Support Us

ކޮލަމް ކޯދު: ޝޭކްސްޕިޔަރގެ ބަސްކޮޅެއް

ތިރީގައި އެވަނީ މަޝްހޫރު ލިއުންތެރިޔާ ވިލިއަމް ޝޭކްސްޕިޔަރގެ ލިޔުންތަކުގެ ތެރޭގައި ހިމެނޭ އޭނާގެ އެންމެ މަޝްހޫރު ބުނުންތަކުގެ ތެރެއިން ހޮވާލެވިފައިވާ ބުނުންކޮޅަކާއި އޭގެ މާނަކޮށްލުމެކެވެ.

  1. ’ދިރިހުންނަންވީތޯ ނުވަތަ ނޫންތޯ ކަނޑައަޅާލުމެވެ. ސުއާލަކީ މިއެވެ.'

މިހެން ބުނަނީ ހެމްލެޓެވެ. ހިތާއި ހިތާ އޭނާ ވާހަކަދައްކަމުންނެވެ. ހެމްލެޓުގެ ނަމުން ނަންދެވިފައިވާ ޝޭކްސްޕިޔަރގެ ތަމްސީލުގައެވެ. އަމިއްލައަށް މަރުވުމުގެ މައްޗަށް ހެމްލެޓު ވިސްނުމުގެ ނަޒަރެއް ހިންގާލަން ޖެހުނީ ކީއްވެހެއްޔެވެ؟ ދުނިޔެ އޭނައަށް ކުރިމަތިކުރުވި ބަދުނަސީބު ކަންތައްތަކުގެ ސަބަބުންނެވެ. އޭނާގެ ބައްޕަ މަރުވުމެވެ. އޭނާގެ ބޮޑުބޭބެ ބައްޕަގެ ވެރިކަން އަތުލުމެވެ. އޭނާގެ ބޮޑުބޭބެ އޭނާގެ މަންމައާ އިނުމެވެ. އަދި، މިކަންކަމާ މެދު ވިސްނާ ފިކުރުކޮށްލުމުން އޭނާގެ ބައްޕަ މަރާލީ ކަމުގައި އޭނާއަށް ޝައްކުކުރެވުމެވެ. އެކަމުގައި އޭނާގެ ބޮޑުބޭބެގެއާއި އަދި ޚުދް އޭނާގެ މަންމަގެ ވެސް އަތެއް އޮވެދާނެ ކަމަށް ހީކުރެވުމެވެ.

މަރުވުމާ ދޭތެރޭ ހެމްލެޓު ވިސްނިކަމުގައި ވިޔަސް، ފަހަރެއްގައި ވެސް، އަމިއްލައަށް މަރުވާން އޭނާ ގަސްދެއް ނުކުރެއެވެ. އޭނާގެ ދީން އެކަން މަނާކުރާތީއެވެ. މިތަނުގައި ޝޭކްސްޕިޔަރ ދޭން ބޭނުންވާ މެސެޖަކީ ކޮބައިހެއްޔެވެ؟ ބައެއް ފަހަރު، ހަޔާތް މެދުވެރިކުރުވާ ހިތާމަތަކަކީ އެ ހިތާމަތައް ބަރުދާސްތުކޮށް އުފުލަން ބޮޑު ކަމެކެވެ. އަދި، އެ ކަންކަމަށް ލުޔެއް ހޯދުމުގެ ގޮތުން ކުރެވޭނޭ އެއްވެސް ކަމެއް ވެސް ބައެއް ފަހަރު ނޭނގެއެވެ.

މިސާލަކަށް، ހެމްލެޓަށް ހީކުރެވޭ ފަދައިން، އޭނާގެ އަމިއްލަ ބޮޑުބޭބެއާއި އޭނާގެ އަމިއްލަ މަންމަ ބައިވެރިވެގެން އޭނާގެ ބައްޕަ މަރާލިކަމަށް ވަންޏާ، އެ މީހުންނާ ދޭތެރޭ ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެ މީހުންގެ ކިބައިން އޭގެ ބަދަލު ހިފައި އެމީހުންނަށް ގެއްލުމެއް ދިނުންވާނީ ހަމަ އަމިއްލަ ނަފްސަށް ދެވޭ ގެއްލުމަކަށް ނޫން ހެއްޔެވެ؟

ކޮންމެއަކަސް މަތީގައި އެވާ ހެމްލެޓުގެ ބުނުން އިޝާރަތް ކުރަނީ ހަޔާތް މެދުވެރިކުރުވާ މިނަންގަތް ފަދަ ހިތާމަވެރި، ބަދުނަސީބީ ކަންކަމަށެވެ. އަދި، އެފަދަ ހާލަތްތައް ކުރިމަތިވުމުން، އިންސާނާ ހަދާނެ ގޮތް ހުސްވެ، އެކަމުން ސަލާމަތްވުމުގެ ހަމައެކަނި މަގަކީ އަމިއްލައަށް މަރުވުމޭ ހިތަށް އަރާ ވަގުތުތައް ވެސް އަންނަކަމުގެ މައްޗަށެވެ.

ނަމަވެސް، އެ ފަދަ ހާލަތްތައް މެދުވެރިވުމުން ވެސް، އަމިއްލައަށް މަރުވުން އެއީ ހައްލަކަށް ނުވެއެވެ. އެފަދައިން ކަންތައްކޮށްފި ނަމަ، އެކަން ވާނީ ފިނޑި އަމަލަކަށެވެ. ހަޔާތުގެ ހަނގުރާމައިގައި ބަލިވިކަމަށެވެ. އެހެންވެ، އެފަދަ ބަދުނަސީބީ ހާލަތްތައް ކުރިމަތިވުމުން، އިންސާނުންނަށް އޮތީ ކެތްކުރުމެވެ. އަދި، އެ ހިތާމަތަކާ ކުރިމަތިލުމެވެ. މާނައަކީ އެކަމުން އަރައިގަނެ، ކުރިއަށް ދިޔުމެވެ. އާޚިރުގައި އެންމެން ވެސް މަރުވެ ނިމިދާނެއެވެ. މަރުގެ ވަގުތު އައުމުގެ ކުރިން، ތިމާގެ ހަޔާތް ނިންމާލުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.

  1. ’އެންމެން ދެކެ ވެސް ލޯބިވާށެވެ! ނަމަވެސް، މަދު ބައަކަށް ނޫނީ އިތުބާރު ނުކުރާށެވެ. އެހެން ވިޔަސް، ނަމަނަމަ، އެކަކަށް ވެސް އަނިޔާވެރިވެ ގޯސްކޮށް ކަންތައް ކޮށްގެން ނުވާނެއެވެ!'

މިއީ ވަރަށް ވެސް ސާދާ، އޭގެ މާނަ ދޭހަކޮށްލަން ފަސޭހަ ބުނުމެކެވެ. މި ބުނުމަކީ ޝޭކްސްޕިޔަރގެ 'އޯލްސް ވެލް ދެޓް އެންޑްސް ވެލް' [އެކަންކަމުގެ ނިމުން ރަނގަޅު ހުރިހާ ކަމެއް ވެސް ރަނގަޅެވެ]، މި ފޮތުގައި ރޫސިލޯން، ދުރު ހިސާބަކަށް ދާން އުޅޭ އޭނާގެ ދަރިފުޅަށް ނަސޭހަތްތެރިވުމުގެ ގޮތުން ބުނި ބުނުމެކެވެ.

އާދެ، އެއްވެސް މީހަކަށް ނަފުރަތު ނުކޮށް، އެންމެންނާ އެކު ވެސް އުޅެވޭތޯ ބަލަން ޖެހެއެވެ. ނަމަވެސް، އެންމެންނަކީ ތިމާ އިތުބާރުކުރާ ގާތް މީހުންނަށް ވާކަން ނުޖެހެއެވެ. އިތުބާރު ކުރަން ވާނީ ރަނގަޅަށް ދަންނަ، ތަޖުރިބާ ކުރެވިފައިވާ މަދު ބަޔަކަށެވެ. މީހުންނާ އެކުގައި އުޅުމުގައި ހަޔާތުގެ އެންމެ މުހިއްމު އުސޫލެއްކަމުގައި ބަލަންވާނީ މިއުސޫލެވެ. އެކަކަށް ވެސް ގޮސޯކޮށް ކަންތައް ނުުރުމުގެ އުސޫލެވެ. އެކަކަށްވެސް އިހާނެތިކޮށް ނުހިތުމުގެ އުސޫލެވެ. އެކަކަށް ވެސް އަނިޔާވެރި ނުވުމުގެ އުސޫލެވެ.

  1. ’ބާއްޖަވެރި ރެއަކަށް އެދެމުން ވަކިވަމެވެ! ބާއްޖަވެރި ރެއަކަށް އެދެމުން ވަކިވަމެވެ. ވަކިވުމަކީ ހާދަ މީރުކަމެއް ހިތަށް ލިއްބައިދޭ ހިތާމައެކެވެ.'

މި ބަސްކޮޅު ނެގިފައި ވަނީ ޝޭކްސްޕިޔަރގެ އެންމެ މަޝްހޫރު ލޯބީގެ ތަމްސީލު ކަމުގައިވާ ރޯމިޔޯ އެންޑް ޖޫލިއެޓް، މި ފޮތުންނެވެ. މަތީގައި އެވާ ބަސްކޮޅަކީ ބެލްކަނީގައި ހުރެ ރޯމިޔޯއާ ވަދާއުގެ ސަލާމްކުރަމުން ޖޫލިއެޓް ބުނާ ބަސްކޮޅެކެވެ.

މި ބަސްކޮޅުގެ މާނައަކީ ކޮބައި ހެއްޔެވެ؟ ވަކިވުން އެއްކޮޅުން 'މީރުވެރިފައި' އަނެއްކޮޅުން 'ހިތާމަވެރި' ވަނީ ކީއްވެގެން ހެއްޔެވެ؟ ދިމާ އިދިކޮޅު ދެ އިހުސާސެއް ލޯބިވެރިޔާއާ ވަކިވުން ގެނެސްދެނީ ކިހިނެއް ހެއްޔެވެ؟ އާދެ، ޝައްކެއްނެތް ގޮތުގައި ވަކިވުމަކީ ހިތާމަ މެދުވެރިކުރުވާ ކަމެކެވެ. ދެ ލޯބިވެރިން، ހަގީގީ ލޯތްބަކުން ގުޅިއްޖެ ނަމަ، އެދެނީ އަބަދުވެސް އެކުގައިވުމަށެވެ. އެހެންވެ، ވަގުތީ ވަކިވުމަކީ ވެސް، ހިތަށް ތަދުކުރުމާއި ހިތާމައިގެ އިހުސާސުތައް ގެނެސްދޭ ކަމެކެވެ. އެކަން، މީރުކަމާއި ލައްޒަތެއް، ހިތް ހަމަޖެހުމާއި އުފަލެއް، މިފަދަ އިހުސާސެއް ގެނެސްދެނީ ކީއްވެ ހެއްޔެވެ؟ އާދެ، ވަގުތީ ވަކިވުމަށް ފަހު، އަލުން ބައްދަލުވާނެ ކަމުގެ ވަރުގަދަ އުއްމީދެއް ކުރެވޭތީއެވެ. އެހެންވެ، އެ ވަގުތީ ވަދާއީ ސަލާން ވެގެން ދިޔައީ 'މީރުކަމާއި ހިތާމަ' ވެސް ގެނެސްދިން ކަމަކަށެވެ.

  1. ’ޒަމާނުގެ އޮށްތަކަށް ބަލާފައި، މިވެނި އޮށެއް ހެދޭނޭ ނޫނީ މިވެނި އޮށެއް ނުހެދޭނޭ ބުނަން އެނގޭ ނަމަ، ދެން، އަހަންނާ ވާހަކަދައްކާށެވެ!'

މި ބަސްކޮޅު ނެގިފައިވަނީ ޝޭކްސްޕިޔަރގެ މެކްބެތު މި ތަމްސީލުންނެވެ. މި ބަސްކޮޅަކީ ފޮތުގައި ބަންކުއޯ ސާހިރާއިންނާ މުޚާތަބުކޮށް ބުނާ ބުނުމެކެވެ. މި ބުނުމުގައި ޒަމާންނަކީ އޮށްތަކެއް ކަމުގައި ސިފަކުރެވިފައިވެއެވެ. އެ އޮށްތަކުގެ ތެރެއިން ފޯދި ހެދޭނީ ކޮންކޮން އޮށެއްތޯ ނޫނީ ނުހެދި މަރުވާނީ ކޮން އޮށް އޮށެއްތޯ ބުނާކަށް އެކަކަށް ވެސް ނޭނގޭނެއެވެ. ހަމަ އެފަދައިން، މުސްތަގުބަލުގައި ކަންވާނީ މި ވެނި ގޮތަކަށޭ ބުނާކަށް އެކަކަށް ވެސް ނޭނގޭނެއޭ ބަންކުއޯ މި ބަސަކޮޅުގައި ބުނެފައިވެއެވެ.

  1. އެއްޗެއް ބުނުމަކުން ނުފުދެއެވެ. އެއްޗެއް ބުނާ އިރު އެއީ ތެދު ހަގީގަތްކަމަށް ވާން ޖެހޭނެއެވެ.

މި ބުނުމަކީ ޝޭކްސްޕިޔަރގެ 'އަ މިޑް ސަމަރނައިޓް’ސް ޑްރީމް' (ހޫނު މޫސުމުގެ މެދުގެ [ރެއެއްގައި ފެންނަ] ހުވަފެނެއް) މި ފޮތުގައި ލައިސެންޑަރ ބުނާ ބުނުމެކެވެ.

މި ބުނުމުގެ މާނާ ސީދާވެފައި ސާދާއެވެ. އާދެ، އެ ބުނުމުގައި މަޖާޒީ މާނައެއް، ފޮރުވިފައިވާ ސިއްރެއް ނެތެވެ. އެ ބުނުމުގައި ބުނެފައި އޮތީ އެއްޗެއް ބުނަން ގަސްދުކުރާ ނަމަ، ހަމައެކަނި އެއްޗަކަށް އެއްޗެއް ބުނެގެން ނުފުދެއެވެ. އެއްޗެއް ބުނާ ނަމަ، ބުނަންވާނީ ހަގީގަތަށެވެ. ވާހަކަ ދައްކާ އިރު ވާހަކަދައްކަން ޖެހޭނީ ސީދަލަށެވެ. އެއްވެސް ދޮގެއް ނެތި، ތެދަށެވެ!

(މަތީގައި އެވާ ތަސްވީރު ގުޅެނީ ތިން ވަނަ ނަމްބަރުގައި އޮތް ބުނުމާއެވެ.)