...

Support Us

މުއުމިނެއްގެ ގަޔަށް އެއް ހޮރަކުން ދެފަހަރު ކައްޓެއް ނުޖެހޭނެއެވެ.

އަބޫ ޢައްޒާ އަލް ޖުމާހީ އަކީ ޤުރައިޝުންގެ މަޝްހޫރު ޅެންވެރިއެކެވެ. އޭނާގެ ކުޅަދާނަ ޅެންވެރިކަމުން، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ހިތްވަރުދީ ފޯރިޖައްސުވައި، މުޝްރިކުންގެ ލޭކައްކުވައި އުޅުނެވެ.

ކޮންމެއަކަސް ބަދުރު ހަނގުރާމައިގެ ދުވަހު، މުސްލިމުންގެ އަތްދަށުގައި ހައްޔަރުވި އަސީރުންގެ ތެރޭގައި މީނާވިއެވެ. ފަހެ ކީރިތި ރަސޫލާ ﷺގެ ކުރިފުޅުމަށްޗަށް މީނާ ހާޒިރު ކުރެވުމުން ދެންނެވިއެވެ. "އޭ މުޙައްމަދުގެފާނެވެ. އަހަންނަކީ ފަޤީރު މީހަކީމެވެ. އަހަންނަށް ބަލަދު އަރާ ބޭނުންޖެހިފައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. ކަލޭގެފާނަށްވެސް މިކަންތައް އެނގިލައްވާނެއެވެ. އެހެންކަމުން އަހުރެންގެ މައްޗަށް ރަހުމްކުރައްވާށެވެ. މާތްރަސްކަލާނގެ ކަލޭގެފާނުގެ މަށްޗަށް ރަހުމްކުރައްވާނެތެވެ." ފަހެ މީނާގެ ވާހަކަތައް އަޑުއައްސަވާފައި އެއްވެސް ޝަރުތަކާ ނުލައި، ކީރިތި ރަސޫލާ ﷺ މީނާ ދޫކޮށްލެއްވިއެވެ.

އެއަށްފަހު ބަދުރުގެ ކަންތައް ނިމި އުހުދު ހަނގުރާމައާ ލައިގަތެވެ. އެހެނީ ބަދުރު ހަނގުރާމައިގައި ލިބުނު ނާކާމިޔާބީއަކީ މުޝްރިކުންގެ ލަގޮނޑިޔަށް ކެތްވާވަރު ކަމަކަށް ނުވީއެވެ. ލިބުނު ލަދުވެތިކަމާއި ހިތާމަތަކުން އަރައިގަތުމަށްޓަކައި އެވެރިން ބޭނުންވީ އަރަބިކަރައިން މުސްލިމުންގެ ވަސްވެސް ފޮހެލުމަށެވެ. އެކަމަށްޓަކައި މުޝްރިކުން ދިޔައީ، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރާނެ ވަރުގަދަ ލަޝްކަރެއް ތައްޔާރު ކުރަމުންނެވެ. ކުރެވުނުހާ ކަމެއް ކުރަމުން، ޖާނާއި މާލު އެކަމަށްޓަކައި ޤުރުބާން ކުރަމުންނެވެ. ތަނަވަސް މީހުން ހުރީ ހަނގުރާމައަށް ތައްޔާރުވުމަށް އެވެރިންގެ ޚަޒާނާ ތަންމިނަށް ހުޅުވާފައެވެ. ޅެންވެރިން ދިޔައީ އެވެރިންގެ ޅެންތަކުން، ހަނގުރާމައިގެ ފޯރިޖައްސުވައި ލޭކައްކުވަމުންނެވެ.

ދެންފަހެ ޤުރައިޝުންގެ ބޮޑެއްކަމުގައިވާ ސަފްވާނު ބުން އުމައްޔާ، އަބޫ ޢައްޒާ އަލް ޖުމައިހީ ގާތަށް ގޮސް ބުންޏެވެ. “ހަމަކަށަވަރުންވެސް ކަލެއަކީ ކުޅަދާނަ ޅެންވެރިއެކެވެ. އެހެންކަމުން މިކަމުގައި ކަލޭ އަހުރެމެންނަށް އެހީތެރިވެދޭށެވެ. ޅެންތަކުން އަހުރެމެންގެ ފަހުލަވާނުންނަށް ހަނގުރާމައިގެ ފޯރި ގެނުވާށެވެ. ހިތްވަރުދޭށެވެ.”

އެހިނދު އަބޫ އައްޒާ ބުންނެޏެވެ. "އޭ ސަފްވާނުއެވެ. ބަދުރުގެ ދުވަހު މުޙައްމަދުގެފާނު ވަނީ އަހުރެންގެ މައްޗަށް އިޙްސާންތެރިވެ، އަހުރެންނަށް މިނިވަންކަން ދީފައެވެ. އެކަލޭގެފާނުގެ އެ އޯގާތެރިކަމާއި ދެކޮޅުވެރިވާން އަހުރެން ބޭނުމެއް ނުވެއެވެ."

ސަފްވާން ބުންޏެވެ. "ތިޔަހެން ނަހަދާށެވެ. އަހުރެމެންނަށް އެހީތެރިވެދޭށެވެ. ކަލޭ ސަލާމަތުން ހަނގުރާމައިން އެނބުރި އަތުވެއްޖެ ނަމަ އަހުރެން ކަލޭ މުއްސަނދިކޮށްދިނުމަށް ވަޢުދުވަމެވެ. ކަލޭ ގަތުލުވެއްޖެ ނަމަ އަހުރެން ކަލޭގެ އަންހެން ދަރިންނާއި އަހުރެންގެ އަންހެން ދަރިން ވިޔަފާރި ބައިވެރިންނަށް ހަދައި އަހުރެންގެ މުދަލުން ކަލޭގެ ދަރިންނަށް ވެސް ހިއްސާ ދޭނަމެވެ."

ފަހެ އަބޫ އައްޒާ މީނާގެ ބަހަށް ހެއްލި އޭނާގެ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ. އަދި ހަނގުރާމައިގައި ބައިވެރިވެ، އެންމެ ފަހުން މުސްލިމުގެ އަތްދަށުވެ އަސީރެއްގެ ގޮތުގައި ދެވަނަ ފަހަރަށް ވެސް މަދީނާއަށް ގެންދެވުނެވެ. އެހިނދު މީނާ ކުރިން ފަހަރުވެސް ދެއްކި ވާހަކަތައް ދައްކައި ކީރިތި ރަސޫލާ ﷺގެ އަރިހުގައި އާދޭސް ދަންނަވަން ފެއްޓިއެވެ. އެހިނދު އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ.

"އޭ އަބޫ އައްޒާއެވެ. ﷲ ގަންދީ ބުނަމެވެ. ކަލޭގެ ކޯތާފަތް ދެން މައްކާގެ ބިމުގައި ނުޖެހޭނެއެވެ. ހަމަކަށަވަރުންވެސް، ތިމަން މިއައީ މުހައްމަދުގެފާނަށް އޮޅުވާލާފައޭ ބުނުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ތިބާއަކަށް ނުލިބޭނެއެވެ. އެހެނީ މުއުމިނެއްގެ ގަޔަށް އެއްހޮރަކުން ދެފަހަރު ކައްޓެއް ނުޖެހޭނެއެވެ."

އެއަށްފަހު ހަދީޘް ކުރެއްވިއެވެ. "އޭ އައްޒުބައިރުއެވެ. މީނާ ގަތުލުކޮށްލާށެވެ." ދެންފަހެ ކީރިތި ރަސޫލާ ﷺގެ އަމުރުފުޅަށް ޒުބައިރުގެފާނު އޭނާގެ ބޮލާއި ކަނދުރާ ވަކިކޮށްލައްވައި، އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ.

މަސްދަރު: ޖެމްސް އެންޑް ޖެވެލް / އަބްދުލް މާލިކް މުޖާހިދް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.