Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ފަނޑުހިޔަނި ހަނދުކޭތައެއް ހުކުރު ދުވަހުގެ ރޭ

އަންނަ ހުކުރު ދުވަހުގެ ރޭ މާލެއަށް ހަނދުކޭތައެއް ހިފާނެއެވެ. އެ ރޭ 08:14 ގައި ކޭތައެއް ހިފާން ފަށައެވެ. ކޭތަ ފުރިހަމަ ވާނީ އެރޭގެ 10:22 ގައެވެ. ކޭތަ ވީއްލާނީ އެ ރޭ 12:31 ގައެވެ.

މި ކޭތައަކީ ފަނޑުހިޔަނި ކޭތައެކެވެ. އެއީ، ހަމަލޮލަށް ފެންނަ ކޭތައެއް ނޫނެވެ. ބަލާ ބެލުމެއްގައި ހަނދުގެ ޢާއްމު އަލިކަމަށް ކުޑަކުޑަ ފަނޑުކަމެއް ވެރިވެލާ ވެރިވެލުމެއް ފިޔަވައި ކޭތަ ހިފުމުގެ ސަބަބުން ހަނދަށް އަންނަ ބަދަލެއް ފާހަގަކުރެވޭ ވަރެއް ނުވާނެއެވެ.

ލޮލަށް ފެންނަ ކޭތައިގެ ބާވަތަކީ ކަޅުހިޔަނި ކޭތައެވެ. ކަޅުހިޔަނި ކޭތައެއްގައި ދުނިޔޭގެ ހިޔަނީގެ ތެރެއަށް ހަނދު ވަންނަމުންދާ ވަގުތު ފެންނާނީ ހަނދުން ބައެއް އުނިވަމުންދާ ޒާތެއްގައެވެ. އެކަމަކު ކޭތަ ވަކި ވަރަކަށް ހިފުމުން ހަނދު ފެންނާނީ ރަތްކުލައިގައެވެ.
އެހެންކަމަށްވާތީ އަންނަ ހުކުރު ދުވަހުގެރޭ ހިފާ ހަނދު ކޭތަ ހަމަ ލޮލަކަށް ފާހަގައެއް ނުވާނެއެވެ.

މިއަހަރު އޮކްޓޯބަރު 28 ގައިވެސް ހިފަނީ ފަނޑުހިޔަނި ކޭތައެކެވެ. އަދި އަންނަ އަހަރުގެ ސެޕްޓްބަރު 18 ގައިވެސް ހިފާނީ ފަނޑުހިޔަނި ކޭތައެވެ.

ފުރިހަމަ ހަނދުކޭތައެއް އެންމެ އަވަހަށް ވެސް މާލެއަށް ފެންނާނީ 2025 ސެޕްޓެމްބަރު ހަތް ވަނަ ދުވަހުގެ ރޭގައެވެ.