Support Us

އެމެރިކާގެ ކުރީގެ ރައީސް ކްލިންޓަން ރާއްޖޭގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ. 29 މޭ 2005 (ފޮޓޯ: މުހައްމަދު ޝަހީބު)

ރައީސް ކްލިންޓަނާ އިންޓަވިއުކޮށް ފޮޓޯ ނެގުން: ހިތުން ނުފިލާނެ ތާރީޚީ ހިނދުކޮޅެއް

މިއީ އަޅުގަނޑުގެ ނޫސްވެރިކަމުގެ ރަން ތިރީސް އަހަރުގައި އަޅުގަނޑު އެންމެ އުފާވި ހިނދުކޮޅުގެ ތެރޭގައި ނަގައިފައިވާ ފޮޓޯއެކެވެ. ފޮޓޯގައި އެ ހުންނެވީ އެމެރިކާގެ 42 ވަނަ ރައީސް ބިލް ކްލިންޓަނެވެ. ފަހަތުން، އެމަނިކުފާނުގެ ކަނާތްފަޅިން އެ ފެންނަނީ ދިވެހި ގައުމީ ދިދަ އެވެ. ވާތް ފަރާތުން ޔޫ.އެންގެ ދިދައެވެ. އެ މަނިކުފާނުގެ ކުރިމަތިފުޅުގައި އިންނާނީ އަޅުގަނޑެވެ.

އެއީ 29 މޭ 2005 އެވެ. މީގެ 18 އަހަރު ކުރިއެވެ. ސުނާމީ އަރައި، ރާއްޖޭގެ އެތައް ބަޔަކު މަރުވެ، އެތައް މުދަލަކާއި އެތައް ރަށެއް ފުނޑުފުނޑުވެގެން ދިއުމުން، ސުނާމީގައި ގެއްލުންވި ގައުުމުތައް އަލުން ބިނާކުރުމަށް އދ. އިން ހިންގާ މަޝްރޫގައި، އދ.ގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކްލިންޓަން ރާއްޖެ ޒިޔާރަތްކުރެއްވި ދުވަހެވެ. (ހަމަ އެ އަހަރު ފެބްރުވަރީ 21 ގައި ވެސް ކްލިންޓަނާއި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް ރާއްޖެ ޒިޔާރަތް ކުރެއްވި އެވެ. ނަމަވެސް އެ ފަހަރު މީޑިއާއާ ބައްދަލެއް ނުުރައްވައެވެ. އދ.ގެ ހާއްސަ މަންދޫބުންގެ ގޮތުގައެވެ.)

އެމެރިކާގެ ރައީސަކު ނުވަތަ އެމެރިކާގެ ކުރީގެ ރައީސަކާ އިންޓަވިއުކޮށްލުމަކީ ނޫސްވެރިއަކަށް ވީތީ އަޅުގަނޑު އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އަޅުގަނޑު އަބަދުމެ މަސައްކަތް ކުރަމެވެ. ނަމަވެސް، ހުވަފެންތަކުގައި ކުލަނުޖެހި ދަނިކޮށް، ކްލިންޓަން ރާއްޖެ ވަޑައިގަންނަވާކަން އިއުލާން ކުރެވުނެވެ. އަދި ކުރުނބާ މޯލްޑިވްސްގައި ކްލިންޓިން ނޫސްވެރިންނާ ބައްދަލުކުރައްވާނެކަން ވެސް އިއުލާންކުރެވުނެވެ. އެކަމަކު އަޅުގަނޑަކީ ހަވީރުގެ ސްޕޯޓްސް އެޑިޓަރަށް ވާތީ، ބޭރު ގައުމެއްގެ ވެރިއެއްގެ ދަތުރުފުޅު ކަވަރުކުރަން ދިއުމުގެ ފުރުސަތެއް އަޅުގަނޑަކަށް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ކްލިންޓަނާ އިންޓަވިއުކޮށްލަން ބޭނުންވާނެ ކިތަންމެ ނޫސްވެރިންނެއް، އަޅުގަނޑު ނޫނަސް، ހަވީރުގައި ވެސް އުޅޭނެކަން އެނގެއެވެ. އެހެންވެ، މާލޭގައި ހުންނަ ޔޫ.އެންގެ އޮފީހުން ދިން ހަމައެކަނި ފާސް ލިބުނީ ހަވީރުގެ ލޯކަލް ނިއުސް ޑެސްކަށެވެ. އެއީ އެކަން އޮންނަންޖެހޭނޭ ގޮތެވެ. އެހެންވެ އެކަމަކާ އެކަކުވެސް މައްސަލައެއް ނުޖައްސައެވެ. އޭރު މާގިނަ ނޫސްތަކެއް ނޯންނާތީ އެހެން ނޫހެއްގެ ފާހެއްވެސް ލިބޭނެ ގޮތެއް ނޯންނާނެއެވެ. ނުވެސް ލިބޭނެއެވެ.

ކްލިންޓަން ރާއްޖޭ ވަޑައިގަންނަވާ ވާހަކަ އިއުލާންކުރުމުން، އަޅުގަނޑުގެ ހުވަފެންތައް އިތުރަށް ދިގުވާން ފަށައިފިއެވެ. ހޭލާ ހުއްޓާ ވެސް ހުވަފެން ފެންނަން ފަށައިފިއެވެ. އެހެންވެ، އެ ހުވަފެންތަކާ ހެދި އެއް ރޭ ނުނިދިފައި އޮއްވައި، މާ މޮޅު ފިކުރެއް އަތުއްވެއްޖެއެވެ.

ލަންކާގައި ހުންނަ ފްރާންސް ނިއުސް އޭޖެންސީ (އޭ.އެފް.ޕީ)ގެ އިސް ވެރިޔާ އަމާލް ޖަޔާސިންހަ އަކީ އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ނޫސްވެރިކަމަށް އަޅުގަނޑުގެ ހިތް ލެބެން ފެށީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި (1987 އިން 1990 އަށް) އަޅުގަނޑު ވަޒީފާ އަދާކުރަމުންދިއުމުގެ ތެރޭގައި އަމާލްއާ އަބަދު ގުޅަންޖެހި، އޭނާގެ އޮފީހަށް ގޮސް، އޭނާ ހަބަރު ލިޔާތަން ބަލަން އިނުމުގެ ފުރުސަތު ލިބުމުން، އެކަމުގެ ތެރެއިންނެވެ. އެހެންކަމުން އަމާލާ އަބަދުވެސް ގުޅުން އޮވެއެވެ. ދޭތެރެދޭތެރެއިން އޭނާ މާލެ އައިސް، ރާއްޖެއާ ބެހޭ ހަބަރުތައް ވެސް ތައްޔާރުކުރެއެވެ. ސުނާމީ ދުވަސްވަރު ވެސް އޭނާ ރާއްޖެ އައެވެ.

އަޅުގަނޑު އަމާލަށް ގުޅައިފީމެވެ. ކްލިންޓަން ރާއްޖެ ވަޑައިގަންނަވާ ވާހަކަ އާއި ނޫސްވެރިންނާ ބައްދަލުކުރަން ހަމަޖެހިފައިވާ ވާހަކަ ބުނެފީމެވެ. އަދި ނިއުސް ކޮންފަރެންސަށް އޭ.އެފް.ޕީގެ ނޫސްވެރިއަކު ދާންޖެހޭނެ ނޫންތޯވެސް ބުނެފީމެވެ. އޭ.އެފް.ޕީގެ ފަރާތުން އެ ނިއުސް ކޮންފަރެންސް ކަވަރުކުރާނީ ކާކުތޯ އަމާލް އަހައިފިއެވެ. އެކަން ކުރަންވާނީ އަޅުގަނޑު ނޫންތޯ އޭނާ ގާތުގައި ބުނެފީމެވެ. އޭނާ އެކަމާ ވަރަށް ރުހި، ގަބޫލްވެއްޖެއެވެ. އަޅުގަނޑަށްވުރެ އޭނާ އުފާވެފައި ހުރިހެން ވެސް ހީވެއްޖެއެވެ.

ނިއުސް ކޮންފަރެންސަށް ދާން ޔޫ.އެންގެ ފާސް ހެއްދުމަށް ކުރަންޖެހޭ ކަންކަން އަމާލްއަށް ކިޔައިދީފީމެވެ. އަދި އަޅުގަނޑުގެ ޕާސްޕޯޓް ފޮޓޯއެއް ވެސް ފޮނުވައިފީމެވެ. އެކަން ކުރުމަށްފަހު އަޅުގަނޑު ވަރަށް ހަމަޖެހިލައިގެން އޮފީހުގައި ހުއްޓައި، ޔޫ.އެން އޮފީހުން ގުޅައިފިއެވެ. އޭ.އެފް.ޕީގެ ފާސް ބަލައި އައުމަށް ބުނެފިއެވެ. އަޅުގަނޑު އަވަސް އަވަހަށް ޔޫ.އެން އޮފީހަށް ގޮސް ފާސް ނަގައިފީމެވެ. އެއްވެސް މީހަކު ގާތު އެ ވާހަކަ ނުބުނަމެވެ. އަޅުގަނޑުގެ ހުވަފެނަށް ކުޑަ ނަމަވެސް ކިލަނބުކަމެއް ވެރިވެދާނެތީއެވެ.

އެ ރޭގެ ޕްރެސް ކޮންފަރެންސަށް ކުރުނބާއަށް ދާން ލޯންޗަށް އެރިއިރު، ހުރިހައި ނޫސްވެރިން ތިއްބެވެ. ހަވީރުން ދާ ނޫސްވެރިޔާ ވެސް އިނެވެ. އެއީ ހުސެއިން ފިޔާޒު މޫސާއެވެ. ލޯންޗުން ކުއްލިއަކަށް އަޅުގަނޑު ފެނިފައި އޭނާ ހައިރާންވިއެވެ. އޭނާގެ މޫނުމަތިން ފެނުނު ސުވާލުމާކުތަކަށް އަޅުގަނޑު ޖަވާބުދިނީ މޭމަތީގައި އަޅުވާފައިވާ އޭ.އެފް.ޕީގެ ފާސް ދައްކާލައިގެންނެވެ. އަޅުގަނޑު ދިޔައީ ކެމެރާއެއްވެސް ހިފައިގެންނެވެ.

ޕްރެސް ކޮންފަރެންސަށް ވަދެ އެންމެން ހަމަޖެހިލައިފިއެވެ. އެމެރިކާ އާއި ބޭރުގެ ވަރަށް ގިނަ ނޫސްވެރިން ތިއްބެވެ. ރާއްޖެއިން ގޮސް ތިބީ ހައެއްކަ ނޫސްވެރިންނެވެ. އެންމެން ވެސް އިންތިޒާރު ކުރަމުންދިޔައީ ރައީސް ކްލިންޓަން ވަޑައިގަންނަވާނެ ވަގުތަކަށެވެ. އޭރު އަޅުގަނޑު ފިނިވަނީއެވެ. ހާސްވަނީ އެވެ. ސަބަބަކީ އެމެރިކާގެ ކުރީގެ ރައީސެއް ހަމަ ލޮލުން ފެނިލުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބޭތީ އެކަންޏެއް ނޫނެވެ. އެމެރިކާގެ ކުރީގެ ރައީސަކާ ސުވާލެއް ކޮށްލަންވެސް ބޭނުންވާތީއެވެ. އަޅުގަނޑުމެން އާންމުކޮށް ސުވާލުކޮށް ހަދަނީ ދިވެހި ބަހުން ކަމަށް ވެފައި، އެމެރިކާގެ ކުރީގެ ރައީސްގެ ކުރިފުޅުމަތީގައި އިނގިރޭސިން ސުވާލުކުރާއިރު، ދޫއޮޅި، ވާހަކަ ނުދެއްކިދާނެތީއެވެ. އަޅުގަނޑު ދިޔައީ ކޮންމެވެސް މީހެއްގެ އެހީތެރިކަމާއެކު ދެތިން ސުވާލެއް ވެސް ތައްޔާރުކޮށްލައިގެންނެވެ. އެކަމަކު، ގަނޑުކޮޅެއް ބަލައިގެން ސުވާލުކުރާކަށް އަޅުގަނޑު ބޭނުމެއްނުވިއެވެ. އެތާ ތިބި ބިދޭސީ ނޫސްވެރިންނަށްވުރެ ދިވެހި ނޫސްވެރިޔާ އެންމެ ތަންފުކެއް ވެސް ދަށްވާކަށް ބޭނުމެއް ނޫނެވެ. އަތްފައި ފިނިވަނީއެވެ. ހާސްވަނީއެވެ.

Visiting former US President Bill Clinton gestures as he speaks to media at Kurumba Maldives Resort, May 29, 2005. Clinton, in his capacity as United Nations Special Envoy for Tsunami Relief, is visiting Maldives as part of a tour of tsunami-hit nations and is due to travel to a southern island of Fonadhoo in Laamu Atoll, one of the worst-hit region in the country. PHOTO: Mohamed Shahyb

ވަރަށް ގިނަ ބޮޑިގާޑުންނާއި ސީކްރެޓް ސަރވިސް އޭޖެންޓުންނާއެކު ކްލިންޓަން ވަޑައިގެންފިއެވެ. ހުންނެވީ ގަދަ ފިޔާތޮށި ކުލައިގެ ޓީޝާޓެއް ތުރުކުރައްވައި ބެގީކޮށްލައްވައިގެން ވަރަށް ކެޝުއަލްކޮށެވެ. އެމެރިކާގެ ރައީސުން އާންމުކޮށް ފެންނަ ކޯޓު ފަޓުލޫނަކު ނޫނެވެ. އަޅުގަނޑުގެ ކެމެރާއިން ފޮޓޯތައް ނަގަން ފަށައިފީމެވެ. ވަރަށް ރީތި ފޮޓޯތައް ނެގީމެވެ. މި ލިއުމާއެކު މި ވަނީ އެ ފޮޓޯތަކެވެ.

ސުވާލުކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުމުން، ފުންމައިގެން ތެދުވެ، ނަން ބުނުމަށްފަހު އަޅުގަނޑުގެ ސުވާލުކޮށްފީމެވެ. އަޅުގަނޑުގެ ސުވާލު އަޑުއައްސަވަން ހަތަރުކަޅި ހަމަކުރައްވައިގެން، އެމެރިކާގެ ކުރީގެ ރައީސް ހުންނެވި އެވެ. އަދި ސުވާލު ނިމުމުން، ޖަވާބު ދެއްވިއެވެ. އަޅުގަނޑު ވަރަށް އުފާވިއެވެ. މާތް ރަސްކަލާނގެއަށް ހަމްދުކޮށް ޝުކުރު ދެންނެވީމެވެ. ކީއްވެތޯއެވެ؟ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ރައީސްކަން ކުރެއްވި ދުނިޔޭގެ ލީޑަރެއް، އަޅުގަނޑާ ހަތަރުކަޅި ހަމަކުރައްވައިގެން ހުންނަވައި، އަޅުގަނޑުގެ ސުވާލު އައްސަވައި، އެ ސުވާލަށް ޖަވާބު ދެއްވުމަކީ ދުނިޔޭގެ ޗާޓުން ވެސް އެންމެ ކުދި ގައުމުތަކުގެ ތެރޭގައި ހިމެނޭ މި ރާއްޖޭގެ، އަމުދުން އަޅުގަނޑު ކަހަލަ ކުޑަކުޑަ މީހަކަށް ލިބުނު އެހާމެ ބޮޑު އުފަލަކާއި ފަޚުރަކާއި ޝަރަފެއް ކަމަށް ވާތީއެވެ.

ނިއުސް ކޮންފަރެންސް ނިމުމުން އަޅުގަނޑު ދެން މަސައްކަތްކުރީ ރައީސް ކްލިންޓަނާ ސަލާމްކޮށްލައި، އޮޓޯގްރާފް ހޯދާށެވެ. ނަމަވެސް ހަތިޔާރުތައް ހިފައިގެން އެނބުރެމުންދިޔަ ސީކްރެޓް ސަރވިސް އޭޖެންޓުންނާއި ބިޔަބޮޑެތި ބޮޑީގާޑުންތަކުގެ އުނދަގުލާ ހެދި އެ ހިސާބަށް މީހަކަށް ކައިރިއެއް ނުވެވުނެވެ. ކްލިންޓަށް އެނބުރި ކޮޓަރިކޮޅަށް ވަޑައިގެންފިއެވެ.

މާލެ އައިސް، ފޮޓޯތައް ސާފުކޮށްފައި ކުޑަ ހަބަރަކާއެކު އޭ.އެފް.ޕީއަށް ފޮނުވީމެވެ. އެ ފޮޓޯތައް އޭ.އެފް.ޕީން ވެސް ބޭނުންކުރިއެވެ. އަޅުގަނޑު ނެގި ފޮޓޯއެއްގެ ގޮތުގައެވެ. އަމާލް އަޅުގަނޑަށް ޝުކުރު އަދާކުރިއެވެ. އަދި އެއަށްވުރެ ބޮޑު ޝުކުރެއް އަޅުގަނޑު އަމާލަށް އަދާކުރީމެވެ. ހަވީރުގައި ވެސް އެ ފޮޓޯތައް ޖަހައި ހަބަރުވެސް ލިޔުނީމެވެ.

ކްލިންޓަނާ ސަލާމް ނުކުރެވުނަސް، އަޅުގަނޑުގެ ޒަމާންވީ ހުވަފެނެއް ހަގީގަތަކަށް ހެދުނީތީ އެ ދުވަހު ހުރީ ވަރަށް އުފާވެފައެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެއީ ނޫސްވެރިކަމުގައި މި ހޭދަކުރެވުނު 30 އަހަރުގެ ތެރޭގައި އަޅުގަނޑު އަދިވެސް އެންމެ ފަޚުރުވެރިވި ހިނދުކޮޅެވެ. އެ ހަނދާންތައް ދުވަހަކު ވެސް ހިތުން ނުފިލާނެއެވެ. މި ފޮޓޯތައް ފެންނަ ކޮންމެ ފަހަރަކު އެ ހަނދާންތައް އާވެގެންދެއެވެ. އެކަމަކު އަދިވެސް އަޅުގަނޑަށް ހުވަފެނެއް ފެނެއެވެ. އެއީ އަދި މާ ފޮނި ހުވަފެނެކެވެ. އެ ހުވަފެނުގައި ވެސް ކޮންމެވެސް އެއް ދުވަހަކުން ހަގީގީ ކުލަ ޖެހޭނެ ކަމަށް އެދި ތާއަބަދު ދުޢާވެސް ކުރަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ޝަހީބަށް ވެދުން ސަލާމް.
    "ކުރިފުޅުމަތި" މިއީ ރަނގަޅު ލަފުޒެއް ނޫން. އެ ލަފުޒުގެ އަސްލަކީ "ކުރިމަތި". މާތް ކުރުމުގެ ގޮތުން ބޭނުންކުރާ "ފުޅު" "ކޮޅު" އަންނާނީ ލަފުޒުގެ ފަހަތަށް ކަމަށް އަޅުގަނޑަށް އެނގިފައިވަނީ. އެހެންކަމުން، އެ ލަފުޒުގެ ރަނގަޅު ގޮތެއް ކަމަށްވާނީ "ކުރިމަތިފުޅު". "އެމަނިކުފާނުގެ ކުރިފުޅުމަތީގައި އިންނާނީ އަޅުގަނޑެވެ." މިގޮތަށް ލިޔުއްވުމުގެ ބަދަލުގައި ރަނގަޅުވީހީ "އެމަނިކުފާނުގެ ކުރިމަތިފުޅުގައި އިންނާނީ އަޅުގަނޑެވެ." މިގޮތަށް ލިޔުއްވިނަމަ ކަމަށް އަޅުގަނޑަށް ފެންނަނީ.
    ޝަހީބުގެ ލިޔުއްވުންތަކަކީ، އަޅުގަނޑަށް ވަރަށް ކަމުދާ، އަދި ވަރަށް ކުރީއްސުރެ އަޅުގަނޑު ވަރަށް ކިޔާހިތުން ކިޔާ ލިޔުންތަކެއް. ޝަހީބުގެ ލިޔުއްވުމެއް ފެނިއްޖެނަމަ، ފެށުނީއްސުރެ ނިމެންދެން ކިޔައިނުލާ އަޅުގަނޑު ނިންމައެއް ނުލަން. ވަރަށް އުފާވެރި ދުވަސްތަކަކަށް އެދެން. ވަރަށް ބޮޑަށް ޝުކްރިއްޔާ.

  2. އަޒީ ފާޅުކުރެއްވި އިހުލާސްތެރި ޝުއޫރުތަކަށް ފަށްފަށުން ޝުކުރު ދަންނަވަން. ތި ދެއްވީ ވަރަށް ވެސް ބޮޑު ހިއްވަރެއް ކަމުގައި ގަބޫލްކުރަން. ފާހަގަކުރެއްވި ކުށް މިހާރު ވާނީ އިސްލާހުކޮށްފައި ކަމުގައި ވެސް ދަންނަވަން. ދެން ފަހަރަކުން ވެސް ކުށްތައް ފާހަގަ ކޮށްދެއްވައިފިނަމަ ޝުކުރުވެރިވާނޫއެވެ. ހެޔޮ ދުއާ. -ޝަހީބު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *