Support Us

ކޮލަމް ކޯދު: ހަނދާނުން ފިލަމުންދާ ބައެއް ކަންކަން

ތިރީގައި މިވަނީ އަހަރުމެންގެ ހަނދާނުން ފިލަމުންދާ ބައެއް ކަންކަމެވެ. މި ކަންކަމަށް ނަޒަރު ހިންގާލުން މުހިންމެވެ.

  1. އެއްޗަކުން ނިކުންނާނީ އެ އެއްޗެއްގައި ހުރި ދިޔައެކެވެ. ދުނބުރިއަކުން ލުނބޮއެއްގެ ހުތެއް ނުލިބޭނެއެވެ. ލުނބޮއަކުން އަނބެއްގެ ފޮނިކަމެއް ނުލިބޭނެއެވެ. އަދި، ހިކި ދަޅިގަނޑެއް ފެލައި އެއިން ދިޔައެއް ނެރުން ވާނީ ވަރަށް ވެސް އުނދަގޫ ކަމަކަށެވެ.
  2. އެހެން މީހަކު ދޮގު ހަދަނީއޭ ބުނުމުން ތިމާގެ ދޮގުހެދުން ތެދު ބުނުމަކަށް ނުވެއެވެ.
  3. މީހެއްގެ ބުއްދި ގޯސްވުމަކުން ތިމާއަށް މޮޔަ ގޮވުމުގެ ހުއްދަ ލިބުނީކަމުގައި ނުބެލެވޭނެއެވެ.
  4. މީހަކު ނުބައިކުރުމަކުން ތިމާ ރަނގަޅުވީ ކަމުގައި ނުބެލެވޭނެއެވެ.
  5. މީހަކު ވައްކަން ކުރިކަމަށް ސާބިތުކޮށްދިނުމުން، ޚިޔާނަތާއި ޣަދަރުގެ އަމަލުތައް ތިމާ ކުރުން ރަނގަޅުވެ، ހުއްދަވެގެން ނުދެއެވެ.
  6. ގޯސްވާނީ ގޯހަށެވެ. ނުބައި ވާނީ ނުބަޔަށެވެ. ގޯސްގޯހަށް ވުމަށް ނުވަތަ ނުބައި ނުބަޔަށް ވުމަށް، އެކަން ކުރާ މީހާއަށް ބަލާކަށް ނުޖެހެއެވެ.
  7. ހެޔޮކަމެއް ކޮށްދިނުމަކީ އަޅުވެތި ކުރުމަށް އޮތް އުޒުރެއް ނޫނެވެ!
  8. މަސައްކަތުގައި އިސްކަންދޭން ޖެހެނީ ތިމާއަށް މުސާރަދޭ މީހާގެ މަސައްކަތަށެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ ނަމަ، އެހެން މީހެއްގެ ވަޒީފައިގައި ހުރެ، އެ މީހާގެ ވަޒީފާ އަދާ ނުކޮށް، އޭނާ އަތުން މުސާރަ ނެގުން ހުއްދަކުރެވޭނެ ކަމަކަށް ނުފެނެއެވެ.
  9. އެއް ފަހަރު ކަމެއް ރަނގަޅަށް ކުރަން ނޭނގުނު މީހަކަށް، އެކަން ރަނގަޅަށް ކުރަން ދަސްނުކޮށް، ދެވަނަ ފަހަރަށް އޭނައާ އެކަން ހަވާލުކުރުމަކުން، އެކަން ރަނގަޅަކަށް ނުކުރެވޭނެއެވެ. ކެޔޮޅުކަން ކުރަން ނޭނގި މަސްދޯނި ފަރަށް އަރުވާލުމުން، ދެން ޖެހޭނީ ކެޔޮޅުކަން ދަސްކޮށްދޭނޭ މީހަކާ އޭނާ ހަވާލުކުރާށެވެ. ފުރަތަމަ ފަހަރު މަސް ދޯނި ފަރަށް އަރުވާލުމުން، ކެޔޮޅުކަން ކުރަން ހުންނާނީ ދަސްވެފައޭ ހިތައި ދެވަނަ ފަހަރަށް އޭނައާ މަސްދޯނި ހަވާލުކުރާނެ އޮޑިވެރިޔާ ވާނީ މޮޔައަކަށެވެ.