮނެވުނު ތެޔޮވަޅުތައް ގިނަވަމުންގޮސް، އެ ތަންތަނުގައި ދެން އަލުން ވަޅު ކޮންނާނޭ ބޭނުމެއް ނެތޭ ބުނެވޭ ހިސާބަށް ދިޔުމެވެ. ކަން މިހެން އޮތް އިރު، ޤުދުރަތީގޮތުން ތެލާއި ގޭސް ބެދިފައި ހުންނަ، ބިމުގެ ފަށަލަތަކުގެ ލެނބުންތަކުގައި އެ ބާވަތްތައް ހަރުލައިފައި ހުންނަ ކަހަލަ ތަންތަން ހޯދައި، އެތަންތަން ތޮރުފައި، ކޮނުމުގެ މަސައްކަތް މިހައިތަނަށް އެންމެ މަދުން ކުރެވިފައި އޮތް އެއް ސަރަޙައްދަކީ އަނެއްކާ އަޅުގަނޑުމެންގެ ބަޙްރު ހިންދު އަކަށް ނުވޭތޯއެވެ؟ ކަމާ ބެހޭ ސައިންސްވެރީންނާއި ބައެއް މާހިރުން މި ވާހަކަ އެވެރީންގެ ރިޕޯޓުތަކާއި މަޖައްލާތަކުގައި ލިޔެފައި އެބަހުރިތޯއެވެ؟ އެހެންކަމަށް ވަންޏާ… އަޅުގަނޑުމެންގެ މި ކަނޑުގައި ތެލާއި ގޭސް ހުރިނަމަ، އޭގެ މައްޗަށް ވެރިވެގަންނާން ދުނިޔޭގެ  މާލީ، އިޤްތިޞާދީ، ޢަސްކަރީ، އަދި ވަކީން ޚާއްޞަކޮށް ނިޔުކްލިއަރ ބާރުވެރީން ނޫޅެ ހަމަ ތިބެދާނެތޯއެވެ؟ އަޅުގަނޑުމެންނަށް މިފެންނަނީ އެކަމުގެ ކޮޅުމަތިތޯއެވެ؟

އެކަމަކު އެކަހަލަ ކަންކަން ބޮޑަށް އެނގިވަޑައިގަންނަވާނީ ކަމުގެ މާހިރުންނަށެވެ.

އަދި އެހެން ވާހަކައެއް، އެހެން ސުވާލެއްވެސް އެބައޮތެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގެ ފުން ކަނޑުތަކުގެ އަޑީގައި މެންގަނީޒް ގޮބޮޅިޔޭ ކިޔޭ އެއްޗެއް ހުރެޔޯލައެވެ. އަދި މި ޒާތުގެ ގޮބޮޅިޔަށް މެންގަނީޒް މަޢުދަނުގެ ނަން ދީފައި އޮތަސް، މި ޒާތުގެ ގޮބޮޅީގައި މެންގަނީޒްގެ އިތުރުން ދަގަނޑާއި، ކޯބޯލްޓް އާއި، ރަތުލޮޔާއި، ނިކަލް އާއި، އެލުމިނަމް އާއި، ސިލިކޯން އާއި މި ކަހަލަ އެތައްއެތައް މަޢުދަނެއް ހުންނަ ކަމަށް ވެއެވެ. މި ބާވަތްތަކުގެ މަޢުދަންތަކަކީ ތަފާތު އެތައް ޞިނާޢަތަކަށް ކިހައިބޮޑަކަށް އަދި އެއްދުވަހުން އަނެއް ދުވަހަށް ކިހައި ގިނައެއްކޮށް ބޭނުންވާނޭ މަޢުދަންތަކެއްކަން، ހަމައެކަނި މޯބައިލްފޯނުގެ ބެޓެރީގައި ބޭނުންކުރާ ބާވަތްތަކުގެ މަޢުދަން ތަކުގެ ލިސްޓަށް ބަލައިލާ މީހަކަށްވެސް ސާފުވެގެން ދާނެއެވެ. ކޮންމެއަކަސް، މިދެންނެވި ޒާތުގެ ގޮބޮޅި އަޅުގަނޑުމެންގެ ބަޙްރު ހިންދުގައި އެބަހުރިކަމާއި، އެ ކަނޑުގެ ވަކި ހިސާބަކަށް "އިންޑިޔަން އޯޝަން ނޮޑިޔުލް ފީލްޑް" ކިޔަނީ ކީއްވެ ކަމާއި، އެއީ ކޮން ސަރަޙައްދެއްގައި އޮންނަ ތަނެއްކަން އެކަހަލަ ކަންކަން ޝައުޤުވެރިކަމާއެކު ބައްލަވާ ބޭބޭފުޅުންނަށް މާ ފަސޭހައިން ފެނިވަޑައިގަންނަވާނެއެވެ. އަޅެ މިދެންނެވި ޒާތުގެ ގޮބޮޅިޔާ ޗާގޯސް މައްސަލަޔާ ދެމެދު އެއްވެސް ކަހަލަ ގުޅުމެއް އޮވެދާނޭތޯއެވެ؟ ނުވަތަ އެ ބައެއްގެ ޞިނާޢީ އެތަކެއް ހުވަފެނުގައި ރީތި އެތައް ކުލަޔެއް މޮޅަށް ފަވައިލާން ކޮންމެހެން ބޭނުންވާ ބަޔަކަށް އެ ގޮބޮޅި ދަނޑު އިންތިހާޔަށް މުހިންމެވެދާނެ ތޯއެވެ؟

މިކަންވެސް ބޮޑަށް އެނގިވަޑައިގަންނަވާނީ ހަމަ ކަމުގެ މާހިރުންނަށެވެ.

ދެން އޮތް ސުވާލަކީ ވަރަށް ކުރު ސުވާލެކެވެ. އެއީ، ޗާގޯހަކީ ދުރުވިސްނޭ ބަޔަކު ކަންކަމުގެ މުގުލުގައި ތިބި އިރު، ކަންކަމުގެ ބާރުވެރިކަމުގެ ނާރެހުގައި ތިބިއިރު، މިދެންނެވި ދެބާވަތުގެ މީހުންނަށް ކަންކަން އޮޅުންފިލުވައިދީ، އެ މީހުން ކުރާ ކަންކަމުގެ މޮޅުދެރަ ވަކިކޮށްދީ، ބަސްކިޔައި ހަދާން ތިބިއިރު، އެ ޒަމާނުގައި ވަރަށް ފަހިކޮށް އަތްމައްޗަށް އަރައިފައި އޮތް ފުރުޞަތެއް ނޫންތޯއެވެ؟ އެހެން ވެއްޖިއްޔާ، މިއަދު ހަމަ އެމީހުން… ނޫން، އެއީ އަޅުގަނޑު މިދަންނަވާ ދެބަދޭތެރޭ ހުވަފެނީ ފިލްމު ފީތާޔަށް އަދި އެރިޔަސް، އަޅުގަނޑު ކުރާންވާނޭ ސުވާލެއް ނޫން، އެހެންނޫންތޯއެވެ؟

އެ ފުރުޞަތު ނުވަތަ ފުރުޞަތުތަކާއި، އެއީ ސުވާލެއްނަމަ އެ ސުވާލުގެ ޖަވާބުވެސް ރަނގަޅަށް، މޮޅަށް ދެނެވަޑައިގެން ތިއްބަވާނީ، ނުވަތަ މުނާސަބް ޖަވާބެއް ދެއްވާނީ ޤާބިލް މުފައްކިރުންނާއި، ޞާދިޤް މުވައްރިޚުންނާއި، ފަހަރުގައި ބައެއް ކަހަލަ އިންތިހާޒީންވެސް ހިމެނޭގޮތުން އެހެނިހެން ބައެއް ބޭބޭފުޅުންނެވެ.

ޗާގޯހާ ބެހޭގޮތުން އަޅުގަނޑަށްވެސް ވިސްނާން ޖެހުނީމައި… އަޅުގަނޑަކީ، ޗާގޯހާ ބެހޭގޮތުން ވާހަކަޔެއް ދައްކަން އެހައި ބޮޑު ޙައިޘިއްޔަތެއް ލިބިގެންވާ މީހަކީމެއް ނޫނީމުއެވެ.