Support Us

ކޮލަމް ކޯދު: "އެއީ ހައްގު ބަހެކެވެ. ނަމަވެސް، އެބަސް މެދުވެރިކޮށް ތި އެދިގަނެވެނީ ބާތިލުކަމެކެވެ."

މިއީ މުސްލިމުން ހަތަރު ވަނަ ޚަލީފާ އަލީގެފާނަށް ނިސްބަތްކުރެވޭ ބަސްފުޅެކެވެ. އެކަލޭގެފާނު މި ބަސްފުޅު ވިދާޅުވީ، ތަޙްކީމާ އިދިކޮޅު ހެދި ޚަވާރިޖުން އެ ތަޙްކީމަށް ކުރި އިންކާރު ތަބުރީރު ކުރުމަށް، އާދެ، ރަނގަޅު ކުރުމަށް، ބުނި ބަހާ ވިދިގެންނެވެ. އެކަމާ ވިދިގެން، އެމީހުން ބުނި لا حكم إلاّ لله މިބަހަށް، ދެއްވި ރައްދެއްގެ ގޮތުގައެވެ. ދެން، އަލީގެފާނު ވިދާޅުވީ كلمة حق أريد بها باطل މިފދައިންނެވެ. "އެއީ ހައްގު ބަހެކެވެ. އެބަސް މެދުވެރިކޮށް ބާތިލުކަމެއް އެދިގަނެވޭއެވެ." މާނައަކީ ހައްގު ބަހެއް ތިޔަ ބޭނުން އެ ކުރެވެނީ ހައްގު ގޮތެއްގައެއް ނޫނެވެ. އެ ބަސް ބުނުން ގުޅުން އެކަށީގެން ނުވާ މަގާމެއްގައެވެ. އަދި ކިއެއް ހެއްޔެވެ؟ އެ ބަސް ބޭނުންކޮށްގެން ނުރަނގަޅު ކަމެއް ތަބުރީރުކުރުމުގެ އެދުމުގައެވެ.

ތަހުކީމުގެ ހާދިސާއަކީ އެކަލޭގެފާނާއި މުއާވިޔާތުގެފާނާ ދެމެދުގައި ހިނގި ދެބަސްވުމާއި އަދި އެކަމާ ވިދިގެން ހިނގި އަހުލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، ކޮންމެ ބައެއްގެ ފަރާތުން 'ހަކަމެއް’، ގޮތެއް ނިންމާނޭ ބޭކަލަކު، އައްޔަނުކޮށް، އެބޭކަލުންގެ ނިންމުމާ އެއްގޮތަށް ކަންތައް ކުރުމަށެވެ. ނަމަވެސް، މި 'ތަހުކީމުގައި' ކަންތައް ނިމިގެން ދިޔައީ އެންމެ އެދެވޭ ގޮތަކަށް ނޫނެވެ. އަދި، އަލީގެފާނަށް ތާއީދުކުރި ބައެއް މީހުން އެދުނު ގޮތަކަށް ވެސް ނޫނެވެ. އެހެންވެ، އެ 'ތަހުކީމުގެ’، ގޮތް ކަނޑައެޅުމުގެ، މައްސަލައާ، ފަހުން، އޭގެތެރެއިން ބައެއް މީހުން، ނުރުހި، އަލީގެފާނާ ދެކޮޅުވެގަނެ، އަލީގެފާނަށް، އެމީހުން ދެންނެވިއެވެ. لا حكم إلا لله. މާނައީ މާތްﷲގެ ނިންމެވުން ފިޔަވައި އެހެން ނިންމުމަކަށް (ތަބާވުމެއް) ނޯންނާނެއެވެ. މި އިޝާރަތް ކުރަނީ ޔޫސުފު ސޫރަތުގެ 40 ވަނަ އާޔަތުގައި އޮންނަ إن الحكم إلا لله މި އިބާރާތަށެވެ. މާނައަކީ ހަމަކަށަވަރުން، (އަޅުކަމުގެ) ގޮތް ކިޔައި ނިންމުމުގެ ހައްގު މާތްﷲ ފިޔަވައި އެހެން އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. އަލީގެފާނަށް އެމީހުން ދެންނެވި ވާހަކަ ދެންނެވުމުން، އެކަލޭގެފާނު ވިދާޅުވިއެވެ. كلمة حق أريد بها باطل، އާދެ، ކުރިން ވެސް ނަންގަނެވި ދިޔަހެން، "އެއީ ހައްގު ބަހެކެވެ. އެބަސް މެދުވެރިކޮށް ބާތިލުކަމެއް އެދިގަނެވޭއެވެ."

އަލީގެފާނުގެ ރައްދު ބަސްފުޅުގެ މައްޗަށް ނަޒަރެއް ހިންގާލަމާ ހެއްޔެވެ؟ ޝައްކެއް ނެތެވެ. އެކަލޭގެފާނާ ދެކޮޅުވެގަތް ޚަވާރިޖުންގެ ބަޔަކު، އެ ބުނާ ބަހަކީ ހައްގު ތެދު ބަހެކެވެ. ކަންކަން ކުރުމުގައި މާތްﷲގެ އެންގެވުންތަކާ ޚިލާފެއް ނުވެވޭނެއެވެ. ނަމަވެސް، ޚަވާރިޖުންގެ މި މީސްތަކުން މި ބަސް، އެއީ ހައްގު ތެދު ބަހަކަށް ވިޔަސް، އެ ބޭނުން ކުރަނީ ނުބައި ނުރަނގަޅު މަގުސަދެއްގައެވެ. ވެރިޔާއާ ދެކޮޅުވެގަތުމަށް ބަހަނާއެއް ދެއްކުމުގެ ގޮތުންނެވެ.

މިފަދައިން ބަސްބުނެ މީސްތަކުން ކަންތައް ކުރުމަކީ ވަކީ ދުވަސް ވަރަކަށް ޚާއްސަވެގެންވާ ކަމެއް ނޫނެވެ. ހުރިހާ ޒަމާނެއްގައްޔާއި ހުރިހާ ތަނެއްގައި ވެސް، މިފަދައިން، އަމިއްލަ އެދުންތައް ހާސިލުކުރުމުގެ ބޭނުމުގައި ދީނީ ތައުލީމާތުތައް، އުނގަނައިދިނުންތައް، ބޭނުން ކުރެވެއެވެ. އެ ތައުލީމާތުތައް އޭގެ ސިޔާގުން ނެރި، އޭގެ ހަގީގީ މާނަ އަނބުރާލައި، އޮޅުވާލައިގެންނެވެ. އަލީގެފާނާ ދެކޮޅުވުމުގެ ގޮތުން، ޚަވާރިޖުންގެ ބަޔަކު މަތީގައި ނަންގަނެވުނު ހައްގު ބަސް ބޭނުންކުރި ފަދައިންނެވެ.

މިފަދަ މިސާލެއްގެ އަޑު ދާދި ފަހަކުން ވެސް އިވުނެވެ. އިސްލާމް ދީނުގައި އަވައްޓެރިންނާ ދޭތެރޭ ކަމޭހިތުމަށް ދެވިފައި އޮންނަ އޮތުން، އޭގެ ސިޔާގުން ބޭރުކޮށްގެން، އެކަމާ ނުގުޅޭ ކަމެއްގައި ބޭނުން ކުރިތަނެވެ. ޝައްކެއް ނެތް ގޮތުގައި، އިސްލާމް ދީނުގައި އަވައްޓެރިންނަށް ކަމޭ ހިތުމަށް ވަރަށް ބޮޑަށް ބާރުއެޅިފައި އޮވެއެވެ. އެކަމާ ބެހޭ އެއް ހަދީސްގެ މާނައިގައި އޮވެއެވެ. އަވައްޓެރިންނަށް ހެޔޮކޮށް ހިތުމަށް، ތިމަންކަލޭގެފާނުގެ އަރިހުގައި، ޖިބުރީލުގެފާނު ބާރު އެޅެއްވިލެއް ބޮޑު ކަމުން، އަވައްޓެރިންނަކީ ވާރުތަވެރިންކަމުގައި ވެދާނެހެން ވެސް ހީފުޅުވި ކަހަލައެވެ. އާދެ، އަވައްޓެރިންނަށް ކަމޭ ހިތުމަށް އެހާވެސް ބޮޑަށް ބާރުއަޅުއްވައި ޖިބުރީލުގެފާނު ސަލާމާއި ސަލަވާތްލެއްވި ރަސޫލާއަށް ދެންނެވިއެވެ.

އަވައްޓެރިންނަށް ކަމޭހިތުމަކީ އިސްލާމް ދީނުގެ އުނގަންނައި ދިނުމަކަށްވާތީ މިކަން، 'އިންޑިޔާ އައުޓު' ކެމްޕޭނާ ފުށުއަރާ ކަމަށް ބުނެ ދާދި ފަހުން ވާހަކަ ދެއްކި އަޑެއް އިވުނެވެ. މިތަނުގައި މުހިއްމީ އެ ވާހަކަ ނިކުތް އަނގައެއް ނޫނެވެ. އެވާހަކައަކީ ރަނގަޅު ވާހަކައެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާލުމެވެ.

ޝައްކެއް ނެތެވެ. އިންޑިޔާއަކީ އަވައްޓެރި ގައުމެކެވެ. ނަމަވެސް، މަތީގައި އޮތް 'އަވައްޓެރިންނަށް ކަމޭ ހިތުމުގެ' އުނގަންނައިދިނުމުގައި އިޝާރާތް ކުރާ ފަދަ އަވައްޓެރިއެއް ނޫނެވެ. އެހެން ވިޔަސް، އިންޑިޔާއަށް ވެސް، އަދި ޗައިނާއަށް ވެސް، ނޫނީ އެހެން ގައުމުތަކަށް ވެސް، އިހުތިރާމުކޮށް ކަމޭހިތަން ޖެހެއެވެ. ނަމަވެސް، އެއްވެސް ގައުމަކުން އެހެން ގައުމަކަށް ގެއްލުމެއް ދޭން އުޅެފި ނަމަ، ނުވަތަ އެކަމުގެ ތުހުމަތެއް ކުރެވޭ ނަމަ، އެކަމާ ދެކޮޅުހަދަން ޖެހެއެވެ. އެއީ އިންޑިޔާ ވިޔަސް، ނޫނީ ޗައިނާ ވިޔަސް ނޫނީ އެހެން ގައުމެއް ވިޔަސް ވެހެވެ. އެއްވެސް ގައުމަކަށް އެހެން ގައުމެއްގެ މިނިވަންކަމަށް އަރައިގަތުމުގެ ހުއްދައެއް ނޯވެއެވެ. ރަޝިޔާއާއި ޔޫކްރޭންއާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައަށް ނަޒަރެއް އެއްލާށެވެ. އަވައްޓެރި ދެ ގައުމެވެ. ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދީ، ޔޫކްރޭންގެ މިނިވަންކަމަށް އަރައި ގަތުމުން، ރަޝިޔާއަކީ ޔޫކުރޭންގެ އަވައްޓެރި ގައުމެކޭ ކިޔާފައި ޔޫކުރޭނުގެ މީހުން އަތް އުރާލައިގެން ތިބުމަކީ އަވައްޓެރިކަމުގެ ގުޅުން ނިޔާކުރާ ގޮތް ހެއްޔެވެ؟

ޝައްކެއް ނެތެވެ. ރަޝިޔާއިން ޔޫކުރޭނަށް އަރައިގަތް ފަދައިން އިންޑިޔާއިން ރާއްޖެއަކަށް އަރައެއްނުގަނެއެވެ. ނަމަވެސް، އިންޑިޔާއިން ދަނީ ރާއްޖޭގައި އެމީހުންގެ ބާރު ފަތުރަމުންނެވެ. އެއީ އެއާ މެދު މިހާރު ދެ ބަސް ނުވެވޭނޭ ހަގީގަތެކެވެ. އެމީހުންގެ އަސްކަރީ މަރުކަޒުތައް އެކި ނަންނަމުގައި ރާއްޖޭގައި އަޅަމުން އެބަދެއެވެ. އަދި، މިކަމުގެ ބޮޑު ޚަރަދެއް ކުރަން ޖެހެނީ ދިވެހި ރައްޔިތުންނަށެވެ. މިކަމާ ބެހޭ އެއްބަސްވުންތައް ނިމިގެން ދިޔައީ އެފަދަ ކަންކަން ކުރަން އޮންނަ ގާނޫނީ އަދި ޑިމޮކުރަސީ އުސޫލުގެ ދަށުން ކަމުގައި ނުބުނެވޭނެއެވެ. އެހެން ވިޔަސް، މިކަމަށް ތާއީދު ކުރާ ބަޔަކު އެބަ ތިއްބެވެ. އެއީ ވެސް އެއްވެސް އޮޅުމެއް ނެތް ކަމެކެވެ. ހަމަ އެހެންމެ، އިންޑީޔާގެ އަސްކަރީ ބާރު ރާއްޖޭގައި ފަތުރަމުންދާއިރު، އަނެއް ބައެއްގެ ނަޒަރުގައި މިކަމަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފާނެ ކަމެކެވެ. މިފަދައިން ދެކޭ މީހުންގެ ނަޒަރުގައި މީގެ ހެކިތައް ގިނަގުނައެވެ. އިންޑިޔާގެ އަވައްޓެރި ބައެއް އެހެން ގައުމުތަކާ މެދު އެމީހުން ކަންތައް ކުރި ގޮތެވެ. މިސާލަކަށް، މިނިވަން ދައުލަތެއްގެ ގޮތުގައި އޮތް ސިއްކިމް އެމީހުންގެ ބައެއްގެ ގޮތުގައި ހަދާލި ގޮތެވެ. އެމީހުންގެ އަސްކަރީ އަދި، އިގްތިސާދީ އަދި ޚާރީޖީ ބާރުގެ ދަށަށް ބޫޓާނު ގެނެސްފައިވާ ގޮތެވެ. ހަމަ މިފަދައިން ނޭޕާލާ ދޭތެރޭގައި ވެސް، އެމީހުން ކަންތައް ކުރަމުންދާ ގޮތެވެ. ކޮންމެއަކަސް، 'އިންޑިޔާ އައުޓު' ކެމްޕެއިން ހިންގާ މީހުންގެ ނަޒަރަކީ، އިންޑިޔާއާ ރާއްޖޭއާ ދެމެދު ވެވިފައި އޮތް– އެމީހުންގެ ނަޒަރުގައި– ޣައިރު ގާނޫނީ– އެއްބަސްވުމަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ކަމެކެވެ. އެހެންވެ، އިންޑިޔާގެ އަސްކަރީ ވުޖޫދު ރާއްޖޭގައި އޮތުމަށް ތާއީދުކުރާ މީހުންނަށް އެމީހުންގެ ގޮތް ފާޅުކުރުމުގެ މިނިވަންކަން އޮތް ފަދައިން، އެކަމާ ނުރުހޭ މީހުންނަށް ވެސް އެކަން ފާޅު ކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެއެވެ. މިފަދަ ކަމަކީ، އެކަމަށް ތާއިދުކޮށް ގޮވާ ކުލީ ގަލަންތަކާއި ސަންގުތައް ބުނާ ފަދައިން ބައިނަލް އަގުވާމީ އެއްވެސް މުއާހަދާއަކާ ޚިލާފުވާ ކަމެއް ކަމަކަށް ނުފެނެއެވެ. ތަނެއްގެ މިނިވަން ކަމަށް ބުރޫ އަރާފާނެކަމެއް ބަޔަކު ކުރާތަން ފެނުމުން، އެކަމާ ދެކޮޅު ހެދުން މަނާކުރަނީ ކޮން ބައިނަލް އަގުވާމީ އެއްބަސްވުމެއް ހެއްޔެއެވެ؟ ނުވަތަ ކޮން ބައިނަލްއަގުވާމީ ގާނޫނެއް ހެއްޔެއެވެ؟

ދެން، މިފަދައިން، ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފާނެ ހަރަކާތަކާ ދެކޮޅު ހެދުމަކީ އިސްލާމް ދީނުގައި އަވައްޓެރިންނަށް ކަމޭ ހިތުމުގެ ތައުލީމާތުތަކާ ފުށު އަރާނީ ކިހިނެއް ހެއްޔެވެ؟ ވަގުންގެ ޖަމާއަތަކާ ގުޅިގެން، އަވައްޓެރިއަކު ވައްކަން ކުރަން އުޅުމުން، އެކަން ހުއްޓުވުމަށް އަވައްޓެރިކަމުގެ ގުޅުން މަނާކުރާނީ ކިހިނެއް ހެއްޔެވެ؟ ޝައްކެއްނެތް ގޮތުގައި އެކަމާ އަވައްޓެރިކަމުގެ ގުޅުން ފުށެއް ނާރާއެވެ. އެކަން ހުއްޓުވުމަކަށް ވެސް އަވައްޓެރިކަމުގެ ގުޅުން ހުރަހެއް ނާޅައެވެ.

އެފަދަ ވާހަކަތައް ދައްކަނީ، އާދެ، އިންޑިޔާ އައުޓު ކެމްޕޭނަކީ އަވައްޓެރި ކަމުގެ ގުޅުމާ ފުށުއަރާ ކަމެކޭ ބުނެ ވާހަކަ ދައްކަނީ، ނުވަތަ ލިޔެ ހަދަނި، ތަހުކީމުގެ ނަތީޖާގެ މައްސަލައިގައި ޚަވާރިޖުން ނުރުހި އަލީގެފާނާ ދެކޮޅުވެގަނެ، ޚަވާރިޖުންގެ ބައިގަނޑު ވާހަކަ ދެއްކި ފަދައިންނެވެ. އަމިއްލަ ވަކި ބޭނުމެއްގައެވެ. އަމިއްލަ ބޭނުމެއް ފުއްދުމައްޓަކައި، ނުރަނގަޅު ގޮތެއްގައި، ހައްގު ބަހެއް ބޭނުންކުރާށެވެ. ކޮންމެހެން އިސްލާމީ ތައުލީމާތުތައް މަތިވެރިވެ، އެކަން ބަޔާންކޮށްދޭ ކަށެއް ނޫނެވެ. ކޮންމެ އެއްޗެއް ކިޔައިގެން ނަމަވެސް، ފަނަރަވަރަކަށް އަހަރުވަންދެން، ކެނޑި ނޭޅި ކުރި މަސައްކަތް– އިންޑިޔާގެ މުށުގެ ތެރެއަށް ރާއްޖެ ލުން – އެކަން ހަގީގަތަކަށް ހަދާލުމައްޓަކައެވެ. އެބަޔަކު މަސައްކަތް ކުރާނީ އެބައެއްގެ ވަލާއު (ހިތުގެ ތެދުވެރިކަމާއި ވަފާތެރިކަން، އެލީޖިއަންސް، ލޯޔަލްޓީ) އެމީހުންގެ މައްޗަށް އޮތް ބައެއްގެ ހައްގުގައިތާއެވެ. އެފަދައިން ކަންތައް ކުރަމުންދާއިރު، ކީރިތި ގުރުއާނުގައި ޣަދަރުވެރި، ޚިޔާނަތްތެރި މުނާފީގުންނާ ބެހޭ ގޮތުން އޮންނަ ބުނުން މިފަދަ މީހުން ވެސް ބުނަމުންދެއެވެ. "އަހަރުމެންނަކީ މުސްލިހުންނެވެ، އިސްލާހުކުރަން އުޅޭ ބައެކެވެ." ނަމަވެސް، އެފަދަ މީހުންގެ ހަގީގަތް ކީރިތި ގުރުއާނުގައި ވަރަށް ސަރީހަކޮށް، ވަރަށް ސާފުކޮށް ބަޔާން ކުރެވިފައި އޮވެއެވެ. ألا إنهم هم المفسدون ولكن لا يشعرون. "ދަންނާށެވެ! ހަމަ ކަށަވަރުން އެ މީހުންނަކީ ފަސާދަ އުފައްދައި [ތަން ފަސާދަކޮށް ހަލާކުކޮށްލާ] ބައެކެވެ." [އެންމެ ކުޑަ މިނުން] މިކަންވެސް އެމީހުންނަށް ނުވިސްނެއެވެ."