...

Support Us

ޢަމްރު ބުން ޖަމޫޙް އިސްލާމްވުން!

ޢަމްރު ބުން ޖަމޫޙް އަކީ ޖާހިލިއްޔާގެ ޒަމާނުގައި ޔަޘްރީބުގެ ބޮޑެކެވެ. ބަނޫ ސަލަމާ ޤަބީލާގެ ވެރިޔާއެވެ. ދީލަތި ކަމުގައި އަރާ ހުންނެވި ބޭކަލެކެވެ. ހިތްވަރުގަދަ ފަހުލަވާނެކެވެ.

އެ ޒަމާނުގައި މީސްތަކުންގެ ތެރެއިން ޤަދަރު ހުރި މީހުން އެމީހުންގެ އަމިއްލަ ގެތަކުގައި ބުދު ބަހައްޓައިގެން އެޔަށް އަޅުކަން ކުރަމުން ދިޔައެވެ. އެމީހުން ޤަބޫލުކުރި ގޮތުގައި ގޭތެރޭގައި ބަހައްޓާފައި ހުންނަ ބުދު އެމީހުންގެ ބޮޑުން ކުރާ ކޮންމެ ކަމަކަށް ބަރަކާތްދީ ހަދައެވެ. ޚާއްޞަ މުނާސަބަތުތަކުގައި އެއަށް ޤުރުބާންކޮށް، ހިތާމައިގެ ވަގުތުތަކުގައި އޭގެ އެހީތެރިކަން ހޯދައި އުޅުނެވެ.

އަމްރު ވެސް އޭނާގެ ގޭގައި ބުދެއް ބަހައްޓަފައި ހުއްޓެވެ. އޭނާގެ ބުދަށް ކިޔާ ނަމަކީ މަނާތުއެވެ. އޭނާ އެބުދު ހަދާފައި ވަނީ އެންމެ މޮޅު، އެންމެ އަގުބޮޑު ލަކުޑިންނެވެ. އެޔަށްފަހު އޭގެ ކައިރީގައި ގިނަ ވަގުތު ހޭދަކޮށް އެ ބަލަހައްޓަން ގިނަގުނަ ހޭދަކޮށް މީރުވަސް ދުވާހާ ޒާތްޒާތުގެ ހުވަނދު އޭގައި އުނގުޅައި ވަރަށް މާތްކޮށް ހިތައި އުޅުނެވެ. މިހެން އުޅެނިކޮށް އިސްލާމްދީނުގެ ނޫރު ޔަޘްރިބުގެ ގެތަކަށް ވަންނަން ފެށްޓިއެވެ. އޭރު އަމްރުގެ އުމުރުން ގާތްގަނޑަކަށް 60 އަހަރު ވެއްޖެއެވެ. އޭރު މާތް ނަބިއްޔާ މުޙައްމަދު ﷺ އަދި ހިޖުރައަށް ވަޑައިނުގަންނަވައެވެ.

ދެންފަހެ މަދީނާއަށް އިސްލާމް ދީން ތަޢާރަފްކުރެއްވުމަށްޓައި، މާތްނަބިއްޔާ މުޙައްމަދު މާތް ނަބިއްޔާ މުޙައްމަދު ﷺގެ ފަރާތްޕުޅުން މަދީނާއަށް ފޮނުއްވި ޒާހިދު ތެދުވެރި ބޭކަލެއް ކަމުގައިވާ މުޞްޢަބު ބުން އުމައިރުގެ ހިންމަތާއި ވިސްފުޅު ތޫނުކަމުގެ ސަބަބުން މަދީނާގެ ގެއަކަށް ފަހު ގެއަކަށް އިސްލާމްދީން ތާރަފްވެ، ފަތު އަޑުކިޔާފައި ބައިބަޔަށް މީސްތަކުން އިސްލާމްދީނަށް ވަންނަމުން ދިޔައެވެ. ޢަމްރުގެ ތިން ދަރިން ކަމުގައިވާ މުއައްވަޒް އާއި މުޢާޛް އަދި ޚައްލަދު ވެސް އިސްލާމް ދީނަށް ވަދެއްޖެއެވެ. އަދި މި ކުދިންގެ މަންމަ ހިންދު ވެސް އޭނާގެ ތިން ކުދިންނާއެކު އިސްލާމްދީން ޤަބޫލުކޮށްފިއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގެ ހިލަމެއް ޢަމްރުއަކަށް ނުވެއެވެ.

ހިންދުއަށް ފެނިވަޑައިގަތީ ޔަޘްރިބުގެ މީސްތަކުން ބައިބަޔަށް އިސްލާމްދީނަށް ވަންނަމުން ދިޔަތަނެވެ. ޤަޢުމުގެ ބޮޑުންގެ ތެރެއިން އެކަމަނާގެ ފިރިކަލުންނާއި މަދު ފަރުދުންތަކެއް ފިޔަވައި އެވެސް މީހަކު ޝިރުކުގެ މަތީގައި ނުހުންނަކަމެވެ. އެކަމަނާއަކީ ފިރިކަލުން ދެކެ އިންތިހާ ދަރަޖައަށް ލޯބިވާ ކަނބަލެކެވެ. ފިރިކަލުންނާ މެދު ނުހަނު ފަޚުރުވެރިވެއެވެ. ނަމަވެސް ފިރިކަލުން ކުފުރުގެ މަތީގައި މަރުވެ ނަރަކައިގެ އަލިފާނުގައި ނިމިދާނެތީ ކަންބޮޑުވިއެވެ.

މި ދުވަސްވަރު ޚުދު އަމްރުއަށް ވެސް ދިޔައީ އޭނާ އަށް ކުރިމަތިވަމުންދާ ނުތަނަވަސްކަމުގެ ވާހަކަ ދައްކަމުންނެވެ. މަދީނާގައި އިސްލާމްދީން ފެތުރޭ މިންވަރު ހަލުވިކަމުން އޭނާގެ ދަރިންވެސް ކާބަފައިންގެ ދީން ދޫކޮށްލަފާނެތީއެވެ. ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު މުޞްޢަބު ބުން އުމައިރުގެ ދަޢުވަތަށް ތަބަޢުވެ، ބުދަށް އަޅުކަންކުރުމާއި ދުރުހެލިވެ، މުޙައްމަދުގެފާނުގެ ދީނަށް ވަދެފާނެތީއެވެ. އެ ބާޠިލް ދީން (ބުދަށް އަޅުކަންކުރުން) ކަފުންވެދާނެތީއެވެ. އެހެންކަމުން އޭނާގެ އަނބިކަނބަލުންނަށް އަމްރު ވިދާޅުވިއެވެ.

"މި މީހާ (މުޞްޢަބުގެފާނު) އާ މެދު އަހުރެން ވަކި އެއްޗެއް ބުނަންދެން އަހުރެމެންގެ ދަރީން އޭނާއާ ބައްދަލުވިޔަ ނުދޭށެވެ."

ދެން އެކަމަނާ ވިދާޅުވިއެވެ. "އެކަމަކު އެމީހާ (މުޞްޢަބުގެފާނު) ގެ ފަރާތުން އަަޑުއިވުނު އެއްޗެއް ތިބާގެ ދަރި މުޢާޒުގެ ފަރާތުން އަޑު އަހާލަން ބޭނުން ހެއްޔެވެ؟"

އެހިނދު އަމްރު ވިދާޅުވިއެވެ. "ކަލެއަށް ހަލާކުހުއްޓެވެ. އަހަންނަށް ނޭނގި މުޢާޛް އޭނާގެ ކާބަފައިންގެ ދީނާއި ދުރުހެލިވީ ހެއްޔެވެ؟"

ދެން އެކަމަނާ އަމްރުއާ މެދު ޙަމްދަރުދީވެފައި ދެންނެވިއެވެ. "އެހެންނަކުން ނޫނެވެ. އެކަމަކު މުއާޛް ވަނީ އެކަލޭގެފާނުގެ ބައެއް ބައްދަލުވުންތަކަށް ހާޒިރުވެ، އެކަލޭގެފާނު ކިޔަވައިދެއްވާ ބައެއް އެއްޗެހި ހިތުދަސްކޮށްފައެވެ."

އަމްރު ވިދާޅުވިއެވެ. "މުއާޛް މިތަނަށް ގެންނާށެވެ." ދެންފަހެ މުޢާޛް ހާޒިރުވުމުން އަމްރު ބުން ޖަމޫޙް އަމުރުކޮށްފައި ވިދާޅުވިއެވެ. "ނިކަން ތިޔަ މީހަކު ކިޔާއެއްޗެއްގެ މިސާލެއް އަހަންނަށް ކިޔައިދީބަލާށެވެ."

އެހިނދު މުޢާޛް، ޤުރުއާނުގެ ފުރަތަމަ ސޫރަތް އަލްފާތިޙާ ސޫރަތް ކިޔަވައި ވިދާޅުވިއެވެ.

"رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ. حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ. (އެކަލާނގެއީ) رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ. قيامة ދުވަހުގެ ވެރި ރަސްކަލާނގެއެވެ. އަޅަމެން އަޅުކަންކުރަނީ، ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގި އެދެނީ، ހަމައެކަނި އިބަރަސްކަލާނގެ حضرة ންނެވެ."

މުޢާޛް ސޫރަތުލް ފާތިޙާ ކިޔަވައި ނިންމާލުމާ އެކު ޢަމްރު ބުންޏެވެ. "ތިޔައީ ހާދަހާ ފުރިހަމަ ބަސްތަކެކެވެ. ކިހާ ރީތި ބަސްތަކެއް ހެއްޔެވެ؟ އޭނާ ކިޔާ ހުރިހާ އެއްޗެއް ވެސް ހަމަ މިހާ ފުރިހަމަ ހެއްޔެވެ؟"

މުއާޛް ބުންޏެވެ. "އާނއެކެވެ. ބައްޕާއެވެ! އޭނާއަށް ބައިޢަތުހިފަން (އޭނާގެ ބައިގެ މީހަކަށް ވާން) ބައްޕަ ބޭނުން ހެއްޔެވެ؟ ބައްޕަގެ މީހުން ވެސް މިހާރު އެފަދައިން ކަންކޮށްފިއެވެ. އެހިނދު ވަކި އެއްޗެކޭ ނުބުނެ އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ޢަމްރު ބުންޏެވެ. "އަހަރެން މަނާތުއާ މަޝްވަރާކޮށް، އޭނާ ބުނާ އެއްޗެއް އަޑުއަހާފައި ނޫނީ ތިޔަ ގޮތަކަށް ކަންތަކެއް ނުކުރާނަމެވެ."

އެންމެ ފަހުން މުޢާޛް ބުނެލިއެވެ. "ބައްޕާއެވެ! މަނާތު ބުނާނީ ވަކި ކީކޭހެއްޔެވެ؟ އެއީ ލަކުޑިކޮޅެއް ނޫންހެއްޔެވެ؟ އެއަކަށް ވިސްނުމުގެ ޤާބިލުކަމެއް، އަދި ވާހަކަދެއްކުމުގެ ޤާބިލުކަމެއް ވެސް ލިބިގެންނެއް ނުވެއެވެ."

އެހިނދު އަމްރު ހަޅޭއްލަވައިގެންފައި ބުންޏެވެ. "މަނާތުއާ ނުލާ އެއްވެސް ކަމެއް ނުކުރާނަމޭ މިހާރު ބުނެފީމެއް ނޫންހެއްޔެވެ؟"

ކޮންމެއަކަސް އެދުވަހު މަނާތުގެ ކައިރިއަށް ޢަމްރު ހިނގައްޖެއެވެ. އެއީ މީސްތަކުން ބުދުތަކާ ވާހަކަދައްކަން ބޭނުންވެއްޖެ ނަމަ އެ ބުދެއްގެ ފަހަތުގައި އަންހެނަކު ބަހައްޓައިގެން އުޅުނު ޒަމާނެވެ. ދެން ބުދުގެ ފަރާތުން ވާހަކަ ދައްކާނީ އެ އަންހެން މީހާއެވެ. އެމީހުން ހީކުރާ ގޮތުގައި ދައްކަންވީ ވާހަކަ އެ އަންހެންމީހާއަށް އިލްހާމްކޮށްދެނީ އެ ބުދެވެ.

ދެންފަހެ އަމްރު ބުން ޖަމޫހް މަނާތުގެ ކުރިމައްޗަށް ގޮސް ހުއްޓިފައި އެއަށް އަދަބު އިޙްތިރާމްކޮށް ފަށްފަށުން ތައުރީފުކޮށްފައި ބުންޏެވެ.

"އޭ މަނާތު އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ތިބާއަށް އެނގޭނެއެވެ. މައްކާއިން އަހަރުމެންގެ ތެރެއަށް އައިސް ދޮގުފަތުރަން މިއުޅޭ މީހާ އެދެނީ ތިބާއަށް އިހާނާތްތެރިވުމަށެވެ. އެހެން އެއްވެސް މީހަކަށް އިހާނާތްތެރިވުމަކަށް ނޫނެވެ. އޭނާ އެ އައީ އަހަރުމެން ތިބާއަށް އަޅުކަން ވިޔަނުދޭށެވެ. އޭނާގެ ފަރާތުން އަހަންނަށް އެ އިވުނު ރީތި ބަސްތަކަށް ފަހު ވެސް އެބައިމީހުންނަށް ބައިޢަތު ހިފާކަށް އަހުރެން ބޭނުމެއް ނޫނެވެ. އެހެންކަމުން އަހުރެން ތިބާގެ ގާތަށް މިއައީ އެކަމާ މެދު މަޝްވަރާ ކުރުމަށެވެ. އަހުރެންނަށް މިކަމުގައި ލަފައެއް ދޭށެވެ."

ނަމަވެސް މަނާތުގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. އެހިނދު އަނެއްކާވެސް ޢަމްރު އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"މަނާތު އެވެ. ފަހަރެއްގައި ތިބާ ތިޔަ ހުރީ ރުޅިއައިސްފައެވެ. އެކަމަކު މިވަގުތާ ހަމައަށްވެސް ތިބާއަށް ގެއްލުމެއް ވާނެ އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ. އެންމެ ރަނގަޅެވެ. ތިބާގެ ރުޅި ފިލަންދެން، އަހުރެން ކުޑަ ދުވަސްކޮޅަކަށް ތިބާ އެކަނި ދޫކޮށްލާނަމެވެ."

ކޮންމެއަކަސް އަމްރުގެ ދަރީންނަށް އެކުދިންގެ ބައްޕަގެ ހިތުގައި މަނާތާމެދު އޮތް ލޯތްބާއި، އެއަށް ބަރޯސާވެފައިވާ މިންވަރު ރަނގަޅަށް އެނގެއެވެ. ދުވަސްތައް އެކަމުގައި ފާއިތުވެގެން ގޮސް އޭގެ އަވާގައި ޖެހިފައި ހުރި މިންވަރު އެކުދިން ދަނެއެވެ. ބައްޕަގެ ހިތުގައި އެ ބުދަށް ދެވިފައިވާ ޖާގައިގެ ސަބަބުން ބައްޕަ އެކަމުން ސަލާމަތް ކުރެވޭނީ އެކުދިންގެ އެހީތެރިކަމާ އެކުގައިކަން ޤަބޫލުކުރެވުނެވެ. އެހެންކަމުން އެކުދިންގެ ނިންމީ އެކަމުގައި ބައްޕައަށް އެހީތެރިވުމަށެވެ.

ދެންފަހެ އެއް ރެއަކު ޢަމްރު ބުން ޖަމޫޙްގެ ކުދިން، އެކުދިންގެ އެކުވެރި މުޢާޛް ބުނު ޖަބަލްއާ އެކު ގޮސް މަނާތު ހުރި ތަނުން ނަގައި، ބަނޫސަލާމްގެ މީހުން ނަޖިސްފެން އަޅާ ޖަންގްޝަނަކަށް ގެންގޮސް އެއްލައިލިއެވެ. އަދި އެއްވެސް މީހަކަށް އެމީހުން ކުރިކަންތަކުގެ ޚަބަރު ނޭނގޭނެހެން ސިއްރުސިއްރުން ގެއަށް އަތުވެއްޖެއެވެ. ފަހެ ޖެހިގެން އައި ދުވަހުގެ ހެނދުނު ޢަމްރު ހޭލައިގެން ބުދަށް އަދަބު އިޙްތިރާމް އަދާކުރުމަށް ދިޔައިރު ބުދު ފެންނާކަށް ނެތެވެ.

އޭނާ ހަޅޭއްލަވައިގެންފައި ބުންޏެވެ. "ކަލޭމެން އެންމެންނަށް ހަލާކުހުއްޓެވެ. ރޭގައި އަހަރުމެންގެ ކަލާނގެ އަށް ޙަމަލާދިނީ ކާކުހެއްޔެވެ؟"

ނަމަވެސް އެކަކުވެސް އޭނާއަށް ޖަވާބެއް ނުދިނެވެ. ދެން އަމްރު އެކަން ކުރި ބަޔަކަށް އެވެނިމިވެނިހެން ހަދާލާނެ ކަމަށް ބުނެ ރުޅިވެރިކަމާ އެކު އިންޒާރުދެމުން، ބުދުފެނޭތޯ އެތަންމިތަން ހޯދައި އަތްފުނާ އަޅަމުން ދަނިކޮށް އޭނާއަށް ފެނުނީ ބަނޫސަލާމާގެ މީހުން ނަޖިސްފެން އަޅާ ޖަންގްޝަކަނަކަށް ބޯކޮޅު ވަތަށް ބުދު އެއްލާލާފައި އޮއްވައެވެ. ދެން އެ ބުދު ނަގައިގަނެގެން ގެނެސް ފެންވަރުވައި، މީރުވަސް ދުވާ އެކި ޒާތްޒާތުގެ ހުވަނދުލާފައި، މިކަން ކުރި ބަޔަކު އަހަންނަށް އެނގޭ ނަމަ އެމީހުން ނިކަމެތިކޮށްލާނަމޭ ބުނެ ކުރިންވެސް ބުދު ހުންނަ ތަނުގައި ރީތިކޮށް ބަހައްޓައިފިއެވެ.

ޖެހިގެން އައިރޭ ވެސް އަމްރުގެ ކުދިން ހަމަ އެފަދައިން ކަންތައް ކޮށްފިއެވެ. ޖަންގްޝަނަށް ބޯކޮޅުވަތަށް ބުދު ވައްޓައިލިއެވެ. ފަހެ ކުރީ ދުވަހެކޭވެސް އެއްފަދައިން، އަމްރު ބުދު ހޯދައިގެން ގެނެސް އޭތި ފެންވަރުވައި ނަލަކޮށްފައި މީރުވަސް ދުވާހާ ޒާތްޒާތުގެ ހުވަނދު އޭގައި ލާފައި، އިހު ހުންނަ ތަނުގައި އަނެއްކާވެސް ބުދު ބަހައްޓައިފިއެވެ. މިގޮތުން މިކަން އެތައް ފަހަރަކު ތަކުރާރުވެއްޖެއެވެ.

އެންމެ ފަހުން އެއް ދުވަހަކު ކަނޑިއެއް ހިފައިގެން އައިސް ބުދުގެ ކަރުގައި އަޅުވާފައި ޢަމްރު ބުންޏެވެ.

"އޭ މަނާތެވެ! ތިބާއަށް ތިޔަހެން ހަދާ މީހަކު އަހަރެންނަކަށް ނޭނގެއެވެ. ތިބާގެ ކިބައިގައި އެއްވެސް ބާރެއް ވާނަމަ ތިބާއާ މެދު ތިޔަހާ ނުބައިކޮށް ކަންތައް ކުރާ މީހުންގެ ނުބައިކަމުން އަމިއްލަ ނަފްސު ދިފާޢުކުރާށެވެ. މިއޮތީ ތިބާއަށް ދިން ކަނޑިއެވެ. އެމީހުންނަށް މިކަނޑިން ހަމަލާ ދޭށެވެ."

ޖެހިގެން އައިރޭ ވެސް ޒުވާނުންތައް މަޑުކޮށްގެން ތިބީ އަމްރު ނިދާނެ އިރަކަށެވެ. ފަހެ އޭނާ ހަމަ ނިދުމާ އެކު އެކުދިންތައް ގޮސް ބުދުގެ ކަރުގައި އަޅުވާފައި އޮތް ކަނޑި ނަގައި، ބޯކޮޅު ވަތަށް ނަޖިސް ވަޅުގަނޑު ތެރެއަށް ބުދު އެއްލައިލިއެވެ. އަނެއް ދުވަހު ހެނދުނު ޢަމްރުއަށް ފެނުނީ ބޯކޮޅު ވަތަށް ނަޖިސްފެންގަނޑު ތެރޭގައި ބުދު އޮއްވައެވެ. އޭގެ ކަރުގައި އެލުވާފައި އޮތް ކަނޑި ހޯދަހޯދައި ނުފެނުނެވެ. ދެން އެންމެފަހުން އަމްރު ހިތަށް އެރިއެވެ. މިއީ އެއްވެސް އާރެއް ބާރެއް ލިބިގެންވާ އެއްޗެއް ނޫނެވެ. މިއީ އަޅުކަން ކުރުމަށް ހައްޤުވެގެންވާ އެއްޗެއް ނޫނެވެ. އެއަށްފަހު މާ ގިނަ ދުވަހެއް ނުވެ އަމްރު އިސްލާމްވެއްޖެއެވެ.

ދެންފަހެ އަމްރު އިސްލާމްވުމާ އެކު އީމާންކަމުގެ ފޮނިމީރުކަން ފެންނަން ފެށިއެވެ. އެއްކައުވަންތަ ކަލާނގެ އަށް އިމާންވުމުގެ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެންފެށިއެވެ. ހަމަ އެއާއެކު ޝިރުކުގެމަތީގައި ހޭދަކުރި ދުވަސްތައް ހިތަށް ވެރިވުމުން އެކަމާ ހިތާމަކޮށް ހިތްދަތިކަން އިހުސާސް ކުރެވުނެވެ. އެއަަށްފަހު އިސްލާމްދީނުގެ މަތީގައި ފުރިހަމަޔަށް ސާބިތުވެ އޭނާގެ އަމިއްލަ ނަފްސާއި ދަރިންނާއި މުދަލުން މާތްރަސްކަލާނގެއާއި އެކަލާނގެ ރަސޫލާގެ މަގުގައި ޚިދުމަތް ކުރަން ފެއްޓެވިއެވެ.

އެކަލޭގެފާނުގެ ހިތުގައި އިސްލާމްދީނާ މެދު އުފެދިފައިވާ ލޯތްބާއި ޝަައުޤުވެރިކަން ފެނިގެންދިޔައީ އުހުދު ހަނގުރާމައިގެ ދުވަސްވަރުއެވެ. އަމްރުއަށް ފެނުނީ އޭނާގެ ތިން ދަރިން ހަނގުރާމައަށް ތައްޔާރުވަމުން ދިޔަތަނެވެ. އެކުދިން ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވުމާއި އެކަލާނގެ ރުހިވޮޑިގަތުމާއި ފުއްސެވުން ހޯދުމަށް ފެންބޮވައިގެންފައި ވީތަނެވެ. އެ މަންޒަރު ފެނުމުން އަމްރުގެ ހިތަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. އެހެންކަމުން އޭނާ ޢަޒުމް ކަނޑައެޅީ އެމީހުންނާއެކު، މާތްނަބިއްޔާގެ ދިދަ ދަށުގައި ޖިހާދަށް ނިކުތުމަށެވެ. ނަމަވެސް އެޒުވާނުން ތިބީ ބައްޕަގެ އެ ނިންމެވުމާ ދެކޮޅަށެވެ. އޭނާއަކީ ވަރަށް މުސްކުޅި އިންތިހާއަށް ބަލިކަށި މީހަކަށް ވާތީއެވެ.

އެގޮތުން އެ ކުދިންތައް އަމްރުގާތުގައި ބުންޏެވެ.

"ބައްޕާއެވެ. ހަމަކަށަވަރުންވެސް މާތްالله ގެ ހަޟުރަތުން ބައްޕައަށް އުޒުރު ލިބިގެންވެއެވެ. އެހެންކަމުން މި ބުރަ ބައްޕަ އުފުލަންވީ ކީތްވެހެއްޔެވެ؟"

މިކަމާ އަމްރު ހިތްހަމަނުޖެހުނެވެ. ﷲ ގެ ރުއްސެވުމާއި އިސްލާމްދީނަށް ނަަޞްރު ދިނުމަށް ހަނގުރާމަކޮށް ޝަހީދުވުމުގެ ޝައުޤުވެރިކަން އުފެދިފައިވާ މިންވަރު ބޮޑުކަމުން، ސީދާ ރަސޫލުﷲ ގެފާނުގެ އަރިހަށް ގޮސް އޭނާގެ ދަރިންނާ މެދު ޝަކުވާ ކުރިއެވެ.

"ޔާ ރަސޫލުالله އެވެ. އަހުރެންގެ ދަރީން، އަހަރެންނަކީ މުސްކުޅިއެކޭ ބުނެ ޖަދަލުކޮށް މިހާމަތިވެރި ހެޔޮކަން ބޮޑު ކަމެއް އަހަރެންނަށް މަނާ އެބަކުރެއެވެ. މާތް ﷲ ގަންދީ ބުނަމެވެ. އަހަރެންގެ ގައިބާރު ދެރަޔަސް މިގޮތުން ސުވަރުގެ ހަޞިލް ކުރުމަށް އަހަރެން އެދެމެވެ."

އެހިނދު ރަސޫލުﷲގެފާނު އަމުރުގެ ދަރީންނަށް ހަދީޘް ކުރެއްވިއެވެ. "އޭނާ ދޫކޮށްލާށެވެ. ފަހަރެއްގައި މާތްރަސްކަލާނގެ، އޭނާއަށް ޝަހީދެއްގެ މަތިވެރި ދަރަޖަ ދެއްވަފާނެއެވެ."

މާ ގިނައިރުތަކެއް ނުވެ ހަނގުރާމައަށް ނުކުންނަންވީ ވަގުތު ޖެހިއްޖެއެވެ. އަމްރު އޭނާގެ އަންހެނުންނަށް އަލްވަދާޢު ކިޔައި، ޤިބްލައަށް ކުރިމަތިލައްވައިގެން ހުންނަވައި ދުޢާ ކުރެއްވިއެވެ. "އަޅުގެ ވެރިރަސްކަލާކޯއެވެ. މިއަޅާއަށް ޝަހީދެއްގެ ދަރަޖަ ދެއްވައިފާނދޭވެ! މިއަޅާގެ އުންމީދުތައް ހާޞިލްނުވެ މިއަޅާގެ އާއިލާއަށް މިއަޅާ އަނބުރަަ ރައްދު ނުކުރައްވާނދޭވެ!"

އެއަށްފަހު އެކަލޭގެފާނުގެ ތިން ދަރިންނާއި އެކަލޭގެފާނުގެ ޤަބީލާ ބަނޫ ސަލާމާގެ އެތަށް ބަޔަކާ އެކު ހަނގުރާމައަށް ތައްޔާރުވެ، ކަމަރު ބަނދެގެން ދަތުރު ފަށައިފިއެވެ.

ހަނގުރާމަ ފެށިއްޖެއެވެ. އަމުރު ފެނުނީ މައިދާނުގައި ކުރީ ސަފުގައި ހިތްވަރުކޮށްފައި ހަނގުރާމަކުރަނިކޮށެވެ. އެކަލޭގެފާނަކީ އެއްފައި ކޮރު ބޭކަލެކެވެ. އެހެނަސް ރަނގަޅު ފައިން ބާރުލާފައި ކޮރަމުންކޮރަމުން، ހަރުއަޑުން ގޮވަމުން ދިޔައެވެ.

"އަހުރެން ސުވަރުގެ ބޭނުމެވެ. އަހުރެން ސުވަރުގެ ބޭނުމެވެ."

އޭރު އެކަލޭގެފާނުގެ ދަރިކަލުން ޚައްލާދު އެކަލޭގެފާނުގެ ފަހަތުގައި، ވަރަށް ގާތުގައި ހުންނެވިއެވެ. ގިނަ މުސްލިމުން އުޅުނީ ޣަނީމާ މުދާ އެއްކުރުމުގައެވެ. އަމްރު އާއި އެކަލޭގެފާނުގެ ދަރިކަލުން ޚައްލާދު ވަރަށް ހިތްވަރުގަދަކަމާއެކު ރަސޫލުﷲ ގެފަަނުގެ ދިފާޢުގައި ހަނގުރާމަކުރަނީއެވެ. އިސާހިތަކު މުޝްރިކުން ދިން ގަދަފަދަ ހަމަލާއަކުން ޢަމްރުއާއި އެކަލޭގެފާނުގެ ދަރިކަލުން ޚައްލާދު ޝަހީދުވެގެން ވެއްޓިއްޖެއެވެ. ﷲ ސުބުޙަނަހޫ ވަތަޢާލާ އަމްރުގެ ދުޢާ އިޖާބަ ކުރައްވައި ޝަހީދެއްގެ މަތިވެރި ދަރަޖަ ދެއްވިއެވެ.

 

މަސްދަރު: މިވާހަކައަކީ “Alim.org” ވެބްސައިޓުންނާއި ޝައިޚް މުޙައްމަދު ޒަކަރިއްޔާ ލިޔުއްވާފައިވާ ސްޓޯރީސް އޮފް ދި ސަޙަބާ ފޮތުން މަޢުލޫމާތު ނަގައި ތަރުޖަމާކޮށްފައިވާ ވާހަކައެކެވެ.

ނޯޓް: މި ވެބްސައިޓަކީ ޝިޢައީންގެ ވެބްސައިޓެވެ. ސައްޚަ ނޫން ވަރަށް ގިނަ މަައުލަޫމާތު ހުރެއެވެ. މި މަޢުލޫމާތު ނަގާފައިވަނީ ސައްޚަތޯ ކަށަވަރު ކުރުމަށްފަހުގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *