...

Support Us

ޚަލީފާ އުމަރުގެ ސާދާ ދިރިއުޅުއްވުމުގެ ވާހަކަ

ޚަލީފާ ކަމަށް އިސްކުރެއްވުމުގެ ކުރިން ޢުމަރު ބުން ޚައްޠާބު ރަޟިޔަﷲ އަންހް އަކީވެސް އަމިއްލަފުޅަށް ވިޔަފާރި ކުރައްވައިގެން ދިރިއުޅުމުގެ ޚަރަދުބަރަދު ބެލެހެއްޓެވި ބޭކަލެކެވެ. ދެންފަހެ އަބޫބަކުރުގެފާނަށްފަހު އެކަލޭގެފާނު ޚަލީފާ ކަމަަށް އިސްކުރެވިއްޖެއެވެ. އެހިނދު މީސްތަކުން އެއްކުރައްވައި ވިދާޅުވިއެވެ.

"އޭ މީސްތަކުންނޭވެ. ތިޔަބައި މީހުންނަށްވެސް އެނގޭނެ ފަދައިން މިއަދާ ހަމަޔަށް ވެސް އަހުރެންގެ އަމިއްލަ ދިރިއުޅުމުގެ ޚަރަދުބަރަދު ބެލެހެއްޓީ ވިޔަފާރި ކޮށްގެނެވެ. ނަމަވެސް ތިޔަބައިމީހުން އަހަރެންނާ ޚަލީފާކަމުގެ ޒިންމާ މަތިކޮށްފިއެވެ. އެހެންކަމުން ދެން އަހުރެންނަށް ވިޔަފާރީގައި މަސްޢޫލުވެގެން ނޫޅެވޭނެއެވެ. ވީމާ އަހުރެންގެ ދިރިއުޅުމުގެ ކަންތައްތައް ބަލަހައްޓާނީ ކިހިނެއްތޯއެވެ؟"

އެހިނދު ސަހާބީންގެ ތެރެއިން ބޭކަލުން އެކިއެކި ޚިޔާލުތައް ހުށަހެޅުއްވިއެވެ. ބައިތުލް މާލުން އެވެނި މިވެނި މިންވަރެއް ނަންގަވަން، އެކިއެކި އަދަދުތައް ހުށަހެޅުއްވިއެވެ. އަލީގެފާނުވެސް އެ މަޖިލީހުގައި އިންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އިންނެވީ ހިމޭނުންނެވެ. އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެއެވެ.

އެހިނދު އުމަރުގެފާނު އެއްސެވިއެވެ. "އޭ ޢަލީގެފާނެވެ. މިކަމުގައި ކަލޭގެފާނުގެ ޚިޔާލުފުޅަކީ ކޮބައިތޯއެވެ؟"

އަލީގެފާނު ވިދާޅުވިއެވެ.. "އަޅުގަނޑުގެ ލަފަޔަކީ ކަލޭގެފާނުގެ ޢާއިލާ ބެލެހެއްޓޭވަރުގެ އިނާޔަތެއް ބައިތުލްމާލުން ނެންގެވުމެވެ."

ދެންފަހެ ޢުމަރުގެފާނު އެހުށަހެޅުއްވުން ޤަބޫލުކުރައްވައި ކިރިޔާ ފުދޭނެވަރުގެ އިނާޔަތެއް ބައިތުލްމާލުން ނެންގެވުމަށް އެއްބަސްވެވަޑައިގަތެވެ.

އެއަށްފަހު ދުވަސްތައް ފާއިތުވެގެން ގޮސް މުސްލިމުންނަށް ތަނަވަސްކަން ލިބުނެވެ. އެހިނދު ޢަލީގެފާނާއި ޢުޘްމާންގެފާނާއި ޒުބައިރުގެފާނާއި ތަލްޙަތުގެފާނު ފަދަ ބައެއް ބޭކަލުން ޢުމަރުގެފާނުގެ އިނާޔަތް ބޮޑުކުރެއްވުމަށް މަޝްވަރާކުރެއްވިއެވެ. އެހެނީ އެކަލޭގެފާނަށް ލިބިލައްވަނީ ކިރިޔަކިރިޔާ ފުއްދާލެވޭ މިންވަރުގެ އިނާޔަތްތަކަށް ވާތީއެވެ. ނަމަވެސް މިކަމާ ބެހޭގޮތުން އުމަރުގެފާނާ މަޝްވަރާކުރެއްވުމަށް މިއިން އެއްވެސް ބޭކަލަކަށް ކެރިވަޑައިނުގަތެވެ.

ދެންފަހެ މިބޭކަލުން އެކަމުގައި އުމަރުގެފާނުގެ ވިސްނުން ހުރި ގޮތެއް ބެއްލެވުމަށްޓަކައި އުއްމުލް މުއްމިނީނަ ހަފްސާ ރަޟިޔަﷲ އަންހުގެ އަރިހަށް ވަޑައިގަތެވެ. އެކަމަނާ އަރިހުގައި ދެންނެވިއެވެ.

"ޔާ އުންމުލް މުއްމުނީންއެވެ. ނިކަން އުމަރުގެފާނުގެ އަރިހަށް ގޮސް މިކަމުގައި އެކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތެއް އޮޅުންފިލުވައި ދެއްވަބައްލަވާށެވެ. ނަމަވެސް އެކަލޭގެފާނުގެ އަރިހުގައި، ނަމަނަމަ ތިމަން ބޭކަލުންގެ ނަން ވިދާޅުނުވައްޗެވެ."

ފަހެ ހަފްސަތުގެފާނު މިވާހަކަ އުމަރުގެފާނުގެ އަރިހުގައި ދަންނަވައިފިއެވެ. އެހިނދު އެކަލޭގެފާނު ކޯފާ އިސްކުރައްވައި ވިދާޅުވިއެވެ.

"ތިޔައީ ކޮންބައެއްގެ ހުށަހެޅުމެއް ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ތިޔައީ ކޮންބައެއްކަން އެނގޭ ނަމަ އެމީހުންގެ މޫނުމަތީގައި ޖެއްސެވީމުހެވެ." އެހިނދު ހަފްސަތުގެފާނު ދެންނެވިއެވެ. "ޔާ އަމީރުލް މުއްމިނީންއެވެ. އިހަށް މިކަމުގައި ކަލޭގެފާނު ދެކެލައްވާ ގޮތް ވިދާޅުވެބައްލަވާށެވެ."

އުމަރުގެފާނު ވިދާޅުވިއެވެ. "ލޮބުވެތި ދަރިކަނބަލުންނޭވެ. ނިކަން ބުނެބަލާށެވެ. ކަމަނާގެ ގެކޮޅުގައި ހުރި ހެދުންތަކުގެ ތެރެއިން، ރަސޫލުﷲ ގެފާނު ތުރުކުރައްވާ އެންމެ ރީތި ހެދުންކޮޅަކީ ކޮބައިތޯއެވެ؟" އެމަނާ ވިދާޅުވިއެވެ. "އެއީ ރަތްކުކަލަޔަކަށް ދާ މުށި ކުލައިގެ ހެދުންކޮޅެކެވެ. އެކަލޭގެފާނު ހުކުރު ދުވަސް ދުވަހު ތުރުކުރައްވާ ހެދުންކޮޅެކެވެ."

އެއަށްފަހު އެކަލޭގެފާނު އެއްސެވިއެވެ. "ނަބިއްޔާ ﷺ ކަމަނާގެ ގެއިން ފަރިއްކުޅުއްވާ އެންމެ ރަނގަޅު ކާނާ އަކީ ކޮބައިތޯއެވެ؟"

އެކަމަނާ ދެންނެވިއެވެ. "ވަރަށް އާދައިގެ ކެއުމެކެވެ. މަދު ފަހަރަކު ލިބޭ ޕާންކޮޅެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުހުރެއެވެ. ހަމައެކަނި ކެއުމަކީ އެއީ އެވެ. އެއް ދުވަހެއްގައި އަހުރެން ހުސްވެފައި ހުރި ބަޓަރު އެއްޗެއްގެ ތެރެއަށް ޕާންކޮޅެއް އަޅާފައި ދެއްވީމެވެ. އެހިނދު އެކަލޭގެފާނު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނަވައި ފަރީއްކުޅުއްވައި އަދި އެހެން މީހުންނަށް ވެސް އެ ކެއުމަށް ދަޢުވަތު ދެއްވިއެވެ."

ދެން އެމަރުގެފާނު އެއްސެވިއެވެ. "އެކަލޭގެފާނުގެ އެނދުދާންކޮޅުގެ ހާލަތަކީ ކޮބައިތޯއެވެ؟" ހަފްސަތުގެފާނު ދެންނެވިއެވެ. "އެއީ ތަންކޮޅެއް ބޯ ފޮތިގަނޑެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނޫނެވެ. ހޫނު މޫސުމުގައި އެ ފޮތިގަނޑު ހަތަރު ފަށް ކުރައްވާފައި އޭގެ މަތީ އޮށޯންނަވައެވެ. ފިނި މޫސުމުގައި ދެފަށް ކުރައްވާފައި އެއްބައި ފަތުރުއްވާފައި އަނެއްބައި ގައިކޮޅުމަތީގައި އަޅުއްވައެވެ."

އެހިނދު އުމަރުގެފަަނު އެކަލޭގެފާނުގެ ދަރިކަނބަލުންނަށް ނަސޭޙަތްތެެރިވަމުން ވިދާޅުވިއެވެ. "އޭ ހަފްސާއެވެ. އެމީހުން ކައިރީގައި ބުނާށެވެ. ރަސޫލުﷲ ގެފާނު ވަނީ އެކަލޭގެފާނުގެ އަމިއްލަ ދިރިއުޅުއްވުމުން ނަމޫނާ ދައްކަވާފައެވެ. އަހުރެން އެކަލޭގެފާނަށް ތަބާވާން ޖެހޭނެއެވެ. އަހުރެންނާއި އަބޫބަކުރުގެފާނާއި ނަބިއްޔާ ﷺ ގެ މިސާލަކީ އެއްމަގަކުން ދަތުރުކުރި ތިން މީހުންގެ މިސާލެވެ. ނަބިއްޔާﷺ އެކަލޭގެފާނުގެ މަންޒިލަށް ވާސިލް ވެއްޖެއެވެ. އެކަލޭގެފާނުގެ ފަހަތްޕުޅުން އަބޫބަކުރުގެފާނު ވަޑައިގެން އެކަލޭގެފާނާ ގުޅިވަޑައިގެންފިއެވެ. އަހުރެންވެސް އެ ދެ ބޭކަލުންނަށް ތަބާވެއްޖެ ނަމަ އެބޭކަނުންނާ ބައްދަލުވާނެއެވެ. އެހެން ނޫނީ ދުވަހަކުވެސް އެބޭކަލުންނާ ހަމަޔަށް ވާޞިލް ނުވެވޭނެއެވެ."

ވިސްނާލައްވާށެވެ. މިއީ އެ ދުވަސްވަރު އެންމެ ބާރުގަދަ ވެރިޔާގެ ވިސްނުންފުޅެވެ. ރަސްރަސްކަލުންނާއި ބާރުގަދަ ދަޢުލަތްތަކުން އެންމެ ޖެހިލުންވި އެންމެ ބިރުގަންނަ، ޚަލީފާ އުމަރު ބުން ޚައްތާބުގެ ދިރިއުޅުއްވުން ހުރި ގޮތެވެ. ކޮންފަދަ އާދައިގެ ދިރިއުޚުއްވުމެއް ހެއްޔެވެ؟

އެއް ދުވަހު އެކަލޭގެފާނު ޚުތުބާ ދެއްވަން މިމްބަރުކޮޅުގައި ހުންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުގައި 12 ޕެޗް އަޅުއްވާފައި ހުއްޓެވެ. އެހެން ދުވަހެއްގައި ތަންކޮޅެއް ލަހުން ހުކުރު ނަމާދަށް ވަޑައިގެންނެވުނެވެ. އެހިނދު ވިދާޅުވިއެވެ. "މާފްކުރައްވާށެވެ. ތިމަންކަލޭގެފާނުގެ ހެދުންކޮޅު ދޮވެފައި ނުހިކިގެން ލަސްވީއެވެ. ތުރުކުރައްވާނެ އެހެން އެއްވެސް ހެދުމެއް ނެތެވެ."

އަދިވެސް އެހެން ދުވަހެއްގައި އެކަލޭގެފާނު ފަރިއްކުޅުއްވަން އިންނަވަނިކޮށް އުތުބާ އެކަލޭގެފާނު އަރިހަށް ޒިޔާރަތް ކުރެއްވިއެވެ. އެހިނދު އުތުބާއަށް އެތެރެއަށް ވަނުމުގެ އިޒުނަ ދެއްވައި ކެއުމަށް ދަޢުވަތު ދެއްވިއެވެ. އުތުބާ އެ ދަޢުވަތު ޤަބޫލުކުރައްވައި ބައިވެރިވެވަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނު ފަރިއްކުޅުއްވަން އިންނެވި ޕާން އުތުބާގެ އަރުތެރެއިން އެތެރެވާ ގޮތެއް ނުވިއެވެ. އެހިނދު އުމަރުގެފާނަށް ވިދާޅުވިއެވެ.

"ޔާ އަމީރުލް މޫމިނީން އެވެ. މިއަށްވުރެ ރަނގަޅު ގޮދަނަކުން ކަލޭގެފާނު ޕާން ތައްޔާރު ކުރެއްވުން ކިހިނެއްވާނެތޯއެވެ؟" އުމަރުގެފާނު ވިދާޅުވިއެވެ. “އޭ އުތުބާއެވެ. ހުރިހާ މުސްލިމުންނަށް ވެސް އެފަދަ މޮޅު ގޮދަން ގަނެވޭނެތޯއެވެ؟" އުތުބާ ވިދާޅުވިއެވެ. "ނޫނެކެވެ. ހުރިހާ މުސްލިމުންގެ ކިބައިގައި އެވަރުގެ ތަނަވަސްކަމެއް ނުހުންނާނެއެވެ." އެހިނދު އުމަރުގެފާނު ވިދާޅުވިއެވެ. "ތިބާ އެދެނީ މިދުނިޔެމަތީގައި އަހުރެން ހިތްއެދޭ ހުރިހާ ކަމެއް ހާޞިލް ކުރުމަށް ހެއްޔެވެ؟"

ނިކަން ވިސްނާލަބަލާށެވެ. މިއީ އެ ޒަމާނުގައި ހުންނެވި އެންމެ ބާރުގަދަ، އެންމެ ބިޔަބޮޑު ދަޢުލަތުގެ ވެރިޔާގެ ދިރިއުޅުއްވި ގޮތެވެ. މަތިވެރި ސަހާބީން ދިރިއުޅުއްވި ގޮތެވެ. އަހުރެމެން މިސާލު ނަގަންވީ އެބޭކަލުންގެ ހަޔާތުންނެވެ. އޭރުން ފަހަރެއްގައި ލަގްޒަރީ ދިރިއުޅުމެއް އުޅުމަށްޓަކައި އެކަކު އަނެކަކާ ވާދަކޮށް ކުރިއަރައި ދިޔުމާ މެދު ހިތުގައި އޮންނަ އެދުންވެރިކަން ކުޑަވެ، ކުޑަމިނުން އަމިއްލަ ނަފްސު އެކަންކަމާމެދު ލަދުވެތިވެދާނެ ތޯއްޗެކެވެ.

މަސްދަރު: حکایت صحابہ (رضی اللہ تعالی عنهم اجمعین ) ޝެއިޚް މުޙައްމަދު ޒަކަރިއްޔާ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.