Support Us

ކީރިތި ޤުރްއާނުގައި ނަމާދު- 1

ނަމާދާ ބެހޭ ގޮތުން ވާހަކަދެއްކުމަކީ އެކަމާމެދު އެއްވެސް މުއުމިނަކު ފޫހިވާނެ ކަމެއް ނޫނެވެ. ނަމާދުގެ މާތްކަމާއި ސަވާބުގެ މަތިވެރިކަމާމެދު ޢިލްމުވެރީން ވަނީ ބޮޑެތި ފޮތް އަލަމާރިތައް ފުރައިލައްވައިފައެވެ.

ނަމާދަކީ ދީނުގެ ތަނބެވެ. އެއީ ﷲގެ އަޅާގެ މިޢުރާޖެވެ. އެއީ ﷲގެ އަޅާއާއި ﷲއާ ދެމެދުގައިވާ ގުޅުން ދަމަހައްޓާދޭ އެންމެ ވަރުގަދަ ވައުފަށެވެ. އެއީ އިސްލާމްދީނުގެ ފަސް ރުކްނުގެ ތެރޭގައި ދެވަނައަށް ގުނައިލެވޭ ރުކްނެވެ.

ނަމާދަކީ ރޯދައާއި ޒަކާތާއި ޙައްޖާ ޚިލާފަށް މުކައްލަފުގެ ކިބައިން އެއްވެސް ޙާލެއްގައި ވެއްޓިގެންދާނެ އަޅުކަމެއް ނޫނެވެ. އޭނާއަށް ކުޅަދާނަވެގެންވާ ގޮތަކަށް، ކޮއްޅަންހުރެގެންނާއި އިށީނދެ އިނދެގެންނާއި، އޮށޯވެއޮވެގެން ވިޔަސް ނަމާދު އަދާކުރާން ޖެހޭނެއެވެ. ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި ވެސް ނަމާދު އަދާކުރާން ޖެހޭނެއެވެ. މަތިންދާބޯޓު ފަދަ އެއްޗެއްގައި ދަތުރު ކުރާއިރު ޤިބްލައަށް ކުރިމަތިލެވުނަސް ނުލެވުނަސް ނަމާދު އެޅުން ހުއްދަވެގެން ނުވެއެވެ. ޠާހިރުކަންމަތީގައްޔާއި ޠާހިރުކަން ނެތް ޙާލުގައި ވެސް އެ ނަމާދެއްގެ ވަގުތު ޖެހުމުން އެ ނަމާދެއް އަދާކުރާން ވާނެއެވެ.

ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ ނަމާދާބެހޭ އާޔަތްތައް ވަރަށް ގިނައެވެ. މި އާޔަތްތަކުގެ ތެރެއިން؛

  • ބައެއް އާޔަތްތަކަކީ މި ނަމާދު ކުރުމަށް އަމުރުކުރާ އާޔަތްތަކެކެވެ.
  • އަނެއްބައި އާޔަތްތަކަކީ ނަމާދު ކުރާ މީހުންނަށް ތާރީފުގެ ބަސް ވަޙީކުރައްވައިފައިވާ އާޔަތްތަކެކެވެ.
  • އަނެއްބައި އާޔަތްތަކަކީ ނަމާދު ކުރުމުގައި ފަރުވާކުޑަކުރާ މީހުންނަށާއި ނަމާދު އޭގެ ވަގުތުގައި އަދާނުކޮށް ފަސްކުރާ މީހުންނަށް ހުރި ޢަޒާބުގެ ވާހަކަ ބަޔާންކުރައްވައިފައިވާ އާޔަތްތަކެކެވެ.
  • އަނެއްބައި އާޔަތްތައް ބަޔާންކޮށްދެނީ ނަމާދުގެ މަޤާމާއި މަތިވެރިކަމެވެ.
  • އަނެއްބައި އާޔަތްތައް މުސްލިމު އަޅާއަށް ގޮވައިލަނީ އޭނާގެ ދީން ރައްކައުތެރިކުރުމަށާއި އުރެދުންތަކުން ރައްކައުތެރިވުމަށް ޓަކައި ނަމާދުން ވާގިހޯދުމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ [1]– އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)) އެހެން އާޔަތެއްގައި ﷲ ޖައްލަ ޖަލާލުހޫ ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ إِنَّ اللَّهَ مَعَ الصَّابِرِينَ[2]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.)) އިބްނު ކަޘީރު ވިދާޅުވާ ގޮތުގައި "މާތް ﷲ މި އާޔަތުގައި ބަޔާންކޮށް ދެއްވައިފައިވާ ގޮތުގައި މުޞީބާތްތައް ތޙައްމުލު ކުރުމަށް ޓަކައި އިންސާނާއަށް ލިބިގެންވާ އެންމެ ރަނގަޅު ވަސީލަތަކީ ނަމާދާއި ކެތްތެރިކަމެވެ. ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން އެނގޭ ގޮތުގައި އެކަލޭގެފާނާ ބޮޑު ކަމެއް ކުރިމަތިވެވަޑައިގަތްފިނަމަ ނަމާދު ކުރެއްވުމަށް އަވަސްވެވަޑައިގަންނަވައެވެ.

ކެތްތެރިކަން ބެހެނީ ދެ ބަޔަކަށެވެ. އެއީ މާތްﷲ ޙަރާންކުރައްވައިފައިވާ ކަންތައްތަކުން ދުރުހެލިވުމަށް ޓަކައި ބޭނުންވާ ކެތްތެރިކަމާއި ﷲއަށް ކިޔަމަންގަތުމަށް ޓަކައި ބޭނުންވާ ކެތްތެރިކަމެވެ.

 

ދީނުގެ ތަނބު

ޝަހާދަތުގެ ދެ ކަލިމައަށްފަހު އެންމެ މާތް ޢަމަލަކީ ނަމާދެވެ. އިސްލާމްދީނުގެ ފުރަތަމަ ރުކްނަކީ ޝަހާދަތު ދެ ކަލިމައެވެ. އެއީ ދީނުގެ ބިންގާކަމުގައި ވާތީއެވެ. ދެވަނަ ރުކްނަކީ ނަމާދެވެ. އެއީ ދީނުގެ ތަނބުކަމުގައި ވާތީއެވެ. ޢިމާރާތުގެ ބިންގާ އެޅުމަށް ފަހު ޢިމާރާތް މައްޗަށް ނެގޭނީ އޭގެ ތަނބުތަކުގެ މަތީގައެވެ. އެހެންކަމުން ނަމާދާ ނުލައި އިސްލާމީ ޢިމާރާތް އާރާސްތެއް ނުކުރެވޭނެއެވެ.

މާތް ﷲ ރުއްސުންލެއްވި މުޢާޛުގެފާނު ސުވަރުގެ ވައްދަވާދެއްވާނެ ޢަމަލެއް ދައްކުވައިދެއްވުމަށް ކީރިތި ރަސޫލާ ﷺ އަށް ދެންނެވުމުން ޙަދީސް ކުރެއްވިއެވެ. ((لقدْ سألْتَ عن عَظيمٍ، وإنّه ليسيرٌ على مَن يسَّره اللهُ تعالى عليه: تعبُدُ اللهَ لا تُشرِكُ به شيئًا، وتُقيمُ الصَّلاةَ، وتُؤْتي الزَّكاةَ، وتَصومُ رَمَضانَ، وتَحُجُّ البيتَ إنِ استَطَعْتَ إليه سبيلًا، ثُمَّ قَالَ: ألا أدُلُّك على أبوابِ الخيْرِ؟ الصَّومُ جُنَّةٌ، والصَّدقةُ تُطفِئُ الخطيئَةَ كما يُطفِئُ الماءُ النارَ، وصلاةُ الرَّجلِ من جَوفِ اللَّيلِ «ثم تلا: {تَتَجافى جُنُوبُهُمْ عَنِ المَضاجِعِ} حتى بَلَغَ {يَعْمَلُونَ} [السجدة: ١٦]. ثم قال:»ألا أُخْبِرُكَ برأسِ الأمْرِ، وعَمودِهِ، وذِروَةِ سَنامِهِ «، قُلتُ: بَلى يا رسولَ اللهِ: قال:»رأسُ الأمرِ الإسلامُ، وعَمودُهُ الصَّلاةُ، وذِروةُ سَنامِهِ الجِهادُ[3]– ހަމަކަށަވަރުން ކަލޭގެފާނު ތިޔަ ސުވާލުކުރެއްވީ ވަރަށް ބޮޑު ކަމަކާ ބެހޭގޮތުންނެވެ. އެހެނަސް ހަމަކަށަވަރުން އެއީ ﷲ ތަޢާލާ ލުއިކޮށްދެއްވި މީހަކަށް ލުއިވެގެންވާ ކަމެކެވެ. ތިބާ ﷲއާ އެއްވެސް އެއްޗަކާ ޝަރީކުނުކޮށް ﷲއަށް އަޅުކަންކުރާށެވެ! އަދި ނަމާދު ޤާއިމުކުރާށެވެ! އަދި ޒަކާތް ދޭށެވެ! އަދި ރަމަޟާންމަހު ރޯދަ ހިފާށެވެ! އަދި ކުޅަދާނަވެގެންވާ ޙާލުގައި ތިބާ ޙައްޖުވާށެވެ! އެއަށްފަހު ޙަދީސްކުރެއްވިއެވެ. ހުރިހާ ހެޔޮކަމެއްގެ ދޮރުކޮޅުތައް ދައްކަވާ ދެއްވަން ހެއްޔެވެ؟ ތިމަންކަލޭގެފާނު އާދޭހޭ ދެންނެވުމުން ޙަދީސްކުރެއްވިއެވެ. ރޯދައަކީ އައްޑަނައެކެވެ. ފެން އަލިފާން ނިއްވައިލާ ފަދައިން ޞަދަޤާތް ކުށްފާފަތައް ނިއްވައިލައެވެ. ރޭގަނޑު ދަންވަރު ނަމާދުކުރުމެވެ.އެއަށްފަހު ސަޖްދާ ސޫރަތުގެ މި އާޔަތްތައް ކިޔަވާ ވިދާޅުވިއެވެ: تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ ‎﴿١٦﴾‏ فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ [4]– މާނައީ: އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ.)) އެއަށްފަހު ޙަދީސް ކުރެއްވިއެވެ. ހުރިހާ ކަމެއްގެ ބޮލާއި ތަނބާއި އެންމެ އުސް ގޮންގަނޑަކީ ކޮބައިކަން ވިދާޅުވެ ދެއްވަން ހެއްޔެވެ؟ މުޢާޛުގެފާނު އާދޭހޭ ދެންނެވުމުން ޙަދީސް ކުރެއްވިއެވެ. ހުރިހާ ކަމެއްގެ ބޮލަކީ އިސްލާމްކަމެވެ. އޭގެ ތަނބަކީ ނަމާދެވެ. އޭގެ އެންމެ އުސް ގޮންގަނޑަކީ ޖިހާދެވެ.))

ނަމާދުގެ އަހައްމިއްޔަތު

  • ނަމާދުގެ މާތްކަމުގެ ތެރޭގައި ނުބައި ޢަމަލުތަކުގެ ކައްފާރާއަކަށް ވުން ހިމެނެއެވެ. ކުދިފާފަތައް ފުހެދިނުން ވެއެވެ. ނަމާދުގެ ސަބަބުން ﷲގެ ހައިބަތު ފެނި ހިތް މަޑުމައިތިރިވެ މޮޅިވެގެންދެއެވެ. ފަޚްރުއްދީނުއް ރާޒީ "މަފާތިޙުލް ޣައިބި" ނަމަކަށް ކިޔާ ފޮތުގައި ވިދާޅުވެފައި ވެއެވެ. ﷲ ތަޢާލާގެ ބަސްފުޅު ((حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ[5]– ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ!)) މި ބަސްފުޅުގައި ނަމާދު ޤާއިމު ކުރަން އަމުރު ކުރެއްވީ މި ނަމާދުގެ ސަވާބު ބޮޑުކަމުންނެވެ. އެ ކަން ކުރުމުން ލިބޭ އަރާމު ބޮޑުކަމުންނެވެ. އެ ކަމުން މުއުމިނުންނަށް ލިބޭ ރާޙަތު ތަނަވަސްކަމުންނެވެ.ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައި މުސްލިމުންނަށް ނަމާދު ފުރިހަމަކޮށް އަދާކުރުމަށް އަންގަވައިފައި ވެއެވެ.
  • ބައެއް ފަހަރަށް ނަމާދާއި ޒަކާތް ގުޅިގެން އައިސްފައި ވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ۚ وَمَا تُقَدِّمُوا لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّهِ ۗ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ[6]– އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި ތިޔަބައިމީހުން އިސްކުޅަ ކޮންމެ ކަމެއްގެ ثواب، اللَّه ގެ حضرة ގައި ތިޔަބައިމީހުންނަށް ފެންނަހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.)) ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ އެހެންބަސްފުޅެއްގައި ވެއެވެ. ((وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ [7]‎- އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! އަދި ركوع ކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ركوع ކުރާށެވެ!)) އައްޝައިޚު ޢަބްދުއްރަޙްމާނުއް ސަޢުދީ އޭނާގެ ތަފްސީރުގައި ވިދާޅުވިއެވެ. ((وَأَقِيمُوا الصَّلَاةَ– އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ!)) އޮތް ބަސްފުޅުގެ މުރާދަކީ އެތެރެފުށުންނާއި ބޭރުފުށުން ނަމާދު ޤާއިމު ކުރާށެވެ! {ދެން އޮތް ބަސްފުޅު ((وَارْكَعُوا مَعَ الرَّاكِعِينَ– ރުކޫޢު ކުރާ މީހުންނާއެކު ތިޔަބައިމީހުން ރުކޫޢު ކުރާށެވެ!)) އޮތް ބަސްފުޅުގެ މުރާދަކީ ނަމާދު ކުރާ މީހުންނާއެކު ތިޔަބައިމީހުން ނަމާދު ކުރާށެވެ! ﷲއަށާއި އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނަށް އީމާންވެގެން ތިބެ އެ ގޮތަށް ތިޔަބައިމީހުން ނަމާދުކުރާނަމަ ތިޔަބައިމީހުންނަކީ ބޭރުފުށުގެ ހެޔޮ ޢަމަލުތަކާއި އެތެރެފުށުގެ ހެޔޮ ޢަމަލުތަކުގެ އަހްލުވެރީންނީމުއެވެ. ﷲއަށް އިޚްލާޞްތެރި އެކަލާނގެ އަޅުންނަށް އިޙްސާންތެރި ބަޔަކީމުއެވެ. ހިތުގެ އަޅުކަންތަކާއި ބަދަނީ އަޅުކަންތަކާއި މާލީ އަޅުކަންތައް ކުރާ ބަޔަކީމުއެވެ.
  • ކީރިތި ޤުރްއާނުގައި މާތްﷲ އަޅުގަނޑުމެންނަށް ގޮވައިލައްވަނީ އަޅުގަނޑުމެންގެ އަނބިދަރީންނަށް ނަމާދުކުރުމަށާއި ކެތްތެރިވުމަށް  އަމުރުކުރުމަށެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَ [8]– އަދި ކަލޭގެފާނުގެ أهل ވެރިންނަށް ނަމާދުކުރުމަށް أمر ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ!)) އެހެންކަމުން އަނބިދަރީންނަށް ނަމާދު ކުރާން ދަސްކޮށްދޭން ޖެހޭނެއެވެ. އެމީހުން ލައްވާ ނަމާދު ކުރުވާން ވާނެއެވެ. އަޅުގަނޑުމެންނާ އެމީހުން ނަރަކައިގެ އަޒާބުން ސަލާމަތް ވާނީ އޭރުންނެވެ.
  • ނަމާދު އަދާކުރުމުން ޙާޞިލުކުރެވޭ ފޮނި މޭވާތަކުގެ ތެރޭގައި ހަޑިހުތުރު ފާޙިޝް ޢަމަލުތަކުން ރައްކައުތެރިކަން ލިބުން ވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَلَذِكْرُ اللَّهِ أَكْبَرُ [9]– އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަން ބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.) (ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ނަމާދުގެ ސަބަބުން އޭނާ ފާޙިޝް ޢަމަލުތަކާ ދުރަށް ނުދާނަމަ އޭނާ ނަމާދުތައް އަދާ ކުރާގޮތަށް ބަލައި އެ ކަން މުރާޖަޢާ ކުރަން ޖެހޭނެއެވެ. އޭނާއާ އޭނާގެ ވެރިރަސްކަލާނގެއާ ދެމެދުގައިވާ ގުޅުންތައް އިޞްލާޙު ކުރާން ވާނެއެވެ. ނަމާދުކުރާއިރު އެހެނިހެން ކަންތައްތަކާ މަޝްޣުލުވުމާ ދުރުހެލިވުމަށް މަސައްކަތް ކުރާންވާނެއެވެ. އެނގޭނޭނގޭ ޙާލަތެއްގައި ހުރެ ނަމާދުކޮށްގެން ނުވާނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنْتُمْ سُكَارَى حَتَّى تَعْلَمُوا مَا تَقُولُونَ [10]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ حال ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ.))

(ނުނިމޭ)

[1]  –   البقرة : 45

[2]  – البقرة :  153

[3]  – صحيح ابن ماجه ٣٢٢٤

[4]  – السجدة: 16 ، 17

[5]  – البقرة : 238

[6]  –  البقرة : 110

[7]  – البقرة : 43

[8]  – طه : 132

[9]  – العنكبوت  : 45

[10] –  النساء : 43

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *