Support Us

ކޮލަމް ކޯދު: ގޮތް ދޫނުކުރުމާ ބެހޭ ގޮތުން ބުނެފައިވާ ބުނުންކޮޅެއް

ތިރީގައި މިވަނީ ގޮތް ދޫނުކުރުމާ ބެހޭ ގޮތުން ބުނެފައިވާ ބުނުން ކޮޅެކެވެ.

  1. ގޮތް ދޫނުކުރާ މީހާއަށް ވުރެ ވަކިން ބީރު ނޫނީ ކަނު މީހަކު ނުވެއެވެ. އޭނައަށް އިވެނީ ހަމައެކަނި އޭނަގެ ވާހަކައެވެ. އޭނައަށް ފެންނަނީ ހަމައެކަނި އޭނާގެ ހިތް އޭނައަށް ދައްކާ މަންޒަރެކެވެ.
  2. ގޮތް ދޫނުކުރުމާއި އެކަމުގެ އީޖާބީ ފަރާތާ ދެމެދު އޮންނަނީ ވަރަށް ވެސް ހަނި ރޮނގެކެވެ. އެއީ ނުގުޑާ ގޮތެއްގައި އޮންނަ ވަރުގަދަ އަޒުމެވެ.
  3. ވަކި ގޮތެއް ގަބޫލުކުރުމަށް މާ ކުރިން ނިންމައިގެން ހުންނަ މީހަކު، އޭނާ އެ ދެކޭ ގޮތެއް ބަދަލެއް ނުކުރާނެއެވެ. އޭނާއާ ދެ ބަސްވެއްޖެ ނަމަ، ކަލޭ ދޫކޮށްފައި އޭނާ ދާނެއެވެ. ކަމަކާ ބެހޭ ހައްގު ތެދު މައުލޫމާތު ބުނެދިނުމުން، ކަލޭގެ މަސްދަރާ މެދު ސުއާލު އުފައްދައި އެ މަސްދަރު ރަނގަޅު ނޫންކަން ދައްކަން އުޅޭނެއެވެ. ހަމަ ދައްކަން އުޅެފި ނަމަ، އޭނާގެ ހަމަ ނޫން ހަމައެއް އޭނާ ގަބޫލެއް ނުކުރާނެއެވެ.
  4. ގޮތް ދޫނުކުރާ މީހުންނަށް ޝުކުރުވެރިވާކަން ނޭނގޭނެއެވެ. ސަބަބަކީ، އެފަދަ މީހުންގެ ނަޒަރުގައި، ޝުކުރުވެރިވުމަކީ ބަލިކަށިވުމެވެ. ނިކަމެތިވުމެވެ. އެހެންވެ، ކަމެއް ކުރަން އެދުނު ކަމުގައި ވިޔަސް، އެކަން ކުރަން އެދެނީ އެކަން ކުރަން ނޭނގިގެން ނޫންކަމާއި ނަމަވެސް ވަގުތު ނެތިގެންކަން އެ މީހުން ބުނާނެއެވެ. ނޭނގޭތީ ކަމެއް ކުރަން އެދިއްޖެ ނަމަ، އެކަމަށް ޝުކުރުވެރިވާން ޖެހިދާނެތީއެވެ!
  5. ގޮތް ދޫނުކުރުމަކީ ބަލިކަށިމީހުން، އެ މީހުންގެ ގަދަކަން ދައްކާ ގޮތެވެ.
  6. އެ މީހުންގެ ވާރުތަ މުދާ ދިފާއުކުރާހެން، ގޮތް ދޫނުކުރާ މީހުން، އެ މީހުންނަށް ހެދޭ ގޯސް ދިފާއުކުރާނެއެވެ.
  7. ބަލިކަށި ސިކުނޑިތަކުގެ ވެރިން ގޮތް ދޫނުކުރާނެއެވެ. ވިސްނޭ ސިކުނޑިތަކުގެ ވެރިންނަކީ، އެހެން މީހުންނަށް ހެޔޮ މަގު ދައްކައި އަދި ހެޔޮ މަގު އެ މީހުންނަށް ދެއްކޭނޭ ބަޔެއް ކަމުގައި ވެސް ވެއެވެ.
  8. އިންސާނާގެ އުނގެނުން އުނިވީ ވަރަކަށް އޭނާގެ ގޮތްދޫ ނުކުރުން އިތުރުވެއެވެ.
  9. ޖަނަވާރުންގެ ތެރޭ ހިމެނޭ ހިމާރުންނާއި އަދި އިންސާނުންގެ ތެރޭ އުޅޭ ހިމާރުންނަކީ ގޮތް ދޫނުކުރުމުގެ ގޮތުން މަޝްހޫރު ކާއިނުންނެވެ.
  10. އެއީ ނުރަނގަޅު ގޮތްކަން އެނގޭ އިރު ވެސް، ގޮތް ދޫނުކޮށް ތިމާގެ ރައުޔުގައި ހިފަހައްޓައިގެން ހުރުމަކީ ތިމާއަކީ މޮޔައެއްކަން އަނގައިދޭ އެންމެ ވަރުގަދަ ހެއްކެވެ.
  11. ގޮތް ދޫ ނުކުރުމާ ބެހޭ ކުރު ވާހަކައެއް: އުދުހުނަސް އެއީ ބަކަރިއެކެވެ!

ދެމީހަކު ހިނގަމުން ދަނިކޮށް، ދުރުން އޮތް ފެންގަނޑެއްގެ ކައިރީގައި އެއްޗެއް އޮތް ތަން ފެނުނެވެ. އެ ދެމީހުން ކުރެ އެކަކު ބުނީ އެތާ އޮތީ ބަކަރިއެއް ކަމެވެ. އަނެކަކު ބުނީ އެތާ އިނީ ދޫންޏެއްކަމެވެ. ދެ މީހުން ފެންގަނޑާ ކައިރިވީތަނާ، ފެންގަނޑުގުން ފެންބޯން އިން ދޫނި އުދުހިފައި ދިޔައެވެ. ދެން އެއީ ބަކަރިއެއް ކަމަށް ދައުވާކުރި މީހާ ބުންޏެވެ. 'އުދުހިފައި ދިޔަކަމުގައި ވިޔަސް އެއީ ހަމަ ބަކަރިއެކެވެ!'

އާދެ، އޭނާގެ ގޮތް އެއީ ހައްގު ގޮތް ކަމުގައި އޭނާ ދުށްޓެވެ. އެއީ ހަގީގަތާ ޚިލާފު ގޮތް ކަމަށް ވިޔަސް ވެހެވެ! މިވާހަކަ މިއަދު އަޅުގަނޑުމެންގެ ހާލަތު ދައްކުވައިދެއެވެ. އެމީހަކު ދެކޭ ގޮތް އެއީ ހައްގު ގޮތެވެ. ހަގީގަތާ ޚިލާފުވުމާއި ނުވުން އެއީ އެހެން ކަމެކެވެ. ކޮންމެ ބަޔަކުވެސް ދެކެނީީ އެބަޔަކުގެ މީހުން ދެކޭ ގޮތެވެ. އެމީހުން ދެކޭ ގޮތުގައި އެބަޔަކުގެ މީހުން ބުނާނީ ތެދެވެ! އެހެންވީމާ، އެ މީހުން ގަބުލޫކުރަން ޖެހޭނީީ އެ މީހުންގެ މީހާ ބުނާ ގޮތެވެ! ހައްގާއި ހަގީގަތަކީ މުޅިން އެހެން އެއްޗެއް ކަމަށް ވިޔަސް ވެހެވެ. ބުއްދީގެ ހަމަތަކާ ޚިލާފު ވިޔަސް ވެހެވެ އާދެ! އުދުހިފައި ދިޔަކަމުގައި ވިޔަސް, އޭނާ ބުނެފިތަ، އަހަރެން ގަބޫލުކުރަނީ އެއީ ބަކަރިއެއް ކަމަށެވެ.