...

Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ކެންސަރު ބައްޔާމެދު ކޮންމެހެން އެނގުން މުހިންމު

ކެންސަރަކީ ހަށިގަނޑުގައި ހުންނަ އާދަޔާ ހިލާފު ސެލްތައް ކޮންޓްރޯލް ނުކުރެވި ބޮޑުވެ ފެތުރުމުގެ ސަބަބުން ކުރިމަތިވާ ތަފާތު ބަލިތަކުގެ ބައިގަނޑެކެވެ. މިއީ ގާތްގަނޑަކަށް ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ނުވަތަ ޓިޝޫއަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. މިބަލީގެ ސަބަބުން ދުނިޔޭގެ އެތަކެއް ފަރުދުންނަކާއި އާއިލާތަކާއި މުޖުތަމައުތަކަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތި ކުރުވާ ބައްޔެކެވެ.

މި ކުރު ލިޔުންކޮޅުގައި ހާމަކުރަން އަހަރެން ގަސްތުކުރަނީ ކެންސަރު ޖެހެން މެދުވެރިވާ ބައެއް ސަބަބުތަކާއި، ބަލި ދެނެގަންނަ ގޮތާއި، ދެވޭ ފަރުވާއާ ބެހޭ ގޮތުންނެވެ.

ސަބަބުތައް:

ކެންސަރު ޖެހެމަށް ޖެނެޓިކް ގޮތުން ދިމާ ކަންތައްތަކާއި ތިމާވެށީގެ ގޮތުން ދިމާވާ ކަންތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ވަކި ކަހަލަ އިންފެކްޝަންތަކާއި މިފަދަ ތަފާތު އެތައް ސަބަބުތައް ހުރެދާނެއެވެ. ބައެއް ފަރުދުންނަށް މި ބަލި ވާރުތަވެ، ވަކި ވައްތަރެއްގެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. ދުންފަތުގެ ބޭނުން ކުރުމާއި، ގެއްލުން ހުރި ކެމިކަލްތަކާއި، ރޭޑިއޭޝަން އަދި ވަކި ވައިރަސްތަކެއް (ހިއުމަން ޕެޕިލޯމާ ވައިރަސް އަދި ހެޕަޓައިޓިސް ވައިރަސް ފަދަ) އަށް ހުށަހެޅުން ފަދަ ކަންކަމަކީ ވެސް ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަމެވެ. މީގެ އިތުރުން ކާނާގެ ފެންވަރު ދަށްވުމާއި، ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކަންކަން ދިރިއުޅުމުގެ ވައްޓަފާޅީގައި ހިމެނުމަކީ މި ނުރައްކާ އިތުރުކޮށްދޭ ކަމެކެވެ.

ޑައިގްނޯސިސް:

ކެންސަރު ޖެހިފައިވާކަން ދެނެގަތުމުގައި އާންމުކޮށް އެތައް ފިޔަވަޅުތަކެއް އަޅައެވެ. ގިނަ ފަހަރަށް ފެށެނީ ޖިސްމާނީ ތަހުލީލަކާއި ތަފްސީލީ މެޑިކަލް ހިސްޓްރީއަކުންނެވެ. ކެންސަރު ހުރިކަން ކަށަވަރުކުރުމަށް ނުވަތަ އިތުރަށް ތަހުގީގުކުރުމަށް ތަފާތު ޑައިގްނޯސްޓިކް ޓެސްޓްތަކާއި ޕްރޮސީޖަރތައް ބޭނުންކުރެވެއެވެ. އޭގެ ތެރޭގައި އިމޭޖިންގ ޓެސްޓް (އެކްސްރޭ، ސީޓީ ސްކޭން، އެމްއާރުއައި ސްކޭން، އަދި ޕެޓް ސްކޭން ފަދަ)، ލެބޯޓްރީ ޓެސްޓް (ލޭގެ ޓެސްޓާއި ޓިއުމަރ މާކަރ ޓެސްޓް ފަދަ)، ބަޔޮޕްސީ (މައިކްރޯސްކޯޕުން ބެލުމަށް ޓިޝޫގެ ސާމްޕަލް ނެގުން) ހިމެނިދާނެއެވެ. އަދި މޮލިކިއުލަރ ޓެސްޓްތަކުން ކެންސަރު ސެލްތަކުގެ ޖެނެޓިކް ސިފަތައް ތަޙުލީލުކުރެވެއެވެ.

ފަރުވާ:

ކެންސަރަށް ފަރުވާދިނުމަށް ތަފާތު ގޮތްތައް ބޭނުން ކުރެވެއެވެ. ފަރުވާ ދިނުމުގެ ކުރީން ބަލާ ކަންކަމުގެ ތެރޭގައި ކެންސަރުގެ ބާވަތާއި މަރުހަލާތަކާއި، ބަލިމީހާގެ ޖުމްލަ ސިއްހަތާއި، ފަރުވާއަށް އިސްކަންދޭނެ ގޮތްތަކާމެދު ގޮތްތައް ކަނޑައެޅުން ހިމެނެއެވެ. މައިގަނޑު ފަރުވާގެ ގޮތްތަކުގެ ތެރޭގައި ސާޖަރީ، ރޭޑިއޭޝަން ތެރަޕީ، ކީމޯތެރަޕީ، ޓާގެޓްޑް ތެރަޕީ، އިމިއުނޯތެރަޕީ، އަދި ހޯމޯން ތެރަޕީ ހިމެނެ އެވެ.

ސާޖަރީ:

މިއީ ކެންސަރު ޖެހިފައިވާ ޓިއުމަރާ ކައިރީގައި ހުންނަ ޓިޝޫތައް ނައްތާލައިގެން ދޭ ފަރުވާއެވެ. ގިނަ ފަހަރަށް މި ފަރުވާ ދެނީ ހަށިގަނޑުގެ އެހެން ހިސާބަށް ފެތުރިފައި ނުވާ ވަކި ބާވަތެއްގެ ޓިއުމަރުތައް ނެގުމަށެވެ. މިއީ ފުރަތަމަ ސްޓޭޖްގެ ފަރުވާ އެވެ.

ރޭޑިއޭޝަން ތެރަޕީ:

މިއީ ކެންސަރު ސެލްތައް މަރާލުމަށް ނުވަތަ ކުޑަކުރުމަށް ގަދަ އެނާޖީ ރޭޑިއޭޝަން ބޭނުން ކޮށްގެންދެވޭ ފަރުވާއެކެވެ. މިއީ ބޭރުން ނުވަތަ އެތެރެއިން (ބްރެކިތެރަޕީ)ގެ ބޭނުންކޮށްގެން ދެވިދާނެ ފަރުވާއެކެވެ. އާންމުކޮށް ކެންސަރު ސެލްތައް ނައްތާލުމަށް ނުވަތަ އަލާމާތްތަކަށް ލުއިދިނުމަށް އެހެން ފަރުވާތަކާ އެކު މިފަރުވާ ބޭނުން ކުރެއެވެ.

ކީމޯތެރަޕީ:

މިއީ ކެންސަރު ސެލްތައް މަރާލުމަށް ނުވަތަ އެސެލްތައް ބޮޑުވުމާއި ބައިބައިވުން ހުއްޓުވުމަށް ބޭސްތައް ބޭނުންކޮށްގެން ދޭ ފަރުވާއެކެވެ. ކީމޯތެރަޕީ އަކީ އަނގައިން ނުވަތަ ލޭހޮޅިތަކުގެ ތެރެއިން ނުވަތަ އެހެން ގޮތްގޮތުން ވެސް ދެވިދާނެ އެއްޗެކެވެ. ގިނަ ފަހަރަށް ކީމޯ ބޭނުންކުރަނީ އެހެން ފަރުވާތަކާވެސް ގުޅުވައިގެންނެވެ.

ޓާގެޓެޑް ތެރަޕީ:

މި އުސޫލުގައި ބޮޑަށް އަމާޒުކުރަނީ ކެންސަރު ބޮޑުވުމަށް ބާރުއަޅާ ވަކި މޮލިކިއުލްސް ތަކަށް ނުވަތަ ޕްރޮޓީންތަކަށެވެ. ޓާގެޓްޑް ތެރަޕީތަކުގެ މަގުސަދަކީ ކެންސަރު ސެލް ބޮޑުވުމާއި، ދިރިހުރުމާއި، ފެތުރުމަށް އެހީތެރިވެދޭ ސިގްނަލްތައް ހުއްޓުވުމެވެ.

އިމިއުނޯތެރަޕީ:

މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން ކެންސަރު ސެލްތައް ދެނެގަނެ ނައްތާލުމެވެ. އޭގެ ތެރޭގައި އިމިއުން ޗެކްޕޮއިންޓް އިންހިބިޓަރސް، ސީއޭއާރް-ޓީ ސެލް ތެރަޕީ، އަދި ކެންސަރު ވެކްސިން ފަދަ ތެރަޕީތައް ހިމެނެއެވެ.

ހޯރމޯން ތެރަޕީ:

މިއީ އުރަމަތީ އަދި ޕްރޮސްޓޭޓް ކެންސަރު ފަދަ ހޯރމޯން ބަލިކަށި ކެންސަރުތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެއްޗެކެވެ. ހޯމޯން ތެރަޕީގެ މަޤްޞަދަކީ ކެންސަރު ބޮޑުވުމަށް އެހީތެރިވެދޭ ވަކި ހޯމޯންތަކެއް އުފެދުނަނުދީ އެކަމަށް ހުރަސްއެޅުމެވެ. މި ފުރަތަމަ ފަރުވާގެ އިތުރުން ކެންސަރު ބަލީގައި ދިރިއުޅޭ ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އަމާޒުކޮށް ރިހުމާއި ތަދު ކެނޑުވުމަށް ދެވޭ ފަރުވާތައް ކަމަށްވާ ޕެލިއޭޓިވް ކެއާ، އަދި ރިހެބިލިޓޭޝަން ފަދަ ސަޕޯޓިވް ތެރަޕީތައް ވެސް ހުރެ އެވެ.

ނިންމާލަމުން ދަންނަވާނަމަ ކެންސަރަކީ އެކި ގޮތްގޮތުން އޭގެ އަސަރު އެތައް ބަޔަކަށް ފޯރާ ތަފާތު އެތައް ގެއްލުންތަކެއް ލިއްބައިދޭ ބައްޔެކެވެ. މި ބަލި އަވަހަށް ދެނެގަތުމާއި ވަގުތުން ފަރުވާ ދިނުމަކީ ރަނގަޅު ނަތީޖާއެއް ލިބުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ކެންސަރ ޖެހެން މެދުވެރިވާ ސަބަބުތަކަށް ބުނެދިނުމާއި، ފައިދާ ހުރި ފަރުވާތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭނެ ގޮތްތައް ދެނެގަތުމާއި، ދިރާސާކޮށް ބަލަމުން ގެންދިއުމަކީ މުހިންމު ކަމެކެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.