Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ރަސްގެފާނުގެ ރަސްދަނބި ދަރިކަލުން

މި ދުވަސްކޮޅު ރަސްގެފާނުގެ އެންމެ ފިކުރުފުޅު ބޮޑުވާ މައްސަލައަކީ ރަސްގެފާނުގެ ދަރިކަނބަލުންގެ މައްސަލައެވެ. އެ ދަރިކަނބަލަކީ ވަރަށް ވެސް ރީތި ބޭފުޅެކެވެ. ރަސްގެފާނުގެ ހުރިހާ ވެސް އެދުންފުޅަކީ އެ ދަރިކަނބަލުން ވީހާ ވެސް އަވަހަކަށް ކައިވެނިފުޅު ބައްލަވައިގަތުމެވެ. ފަހަރެއްގައި ވެސް، ރަސްދަނބިދަރިކަލެއްގެ ގޮތުގައި މުއްސަންޖަކު ނޫނީ މަތީ ދަރަޖައިގެ ބޭފުޅެއް ރަސްގެފާނު ބޭނުންފުޅުއް ނުވެއެވެ. ނަމަވެސް، ރަސްދަނބި ދަރިކަލެއްގެ ގޮތުގައި ރަސްގެފާނު ބޭނުންފުޅުވަނީ ހެޔޮލަފާ ސާލިހު މީހެކެވެ.

ކޮންމެއަކަސް ރަސްގެފާނު ބޭނުންފުޅުވާ ކަހަލަ ރަސްދަނބިދަރިކަލަކު ހޯދުމަށްޓަކައި، ރަސްގެފާނުންގެ އަރިސް ބޭކަލުން ރަށުތެރެއަށް ފޮނުއްވިއެވެ. މި ބޭކަލުން ގަސްދުކުރެއްވީ ރަށު ބޮޑު މިސްކިތަށް ގޮސް މިސްކިތުގައި ތިބި ޒުވާން އަޅުވެރިންނަކީ ކޮބައިތޯ ބަލައި، ރަސްގެފާނުގެ ރަސްދަނބިދަރިކަލެއްގެ ގޮތުގައި އެތަނުން ރަނގަޅު ކުއްޖަކު ހޯދުމެވެ. ދެން، އިޝާ ނަމާދު ވެސް ނިމޭ ވަގުތު ބަލާފައި ރަށުގެ ބޮޑު މިސްކިތް ދޮށަށް އެ ބޭކަލުން ވަޑައިގަތެވެ.

އެ ބޭކަލުންނަށް މިސްކިތް ދޮށަށް ވަޑައިގެންނެވުނު އިރު، މިސްކިތް ހުރީ ބަންދުކޮށްފައެވެ. މިސްކިތުގައި އަގު ބޮޑެތި ބައެއް ތަކެތި ހުރުމުން، އިޝާ ނަމާދަށް ފަހު، ގަޑިއެއްހާއިރު ފަހުން، މިސްކިތް ބަންދުކުރަނީއެވެ.

އެ ވަގުތު ރަށުގެ ބޮޑެތި ވަގުންގެ ތެރެއިން ވަގަކު، ދަނޑިވަޅު ބަލާފައި، މިސްކިތުގެ ފުރާޅުން ޓިނު ނަގައި މިސްކިތަށް ވަދެ ހުއްޓެވެ. މިސްކިތުގައި ހުރި ބައެއް ސާމާނު ވަގަށް ނެގުމުގެ ނިޔަތުގައެވެ. ވަގު ކަލޭގެއަށް ކަމެއް ނުކުރެވިގެން އުޅެނިކޮށް އޭނައަށް އަޑު އިވުނީ ބަޔަކު މިސްކިތު ބޭރުގައި އުޅޭ ތަނެވެ. ވަގުކަލޭގެ ބިރުން ހަދާނެ ގޮތެއް ނޭނގި ހިނދުކޮޅަކު ހުރެފައި، މިހުރާބާ ދިމާއަށް ހިނގައިގަތެވެ. އަދި، ނަމާދުކުރަން ފެށިއެވެ.

ރަސްގެފާނު ފޮނުއްވި ބޭކަލުން، މިސްކިތުގެ ކުޑަދޮރުން އެތެރެ ބަލައިއިރު، އެއްކަލަ ވަގުކަލޭގެ ނަމާދުކުރަން ހުއްޓާ ފެނުނެވެ. އެ ބޭކަލުން ހީކުރެއްވީ މިވާނީ ވަރަށް ވެސް ހެޔޮ ލަފާ ދީީންވެރި ޒުވާނަކަށެވެ. މިސްކިތް ބަންދުކުރާ ގަޑި ޖެހުނު އިރު ވެސް އަޅުކަމުގައި އޭނާ ދެމިހުރީ ކަމަށެވެ. ދެން، މިސްކިތުގެ މުދިމު ކައިރިއަށް ފޮނުވައިގެން މިސްކިތުގެ ތަޅުދަނޑި ގެނެސް، މިސްކިތް ހުޅުވައިގެން މިސްކިތަށް އެބޭކަލުން ވެންނެވިއެވެ.

ދެން، އެބޭކަލުންނަށް ފެނިލެއްވި ޒުވާން އަޅުވެރިޔާ ކައިރިއަށް ގޮސް، ސަލާންގަލާންކޮށްލުމަށް ފަހު، ރަސްގެފާނުގެ ދަރުބާރަށް އައުމަށް އޭނާ ކުރެން އެދުނެވެ. ރަސްގެފާނުގެ ދަރިކަނބަލުންނާ ކައިވެނީގެ ގޮތުން ގުޅުމަށް، ރަސްގެފާނު ބޭނުންފުޅު ވަނީ އަޅުވެރިއެއްކަމާއި އަދި، އެ ޒުވާނާއަކީ އެކަހަލަ މީހެއް ކަމުގައި ވެސް އެ ބޭކަލުން ވިދާޅުވިއެވެ.

ދެން، ވަގުކަލޭގެ، އާދެ، އެއްކަލަ ބޭކަލުން ދެކެވަޑައިގެންނެވި ގޮތުގައި ހެޔޮލަފާ ސާލިހު އަޅުވެރިޔާ، ރަސްގެފާނުންގެ ދަރުބާރަށް ގެންދެވުނެވެ. އަދި، އޭނާއަކީ ވަރަށް ވެސް އަޅުވެރި ޒުވާނެއްކަމާއި، ރޭގަނޑުގެ ބޮޑު ބައެއް އަޅުކަމުގައި މިސްކިތުގައި އުޅޭ ވާހަކަ ވެސް އެ ބޭކަލުން ރަސްގެފާނުގެ އަރިހުގައި ދެންނެވިއެވެ.

ދެން، ވަގުކަލޭގެ ހިތާހިތާ ބުންޏެވެ. "އިންސާނުންގެ ތެރެއިން، ގިނަ މީހުންނަށް މީހުންގެ ހަގީގީ އަގު ވަޒަންކުރަން ނޭނގެއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ މީހުންގެ އަގު ވަޒަންކުރުމުގައި، ގިނަ ފަހަރަށް އެމީހުންނަށް ބެލެނީ ހަމައެކަނި މީހާގެ ބޭރުފުރަށެވެ. މިހެން ކަންތައް ކުރެވެނީ އެމީހުންގެ ކިބައިގައިވާ ކަންނެތް ކަމަކުންނެވެ. ކަންކަމާ ދޭތެރޭ ރަނގަޅަށް ވިސްނައި ފިކުރުކުރުމަކީ މާ ބޮޑު ކަމެއްކަމުގައި ދެކި، ބޭރުފުށުން ފެންނަ އެއްޗަކުން ފުއްދާލެވޭތީއެވެ. އެހެންވީމާ، ޝައްކެއް ނެތް ގޮތުގައި، އަހަރެން ފަދަ 'އަޅުވެރިން' މިސްކިތްތަކުން ވަރަށް ފަސޭހައިން ފެންނާނެއެވެ. އަހަރުމެން ފަދަ 'އަޅުވެރިންގެ' ހަގީގަތް މީސްތަކުންނަށް އޮޅުވާލެވިދާނެއެވެ. ނަމަވެސް، އަހަރުމެންގެ ސާހިބުވަންތަ ރަސްކަލާނގެއަކަށް އަހަރުމެންގެ ހަގީގަތެއް ނުފޮރުވޭނެއެވެ. އަހުރެންގެ ހަގީގަތް އެ ކަލާނގެ ދެނެވޮޑިގެންވީއިރު ވެސް، އަދި، އަހަރެން މިސްކިތުގައި ކުރި އެ ނަމާދަކީ ދެއްކުންތެރި ބާތިލު ނަމާދެއް ކަމުގައިވީއިރު ވެސް، އެކަލާނގެ އަހަރެން ސަލާމަތް ކުރައްވައި، އަހަންނަށް ހެޔޮ ގޮތް މެދުވެރިކުރެއްވިއެވެ. އެހެން ކަމަށްވާއިރު، ތެދު ނިޔަތުގައި އަޅުކަންކޮށް ހަގީގަތުގައި ވެސް ހެޔޮލަފާ ގޮތް ޚިޔާރުކޮށްގެން އުޅޭ ސާލިހު އަޅުވެރިނަށް އެކަލާނގެ އެތައްއެތައް ނިއުމަތްތަކެއް ދެއްވާނެތާއެވެ!"