...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ދުވަސްވީ ކަނބުލޭގެއާއި ބޭންކު މުވައްޒިފު

އުމުރުން ދުވަސްވީ ކަނބުލޭގެ ބޭންކަށް ވަނެވެ. އަދި، އޭނާގެ ބޭންކު ކާޑު ދިނުމަށް ފަހު، އޭނާގެ އެކަންޓުން ދިހަ ޑޮލަރު ނަގައިދިނުމަށް ބޭންކު މުވައްޒިފު ކުރެން އެދުނެވެ.

މުވައްޒަފު: ކައުންޓަރުން ނަގައިދެވޭނީ މަދުވެގެން 100 ޑޮލަރުގެ އަދަދެކެވެ. އެއަށް ވުރެ މަދު އަދަދަކަށް ފައިސާ ނަގަން ބޭނުން ނަމަ، ބޭރުގައި ހުރި ފައިސާ ދޫކުރާ މެޝިނު ބޭނުންކުރާށެވެ.

ކަނބުލޭގެ: އެއީ ކީއްވެ ހެއްޔެވެ؟

މުވައްޒިފު: އެއީ އަންގާފައިވާ ގޮތެވެ. ކަނބުލޭގެ ފަހަތުގައި އޮތް ކިޔު ވަރަށް ދިގެވެ. އެހެންވެ، އިތުރު ކަމެއް ބޭނުންނުވާ ނަމަ، ބޭރަށް ނިކުމެލައި ބޭނުންވާ އަދަދުގެ ފައިސާ ނަގާށެވެ.

ކަނބުލޭގެ: އަހަރެންގެ އެކަންޓުގައި ހުރި ހުރިހާ ފައިސާ ނަގައިފައިދޭށެވެ.

މުވައްޒިފު: (ކަނބުލޭގެ އެކަައުންޓު ބެލުމަށް ފަހު،) ކަނބުލޭގެ އެކަންޓުގައި ބައިލައްކަ ޑޮލަރު އެބަހުއްޓެވެ. މި ވަގުތު އެހާ ބޮޑު އަދަދެއްގެ ފައިސާ މި ބޭންކުން ދޫކުރެވޭކަށް ނެތެވެ. އެނބުރި މާދަމާ އަންނަނިކޮށް އެކަން ކޮށްދެވިދާނެއެވެ.

ކަނބުލޭގެ: މި ވަގުތު ދެވެން އޮތީ ކިހާ ފައިސާއެއް ހެއްޔެވެ؟

މުވައްޒިފު: ބޭންކު ގަވާއިދު ނިޔާކުރަނީ އެއްދުވަހު އެކަކަށް ގިނަވެގެން ދިހަ ހާސް ޑޮލަރު ދޫކުރުމަށެވެ. އެ އަދަދު ދެވިދާނެއެވެ.

ކަނބުލޭގެ: އެންމެ ރަނގަޅެވެ. އަހަރެންގެ އެކައުންޓުން ދިހަ ހާސް ޑޮލަރު ނަގައިފައިދޭށެވެ.

ދެން މުވައްޒަފު، ކުޑަކޮށް ހިތްހަމަނުޖެހި ހުރެވެސް، ނަގުދު ފައިސާ ގެނެސް ގުނާފައި ކަނބުލޭގެ ބޭނުންވި އަދަދު އޭނާއަށް ދިނެވެ. އަދި މުވައްޒަފު ބުންޏެވެ.

މުވައްޒަފު: ދެން އިތުރު ޚިދުމަތެއް ބޭނުންވޭ ހެއްޔެވެ؟

ކަނބުލޭގެ: (ދިހަހާސް ޑޮލަރުން 10 ޑަލަރު ނެގުމަށް ފަހު ބުންޏެވެ.) އާނއެކެވެ. ބާކީ މި ނުވަ ހާސް ނުވަ ސަތޭކަ ނުވަ ދިހަ ޑޮލަރު އަނބުރާ އަހަރެންގެ އެކައުންޓަށްލާށެވެ.

އާދެ، އުމުރުން ދުވަސްވީ ހަޔާތުގެ ތަޖުރިބާތަކުގެ ވެރި ކަނބަލުންނާ ދެބަސްވެ، ޖަދަލުކުރުން ދޫކޮށްލާފައި އެކަނބަލުން އެދޭ ކަންތައް ބޮޑު ކަމަކަށް ނުހަދައި ކޮށްލަދިނުން ބުއްދިވެރިއެވެ. އެހެން ނޫން ނަމަ…. އާދެ، އެކަނބަލުންގެ ހަޔާތީ ތަޖުރިބާގެ އެހީގައި އެކަނބަލުން ބޭނުންވާ ގޮތަށް އެކަނބަލުން ކަންތައް ކުރާނެއެވެ!

(ތަރުޖަމާއެއް)

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.