Support Us

ކޮލަމް ކޯދު: ތާރީޚުން ފިލާވަޅެއް- ޖަރުމަނުގެ ވާހަކަ

މިބައިގައި އަޅުގަނޑު ލިޔަން ގަސްދުކޮށްފައި އޮތީ ދެވަނަ ބޮޑު ހަނގުރާމައިގައި، ޖަރުމަނު ވިލާތް، އެއްކޮށްހެން ހަލާކުވެ ދިޔުމަށްފަހު، އަލުން، އެގައުމު ބިނާކުރި ގޮތުގެ ވާހަކައެވެ. ޖަރުމަނުވިލާތުގެ ރަށްތަކާއި އަދި ތަހުތީ ބިނާވެސް، މުޅީންހެން، ފުނޑުފުނޑުވެ، އަދި ގައުމުގެ ސިޔާދަތާއި މިނިވަންކަން ވެސް ގެއްލިގެން ދިޔުމަށްފަހު، ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޖަރުމަނުވިލާތް އަލުން ބިނާކޮށް ކޮށްޅަށް ނެގި ގޮތުގެ ވާހަކައެވެ. އަދި، މިކަމުން ލިބިގަނެވިދާނޭ ފިލާވަޅުގެ ވާހަކައަކީ ކޮބައިތޯ ބަލާލުން ވެސް މެއެވެ. ނަމަވެސް، ކުރިން ހުށަހަޅާލެވުނު، 'ޖަރުމަނުވިލާތުގެ ވާހަކައިގެ' ބަޔާ ގުޅިގެން، ކިޔުންތެރިޔަކު ކުރި ވަރަށް ވެސް މުނާސިބު ސުއާލަކާ ގުޅިގެން، އެ ސުއާލަށް ޖަވާބެއް ދެވޭތޯ މަސައްކަތްކޮށްލަން ހިތަށްއަރައި މިބައި ލިޔަން ނިންމީއެވެ.

ކިޔުންތެރިޔާގެ ސުއާލަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ޖަރުމަނުވިލާތަށް ދޭން ޖެހުނު ބަދަލާ ބެހޭ ގޮތުންނެވެ. އެހެން ގައުމުތަކަށްވީ ގެއްލުން، ޖަރުމަނު ވިލާތުން ދޭންޖެހުނީ ކީއްވެގެންކަމެވެ. އެހެންވެ، މިމައްސަލަ، އާދެ، ހަނގުރާމައިގެ ބަދަލު ދިނުމުގެ މައްސަލަ، މިބައިގައި، ގެނެސްދޭން ނިންމީއެވެ. ދެން، އެއަށްފަހު، ގެނެސްދެވޭ ބައިގައި ޖަރުމަނުވިލާތް އަލުން ބިނާކުރެވުނު ވާހަކައާއި އަދި އެކަމުން ލިބިގަނެވިދާނޭ ފިލާވަޅުތަކުގެ މައްޗަށް، އިރާދަކުރެއްވިއްޔާ، ބަލައިލެވޭތޯ މަސައްކަތްކުރާނަމެވެ.

ހަނގުރާމައިގެ ގެއްލުމުގެ ބަދަލު (ވޯ ރިޕަރޭޝަންސް)

ހަނގުރާމައިގެ ގެއްލުމުގެ ބަދަލަކީ ހަނގުރާމައެއް ނިމުމުން އެ ހަނގުރާމައިގެ ލިބުނު ގެއްލުމުގެ ބަދަލުގައި ފައިސާއާއި މުދަލުންނާއި އަދި މަސައްކަތުން ދެވޭ ބަދަލެކެވެ. އާއްމު ގޮތެއްގައި މި ބަދަލު ދޭންޖެހެނީ ހަނގުރާމައިގައި ބަލިވާ ފަރާތަށެވެ. މިޒަމާނުގައި މީގެ އެންމެ ސާފު މިސާލެއް ފެނިގެން ދަނީ ފުރަތަމަ ބޮޑުހަނގުރާމައާއި އަދި ދެވަނަބޮޑު ހަނގުރާމަ ނިމުމާ ވިދިގެން، އެހަނގުރާމަތަކުގައި ބަލިވި ފަރާތްތަކުން، ކާމިޔާބު ހޯދި ފަރާތްތަކަށް ދޭންޖެހުނު ބަދަލެވެ. ހަނގުރާމައިގެ ލިބޭ 'ގެއްލުމުގެ' ތެރޭގައި ތަފާތު ކަންތައް ހިމެނެއެވެ. މާއްދީ ގެއްލުންތަކެވެ. ތަންތަނާއި ރަށްރަށަށް ލިބޭ ގެއްލުމެވެ. ފައިސާއާއި މުދަލުގެ ގެއްލުމެވެ. މަޖްބޫރު ކުރުވައިގެން މަސައްކަތްކުރުވުމުގެ ގެއްލުމެވެ. މިކަންކަމަށް ބަދަލު ދޭން ޖެހެއެވެ. ކުރިންވެސް ނަންގަނެވުނުހެން، މިކަންކަމުގެ ބަދަލު ދެވެނީ ފައިސާއާއި މުދަލުންނެވެ. އަދި، ބަދަލު ދޭންޖެހޭ ގައުމުގެ މީހުންލައްވާ މަސައްކަތްކުރުވައިގެން ވެސް މެއެވެ.

ހަނގުރާމައިގައި ލިބުނު ގެއްލުމަށް ޖަރުމަނުވިލާތުން ބަދަލުދޭން ޖެހުން

ހަނގުރާމައެއްގައި ލިބޭ ގެއްލުމުގެ ބަދަލުދިނުން ކަނޑައަޅާ ފަރާތަކީ އަބަދުވެސް އެހަނގުރާމައިގައި ކާމިޔާބު ލިބޭ ފަރާތެވެ. މިހެން ވާންޖެހޭ ސަބަބު އޮޅިފައެއްނޯވެއެވެ. ބާރާއި އިޚްތިޔާރު އޮތް ފަރާތަކީ ހަނގުރާމައިގައި ކާމިޔާބު ލިބޭ ފަރާތްކަމަށް ވެފައި އޮތުމެވެ. އެހެންވެ، ބަލިވާ ފަރާތް، ނުވަތަ ފަރާތްތައް، އަބަދުވެސް އޮންނަނީ ކާމިޔާބުވާ ފަރާތުގެ ރަހުމެއްގެ، އެދޭ ހެވެއްގެ ދަށުގައެވެ. ކާމިޔާބީ ލިބުނު ފަރާތް، ބަލިވި ފަރާތާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް، އެކަމާ، އިންކާރު ކުރުމުގެ އިޚްތިޔާރެއް، ބާރެއް، އަދި ހިތްވަރާއި ކެރުމެއްވެސް، ބަލިވި ފަރާތަކަށް ލިބިގެންނެއް ނުވެއެވެ. ހަނގުރާމައިގެ ނަތީޖާ ނިކުތުމުން، ގިނަ ފަހަރު، ރަނގަޅު ނުރަނގަޅަކަށް ބެލުމެއްނެތި، ކަންތައްތައް ނިންމަނީ، ކާމިޔާބުވާ ފަރާތް ބޭނުންވާ ގޮތަށެވެ. އެނިންމާ ގޮތަކީ އަދުލު އިންސާފު ކަމުގައި ބެލެވިގެންނެވެ.

މި އުސޫލުގެ މަތިން، އެހެން ގައުމުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ޖަރުމަނުވިލާތުން ދޭންޖެހުނީ ކީއްވެތޯ ސުއާލުކޮށް ފިނަމަ، ކުރު ޖަވާބަކީ، ހަނގުރާމައިގައި ޖަރުމަނުވިލާތް ބަލިވުމެވެ. އަދި، އެމީހުން ކަންތައް ކުރަންވީ ގޮތް ނިންމީ ކާމިޔާބު ލިބުނު ފަރާތުން ކަމަށްވާތީއެވެ. އާދެ، އެކަން ނިންމީ އިއްތިހާދީ ބާރުތަކުން، އިނގިރޭސިންނާއި ފަރަންސޭސީންނާއި ސޯވިއެޓުންނާއި އަދި އެމެރިކާނުން ކަމަށްވާތީއެވެ.

އިއްތިހާދީ ބާރުތަކުން ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ދިނުން ޖަރުމަނުވިލާތަށް މަޖްބޫރުކުރުވުން އެއީ މުޅިން ތަބުރީރު (ޖަސްޓިފައި) ނުކުރެވޭނޭ ކަމެއްވެސް ނޫނެވެ. އެހެނީ، ދެވަނަ ބޮޑު ހަނގުރާމަ ފެށީ ޖަރުމަނު ވިލާތުން ކަމަށްވާތީއެވެ. ފުރަތަމަ ބޮޑުހަނގުރާމަ ނިމި، ޖަރުމަނުވިލާތާއި ވެވެނު ވާރސޭ އެއްބަސްވުމާއި، ޖަރުމަނުވިލާތުން ޚިލާފުވަމުން ގޮސް، އެންމެފަހުން، 1939ގައި، ހިޓްލަރު ޕޯލަންޑަށް ހަމަލާދީ، އެގައުމަށް އަރައިގަނެ، އެގައުމު އިހުތިލާލުކުރުމާ ވިދިގެންނެވެ. އެހެން ގައުމުތަކުން ޖަރުމަނުވިލާތާއި ހަނގުރާމަ ކުރަންޖެހުނީ، ހިޓްލަރުގެ މި އަމަލުގެ ސަބަބުންނެވެ. އެހެންވެ، އިއްތިހާދީންގެ، ހުއްޖަތަކީ، އެމީހުންގެ ފަރާތުން ދެވުނު ހަމަލާތަކާއި އަދި އެކަމުގެ ސަބަބުން ވީގެއްލުންތަކަކީ ޖަރުމަނުވިލާތުން މެދުވެރިކުރުވި ކަންތައްތަކެއް ކަމުގައެވެ. އެހެންވެ، އިއްތިހާދީން ދުށްގޮތުގައި، ހުރިހާ ގެއްލުމެއްގެ ޒިންމާ ވެސް އުފުލަން ޖެހޭނީ ޖަރުމަނުވިލާތުންނެވެ.

މީގެ މާނައަކީ، އިއްތީހާދީ ބާރުތަކުން، ދެވަނަ ބޮޑުހަނގުރާމައިގައި، ހަނގުރާމައިގެ ގަވާއިދުތަކާއި ޚިލާފު އަމަލުތައް ނުހިންގަނީކީ ނޫނެވެ. އިއްތިހާދީންވެސް، އެފަދަ އަމަލުތައް ހިންގިއެވެ. މަދަނީ އަމާޒުތަކަށް ގަސްދުގައި ހަމަލާދިނުން އެއީ މިކަމުގެ ސާފު ހެއްކެކެވެ. އެހެން ކަމުގައި ވިޔަސް އިއްތިހާދީން، އޭގެ ބަދަލުދޭކަށް ނުޖެހެއެވެ. ސަބަބަކީތޯއެވެ. އިއްތިހާދީންނަށް ހަނގުރާމައިގައި ކާމިޔާބުލިބުމެވެ. އަދި، އެމީހުން ބޭނުންވާ ގޮތަކަށް ކަންތައްކުރުމުގެ ބާރާއި އިޚްތިޔާރު އެމީހުންގެ އަތްމަތީ އޮތުމެވެ.

މިކަމުން ވަރަށް މުހިއްމު ފިލާވަޅެއް ލިބެއެވެ. ގައުމުތަކުގެ ދެމެދުގައި އޮންނަ ދޭދޭ ގުޅުން، ގިނަ ފަހަރަށް، ބިނާވެފައި އޮންނަނީ އަދުލުވެރިކަމާއި އިންސާފުގެ މައްޗަށް ބިނާވެގެން ނޫންކަމެވެ. ނޫނީ އަޚްލާގިއްޔާތުގެ (އެތިކްސްގެ) ހަމަތަކުގެ މައްޗަށް ބިނާވެގެން ވެސް ނޫންކަމެވެ. އަދި ކިއެއް ހެއްޔެވެ؟ އެކަން ބިނާވެފައި އޮންނީ މަސްލަހަތުގެ މައްޗަށެވެ. އެހެންވެ، ދޭދޭ ގައުމުތަކުގެ ގުޅުންތައް ތަންޒީމުކުރާ ބައިނަލްއަގުވާމީ ގާނޫނުތައް ވެގެންދަނީ، ބާރު ގަދަ ގައުމުތަކުގެ އަތްމަތީ އޮންނަ އަސާގަނޑެއް ކަހަލަ އެއްޗަކަށެވެ. ބާރުގަދަ ގައުމެއްގެ މަސްލަހަތަށް ބުރޫއަރާ، އެފަދަ ގައުމަކަށް ގެއްލުމެއް ލިބިދާނެހެން ހީވާ ދަނޑިވަޅު ދަނޑިވަޅުގައި އެ އަސާގަނޑުގައި ހިފަހައްޓައި ކޮޅަށް ތެދުވެއެވެ. އަދި، ހައްގަކައި ލައިގެން ވިޔަސް ނޫނީ ނުލައިވިޔަސް، ބަލިކަށި ގައުމަކުން އެއްޗެއް ހޯދައިގަންނަން ބޭނުންވެއްޖެ ނަމަ، އެ އަސާގަނޑު މަޅައި ތަޅައިގެންވެސް އެ އެއްޗެއް ހޯދައެވެ.

މީގެ ވަރަށް ގިނާ މިސާލުތައް، މިޒަމާނުގެ ތާރީޚުން ވެސް ފެންނަން އެބައޮތެވެ. އެކުވެރި ދައުލަތްތަކުގެ ޖަމުއިއްޔާގެ ބައެއް ނިންމުންތަކުން މީގެ މިސާލުތައް ފެނިގެންދެއެވެ. ބާރުގަދަ ގައުމުތައް، އެގައުމުގެ މަސްލަހަތު ދިފާއުކުރުމަށް ގަރާރުތައް ފާސްކޮށްހަދައެވެ. އަދި، ބަލިކަށި ގައުމަކުން، އެމީހުންގެ ހައްގު ހޯދަން އުޅޭ ވަގުތުތަކުގައި، މިކަމަކީ ބާރުގަދަ ގައުމެއްގެ މަސްލަހަތާ ތައާރުޒުވެ، ފުށުއަރާ ކަމެއް ނަމަ، އެފަދަ ބާރުގަދަ ގައުމުތަކުން ވީޓޯކުރާ ކުރުމުން ވެސް މީގެ މިސާލުތައް ފެނެއެވެ. މީގެ އިތުރު ތަފްސީލު، 'ތާރީޚުން ފިލާވަޅެއްގެ' އެހެން ސިލްސިލާއަކުން، ފެނުމުގެ އެކަށޭނަކަށް އޮތްވާހަކަ ނަންގަންނަމުން، ދެވަނަ ބޮޑުހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލުދިނުމުގެ ވާހަކައަށް އެނބުރިލާނަމެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ގެއްލުމުގެ ބަދަލުދޭން ޖެހުނު ގައުމުތަކާއި އެބަދަލު ލިބުނު ގައުމުތައް

ދެވަނަ ބޮޑުހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހުނީ މުޅިންވެސް ބަލިވި މިހުވަރީ ބާރުތަކުގެ (އެކްސިސް ޕަވާރސް) ގައުމުތަކަށެވެ. (މިއިން އިސްތިސްނާ ކުރެވުނީ ހަމައެކަނި އެމެރިކާއެވެ. މީގެ ތަފްސީލު ތިރީގައިވާނެއެވެ.) މިގޮތުން ބޮޑު ބައެއް ދޭންޖެހުނީ ޖަރުމަނުވިލާތަށާއި ޖަޕާނަށެވެ. މީގެ ތަފްސީލު ކުރުކޮށް ތިރީގައި ލިޔެލާނަމެވެ.

ޖަރުމަނުވިލާތް

ދެވަނަ ބޮޑު ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ އެންމެ ބޮޑު ބަދަލު ދޭންޖެހުނީ ޖަރުމަނުވިލާތަށެވެ. އެންމެ ފުރަތަމަ ޖަރުމަނުވިލާތުން 320 ބިލިޔަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ނިންމުނެވެ. ނަމަވެސް 1952ގައި ޖަރުމަނުގެ ޚާރިޖީ ދަރަންޏާ ބެހޭ ގޮތުން ލަންޑަންގައި ބޭއްވުނު ޖަލްސާގައި މިއަދަދު، 10.3 ބިލިޔަނަށް ތިރި ކުރެވުނެވެ. މިއަދަދުގައި، ދެވަނަ ބޮޑުހަނގުރާމައިގެ ކުރިން، ޖަރުމަނު ވިލާތުން އެހެން ގައުމުތަކަށް ދައްކަން އޮތް 7.3 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނިވެސް ހިމެނެއެވެ.

މީގެ އިތުރުން، ކުރީ ބައިގައި ނަންގަނެވުނު ފަދައިން، ޖަރުމަނުވިލާތް ބައިބައިކުރެވި، ހަތިޔާރުތައް އަތުލެވުނެވެ. އަދި، ޖަރުމަނުގެ ފެކްޓަރީތައް ރޫޅައި އިއްތިހާދީންގެ އަތްދަށަށް ގެނެވުނެވެ. މީގެ ގިނަ ފެކްޓަރީތަކެއް އިއްތިހާދީން އެމީހުން ބޭނުން ގޮތެއް ހެދުމަށް ލިބިފައިއޮތެވެ. މިސާލަކަށް، ސޯވިއެޓުން، ޖަރުމަނުގެ ފެކްޓަރީތައް ރޫޅައިގެން އެމީހުންގެ ގައުމަށް ގެންދިޔައެވެ. އަދި، ޖަރުމަނުވިލާތުގެ ފިކުރީ މުދަލުގެ ހައްގުތައް އެމީހުންގެ އަތުން ނިގުޅައިގަނެވި، އިއްތިހާދީންގެ ކުންފުނިތަކަށް ދެވުނެވެ. މިތަނުގައި ފިކުރީ މުދަލޭ ބުނެ އިޝާރަތްކުރެވެނީ ޖަރުމަނުވިލާތުގެ އީޖާދުތަކަށާއި އުފެއްދުންތަކަށެވެ. މި އެއްޗެތި އުފެއްދުމުގެ ހައްގު ލިބިފައި އޮތީ ޖަރުމަނުވިލާތުގެ ކުންފުނިތަކަށެވެ. ނަމަވެސް، މިހައްގު ނިގުޅައިގަނެވި، އިއްތިހާދީންގެ ކުންފުނިތަކަށް ދެވުނީއެވެ. އަދި، ޖަރުމަނުވިލާތުގެ އިލްމުވެރިންނާއި އެކިއެކި ދާއިރާތަކުގެ ހުނަރުވެރީން، އިއްތިހާދީންގެ ފެކްޓަރީތަކާއި ކުންފުނިތަކުގައި މަސައްކަތްކުރަން ވެސް ޖެއްސުނެވެ.

ދެންމެ މި ދެންނެވި ފައިސާއާއި މުދަލުގެ ބަދަލު ލިބުނު ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ކުރިންވެސް ނަންގަނެވުނު ފަދައިން، އިއްތިހާދީނެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ސޯވިއެޓުންނާއި އެމެރިކާނުންނެވެ. އަދި މީގެ އިތުރުން ޔޫނާނުވެސް ހިމެނެއެވެ.

އަދި، މިފައިސާއާއި މުދަލުގެ އަދަދުގެ އިތުރުން، 1953ގައި، ޔޫރަޕުގެ ޔަހޫދީންނާއި ދެކޮޅަށް، ހިޓުލަރުގެ ނާޒީ ސިޔާސަތުގެ ދަށުން ހިންގުނު ލާއިންސާނީ ޖަރީމާތަކުގެ ބަދަލުގައި 1.5 ބިލިޔަން ޑޮލަރު، އިޒްރޭލަށް، ދައްކަން ވެސް، ޖަރުމަނުވިލާތުން އެއްބަސްވިއެވެ. މިކަމާއި އިޒްރޭލުގެ ސަރުކާރާއި ޖަރުމަނުވިލާތުގެ ސަރުކާރުން އެއްބަސް ވުމަކަށް އައެވެ. ނަމަވެސް، އިޒްރޭލުގެ ބައެއް ސިޔާސީ ލީޑަރުން މިކަމާ ދެކޮޅުހެއްދެވިއެވެ. އަދި، ފަހުން، 1977ގައި އިޒްރޭލުގެ ބޮޑުވަޒީރަކަށް ވެވަޑައިގެންނެވި، މެނާޚިމް ބޭގިން އިސްވެހުންނަވައި، އޭރުގެ ޖަރުމަނުވިލާތުގެ ޗާންސަލަރު ޖޯސެފް ކޮންރޭޑް އެޑިނާއު އަވަހާރަކޮށްލުމުގެ ގަސްދުގައި ޕޯސްޓުގެ ޒަރިއްޔާއިން ބޮމެއް އިޒްރޭލުގެ ބަޔަކު ފޮނުވިއެވެ. މިބޮން، 1952ގެ މާޗު މަހުގެ 27ވަނަ ދުވަހު މިޔުނިޚްގެ ސިފައިންގެ މަރުކަޒެއްގައި ގޮވައި، ޖަރުމަނުވިލާތުގެ ސިފައިންގެ ބޭކަލަކު އަވަހާރަވިއެވެ. އަދި މި ހާދިސާއާއި ވިދިގެން ކުރެވުނު ތަހުގީގުގައި މިކަން ކުރި މީހުންގެ އިސް މީހަކަށް ހުންނެވީ ބޭގިންކަން ވެސް އެނގުނެވެ.

މިކަމުގައި ވެސް ތާރީޚުގެ ފިލާވަޅެއް ފާހަގަކޮށްލެވެއެވެ. ތަހުގީގުގައި، މިބޮން ގޮއްވާލީ ބޭގިން އިސްވެ ހުންނަވައިގެން ކަމަށް އެނގުނު ކަމުގައި ވިޔަސް، އެކަމުގެ ޝަރީއަތެއް އޭނާގެ މައްޗަކަށް ނުހިންގެއެވެ. އާދެ، ކުށަކީ ކިތަންމެ ބޮޑު ކުށެއް ކަމުގައި ވިޔަސް، ކުށްކުރާ ފަރާތަކީ ބާރުވެރި ނުފޫޒު ގަދަ ފަރާތަކަށްވާ ނަމަ، ނުވަތަ އެފަދަ ފަރާތަކާ ގުޅިފައިވާ ނަމަ، ވަރަށް ގިނަ ފަހަރު، އެކަމާ އަޅާނުލައި ދޫކޮށްލެވެއެވެ.

އާދެ، ކޮންމެއަކަސް، މަތީގައި ބަޔާން ކުރެވި ދިޔައީ، ދެވަނަ ބޮޑު ހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލުގައި، ޖަރުމަނު ވިލާތުން ދައްކަން ޖެހުނު ބަދަލުގެ ވާހަކައެވެ. ދެން، ކުރުގޮތަކަށް ނަމަވެސް، ހުށަހަޅާލަން ގަސްދުކުރަނީ ޖަރުމަނުވިލާތުގެ އިތުރުން، ދެވަނަ ބޮޑުހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ބަދަލު ދޭންޖެހުނު އެހެން ގައުމުތަކުގެ ވާހަކައެވެ.

ބަދަލު ދޭން ޖެހުނު އެހެން ގައުމުތައް

ޖަރުމަނުވިލާތުގެ އިތުރުން، ދެވަނަ ބޮޑުހަނގުރާމައިގައި އެ ގައުމާއި ބައިވެރިވި އެހެން ގައުމުތަކުން ވެސް ބަދަލުދޭން ޖެހުނެވެ. މިގޮތުން ދެވަނަ ބޮޑުހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ބަދަލު، ޖަޕާނުން ދޭން ޖެހުނެވެ. މިކަމާ ގުޅޭ ގޮތުން 1951 ވަނަ އަހަރު، ސެންސްފްރެންސިސްކޯ ސުލްހައިގެ މުއާހަދާގައި ޖަޕާނުން ސޮއިކުރިއެވެ. މި އެއްބަސްވުމުގައިވާ ގޮތުން، 550 މިލޔަން ޔޫ.އެސް. ޑޮލަރު އެމެރިކާއަށް، 39 މިލޔަން ޔޫ.އެސް ޑޮލަރު ވިއެޓްނާމަށް، އަދި އަސީރުން ބެލެހެއްޓުމުގެ ޚަރަދުގެ ބަދަލުގައި، 6.7 މިލިޔަން ޑޮލަރު، 'ރެޑް ކްރޮސް’އަށް ދައްކަން ޖަޕާނުން އެއްބަސްވިއެވެ. މީގެ އިތުރުން ޖަޕާނާއި ބައެއް އެހެނިހެން ދައުލަތްތަކާއި ދެމެދު ވެސް ސުލްހައިގެ އެއްބަސްވުންތަކެއް އެއްބަސްވެ، ހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލު، އެގައުމުތަކަށް ދޭން ވެސް، ޖަޕާނުން ނިންމިއެވެ. މިގޮތުން، ބަރުމާއަށް 20މިލިޔަން ޔޫ.އެސް ޑޮލަރު، ރިޕަބްލިކް އޮފް ކޮރެޔާއަށް 300 މިލިޔަން ޔޫ.އެސް. ޑޮލަރު، އިންޑޮނީސިއާއަށް 208 މިލިޔަން ޔޫ.އެސް ޑޮލަރު، މެލޭޝިއާއަށް 2.95 ބިލިޔަން ޖަޕާނުގެ ޔެން، ތައިލެންޑަށް 5.4 ބިލިޔަން ޖަޕާނުގެ ޔެން ދައްކަން، ޖަޕާނުން އެއްބަސްވިއެވެ. އަދި މީގެ އިތުރުން މައިކޮރޯނީސިއާ އަށާއި، ލާއޯސް އަށާއި، ކެމްބޯޑިއާއަށާއި މޮންގޯލިއާ އަށާއި އިސްޕޭނަށާއި ޕޯޗުގަލްއަށާއި ސުވިޓްޒަލޭންޑުއަށާއި ސުވީޑަންއަށާއި ޑެންމާކަށް 5.5 މިލިޔަން އާއި 10 މިލިޔަން ޔޫ.އެސް. ޑޮލަރާއި ދެމެދުގެ އަދަދެއް، ދައްކަން އެއްބަސްވިއެވެ. އަދި 1952ވަނަ އަހަރާއި 1977 ވަނަ އަހަރާ ދެމެދު މިއަދަދުތައް ޖަޕާނުން ދައްކައި ނިންމިއެވެ. ޗައިނާއިންނާއި ސޯވިއެޓް ޔޫނިއަނުން، ޖަޕާނުން، އެގައުމުތަކަށް ދޭންޖެހޭ ބަދަލުދިނުން މާފުކުރިއެވެ.

ޔާހުންބަރާސްގެ ކުރެހުމެއް

ޖަޕާނުން ދެވަނަ ބޮޑު ހަނގުރާމައިގެ ބަދަލު ދިނުމުގެ ވާހަކަ ދައްކާއިރު، ލިޔެލަންޖެހޭ ވާހަކައެއް އެބައޮތެވެ. އެއީ، ހަނގުރާމައިގެ ދުވަސްވަރު، ރާއްޖޭގެ އޮޑިޔަކަށް، ޖަޕާނުގެ ކަނޑުމަތީ ސިފައިން ދިން ހަމަލާއަކާއި ވިދިގެން ލިބުނު ބޮޑު ގެއްލުމާއި އަދި އޭގެ ބަދަލުގެ ވާހަކައެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ރާއްޖޭގެ ކަނޑު ދަތުރުފަތުރު ކުރާ ބައެއް އުޅަނދުތަކަށް ޖަޕާނުގެ ކަނޑުމަތީ ސިފައިން ހަމަލާދީ ފައްތާލިއެވެ. މިގޮތުން ފައްތާލެވުނު އޮޑިތަކުގެ ތެރޭގައި އައްޑުއަތޮޅުގެ އޮޑިއެއް ކަމަށްވާ ޔާހުންބަރާސް ހިމެނެއެވެ. ޖަޕާނުގެ ސިފައިން ޔާހުންބަރާހަށް ހަމަލާދީ، އެއޮޑި ފައްތާލައި، އޭގައި ދަތުރުކުރަމުން ދިޔަ، 37 ދިވެހިން ޝަހީދުކޮށްލިއެވެ. އަދި އެ އޮޑިން، ދެބޭކަލަކު ހައްޔަރުކޮށްގެން ސިންގަޕޫރަށް ވެސް ގެންދިޔައެވެ. އަދި އެތާ ޖަލެއްގައި ބަންދުކޮށް، އެ ދެ ބޭކަލުންނަށް، އަނިޔާކުރިއެވެ. ހަނގުރާމަ ނިމުމުން މި އަނިޔާވެރި އަމަލުގެ ބަދަލު ޖަޕާނުން ދިނެވެ.

ސިންގަޕޫރު މަނިކުފާނު

ޔާހުންބަރާހުގެ ވާހަކަ، އަލްމަރްހޫމު ސައިކުރާ އިބުރާހީމް ނައީމު ލިޔުއްވައި، ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި، އޭރުގެ ދުވަހު ނޫސް 'މޫންލައިޓް’ގައި، 'ސިންގަޕޫރު މަނިކުފާނު ސިންގަޕޫރު ޖަލުގައި’، މިސުރުޚީގެ ދަށުގައި ޝާއިއުކުރެއްވިއެވެ. އަދި، އަޑު އިވޭގޮތުގައި، ޔާހުންބަރާސް ފައްތާލެވި އެއޮޑީގައި ޝަހީދުކޮށްލި 37 ދަތުރުވެރިންނަށާއި އަދި ޖަލަށްލެވި އަނިޔާކުރެވި، އަދި އެއަށްފަހު ސަލާމަތް ކުރެވުނު ދެ ބޭކަލުންނަށް، ދިނުމަށްޓަކައި، 3227672 ސިލޯނު ރުފިޔާ، ދިވެހި ސަރުކާރާ ހަވާލު ކުރެވުނެވެ. މި ފައިސާއާއި، ދިވެހި ސަރުކާރުގެ ފަރާތުން، ހަވާލުވެ ވަޑައިގަތީ އަލްއަމީރު މުހައްމަދު އަމީން ދީދީ ކަމަށްވެއެވެ. މިފައިސާ ހޯދަން، އޭގެ ބައެއް ހައްގުވެރީން ވަރަށް މަސައްކަތްކުރި ކަމަށް ވެސް ވެއެވެ. ނަމަވެސް، މި ފައިސާއިން، އެއްވެސް އެއްޗެއް، އޭގެ އެއްވެސް ހައްގުވެރިއަކަށް ލިބުނު ކަމަކަށް ނުވެއެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދައި، މިކަން އިތުރަށް ތަހުގީގު ކުރުން، އަޅުގަނޑު ހިތުން، ވަރަށް މުހިއްމެވެ. ހައްގުވެރި ފަރާތްތަކަށް އެމީހުންގެ ހައްގު ލިބިދިނުމަށްޓަކައެވެ. އަދި، ތާރީޚުން ފިލާވަޅު ލިބިގަނެ، މިފަދަ، ޚިޔާނަތްތެރި، އަދި ބޭއިންސާފީ އަމަލުތައް ތަކުރާރުވެ ނުދިޔުމަށްޓަކައި ވެސް މެއެވެ.

ޔާހުންބަރާސް

މިދެންނެވި ގައުމުތަކުގެ އިތުރުން، އިޓަލީއިން 360 މިލިޔަން ޔޫ.އެސް. ޑޮލަރު ދައްކަން ޖެހުނެވެ. ޔޫގޮސްލޭވިއަށާއި ސޯވިއެޓް ޔުނިއަންއަށާއި، އިތިއޯޕިއާއަށެވެ. އަދި ފިންލަންޑު އިން 300 މިލިޔަން ޔޫ.އެސް ޑޮލަރު، ސޯވިއެޓް ޔުނިއަނަށް ދައްކަންޖެހުނެވެ. އަދި ހަންގެރީއިން، 300 މިލިޔަން ޔޫ.އެސް ޑޮލަރު ދައްކަން ޖެހުނެވެ. ސޯވިއެޓް ޔުނިއަންއަށާއި ޗެކޮސްލެވޭކިޔާއަށާއި ޔޫގޮސްލޭވިޔާއަށެވެ. އަދި ރޫމޭނިޔާއިން 300 މިލިޔަން ޔޫ.އެސް. ޑޮލަރު، ސޯވިއެޓް ޔުނިއަނަށް ދައްކަންޖެހުނެވެ. އަދި ބަލްގޭރިއާއިން، 70 މިލިޔަން ޔޫ.އެސް. ޑޮލަރު، ޔޫނާނަށާއި ޔޫގޮސްލޭވިޔާއަށް، ދައްކަން ޖެހުނެވެ.

އިއްތިހާދީންގެ ތެރެއިން ދެވަނަ ބޮޑުހަނގުރާމައިގެ ގެއްލުމުގެ ބަދަލު ދިނީ ހަމައެކަނި އެމެރިކާއިންނެވެ. އެމެރިކާއިން އެބަދަލު ދިނީ ދެވަނަބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާގައި ބަންދުކުރެވެނު ޖަޕާނު ދަރިކޮޅުގެ އެމެރިކާގެ ރައްޔިތުންނަށެވެ. މިގޮތުން ބަންދުކުރެވުނު މީހުންގެ ތެރެއިން 1988ގައި ދުނިޔޭގައި ތިބި ކޮންމެ މީހަކަށް 20،000 ޔޫ.އެސް. ޑޮލަރު ދޭން، 1988ގައި އެމެރިކާގެ ރައީސްކަށް ހުންނެވި ރޮނަލްޑް ރޭގަން ނިންމެވިއެވެ.

އާދެ، މަތީގައި ހުށަހަޅާލެވުނީ ދެވަނަ ބޮޑު ހަނގުރާމައިގައި ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހުނު ގައުމުތަކާއި، އެބަދަލު ދޭން ޖެހުނު ސަބަބާއި އެބަދަލުގެ އަންދާޒީ ހިސާބަކާއި އަދި އެ ބަދަލު ލިބުނު ގައުމުތަކުގެ ވާހަކައެވެ. ކުރިންވެސް ނަންގަނެވި ދިޔަފަދައިން، 'ތާރީޚުން ފިލާވަޅެއް' މި ސިލްސިލާގެ ފުރަތަމަ ބައިގައި ބަލާލަން ގަސްދުކުރެވިފައި އޮތީ 'ޖަރުމަނުގެ ވާހަކަ’އިގެ މައްޗަށެވެ. އެބައިގައި ގެނެސްދޭން ގަސްދުކުރެވިފައި އޮތީ ދެވަނަ ބޮޑު ހަނގުރާމައިގައި ލިބުނު ބޮޑު ގެއްލުމަށްފަހު، ޖަރުމަނުން އެމީހުންގެ ގައުމު ބިނާކުރުމުގެ ވާހަކައެވެ. އަދި މިކަމުން ލިބެން އޮތް ފިލާވަޅުގެ ވާހަކައެވެ. ދެން ގެނެސްދެވޭ ބައިގައި މިކަމުގެ މައްޗަށް އަލިއަޅުވާލުމުގެ އުއްމީދުގައި މި ބައި ނިންމާލަމެވެ.