Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ބަނދި ކުލާހުގެ ކުދީންނަށް ޅެމުގެ ވަޒަން ފިލާވަޅެއް

ބަނދި ދަސްކުރުމުގައި ބަނދީގެ ވަޒަން ދަސްކުރި ފަދައިން، ޅެމުގެ ވަޒަންތަކުން ވެސް ދެ ވަޒަނަކާއި އެ ދެ ވަޒަނުގެ މައްޗަށް ބައިތު ހަދަން ތިޔަ ކުދިންނަށް ދަސްކޮށްދޭނަމެވެ.

ވަޒަން: ޅެމުގެ ވަޒަން ތަކުން، މި ލިއުމުގައި ބުނެދޭނީ ދެ ވަޒަނެވެ. އެ މިންވަރު ދަސްވުމުން، ވަކި ބައިތު ހެދުމުގެ ހުނަރު ތިޔަ ކުދީންނަށް ލިބޭނެއެވެ. އަދި ދިގު ޅެމާއި، ކުރު ޅެން ވެސް އެ ދެ ވަޒަނުގެ މައްޗަށް ހެދޭނެއެވެ. އޭގެ ފަހުން ޅެން ހެދުމުގެ ރޮނގުން ކުރިއަރައި މޮޅުވުމަކީ، އަމިއްލައަށް ވެސް ކުރެވޭނެ ކަމެކެވެ. އެކަމަށްޓަކައި ކުރާން އޮތް ކަމަކީ، ޅެން ފޮތްފޮތް ކިޔުމެވެ. އެ އާމެދު ވިސްނުމެވެ. އެ ވަސީލަތުން ޅެމުގެ މައުލޫމާތު އިތުރު ވީވީހެން ޅެންވެރިކަމުގެ ބަސްމަގު ދަސްވެ ކުރިއެރުން އަންނާނީ ލިބެމުންނެވެ. މުދައްރިސުންގެ އަރިހުން އަަހައި އޮޅުން ފިލުވުން ހުރީ އޮޅުން ނުފިލާ ކަންކަމެވެ.

1. "ބަލާ ހޯދާ"ގެ ވަޒަން މިއީ ހަތް ފިލީގެ ވަޒަނެކެވެ. ޅެމުގެ ޞަދުރުގައި މި ވަޒަން ހަތަރު ފަހަރު، އަޖުޒުގައި ވެސް ހަތަރު ފަހަރު، ހިމެނެއެވެ. ފުރިހަމަ ޅެމެއްކަމުގައި ބަލަނީ މަދުވެގެން ހަ ބައިތު އޮތުމުންނެވެ. ކޮންމެ ބައިތެއްގައި އޮންނަނީ ދެ ބައެވެ. އެއީ، ޞަދުރާއި އަޖުޒެވެ. ޞަދުރާއި އަޖުޒު ފެށޭ އަކުރުގައި އޮންނަ ފިއްޔާއި އެ ދެބައިގެ ބަނޑުވައް އަކުރުގެ ފިއްޔަކީ ފިލިކޯޅި އެވެ. ޞަދުރާ އަޖްޒުގެ ދެ ވަނަ އަކުރަކީ، ބަނޑުވައް އަކުރެވެ. ޞަދުރާ އަޖުޒުގެ ފަހު އަކުރާއި ފިއްޔަކީ ކާފިޔާ އެވެ.

ކޮންމެ ބައިތެއްގައި ވެސް ޞަދުރާއި އަޖްޒުގެ ފިލިކޯޅި އާއި ބަނޑުވައް އަކުރާއި ކާފިޔާ އެއްގޮތް ކުރުމީ، ދިވެހި ޅެންވެރިކަމުގެ ފުރިހަމަ ގޮތެވެ. ރީތި ގޮތެވެ. އެންމެ ފުރިހަމަ ގޮތެވެ.

މިސާލު 1:

ބަލާ ހޯދާ، ބަލާ ހޯދާ، ބަލާ ހޯދާ، ބަލާ ހޯދާ

ބަލާ ހޯދާ، ބަލާ ހޯދާ، ބަލާ ހޯދާ، ބަލާ ހޯދާ

 

މި ވަޒަނަށް ބައިތެއް:

ވަޒަންތައް ދަސް، ކުރަން ވާނޭ، ވަޒަނުގައި ބަސް، ބުނަން ވާނޭ

ނަޒަރު ހިންގައި، ޅެމާ މެދުގައި، ފިކުރު ރަނގަޅަށް، ކުރަން ވާނޭ

މިސާލު 2:

ހޯދާ ބަލާ، ހޯދާ ބަލާ، ހޯދާ ބަލާ، ހޯދާ ބަލާ

ހޯދާ ބަލާ، ހޯދާ ބަލާ، ހޯދާ ބަލާ، ހޯދާ ބަލާ

މި ވަޒަނަށް ބައިތެއް:

ހުރިހައި ކުދިން، މި ވަޒަން ބަލައި، ބައިތެއް މިއަދު، ލިޔެދޭށެވީ

ކުރިއަށް ރޮނގުން، ދިއުމަށްޓަކައި، މި ފިލާވަޅަށް ވިސްނާށެވީ

ފަރިތަ ކުރުން 1:

"ބަލާ ހޯދާ" ވަޒަނުގައި އެއް ބައިތު ހަދާށެވެ. (މުދައްރިސްގެ އިރުޝާދާ އެކު)

ހުރިހައި ކުދިން ވެގެން ހަދާފައި:

ނުދަނެ ތިބެގެން، ކިޔަން ފެށުމަށް، ލިޔަން ފެށުމަށް، ވަގުތު ނުވެޔޭ

ގުދަނުގައިތިބެ، ފޮތެއް ހޯދަން، ދަބަސް ނެގުމުން، ވަހެއް ދުވެޔޭ

ބަލާލީމޭ، ފެނޭތޯދެން، ދަބަސް ތެރެއިން، އޮތީ ފުޅިއެއް

ހަލާކުވެފައި، އަތަރު ފުޅިއެއް، ދަބަހުގެ ތެރަށް، ވަހެއް ދުވެޔޭ

ފަރިތަ ކުރުން 2:

"ހޯދާ ބަލާ" ވަޒަނުގައި 1 ބައިތު ހަދާށެވެ. (މުދައްރިސްގެ އިރުޝާދާ އެކު).

ހުރިހައި ކުދިން ވެގެން ހަދާފައި:

ގޯނާކުރުން، ގޯހޭ ބުނޭ، މާޝާ ނިކަން، ރަނގަޅަށް ބުނޭ،

ހޯނާ ބެހެން، ހޯހޯކަމެއް، ގޯހޭނިކަން، އޭނާ ބުނޭ

ފަރިތަ ކުރުން 3:

"ބަލާ ހޯދާ" ވަޒަނުގައި އެއް ބައިތު ހަދާށެވެ.

———-

ފަރިތަ ކުރުން 4:

"ބަލާ ހޯދާ" ވަޒަނުގައި އެއް ބައިތު ހަދާށެވެ.

———–

ފަރިތަ ކުރުން 5:

"ބަލާ ހޯދާ" ނުވަތަ "ހޯދާ ބަލާ"ގެ ވަޒަނުގައި އެއް ބައިތު ހަދާށެވެ.

———–