Support Us

ކޮލަމް ކޯދު: ކީރިތި ޤުރުއާނުގެ ހިޔަލުގައި ހިނދުކޮޅެއް: އާލު ޢިމްރާނުގެ އާޔަތްކޮޅެއްގެ މައްޗަށް އަވަސް ކަޅިއެއް

މިއަދު، އެއާޔަތްކޮޅެއްގެ ހިޔަލުގައި މަޑުޖައްސާލައި، އޭގެ މައްޗަށް ވިސްނައި ފިކުރުކޮށްލަން ގަސްދުކުރާ އާޔަތްކޮޅަކީ އާލްޢިމްރާނު ސޫރަތުގެ 137 އާޔަތުން ފެށިގެން 144 ވަނަ އާޔަތުގެ ނިޔަލަށެވެ. މިއާޔަތްކޮޅުގެ މާނަ ލިޔެލައި އޭގެ މައްޗަށް ވިސްނުމުގެ ކަޅިއެއް އެއްލުމުގެ ކުރިން، މުގައްދިމާއެއްގެ ގޮތުގައި ދެ ވާހަކައެއް ލިޔެލަން ގަސްދުކުރަމެވެ. ފުރަތަމަ ވާހަކައަކީ އާލް އިމްރާނު ސޫރަތް ބާވާލެއްވުނު ދުވަސްވަރާއި އަދި އެ ސޫރަތުގެ ވަރަށް ކުރު ޚުލާސާއެއް ލިޔެލުމެވެ. ދެވަނަ ވާހަކަ ގުޅެނީ، ސޫރާތުގެ ތާރީޚީ ސިޔާގު، ސޫރަތުގެ އޮނިގަނޑު، އިތުރަށް ބަޔާންކޮށް ދިނުމާއެވެ. އިތުރަށޭ މި ނަންގަތީ ސޫރަތް ބާވާލެއްވުނު ދުވަސްވަރުގެ ވާހަކައިން ސޫރަތުގެ އޮނިގަނޑުގެ ކޮންމެ ވެސް މިންވަރެއް ސާފުވާނެތީއެވެ.

އާލު ޢިމްރާނު ސޫރަތް ބާވާލެއްވުނީ، ޖުމްލަ ގޮތެއްގައި، މަދީނާގެ ކުރީކޮޅުގެ ދުވަސްވަރުއެވެ. ސޫރަތުގެ 33 ވަނަ އާޔަތުން ފެށިގެން 63 ވަނަ އާޔަތުގެ ނިޔަލަށް ފިޔަވައި، އާލު ޢިމްރާނު ސޫރަތުގެ އެހެން އާޔަތްތައް ބާވާލެއްވުނީ ހިޖުރައިން ތިންވަނަ އަހަރާއި ހަތަރު ވަނަ އަހަރާއި ދެމެދުގެ ފަހުގައި ކަމުގައި މުފައްސިރުން ވިދާޅުވެއެވެ. މި އިޝާރަތްކުރި އާޔަތްތަކުގައި ބަދުރު ހަނގުރާމައާއި އުހުދު ހަނގުރާމައާ ބެހޭ ބައެއް ވާހަކަތައް އައިސްފައިވާތީއެވެ. 33 ވަނަ އާޔަތުން ފެށިގެން 63 ވަނަ އާޔަތްތަކުގައި ވަނީ ނަޖުރާނުގެ ނަސާރާއިން މަދީނާއަށް، ކީރިތި ރަސޫލާގެ (ސ) އަރިހަށް ކުރި ޒިޔާރަތާ ބެހޭ ބައެއް ވާހަކަތައް ކަމުންނާއި އަދި މިކަން ހިނގީ ހިޖުރައިން ނުވަ ވަނަ އަހަރުގައި ކަމުން، މި އާޔަތްތައް ބާވާލެއްވުނީ އެ ދުވަސްވަރު ކަމުގައި މުފައްސިރުން ދެކެލައްވައެވެ. އަދި، ސޫރަތުގެ އެހެން އާޔަތްތަކާއި ނަޖުރާނުގެ ނަސާރާއިންނާ ބެހޭ ވާހަކަތަކާ މައުޟޫއީ ގޮތުން ގުޅިފައިވާތީ މި އާޔަތްތަކާއި އާލް ޢިމްރާނު ސޫރަތުގެ އެހެން އާޔަތްތަކާ އެއްކުރެވި އެއްސޫރަތެއްގައި އެ ހުރިހާ އާޔަތްތަކެއް ހިމަނާލެވިފައި ވަނީއެވެ.

ދެން، އާލު ޢިމްރާނު ސޫރަތުގެ މައްޗަށް ޚުލާސާ ގޮތެއްގައި ބަލާލަމާ ހެއްޔެވެ؟ ސޫރަތުގެ މައިގަނޑު މައުޟޫއަކީ ހިދާޔަތުގެ ވާހަކަތަކެވެ. އެ ވާހަކަތުގެ ސީދާ ޖުމްހޫރުންނަކީ، އެންމެ ފުރަތަމަ އަމާޒުވި މީހުންނަކީ، މުއުމިނުންނާއި– އެބަހީ ކީރިތި ރަސޫލާއަށް އީމާންވީ މީހުންނާއި– އަހުލު ކިތާބީންނެވެ. އާދެ، އަރަބިކަރައިގެ ޔަހޫދީންނާއި ނަސާރާއިންނެވެ. ވަކިން ޚާއްސަ ގޮތެއްގައި، ބައެއް އާޔަތްތައް އަމާޒުވެފައިވަނީ މަދީނާގެ ޔަހޫދީންނަށެވެ. ސޫރަތުގެ ވާހަކަތައް މައިގަނޑު ހަތަރު ބަޔަކަށް ބަހާލެވިދާނެއެވެ. މީގެތެރެއިން ފުރަތަމަ ބައި، އާދެ، އެއްވަނަ އާޔަތުން ފެށިގެން ބައްތިރީސް ވަނަ އާޔަތާ ހަމައަށް، އޮތީ އަގީދާއާ ބެހޭ ވާހަކަކޮޅެކެވެ. އީމާންކަމާ ބެހޭ ވާހަކަތަކެވެ. މާތްﷲ ވޮޑިގެންވާކަމުގެ ވާހަކައާއި ވަހީއާއި ރަސޫލުކަމުގެ ބައެއް ވާހަކައެވެ. ވއިންސާނީ ތާރީޚުގައި ވަހީ މެދުވެރިކޮށް، އިންސާނުންނަށް ތެދު މަގު، އާދެ، އިލާހީ ތެދުމަގު ދެއްކިފައިވާ ކަމާއި، އެ ގޮތުން އިލާހީ ފޮތްތަކެއް ރަސޫލުބޭބޭކަލުންނަށް ބާވާލެއްވިފައިވާ ކަމުގެ ވާހަކައެވެ. އެ ގޮތުން، ތައުރާތާއި އިންޖީލާއި ގުރުއާން ވެސް ބާވާލެއްވިފައިވާ ކަމެވެ. މި ފޮތްތަކާއި އަދި، އިންސާނީ ބުއްދިވެސް، އާދެ، ފުރުގާނުވެސް އިންސާނުންނަށް ދެވިފައިވާކަން ބަޔާންކުރެވިފައި ވެއެވެ. ބައެއް މުފައްސިރުންގެ ނަޒަރުގައި، މިތަނުގައި 'ފުރުގާން' އިޝާރަތްކުރަނީ އިންސާނާގެ ސަލާމަތް ބުއްދިއަށެވެ. ބާވާލެއްވި ފޮތްތަކުގެ އެހީގައި، ތެދުމަގުގެ މައިގަނޑު އުނގަންނައިދުނުން ކަމުގައިވާ ހެވާއި ނުބައި ވަކިކުރުން، އިންސާނާގެ ސަލާމަތް ބުއްދި ބޭނުންކޮށްގެން އެނގިގަތުމަށެވެ.

މިބައިގައި ވަރަށް ވެސް މުހިއްމު ދެ މަފްހޫމެއް ބަޔާންކުރެވިފައި ވެއެވެ. ކީރިތި ގުރުއާނުގެ އާޔަތްތައް، އެ އާޔަތްތަކުގެ މާނަ އިޝާރަތްކުރާ އެންމެ ފަހުގެ ހަގީގަތް ދެނެގަތުމުގެ އެކަށޭނަ ކަމުގެ މައްޗަށް ބަލައި، މައިގަނޑު ދެ ބަޔަކަށް ބަހާލާ ދެ މަފްހޫމެވެ. ކީރިތި ގުރުއާނުގެ ބައެއް އާޔަތްތަކަކީ 'މުޙްކަމު' އާޔަތްތަކެއްކަމުގައި ސިފަކުރެވި ކަނޑައެޅިފައިވެއެވެ. އަނެއްބައި އާޔަތްކަކަކީ 'މުތަޝާބިހު' އާޔަތްތަކެއްކަމުގައި ސިފަކުރެވި ކަނޑައެޅިފައި ވެއެވެ. މުހުކަމު އާޔަތްތަކަކީ އޭގެ މާނަ 'ސާފު' އާޔަތްތަކެވެ. އެބަހީ، އޭގެ މާނަ އިޝާރަތް ކުރާ ހަގީގަތް އިންސާނާގެ ހިތަށް ސާފުކޮށް ނަގައިގަނެވޭ އާޔަތްތަކެވެ. މިސާލަކަށް ކީރިތި ގުރުއާނުގައިވާ ތެދުމަގާ ބެހޭ އާޔަތްތަކުގެ މާނައެވެ. ތާރީޚާ ބެހޭ އާޔަތްތަކުގެ މާނައެވެ. މުތަޝާބިހު އާޔަތްތަކަކީ އެ އާޔަތްތަކުން އިޝާރަތްކުރާ ހަގީގަތް އިންސާނާގެ ހިތަށް ނަގައި ނުގަނެވޭ، އެހެންވެ، އޭގެ މާނަ މުޅިން ސާފުނުވާ އާޔަތްތަކެވެ. މިސާލަކަށް މާތްﷲއޭ ބުނުމުން އެ ބުނުން އިޝާރަތްކުރާ އެކަލާނގެ ޒާތުފުޅެވެ. އެ ޒާތުފުޅުގެ ހަގީގަތް އިންސާނާގެ ސިކުނޑިއަށް ދެނެއެއް ނުގަނެވެއެވެ. ހަމަ އެހެންމެ، އެކަލާނގެ ސިފަފުޅުތަކުގެ ހަގީގަތް ވެސް މެއެވެ. މީގެ އިތުރުން، މީގެ އިތުރުން މަލާއިކަތުންނާއި ޖިންނީންނާއި އަދި، އާޚިރަތް ދުވަހުގެ ކަންކަން އޮންނާނީ ކިހިނެއް ކަމާއި ސުވަރުގެއާ ނަރަކައިގެ ހަގީގަތަކީ ކޮބައިކަމާއި މިކަންކަން އިޝާރަތް ކުރާ އެންމެ ފަހުގެ ހަގީގަތެއް އިންސާނާގެ ސިކުނޑިއަށް ދެނެއެއް ނުގަނެވެއެވެ. ސަބަބަކީ އިންސާނާގެ ވިސްނުމާއި ތަސައްވަރު ކުރުން، އޭނާގެ ހިތުގައި އޭނާއަށް ވިސްނޭ އެއްޗެއް އޭގެ ހަގީގަތާ އެއްގޮތަށް ކުރަހާލުން، މިކަން ބިނާވަނީ އެއްޗެހި އޭނާއަށް ފެނި، ކަންކަން އޭނާއަށް ތަޖުރިބާކުރެވިފައިވުމުގެ މައްޗަށް ކަމަށްވީމައެވެ. ނަމަވެސް، ދެންމެ މިނަންގަތް 'މުތަޝާބިހު’ގެ ތެރޭގައި ހިމެނޭ އެއްޗިއްސާއި ކަންކަމީ އިންސާނާގެ ހިއްސީ ތަޖުރިބާއިން ބޭރުގައިވާކަންކަމަށް ވުމުން، އެއްޗިއްސާއި ކަންކަމުގެ ހަގީގަތް ނޭނގެނީއެވެ. މީގެ މާނައަކީ އެފަދަ އެއްޗެހިން ގަސްދުކުރެވޭ މާނަ ނޭނގުމެއް ނޫނެވެ. މިސާލަކަށް، މާތްﷲއޭ ބުނުމުން، ގަސްދުކުރެވޭ މާނަ އިންސާނާއަށް ވިސްނެއެވެ. ޚާލިގުވަންތަ ސާހިބުވަންތަ ފަރާތެއްވާކަމުގެ މާނައެވެ. ނަމަވެސް، އެ ފަރާތުގެ ހަގީގަތް، މާތްﷲގެ ޒާތުފުޅު، އިންސާނެކޭ ބުނުމުން އޭގެ ހަގީގަތް އިންސާނާއަށް އެނގޭ ފަދައިން ނޭނގެނީއެވެ. ހަމަ އެހެންމެ، ސުވަރުގެއޭ ބުނުމުން، އެއިން ދޭހަކޮށްދެނީ ނިމުމެއް ނުވާ އުފަލާއި އަރާމުގެ ގޮވައްޗެއްގެ ވާހަކަކަން އިންސާނާގެ ސިކުނޑިއަށް ވިސްނެއެވެ. އަދި، ނަރަކައަކީ ވޭނާއި ހިތާމައިގެ ގޮވައްޗެއްކަން ވެސް އިންސާނާއަށް ވިސްނެއެވެ. ނަމަވެސް، ސުވަރުގެއާއި ނަރަކަ އޮންނަނީ ކިހިނެއް ކަން ސީދާ އެ އޮންނަ ގޮތުގެ ހަގީގަތާ އެއްގޮތަށް އިންސާނާގެ ހިތަކަށް ނުގެނެވެއެވެ.

އާލު ޢިމްރާނުގެ މި ފުރަތަމަ ބައިގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މި ބައިގެ ބޭނުމަކި އަސާސީ ގޮތެއްގައި، އިލާހީ އުނގަންނައިދިނުންތައް އެއްގޮތްކަމެވެ. އެ ކަން ބިނާވެފައި އޮންނަނީ މި ބައިގައި ނަންގަނެވިފައިވާ ތިންކަމުގެ މައްޗަށް ކަމެވެ. މާތްﷲއަށް އީމާވުމާއި އެކަލާނގެ ރަސޫލު ބޭކަލުން މެދުވެރިކޮށް ތެދުމަގު އާދެ، ހެވާއި ނުބައި ވަކިކުރުމުގެ މަގު ބަޔާންކޮށްދިނުމާއި އާޚިރަތް ދުވަހާއި މިކަންކަމުގެ މައްޗަށް ކަމެވެ. މިކަން ފާހަގަކޮށް، އަހުލު ކިތާބީންނަށް ކީރތި ގުރުއާން ބަލައިގަނެ، ސަލާމާއި ސަލާވާތް ލެއްވި އިތުރު ރަސޫލާއަށް އީމާންވުމަށް ދައުވަތު ދިނުމެވެ.

ސޫރަތުގެ ދެވަނަ ބައި– އާދެ، 33 ވަނަ އާޔަތުން ފެށިގެން 63 ވަނަ އާޔަތުގައި މުޚާތަބުކުރެވިފައިވަނީ އަސާސީ ގޮތެއްގައި ނަޖުރާނުގެ މަސީހީންނަށެވެ. މިބައިގައި ހިމެނޭ މައިގަނޑު ވާހަކައަކީ ސަލާމްލެއްވި އީސާގެފާނުގެ ވާހަކައެވެ. އެކަލޭގެފާނަކީ އާދަމުގެދަރިކަލެއްކަމާއި އިލާހުވަންތަ އެއްވެސް ސިފައެއް އެކަލޭގެފާނަށް ލިބިވަޑައިގެން ނުވާކަން ބަޔާންކޮށްދިނުމެވެ. މި ބައިގައި މުބާހަލާގެ އާޔަތް (61-59) ހިމެނެއެވެ. އީސާގެފާނުގެ ތަބީއަތުގެ މައްސަލައިގައި ހަގީގަތާ ޚިލާފު ގޮތް ދެކޭ ބައެއްގެ މައްޗަށް ލައުނަތް ލެއްވުމަށް މާތްﷲގެ ޙަޟުރަތުގައި އެދި، ދުއާ ކުރުމުގެ އާޔަތެވެ.

ދެން، ތިންވަނަ ބައިގައިވަނީ ބަދަރު ހަނގުރާމައާއި އަދި އުހުދު ހަނގުރާމައިގެ ބައެއް ވާހަކަތަކެވެ. ބަދަރު ހަނގުރާމައިގައި މުސްލިމުންނަށް ނަސްރުލިބުމުގައި ހެޔޮ ގޮތުގައި އެ މީހުންތިބުމުން އެމީހުންނަށް ނަސްރުލިބުނުކަމުގެ ވާހަކައެވެ. ނަމަވެސް، އުހުދު ހަނގުރާމައިގައި، ކީރިތި ރަސޫލާގެ (ސ) އަމުރުފުޅާ ބައެއް މުސްލިމުން ޚިލާފުވުމުގެ ސަބަބުން، މުސްލިމުންނަށް ގެއްލުންވެ، ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ވާހަކައާއި އަދި، އެކަމުން ލިބެން އޮތް ފިލާވަޅުގެ ވާހަކައެވެ. މުސްލިމުންގެ އެމީހުންގެ އަމިއްލަ ނަފަސު މުރާޖައާކޮށް، ހެޔޮ ގޮތުގައި ދެމި ތިބުމަށް އެ މީހުން ކުރާ ދައުވާތަކަކީ ހައްގު ތެދު ދައުވާތަކަކަށް ހެދުމަށްޓަކައެވެ. މިބައިގައި އުހުދު ހަނގުރާމައިގައި މުސްލިމުންނަށް ކުރެވިދިޔަ ކުށް އަފޫކުރެވިފައިވެއެވެ. ކީރިތި ރަސޫލާގެ (ސ) އަމުރުފުޅާ ޚިލާފަށް، މުސްލިމުންގެ ލަޝްކަރުގެ ފަހަތް ދިފާއުކުރުމަށްޓަކައި، ތިރި ފަރުބަދައެއް މަތީ ދުނިދަނޑިއުކަން ބޭތިއްބެވި މީހުންގެ ތެރެއިން ބައެއް މީހުން އެ މީހުންގެ މަގާމު ދޫކޮށް ފޭބިކަމުގެ ކުށެވެ. އަދި، ދެން، އެކަމާ ވިދިގެން އުފެދުނު ހައިޖާނުގެ ތެރޭގައި ކީރިތި ރަސޫލާ އަވަހާރަވެއްޖެކަމަށް ބަލައި، ބައެއް ހަނގުރާމަވެރިން، ހަނގުރާމައިގެ މައިދާން ދޫކޮށްލުމުގެ ކުށެވެ. މިއަދު އެ އާޔަތްކޮޅުގެ މައްޗަށް ބަލާލަން ގަސްދުކުރާ އާޔަތްކޮޅު ގުޅެނީ މިބަޔާއެވެ.

އާލު ޢިމްރާނު ސޫރަތުގެ އެންމެ ފަހުބައި، އާދެ، 190 ވަނަ އާޔަތުން ފެށިގެން ސޫރަތުގެ އެންމެ ފަހުގެ އާޔަތްކަމުގައިވާ 200 ވަނަ އާޔަތާ ހަމައަށް އޮތް ބައިގައި، މުޚާތަބުކުރެވިފައިވަނީ މުއުމިނުންނަށެވެ. އާދެ، ކީރިތި ރަސޫލާއަށް ތަބާވި މީހުންނަށެވެ. އެބައިގައި އެމީހުންނަށް އިރުޝާދުދީ ނަސޭހަތްތެރިވެރިވެފައި ވަނީ، ތަބީއަތުގެ މައްޗަށް، އާދެ، އުޑާއި ބިމުގެ މައްޗަށް، ވިސްނައި ފިކުރުކުރުމަށެވެ. މިއެއްޗިއްސަކީ މާނައެއް ނެތި، މަގުސަދެއް ނެތި، އެއެއްޗެހި އުފެއްދި ފަރާތެއް ނެތި، ހަމަ އަމިއްލައަށް އުފެދިފައިވާ އެއްޗެއް ނޫންކަން ދެނެގަތުމަށެވެ. އާލު ޢިމްރާނު ސޫރަތް ފެށުގުމައި ނަންގަނެވިފައި އޮތް މާތްﷲގެ ސިފަފުޅު 'އަލްޤައްޔޫމު’ގެ މާނަ- ހުރިހާ އެއްޗެއްގެ މައްޗަށް ގާއިމުވެވަޑައިގެން އަބަދުގެ އަބަދަށް ދެމިވޮޑިގެންވާ މާތްރަސްކަލާނގެ– އިޝާރަތްކުރާފަދައިންނެވެ. މިކަން ދެނެގަނެ، އިލާހީ ތެދުމަގުގައި، އުހުދު ހަނގުރާމައިގައި ފައިކައްސާލި ގޮތަށް ފައިކައްސާ ނުލައި، ސާބިތުވެ ތިބުމަށް ދުއާކުރުމުގެ ވާހަކައެވެ. މި ސޫރަތުގެ ކުރީގެ ސޫރަތް ކަމުގައިވާ ބަޤަރާ ސޫރަތުގައި ވެސް ތެދުމަގާ ބެހޭ ވާހަކަތައް ބަޔާންކޮށް، ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން އެ ސޫރަތް ނިންމާލެވިފައިވާ ފަދައިން، އާލުޢިމްރާނުގެ ސޫރަތް ވެސް ނިންމާލެވިފައި ވެއެވެ.

ދެން، މިއަދު އެ އާޔަތްތަކުގެ މައްޗަށް ބަލާލަން ގަސްދުކުރާ އާޔަތްތަކުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟

އެންމެ ފުރަތަމަ އެއާޔަތްކޮޅާ އޭގެ މާނައިގެ ތަރުޖަމާއެއް ހުށަހަޅާލާނަމެވެ. ދެން، އެއަށް ފަހު، މިއާޔަތޮކޮޅު މަތިން ހަނދާންވެ، މިވާހަކަކޮޅު ލިޔެލަން ޖެހުނު ސަބަބު ވެސް ބަޔާންކޮށްދޭނަމެވެ.

(137) هَٰذَا بَيَانٌ لِّلنَّاسِ وَهُدًى وَمَوْعِظَةٌ لِّلْمُتَّقِينَ މިއީ މީސްތަކުންނަށްޓަކައި (ހަގީގަތް ބުނެދީ ހުށަހެޅޭ ބަޔާނެކެވެ. (އާދެ، ސާފުސީދާ ގޮތެއްގައި ހަގީގަތް ބުނެދެވޭ ބުނެދެވުމެކެވެ.) އަދި، މިއީ (މީސްތަކުންނަށްޓަކައި ބުނެދެވޭ) ހެޔޮ ގޮތުގެ މަގެވެ. އަދި، ތަގުވާވެރިންނަށް، އެބަހީ، މާތްﷲއަށް އީމާންވެ، އޭމީހުންގެ ނަފްސުތައް އެ އީމާންކަމުގެ މަތީގައި ހޭލައްވާލާފައި ތިބޭ މީހުންނަށް، އޮތް ހަނދާންކޮށްދިނުމުގެ ނަސޭހަތެކެވެ. (138) وَلَا تَهِنُوا وَلَا تَحْزَنُوا وَأَنتُمُ الْأَعْلَوْنَ إِن كُنتُم مُّؤْمِنِينَ ކަލޭމެން، އެބަހީ، ކީރިތި ރަސޫލާއަށް (ސ) ތަބާވީ މީހުން، ދެރަވެ، ނިކަމެތިވެއްޖެ ކަމުގައި ނުދެކޭށެވެ! ކަލޭމެންނަކީ މުއުމިނުންކަމުގައި ވެއްޖެ ނަމަ، އެބަހީ، ކަލޭމެންނަކީ ކީރިތި ރަސޫލާއަށް ތަބާވެ، ކީރިތި ގުރުއާން ގަބޫލުކުރާ ބަޔަކަށް ވެއްޖެ ނަމަ، އެންމެ މަތިވެރިވެގެންވާ ބަޔަކީ ކަލޭމެންނެވެ. (މިއާޔަތުގައި އެންމެ ފުރަތަމަ އިޝާރަތްކުރެވެނީ އުހުދު ހަނގުރާމައިގައި މުސްލިމުން ކުރިމަތިލާން ޖެހުނު ނާކާމިޔާބީގެ ސަބަބުން، މުސްލިމުންގެ ބައެއްގެ ހިތްތަކުގައި އުފެދުނު ދެރަކަމާއި ނިކަމެތި ކަމުގެ އިހުސާސަށެވެ. މައްކާގެ މުޝްރިކުންނާއި އަދި އެމީހުންނާ އެއްސަފެއްގައި ތިބި މަދީނާގެ ޔަހޫދީންނާއި އަދި މުނާފިގުންނަށް ގަދަކަން ލިބި، މޮޅުވެއްޖެ ކަމަށް ހީކުރެވުމުގެ އިހުސާސާއެވެ. މި އާޔަތުގައި ބަޔާންކުރެވިފައިވަނީ އެކަން އޮތީ އެހެން ނޫންކަމެވެ. ހަގީގީ މުއުމިނުންގެ ގޮތުގައި ތިބެއްޖެ ނަމަ، މަތިވެރިކަމާއި މޮޅުކަން ކާމިޔާބީއާއި ކުރިއެރުމަކީ މުއުމިނުންގެ އެއްޗެއްކަމުގައި ވާނޭ ކަމުގެ ވާހަކައެވެ.) (139) إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ الْقَوْمَ قَرْحٌ مِّثْلُهُ ۚ وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ وَلِيَعْلَمَ اللَّهُ الَّذِينَ آمَنُوا وَيَتَّخِذَ مِنكُمْ شُهَدَاءَ ۗ وَاللَّهُ لَا يُحِبُّ الظَّالِمِينَ (އުހުދު ހަނގުރާމައިގައި) ކަލޭމެން ޒަޚަމްވެ، (ކަލޭމެން ގެއްލުމާއި ހިތާމައާ ކުރިމަތިލާން ޖެހުނުކަމަށްވީ އިރު، (މައްކާގެ މުޝްރިކުންނަށް ވެސް، ބަދަރު ހަނގުރާމައިގައި) އެފަދަ ޒަޚަމްވުމާއި (ގެއްލުމާއި ހިތާމައާއި ކުރިމަތިލާން ޖެހުނެވެ. މާނައަކީ، އުހުދު ހަނގުރާމައިގައި މުސްލިމުން ކުރިމަތިލާން ޖެހުނު ގެއްލުމަކީ އެ މީހުން ނިކަމެތިވުން ކަމުގެ ހެއްކެއް ނޫނެވެ.) (140) وَلِيُمَحِّصَ اللَّهُ الَّذِينَ آمَنُوا وَيَمْحَقَ الْكَافِرِينَ (މިފަދައިން ކަންކަން ހިނގަނީ، މުއުމިނުންގެ ތެރެއިން ގޯސް ހެދޭ މީހުން) ސާފުތާހިރު ކުރެއްވުމަށްޓަކައެވެ. އަދި، (އެއަށްފަހު، އެމީހުންގެ އަތްމަތީ) ކާފަރުންގެ މީހުން ހަލާކުވެދިޔުމަށްޓައި ވެސް މެއެވެ. (މިކަން ހަގީގަތަކަށްވީ އޭގެ ހަތަރު ވަރަކަށް އަހަރު ފަހުން، މައްކާ ފަތަހަވުމުންނެވެ.) (141) أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَعْلَمِ اللَّهُ الَّذِينَ جَاهَدُوا مِنكُمْ وَيَعْلَمَ الصَّابِرِينَ (ކަލޭމެން މުއުމިނުން ހީކުރަނީ ތިމަންމެންނަކީ މުއުމިނުންނޭ ދުލު ކުރިން ހަމަ ބުނެލުމުން) ކަލޭމެންގެ ތެރެއިން (ތެދުވެރިކަމާއެކު) ޖިހާދުކުރީ ކޮންބައެއް ކަމާއި، (ހަނގުރާމާއިގައި ދެރަ ގޮތް ދިމާވި ވަގުތުގައި) ކެތްތެރިވީ ކޮންބައެއްކަން މާތްﷲ ދެނެވޮޑިވެ ނުގަނެ، (އެބަހީ، އެކަމުގެ ހަގީގަތް ކަލޭމެންނަށް ސާފުވާ ގޮތެއްގައި ހާމަކުރައްވައި، ކަލޭމެންގެ ތެރެއިން އެ މީހުންގެ ބަހާއި އަމަލު ސީދާ ނުވި މީހުންނަށް އެމީހުން އިސްލާހުވުމުގެ ފުރުސަތު ނުދެއްވައި،) ކަލޭމެންނަށް ސުވަރުގެ ވަދެވޭނެ ކަމުގައި ހެއްޔެވެ؟ (142) وَلَقَدْ كُنتُمْ تَمَنَّوْنَ الْمَوْتَ مِن قَبْلِ أَن تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنتُمْ تَنظُرُونَ (އުހުދު ހަނގުރާމައިގެ ކުރިން، އެ ހަނގުރާމައިގެ މައިދާނުގައި) މަރާ ބައްދަލުވުމުގެ ކުރިން، ކަލޭމެން (މުއުމިނުން، ހަނގުރާމަކޮށް، ޝަހީދުވެ) މަރުވެ ދިޔުމަށް އެދެމުން ދިޔައިމު ނޫން ހެއްޔެވެ؟ ނަމަވެސް، (އެ ހަނގުރާމައިގައި، ކަލޭމެންގެ ކުރިމަތިން) ކަލޭމެންގެ ހަމަލޮލަށް މަރު ފެނި، (މަރާ ބައްދަވިއެވެ.) (ނަމަވެސް އެ ހިނދު ކަލޭމެންގެ ތެރެއިން އެއްބަޔަކު ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ ކީރިތި ރަސޫލާ އަވަހާރަވެއްޖެކަމުގައި ދެކި، ހަނގުރާމައިގެ މައިދާނުން ދުވެ ފިލަން ދިޔައީ ނޫން ހެއްޔެވެ؟) (143) وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ ۚ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّهَ شَيْئًا ۗ وَسَيَجْزِي اللَّهُ الشَّاكِرِينَ ރަސޫލުބޭކަލެއް ކަމުގައި މެނުވީ މުހައްމަދުގެފާނު ވެވަޑައި ނުގަންނަވެއެވެ. އެކަލޭގެފާނު އަވަހާރަވެއްޖެ ނަމަ ނޫނީ ޝަހީދުވެވަޑައިގެންފި ނަމަ، ކަލޭމެން ކުރީ ތިބި (ކާފަރުންގެ) ގޮތަށް އެނބުރިގަންނަންވީ ހެއްޔެވެ؟ (ކަލޭމެން ކުރިން ތިބި ކާފަރުންގެ ގޮތަށް، ކަލޭމެންގެ ތެރެއިން) މީހަކު އެނބުރުމުން، އެކަމުން މާތްﷲއަށް ލިބޭނޭ ގެއްލުމެއް ނޯންނާނެއެވެ. ނަމަވެސް، (ކޮންމެ ގޮތަކާ ކުރިމަތިލާން ޖެހުނަސް، ހެޔޮ ގޮތުގައި ހިފަހައްޓައިގެން ތިބެ މާތްﷲއަށް) ޝުކުރުކުރާ މީހުންނަށް މާތްﷲ ހެޔޮ ޖަޒާ ދެއްވާނެތެވެ. (144) وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ اللَّهِ كِتَابًا مُّؤَجَّلًا ۗ وَمَن يُرِدْ ثَوَابَ الدُّنْيَا نُؤْتِهِ مِنْهَا وَمَن يُرِدْ ثَوَابَ الْآخِرَةِ نُؤْتِهِ مِنْهَا ۚ وَسَنَجْزِي الشَّاكِرِينَ (މަރުދެކެ ބިރުން، ހަނގުރާމައިގެ މައިދާނުން ފިލަން ދުވާ މީހުން ދަންނާށެވެ!) މާތްﷲގެ އިޒުނަފުޅާލައިގެން މެނުވީ، މަރުވުމަކީ އެއްވެސް ނަފްސަކަށް އޮތް ކަމެއް ނޫނެވެ. އެކަން (އެބަހީ މަރުވުން،) އޮތީ ވަގުތު ކަނޑައެޅި ލިޔުއްވިފައެވެ. ދުނިޔޭގެ ހެޔޮ އެދޭ މީހާއަށް ދުނިޔެއިން އެ މީހަކަށް މިންވަރުކުރެއްވިފައިވާ އެއްޗެއް ތިމަން ﷲ ދެއްވާހުށީމެވެ. އަދި، އާޚިރަތުގެ ހެޔޮ އެދޭ މީހާއަށް އާޚިރަތުން އޭނާއަށް މިންވަރު ކުރެއްވިފައިވާ އެއްޗެއް ތިމަންﷲ ދެއްވާ ހުށީމެވެ. އަދި، (ހެޔޮ މަގުގައި ތިބެ، ކާމިޔާބީއާއި ނާކާމިޔާބީއާ ވެސް ކުރިމަތިލާން ޖެހުމުން، ކެތްތެރިވެ،) ޝުކުރުކުރާ މީހުންނަށް ތިމަން ﷲ (ހެޔޮ) ޖަޒާދެއްވާހުށީމެވެ.

ދެން، މިއާޔަތްކޮޅުގެ ވާހަކަ ދައްކަން ޖެހުނު ސަބަބު ބަޔާންކޮށްލަދޭނަމަވެ. ބައެއް ފަހަރު، އާޔަތްތަކުގެ މާނަ އިތުރަށް ސާފުވެގެންދަނީ ކުރިމަތިން ފެންނަ ހާދިސާތަކާ ވެސް ގުޅާލެވުމުންނެވެ. މަތީގައި ބަޔާންކުރެވި ދިޔަ 142 ވަނަ އާޔަތުގެ މައްޗަށް ނަޒަރު ހިންގާލާށެވެ. އެ އާޔަތުގައި އެ އޮތީ ވަރަށް ވެސް ހަމާސަތާއެކު، ޖޯޝާއި ކެރުމާއި އެކު، ހަނގުރާމަކުރަން ތިބި ކަމުގެ ވާހަކަ މުސްލިމުން ދެއްކި ކަމުގެ ވާހަކައެވެ. ނަމަވެސް، ހަނގުރާމައާ ކުރިމަތިލާން ޖެހުނު ވަގުތުގައި، އެ މީހުންގެ ތެރެއިން ބައެއް މީހުންނަށް އެ މީހުންގެ ބަހާއި އަމަލު ސީދާ ނުކުރެވުނެވެ. އަދި، މިއީ ކޮން ބައެއްކަން، އުހުދު ހަނގުރާމައިގައި ފާޅުވެ، ހާމަވެގެން ދިޔައެވެ. ދެން، އެމީހުންގެ ތައުބާވެ، އެމީހުންގެ ކުށް އިސްލާހުކޮށް، މުސްލިމުންގެ ސަފުތައް ސީދާކޮށް، އެކަތިގަނޑަކަށް ވިއެވެ.

ތިރީގައި އެވާ ވީޑިއޯ ފީތާއިން އެފެންނަނީ މި އާޔަތްކޮޅުގައި އިޝާރަތްކުރެވިފައިވާ ފަދަ ކަމެކެވެ. ދުލުން ކުރިން، ވަރަށް ބާރުލާފައި، ހެޔޮ ގޮތުގައި ހުރުމުގެ ދައުވާ މީހަކު ކުރާ ވާހަކައެކެވެ. އެއީ ތެދެއްތޯ ނޫނީ ހުސް ހޮޅި ވާހަކައެއްތޯ މިހާރު އޭނާގެ އަމަލުތައް މެދުވެރިކޮށް، މާތްﷲ ދެނެވޮޑިގެންފިއެވެ. އާދެ، އެކަން ވަރަށް ސާފުކޮށް ފާޅުކޮށް ހާމަކުރައްވައިފިއެވެ. ތަފާތަކީ އުހުދު ހަނގުރާމައިގައި ގޯސް ހެދުނު މީހުން އެކަން ގަބޫލުކޮށް އެ މީހުންގެ އަމަލު ސީދާކުރިކަމެވެ. ނަމަވެސް، ވީޑިއޯގައި އެ ދައުވާކުރާ މީހާ އޭނާގެ ބަހާއި އަމަލު ސީދާ ކުރިކަމެއް އަދި ފެންނާކަން ނެތެވެ. އެހެންވުމުން، އޭނާ ހިމެނެނީ 144 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ދެ ބާވަތުގެ މީހުންގެ ތެރެއިން ފުރަތަމަ ބާވަތުގެ މީހުންގެ ތެރޭގައްޔޭ ބުނެވިދާނެއެވެ. އާދެ، އޭނާގެ ހުރިހާ ދައުވާއެއްގެ ފުރަގަހުގައި އޮތީ ދުނިޔޭގެ އެދުމެވެ. އެހެންވެ، އޭނާއީ މާތްﷲ އޭނައަށް ދުނިޔެ ދެއްވަފާނޭ މީހެއް ކަމުގައި ބުނެވިދާނެ ހެން ހީވެއެވެ!

ކޮންމެއަކަސް، ތިރީގައި އެވާ ވީޑިއޯ ފީތާ އަދި އެއްފަހަރު ބަލާލާށެވެ. ދެން، އޭގެ އަލީގައި މަތީގައި ނަންގަނެވުނު އާޔަތްތައް ވެސް ކިޔާލައި އެ އާޔަތްތަކުގެ މާނައިގެ މައްޗަށް ފުންކޮށް ވިސާނާލާށެވެ. ވީޑިއޯއިން އެފެންނަނީ އެބަޔަކާ އެއް ގޮތަކަށް ވެސް ނުގުޅޭނެ ކަމަށް ބުނެ ދައުވާކުރާ މަންޒަރާއި އަޑެވެ. ދެން، އޭގެ ފަހުން، މިހާރު، އެ ދައުވާގެ ހަގީގަތް ފާޅުވެ ހާމަވެއްޖެއެވެ! އެމީހުންނާ ބައިވެރި ނުވާން ބުނި ބުނުން ހަނދާން ނެތިއްޖެއެވެ. ދުނިޔަވީ އެދުމުގައި ޖެހުމުގެ ނަތީޖާއެވެ.