Support Us

ތިބާގެ ދޫ ރައްކާތެރިކުރުމާ ބެހޭ މުހިންމު ފިލާވަޅެއް

އެއްފަހަރަކު، އިމާމް އަލް ކިސާއީ އާއި އަލް ޔަޒީދީ އާއި ދެބޭކަލުން، ޚަލީފާ ހާރޫނުއްރަޝީދުގެ އަރިހުގައި ތިއްބަވަނިކޮށް މަޣުރިބު ނަމާދު ވަގުތު ލައިގަތެވެ. ދެން ތިން ބޭކަލުން މަޝްވަރާކުރެއްވުމަށްފަހު މީސްތަކުންނައިގެން އިމާމުވެ ނަމާދުކުރެއްވުމަށް އަލްކިސާއީ އިސްކުރެވުނެވެ. އެހެނީ އެކަލޭގެފާނަކީ ރީއްޗަށް ޤުރުއާން ކިޔަވާ ވިދާޅުވާ ބޭކަލެކެވެ. މިއަދާ ހަމަޔަަށްވެސް އެންމެ މަޝްހޫރު ހަތް ގާރީންގެ ތެރޭގައި އެކަލޭގެފާނުގެ ނަންފުޅު ހިމެނެއެވެ.

ކޮންމެއަކަސް ކިސާއީ އިސްވެ ނަމާދު ކުރައްވަމުން ގޮސް ފާތިހާ ސޫރަތް ކިޔަވައި ވިދާޅުވުމަށްފަހު، އަލް ކާފިރޫން ސޫރަތް ފެއްޓެވިއެވެ. އެއީ އެންމެ ކުރު ސޫރަތްތަކުގެ ތެރެއިން ސޫރަތަކަށް ވެފައި ކުޑަކުދިން ވެސް ހިތުދަސް ސޫރަތެކެވެ. ނަމަވެސް ކާފިރޫން ސޫރަތުގެ ވަކި ހިސާބަކުން ކިސާއީއަށް އޮޅުން އަރައި ނުބައިކޮށް ކިޔެވުނެވެ.

ފަހެ ނަމާދުކޮށް އަވަދިވުމާ އެކު ޔަޒީދީ ހަޅޭއްލަވައިގެންފައި ބުންޏެވެ. "ޚައިރާނެއް ނުވާނެ ހެއްޔެވެ؟ އަލް ޤާރީ އަދި ކޫފާގެ އިމާމް, ކާފިރޫން ސޫރަތް ނުބައިކޮށް ކިޔަވައިފިއެވެ. އެކަލޭގެފާނު ކާފިރޫން ސޫރަތް ހަނދުމަ ނެތިއްޖެވެ." ފަހެ މިކަމާ އެއްވެސް އެއްޗެއް ވިދާޅުނުވެ ކިސާއީ ހަނު ހުންނެވިއެވެ.

މިހެން ތިއްބައި އިޝާނަމާދު ވަގުތު ޖެހިއްޖެއެވެ. އެހިނދު އަލްޔަޒީދީ އިތުރު އެއްވެސް ވާހަކައެއް ނުދައްކަވައި އަމިއްލަފުޅަށް ކުރިޔަށް ޖެހިވަޑައިގެން، އިމާމުކަމަށް އިސްވެވަޑައިގަތެވެ. ދެންފަހެ ނަމާދު ފެއްޓެވުމާ އެކު ޔަޒީދީގެ އަޑު ތުރުތުރު އަޅަންފެށިއެވެ. އަދި ޤުރުއާނުގެ އެންމެ ފަސޭހަ، އެންމެ ފުރަތަމަ ސޫރަތް ކަމަށްވާ އަލް ފާތިހާ ސޫރަތް ހަނދާނަކަށް ނައެވެ. އުޅެއުޅެވެސް ހަނދާންވާ ގޮތް ނުވިއެވެ.

އެންމެ ފަހުން ނަމާދުކޮށް އަވަދިވުމުން އިމާމް އަލް ކިސާއީ ޔަޒީދީ އާ ދިމާލަށް އެނބުރި ވަޑައިގެންފައި ވިދާޅުވިއެވެ. "ޔަޒީދީއެވެ. ތިބާގެ ދޫ ރައްކާތެރިކުރާށެވެ. ފަހެ އެހެން މީހުންނަށް ހެދޭ ގޯސްތަކުގެ ވާހަކަ ދައްކާ މީހާ، އެފަދަ ކަމަކުން މާތް ﷲ އިމްތިޙާނު ކުރައްވާނެތެވެ."

މަސްދަރު: ޖެމްސް އެންޑް ޖެވެލް/ އަބްދުލް މާލިކު މުޖާހިދު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *