Support Us

"ހަރާމް ކަނާ ކައިގެން ގައިގައި ޖަހާ މަހަށް، އެންމެ އައުލާވެގެން ވަނީ ޖަހަންނަމައިގެ އަލިފާނެވެ."

އަބޫބަކުރުގެފާނު ގެންގުޅުއްވި އަޅެކެވެ. މި އަޅުކަލޭގެއަށް ދުވާލަކު ލިބޭ އުޖޫރައިން ކޮންމެވެސް މިންވަރެއް، ސާޙިބްމީހާގެ ހިއްސާގެ ގޮތުގައި އެކަލޭގެފާނަށް ދެއްވައެވެ. އެއް ފަހަރަކު މިއަޅުކަލޭގެ ގެނައި ކާއެއްޗެކެވެ. އަބޫބަކުރުގެފާނު އޭގެން އެތިކޮޅެއް ފަރީއްކުޅުއްވިއެވެ. އެހިނދު މި އަޅުކަލޭގެ އިނދެފައި ދެންނެވިއެވެ. "އޭ އަބޫބަކުރުގެފާނެވެ. އަބަދުވެސް އަހުރެން ކާއެއްޗެއް ގެނައުމުން، އެއެއްޗެއް ލިބުނު ގޮތަކާ މެދު ކަލޭގެފާނު ސުވާލުކުރައްވައެވެ. ނަމަވެސް މިއަދު ކަލޭގެފާނު އެސުވާލު ނުކުރައްވައެވެ."

އެހިނދު އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "ތިމަން ކަލޭގެފާނު މާބޮޑަށް ބަނޑުހައިވެފައި ހުންނެވުމުން އެކަން ނުކުރައްވައި ދޫކޮށްލެވުނީއެވެ. ނިކަން ބުނެބަލާށެވެ. މިއީ ތިބާ ކިހިނެއް ހޯދި ކާއެއްޗެއް ހެއްޔެވެ؟"

އަޅުކަލޭގެ ދެންނެވިއެވެ. "އަހަރެންނަކީ އިސްލާމްދީން ގަބޫލުކުރުމުގެ ކުރިން ރަމަލު ޖަހައި (ފާލުބަލައި) އުޅުނު މީހަކީމެވެ. އެ ދުވަސްތަކުގައި، ފަހުން އުޖޫރަ ދޭގޮތަށް ބަޔަކު މީހުން އަހުރެން ލައްވައި އެކަހަލަ ކަމެއް ކުރުވިއެވެ. ފަހުން އުޖޫރަ ދޭނެ ކަމަށް އެމީހުން ވަޢުދުވިއެވެ. ނަމަވެސް އެކަމުގެ އުޖޫރަ އަހަންނަށް ނުލިބި ދުވަސްތައް ފާއިތުވެގެން ގޮސް، ކަން ދިމާކުރި ގޮތުން މިއަދު އަހުރެންނަށް ދެވުނީ އެމީހުން ކައިވެނީގެ ހަފްލާއެއް ކުރިޔަށްގެންދަނިކޮށް އެތަން ހުރަސްކޮށެވެ. މިއީ އެކަމުގެ އުޖޫރައެއްގެ ގޮތުގައި އެމީހުން އަހަންނަށް ދިން ކާނާއެވެ."

އެހިނދު އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "ސުބުޙާނަﷲ އެވެ. ކަލޭ އަހުރެން ގަތުލުކޮށްލީސްކަން ކަށަވަރެވެ."

އެއަށްފަހު އެކަލޭގެފާނު އަވަސްވެވަޑައިގަތީ ފަރީއްކުޅުއްވުނު ކާއެތިކޮޅު ހޮޑަށް ބޭރުކޮށްލެވޭތޯއެވެ. ނަމަވެސް ހުސްބަނޑާ ހުންނެވުމުން އެކަން ނުކުރެއްވުނެވެ. އެންމެ ފަހުން މީހަކު އައިސް އެކަލޭގެފާނަށް ލަފާދެއްވިއެވެ. "އޭ އަބޫބަކުރުގެފާނެވެ. ބަނޑުފުރެންދެން ފެންބޯށެވެ. އެއަށްފަހު ހޮޑުލެވޭތޯ މަސައްކަތް ކުރައްވާށެވެ."

ދެންފަހެ އެކަލޭގެފާނު އެގޮތަށް ކަންތައް ކުރައްވައި، ގަދަކަމުން އެކާއެތިކޮޅު ހޮޑަށް ބޭރުކޮށްލެއްވިއެވެ.

އެހިނދު މީހަކު ދަންނަވައިފިއެވެ. "ޔާ އަބޫބަކުރުއެވެ. މާތް الله ކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ. ކަލޭގެފާނު ތިޔަ ފަދަ ތަކުލީފެއް ތިޔަ އުފުއްލެވީ ކާތަކެތީގެ އެންމެ ސުވައެއް ބޭރުކޮށްލެއްވުމަށް ހެއްޔެވެ؟"

އެކަލޭގެފާނު ވިދާޅުވިއެވެ. "ﷲ ގަންދީ ބުނަމެވެ. އާނއެކެވެ. އަހުރެންގެ ފުރާނަ ދިޔަ ނަމަހީވެސް އެބޭރު ކުރުމަށް ބާރުއެޅީމުހެވެ. އެހެނީ އަހަރެން ނަބިއްޔާ ﷺ ހަދީޘް ކުރައްވަނިކޮށް އަޑުއެހީމެވެ. "ހަރާމް ކަނާ ކައިގެން ގައިގައި ޖަހާ މަހަށް، އެންމެ އައުލާވެގެން ވަނީ ޖަހަންނަމައިގެ އަލިފާނެވެ."

އަހަރެން، އެކާނާ ބޭރުކުރުމަށް އަވަސްވެގަތީ އެ ސަބަބާ ހުރެއެވެ. އަހަރެންގެ ހަށިގަނޑުގެ އެއްވެސް ބަޔަކަށް އޭގެ އަސަރުކޮށްފާނެތީއެވެ.

 

މަސްދަރު: حکایت صحابہ (رضی اللہ تعالی عنهم اجمعین) ޝެއިޚް މުޙައްމަދު ޒަކަރިއްޔާ

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *