ޔުކްރޭން ހަނގުރާމައިގެ ސަބަބުން އަންނަމުންދާ ޖިއޯ- އިސްތިރާތީޖީ ބަދަލުތަކާއި އެފްރިކާގައި އަތްގަދަކުރުމަށް ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިފައިވާ "ދިލަގަދަ" ވާދަވެރިކަމުގެ މައިދާނަށް ވަނުމަށް ޖަޕާނުވެސް މަސައްކަތް ކުރަމުންދާތަން ފެނެއެވެ. ޖަޕާނުން އެފްރިކާގެ ބަރޫދުގެތެރެއަށް ނުފޫޒުފޯރުވުމަށް ފެށި މަސައްކަތަށް އެމެރިކާގެ ތާއީދު ވަނީ ލިބިފައެވެ. އެމެރިކާ ދެކޭގޮތުގައި އެފްރިކާ ބައްރުގައި ފެތުރެމުންދާ ޗައިނާގެ ނުފޫޒާ ކުރިމަތިލުމަށް ޓަކައި އެމެރިކާއާއެކު ޖަޕާނުން މަސައްކަތް ކުރުމަކީ އެމެރިކާ އެކަމަށް މަރްޙަބާ ކިޔާ ކަމެކެވެ.
ޖަޕާނުގެ ބޮޑުވަޒީރު ފޫމިޔޯ ކެޝީޑާ އެފްރިކާގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއް މީގެ ދެދުވަސް ކުރިން ވަނީ ފަށްޓަވައިފައެވެ. އޭނާ މި ދަތުރުފުޅު ފެށްޓެވީ މިޞްރުންނެވެ. ޖޕާނުގެ ބޮޑުވަޒީރު މި ދަތުރުފުޅުގައި ޒިޔާރަތް ކުރައްވާނީ ގާނާއަށާއި ކެންޔާއަށާއި މޮޒަމްބީގަށެވެ.
މިޞްރުގައި ހުންނަވާ ޖަޕާނުގެ ސަފީރު އޯކާ ހިރޯޝީ މެދުއިރުމަތީގެ ނޫސް އޭޖެންސީއަށް ހާމަކުރެއްވި ގޮތުގައި މިޞްރުގައި ބޮޑުވަޒީރު ކެޝީޑާ ބަހުސްކުރައްވައިފައި ވަނީ ޖަޕާން- މިޞްރު ގުޅުންތައް ބަދަހިކުރުމާ ބެހޭގޮތުންނެވެ. ޚާއްޞަ ގޮތެއްގައި އިސްކަންދެއްވައިފައި ވަނީ ހަކަތައިގެ ދާއިރާއަށާއި ބިނާރަށާއި ދަނޑުވެރިކަމަށާއި ކާބޯތަކެއްޗާއި ތަޢުލީމަށާއި ފަތުރުވެރިކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަޕާނުން ބަލަމުން މި ދަނީ މިޞްރުގައި ހުރި ވުނަކުރުމުގެ ފުރްޞަތުތަކަށާއި މިޞްރުގެ ބާޒާރުގެ ޤާބިލުކަމަށާއި ފަހިކަމަށާއި ދެމެހެއްޓެނިވި ހަކަތައިގެ މައިދާނަށާއި މިޞްރުގައި ހުރި ޤުދްރަތީ މުއްސަނދިކަމަށާއި މިޞްރުގައި މަސައްކަތްތެރި އަތްތަކަށެވެ.
މި ދިޔަ އަހަރު ޖަޕާނުން ހާމަކުރިގޮތުގައި އެފްރިކާގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޓަކައ 30 ބިލިއަން ޑޮލަރު ޚާއްޞަ ކުރެވޭނެއެވެ. މީގެއިތިރަށް ކާބޯތަކެތީގެ މަޝްރޫޢުތަކަށް ޓަކައި 130 މިލިއަން ޑޮލަރާއި ކާބޯތަކެތީގެ މައިދާނުގައި އެހީވުމަށް ޓަކައި 300 މިލިއަން ޑޮލަރު ޓޯކިޔޯއިން އެފްރިކާގެ ތަރައްޤީއާ ބެހޭ ބޭންކަށް ދެވޭނެއެވެ. މީގެއިތުރަށް ޖަޕާނު ބުނާގޮތުގައި އެފްރިކާގައި ދެމެހެއްޓެނިވި ތަރައްޤީއަށާއި މާލީ އިޞްލާޙުތަކަށް ޓަކައި އެފްރިކާގެ ތަރައްޤީއާ ބެހޭ ބެންކަށް ފަސް ބިލިއަން ޑޮލަރުގެ ދަރަންޏެއް ދެވޭނެއެވެ. މީގެއިތުރަށް ފެހި އިޤްތިޞާދަށާއި ކަރބަން ވިސަޑު ނައްތައިލުމަށް ޓަކައި ރޭވޭ މަޝްރޫޢުތަކަށް ޖަޕާނުން ހަތަރު ބިލިއަން ޑޮލަރު ޚާއްޞަ ކުރާނެއެވެ. މިއީ މިދިޔަ އަހަރު ތޫނިސްގައި ބޭއްވުނު ޓޯކިޔޯ މަހާސިންތާގައި ޓޯކިޔޯއިން ކަށަވެތިވެފައިވާ ކަމެކެވެ.
ޖަޕާނު މާ ފަހަތުގައި
އަސާސީ އިސްތިރާތީޖީއަށް ބަލާއިރު އެފްރިކާގައި ޖަޕާނު އޮތީ ބޮޑެތި ޤައުމުތަކުގެ ރޭހުގައި މާ ފަހަތުގައިކަމށް ދށާރިސުން ވިދާޅުވެއެވެ. ޗައިނާއަށް ބަލާއިރު 2019ގެ ތަފާސްހިސާބުތައް ބުނާގޮތުގައި އެފްރިކާގެ އެކްސްޕޯޓާއި އިމްޕޯޓުގައި ޗައިނާގެ ޙިއްޞާ ވަނީ 20% ފަހަނަޅައިގޮސްފައެވެ. އދ ގެ ރިޕޯޓުތައް ބުނާގޮތުގައި ޖަޕާނުގެ ޙިއްޞާ 3% އަށް ވެސް ނާރައެވެ.ޗައިނާގެ މަގާއި ކަމަރު މަޝްރޫޢުގެ ދަށުން ޗައިނާއިން ވަނީ އެފްރިކާގެ ބިނާރުތައް ތަރައްޤީ ކުރުމަށް ޓަކައި 140 ބިލިއަން ޑޮލަރު ވުނަކޮށްފައެވެ. ޖަޕާނުގެ ވަޢުދުތަކުގެތެރޭގައި ހިމެނެނީ އެންމެ ތިން ބިލިޔަނެވެ.
މަޣްރިބުގެ ކަސަބްލަންކާގެ ދެވަނަ ޙަސަން ރަސްގެފާނު ޔުނިވަރސިޓީގެ އިޤްތިޞާދާ ބެހޭ ޕްރޮފެސަރެއް ކަމުގައިވާ ބަދްރުއް ޒާހިރު ވިދާޅުވާ ގޮތުގައި ޖަޕާނުން މަސައްކަތް ކުރަނީ އެ ޤައުމުގެ އިޤްތިޞާދީ މަޞްލަޙަތުތައް ރައްކައުތެރިކުރެވޭތޯއެވެ. އޭނާ ވިދާޅުވިގޮތުގައި ޓޯކިޔޯ ދެކޭގޮތުގައި އެފްރިކާއަކީ ކުރިމަގު ތަނަވަސް ބާޒާރެކެވެ. ލަފާކުރެވޭ ގޮތުގައި 2050ށް ދާއިރު އެފްރިކާގެ އާބާދީ 2.2 ބިލިއަނަށް އިތުރުވެގެންދާނެއެވެ. އަދި 2025ށް ދާއިރު އެފްރިކާގެ އިޤްތިޞާދީ ވޮލިޔުމް ފަސް ޓްރިލިޔަނަށް ހެދިބޮޑުވެގެންދާނެއެވެ.
އައްޒާހިރު ވިދާޅުވާ ގޮތުގައި އެފްރިކާގައި ޖަޕާނަކީ ރިވެތި ސަނާ ލިބިގެންވާ ޤައުމެކެވެ. އެ ޤައުމުން އެފްރިކާގެ ޤައުމުތައް ދަރުވާކަށް ނޫޅެއެވެ. ޖަޕާނުން މަސައްކަތް ކުރަނީ ތަރައްޤީއަށެވެ.
ޗައިނާ ޖަޕާން ވާދަވެރިކަން
ޖަޕާނު ދެކޭގޮތުގައި ޗައިނާއަކީ އިސްތިރާތީޖީ ގޮންޖެހުމެކެވެ. އެއީ އެ ޤައުމުގެ އަމްނަށާއި ސަރަޙައްދީ އަމްނަށް އޮތް ބޮޑު ބިރެކެވެ. މިހެންވެ ޖަޕާނުން ވަނީ އެ ޤައުމުގެ ދިފާޢީ ބަޖެޓް 80 ބިލިއަނަށް ބޮޑުކޮށްފައެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ޖަޕާނުގެ ބަޖެޓް މިހާ ބޮޑުކުރެވުނު ފުރަތަމަ ފަހަރެވެ. މި ބަޖެޓްގެ ސަބަބުން ދުނިޔޭގައި ޢަސްކަރީ ބަޖެޓް އެންމެ ބޮޑު ތިންވަނަ ޤައުމަށް ޖަޕާނުވެގެންދާނެއެވެ. ބޭޖިންގުން މި ކަން ކުށްވެރިކުރެއެވެ.
މިޞްރުގެ ޕްރޮފެސަރެއްކަމުގައިވާ ޑރ. ނޫރުހާން އައްޝައިޚު ވިދާޅުވާ ގޮތުގައި ޖަޕާނުގެ ބޮޑުވަޒީރުގެ އެފްރިކާ ދަތުރުފުޅަކީ އެމެރިކާއާއި ހުޅަނގުން އެފްރިކާ ބަރޫދުގައި ކުޅެމުންދާ ދައުރު ފުރިހަމަކޮށްދޭނެ ކަމެކެވެ. ޖަޕާނަކީ އެމެރިކާގެ ގާތް އެކުވެރިއެކެވެ.
އައްޝައިޚު ވިދާޅުވާގޮތުގައި ޖަޕާނުން މިހާރު ކުޅެން މި އުޅެނީ ޖަޕާނުގެ ކުރީގެ ސިޔާސަތާ ޚިލާފު ދައުރެކެވެ. މި ދައުރުގެ އަމާޒަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ޖަޕާނުގެ ނުފޫޒު ވަރުގަދަކުރުމެވެ. ޗައިނާއާ ވާދަކުރުމެވެ.
ރަޝިޔާއާއި ޗައިނާގެ ނުފޫޒު އެފްރިކާގައި ގަދަވެ ފެތުރެމުންދާތީ މި ކަމާދެކޮޅަށް އެމެރިކާއާއި ހުޅަނގުން ކުރާ މަސައްކަތްތަކަށް ވާގިވެރިވުމެވެ. މި ދިޔަ އަހަރު އެމެރިކާއިން ވޮޝިންގްޓަންގައި އެމެރިކާ– އެފްރިކާ ސަމިޓެއް ބޭއްވިއެވެ. މި ސަމިޓްގައި އެފްރިކާގެ ވަރަށް ގިނަ ޤައުމުތަކެއް ބައިވެރިވިއެވެ. މި ސަމިޓްގައި އެމެރިކާއިން ވަނީ އެތައް ބިލިއަން ޑޮލަރުތަކެއް އެފްރިކާގެ ތަރައްޤީއަށް ޓަކައި ވުނަކުރާނެ ކަމަށް ވަޢުދުވެފައެވެ.



advertisment